Advertisement

ފުލުހުން ހާމަކުރި ޓައިމްލައިން --

02 Sep 2024
ޚަބަރު

ފުލުހުންގެ ޓައިމް ލައިން: ލިބުނު ޖަވާބަށް ވުރެ އުފެދުނު ސުވާލުތައް ވީ ގިނަ!

ށ. މިލަންދޫ ހެޕީލޭންޑް، އާދަމް އަޠުހަރު (32އ) ބުރާސްފަތި ދުވަހުގެ ރޭ، މާލޭގައި ހާމަ މަގުމަތީ އަންހެނަކު ރަހީނުކޮށް ކަރުގައި ކަޓަރު ޖައްސައި އަންހެންމީހާ ސަލާމަތް ކުރަން ފުލުހުން މަސައްކަތްކޮށްފިނަމަ މަރާލާނެކަމަށް ބުނެ ދެމުން ދިޔަ އިންޒާރުތަކަކީ، އެއްވެސް މީހަކަށް ބަލައިގަނެވޭނު ކަމެއް ނޫނެވެ. އަދި ފުލުހުން އެނާޒުކު ހާލަތުގައި ޢަމަލުކުރި ގޮތާއި މެދު ބައެއް މީހުންގެ ކަންބޮޑުވުން ހުއްޓަސް ޖުމުލަ ގޮތެއްގައި ގިނަ ބަޔަކު އެކަމަކަށް ފާޑެއް ނުކިޔައެވެ. އެއީ މަންޒަރާ އަޑު ރެކޯޑުކުރެވި ކެމެރާތަކުގެ ކުރިމަތީގައި ހާމަކަން ބޮޑު ގޮތެއްގައި ހިނގައިދިޔަ ހާދިސާއެކެވެ.

ޤާނޫނާއި ޤާނޫނުތަކުގެ އިންތަކާއި މިންތަކަކީ މިނިވަންނުންނާއި ކުއްވެރިންނަށް ވެސް އޮންނަ އެއްޗެކެވެ. ކުއްވެރިންނާއި މެދުވެސް އަމަލުކުރެވޭނީ، ޤާނޫނުތަކުގެ އިންތަކާއި މިންތަކުގެ ތެރޭގައެވެ. އެހެން ނަމަވެސް އަޠުހަރު ހައްޔަރު ކުރުމާއި ހިސާބުން އޭނާއާއި މެދު ޢަމަލުކުރަމުން އަންނީ ޤާނޫނުތަކާއި ޤަވާއިދުތަކާއި ޚިލާފަށް ކަމުގައި، އާއިލާއިންނާއި ޤާނޫނީ ދާއިރާގެ ބައެއް ބޭފުޅުންވެސް ވަނީ ވިދާޅުވެފައެވެ.

އަޠުހަރުގެ އަތްދަށުން އަންހެންމީހާ ސަލާމަތް ކުރުމުގައި، އޭނާގެ ބޮލަށް ލިބުނު އަނިޔާއަކީ ކުޑައަނިޔާއެއް ނޫނެވެ. އެ އަނިޔާއަށް އޭނާއަށް އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދިނެވެ. ފަހުން އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާ ދިނެވެ.

ފުލުހުން އެންމެ ފުރަތަމަ އަޠުހަރު ހައްޔަރުކުރީ، ފަރުވާއަށް ފަހު އޭޑީކޭން ދޫކޮށްލުމުންނެވެ. އޭގެ ފަހުން އަނެއްކާވެސް އޭނާ ހޮޑުލާތީ، އައިޖީއެމްއެޗްއަށް ގެން ގޮސްފަރުވާ ދިނެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އަޠުހަރު ޝަރީޢަތް ނިމެންދެން ބަންދުޖެހި ޝަރީޢަތުގެ މަޖިލީހަށް އޭނާ ހާޟިރެއް ނުކުރެއެވެ. އަދި ހާޟިރު ނުކުރި ސަބަބެއްވެސް ފުލުހުން ހާމައެއް ނުކުރެއެވެ.

ހާދިސާގެ ޓައިމްލައިން:

29/08/2024 - ބުރާސްފަތި

21:30 - މާލޭގައި އަންހެނަކު ރަހީނުކޮށްގެން އުޅޭކަން ފުލުހުން މީޑިއާއަށް ހާމަކުރި.

22:21 - ރަހީނުކޮށްފައި ހުރި އަންހެން މީހާ ސަލާމަތްކޮށް ކުށުގެވެށިން ފިރިހެންމީހާ (އަޠުހަރު) ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ

22:38 - އަންހެންމީހާ އައިޖީއެމްއެޗަށް، އަދި ފިރިހެންމީހާ (އަޠުހަރު) އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ

22:47 - ފިރިހެންމީހާ (އަޠުހަރު) ގެ ހާލަތު ދެނެގަތުމަށް ޓެސްޓުތަކެއް ހަދާކަން ފުލުހުން ހާމަކުރި.

30/08/2024 - ހުކުރު

12:24 - ފިރިހެންމީހާ (އަޠުހަރު) ހާލު ރަނގަޅުކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ހާމަކުރި.

22:37 - ފިރިހެންމީހާ (އަޠުހަރު) އޭޑީކޭ ހޮސްޕިޓަލުން ދޫކޮށްލުމާއި އެކު ހައްޔަރުކުރި، އަދި ހޮޑުލާތީ އައިޖީއެމްއެޗަށް ގެންދިޔަ

31/08/2024 - ހޮނިހިރު

10:46 - ފިރިހެންމީހާ (އަޠުހަރު) ހޮސްޕިޓަލުން ދޫކޮށްލުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ.

15:46 - އަންހެނަކު ރަހީނު ކުރި މީހާއަކީ، ށ. މިލަންދޫ، ހެޕީލޭންޑް، އާދަމް އަޠުހަރު (32އ) ކަން
       ފުލުހުން ހާމަކުރި. 
     - އަޠުހަރުގެ ސީޓީ ސްކޭންގެ ނަތީޖާ ނޯމަލް ކަމުގައި ފުލުހުން ހާމަކުރި.

16:58 - ޝަރީޢަތް ނިމެންދެން އަޠުހަރު ބަންދުކުރުމަށް ޣައިރު ހާޟިރުގައި ކޯޓުން މުއްދަތު ޖަހައިދިންކަން

       ފުލުހުން ހާމަކުރި.

01/09/2024 - އާދިއްތަ

(ފުލުހުން އާއްމުކުރި ޓައިމްލައިން)

19:02 - ޖަލުގެ ސީސީޓީވީ ކެމެރާއިން އަޠުހަރު ދަންޖެހިފައި ހުއްޓައި ފެނުނު

19:02 - ޖަލުގޮޅި ހުޅުވައި، ("ނާޑުވާ" ކަނޑާލައި) ތިރީގައި ބޭއްވި 

19:05 - އަޠުހަރު ސްޓްރެޗަރގައި ގޮޅިން ނެރުނު.

19:06 - ދޫނިދޫ ކުލިނިކަން އަޠުހަރު ގެންދިޔަ.

19:14 - އަޠުހަރު އެމާޖެންސީގައި މާލެއަށް ގެނައި.

19:17 - އައިޖީއެމްއެޗަށް ގެންދިޔުމަށް އެމްބިއުލާންސަށް އެރުވި.

19:25 - އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމަށް އަތުހަރު ގެންދެވުނު.

(ފުލުހުން ހާމަކުރި ޓައިމްލައިން ނިމުނީ)

19:42 - އަޠުހަރު އަމިއްލައަށް މަރުވާން އުޅުނުކަމަށާއި، ހޮސްޕިޓަލަށް ގެންގޮސްފައިވާކަން އަދި އޭނާ 

       މަރުނުވާކަން ފުލުހުން ހާމަކުރި. އެޗްއާރްސީއެމްއާއި އެންއައިސީން ތަޙްޤީޤުކުރާކަން ހާމަކުރި

21:57 - އަޠުހަރަށް އައިސީޔޫއަށް ބަދަލުކުރި ކަމާއި އޮތީ ވެންޓިލޭޓަރުގައިކަން ފުލުހުން ހާމަކުރި.

01/09/2024 - އާދިއްތަ

10:26 - އަޠުހަރު ދަންޖެހިފައި ހުއްޓައި ފެނުމާއި ހޮސްޕިޓަލަށް ގެނެވުމާއި ދެމެދު ކަންހިނގި ގޮތުގެ

       ޓައިމް ލައިނެއް ފުލުހުން ހާމަކުރި.

12:43 - އިތުރަށް ހާމަކުރަންޖެހޭ މައުލޫމާތު އެޗްއާރްސީއެމް އާއި އެންއައިސީން ހާމަކުރާނެކަމުގައި

       ފުލުހުން ހާމަކުރި.

12:44 - ފުލުހުން އާއްމުކުރި ޓައިމް ލައިނާއި މެދު ނޫސްވެރިން ޝައްކު އުފައްދާތީ، އެއީ ސިސްޓަމްގައި

       ލޮގުކުރެވިފައި ހުރި ވަގުތުތައް ކަމުގައި ފުލުހުން ހާމަކުރި.

14:21 - އަޠުހަރު ހައްޔަރުކޮށްފައި ހުރި ޖަލުގޮޅީގެ ސީސީޓީވީ ފުޓޭޖް ނެތްކަށް ކާކުކަން ނޭނގޭ

       ގޮތަށް މީހަކު ސޯޝަލް މީޑިއާގައި ފަތުރާ ވާހަކަތައް ފުލުހުން ދޮގު ކުރި.

އަންހެނަކު ރަހީނު ކުރި ހާދިސާގައި ހައްޔަރުކުރި އަޠުހަރާއި މެދު ފުލުހުން ޢަމަލުކުރަމުންދަނީ ޤާނޫނާއި ޚިލާފަށް ކަމުގައި އާއިލާއިން ތުހުމަތުކޮށްފައިވެއެވެ. އަދި ޤާނޫނީ ވަކީލު ހަމްޒާ ލަޠީފުވެސް ވަނީ، އެކަމާއި ގުޅޭ ކަންބޮޑުވުންތައް ފާޅުކުރައްވާފައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ހަމްޒާ ވަނީ. ޖަލުގޮޅީގައި ބޭއްވި އިރު، އޭނާގެ ޞިއްޙީ ހާލަތާއި ނަފްސާނީ ހާލަތަށް ރިޢާޔަތްކުރިތޯ ސުވާލުކުރައްވާފައެވެ. އަދި އަޠުހަރު ދަންޖެހުމަށް ބޭނުންކޮށްފައި ވަނީ ސޯޓެއްގެ ނާޑުވާކަން ފާހަގަކޮށް އެކަމާއި ގުޅޭގޮތުންވެސް ހަމްޒާ ސުވާލު އުފެއްދެވިއެވެ.

އާއިލާ އާއި ގާތް މީހުން ސޯޝަލް މީޑިއާގައި ލިޔެފައިވާ ގޮތުގައި، އަޠުހަރު އައިސީޔޫގައި ވެންޓިލޭޓަރުގައި އޮތް ނަމަވެސް އޭނާ ގެ ސިކުނޑިވަނީ މަރުވެފައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
22 Oct 2024
ޚަބަރު
ދުންފަތުގެ ބާވަތްތައް އުމުރުން 21 އަހަރުން ދަށުގެ މީހުންނަށް ވިއްކުން މަނާކުރަނީ
ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނާ ހިލާފުވާ ފަރާތްތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ހަރުކަށިކުރުމަށްވެސް ގާނޫނަށް އިސްލާހު ގެނެވޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
21 Oct 2024
ޚަބަރު
ބާރަށުގައި ޓޫރިސްޓް ހޮޓަލެއް އަޅަން ބީލަމަށް ހުޅުވާލައިފި
ޓޫރިޒަމް މިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި، ބީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް، 28 އޮކްޓޯބަރު 2024 ވާ ހޯމަ ދުވަހުގެ 11:00 ގައި އޮންލައިން ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ.
21 Oct 2024
ޚަބަރު
ބެލަރޫސް ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މަރުވި ފަތުރުވެރިޔާއަކީ، ބެލަރޫސްއަށް ނިސްބަތްވާ އުމުރުން 65 އަހަރުގެ އަންހެން ފަތުރުވެރިއެއް ކަމަށެވެ. އޭނާ މަރުވެފައި ވަނީ، ފަޅުތެރެއަށް މޫދަށް އެރި އުޅެނިކޮށް ގެނބިގެން ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
20 Oct 2024
ޚަބަރު
އިންޑިއާގެ، ޔޫ.ޕީ.އައި ރާއްޖެއަށް ތަޢާރަފްކުރުމަށް ކޮންސޯޓިއަމްއެއް ޤާއިމްކުރުމަށް ނިންމަވައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި އެނިންމުން ރައީސުލްޖުމްހޫރިއްޔާ ނިންމާވަފައި ވަނީ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހުގައި، އެމަޖިލީހުގެ މަޝްވަރާ އާއި ލަފާފުޅުގެ މަތީންނެވެ. ވަޒީރުންގެ މަޖިލީހަށް އެކަން ހުށައެޅުއްވީ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވެއެވެ.