Advertisement

06 Aug 2024
ކޮލަމް
މިފްތާޙް މުޙައްމަދު

ބިލިއަނުން ނޫނަސް ބޭންކް އެކައުންޓު ގުނަ ކުރެވިދާނެ

ރިޒޯޓު މުވައްޒަފެއްގެ އެކައުންޓަށް ބޭންކް އޮފް މޯލްޑިވްސް އިން 77 ބިލިއަން ޑޮލަރު ޖަމާކުރުމާ ގުޅިގެން، މިދިޔަ ހަފުތާ ނިމުމަކަށް އައި އިރު، ސޯޝަލް މީޑިއާގައި ފަތިއަޑު ކިޔާފައި ދައުރު ވަމުން ދިޔައީ އެ ވާހަކައެވެ. ފައިސާ ޖަމާވި އެކައުންޓުގެ ވެރިފަރާތް ކުޑަ ވަގުތު ކޮޅަކަށް ނަމަވެސް ބިލިއަނަރަކަށްވެ، އޭޝިއާގެ އެންމެ މުއްސަނދިންގެ ލިސްޓަށް ވެސް ބައެއް މީހުން އޭނާ އެރުވިއެވެ.

މިހާ ބައިވަރު ފައިސާ ހަމަ ކުއްލިއަކަށް އެމީހެއްގެ ބޭންކު އެކައުންޓަށް ޖަމާވެ، ކޮންމެވެސް ގާނޫނެއްގެ ދަށުން ދެން އެއީ އޭނާގެ އަތުން ނުނެގޭނެ ފައިސާއަށް ވާނެ ނަމައޭ ހިތަށް އަރަނީ އަހަރެމެންގެ ތެރެއިން ކިތައް މީހުން ބާއެވެ. ނޫނީ ސޯޝަލް މީޑިއާގައި ކޮށްލާ ޓެގަކުން، ނޫނީ ޖަހާލާ "ލައިކް" އަކުން ނަސީބު ވެރިއަކަށްވެ، ހާހުން ޑޮލަރު ލިބޭތޯ ކިތައް މީހުން އެދޭ ބާއެވެ. ނަމަވެސް ބުރަ މަސައްކަތުން ނޫނީ، ސައްހަ ގޮތުގައި ފައިސާވެރިއަކަށް ނުވެވޭނެކަމީ ދުނިޔެ ގަބޫލުކުރާ އުސޫލެވެ.

މި ފަހަރު ހިއްސާކޮށްލަން މި އުޅެނީ ބޭންކު އުކައުންޓު ގުނަ ކުރާނެ ގޮތުގެ ވާހަކައެވެ. ނަމަވެސް އެއީ ފައިނޭންޝިއަލް ބޭންކު އެކައުންޓެއް ނޫނެވެ. އެއީ އިމޯޝަނަލް ބޭންކް އެކައުންޓެވެ. އިމޯޝަނަލް ބޭންކު އެކައުންޓުގައި ހުރީ ކިހާ އެއްޗެއްކަން ނުފެނުނަސް، އެ ބޭންކުގެ ރިޒާވް ބޮޑު ކުރެވިއްޖެނަމަ، ފައިސާއިން ނުކުރެވޭ ގިނަ ކަންތައްތަކެއް ކުރެވޭނެއެވެ.

އަހަރެމެން އެންމެން ދަންނަ ފައިނޭންޝިއަލް ބޭންކު އެކައުންޓަކީ، އެ އެކައުންޓަށް ފައިސާ ޖަމާކޮށް، ބޭނުން ޖެހުމުން އެ ފައިސާ ނެގޭ ބޭންކު އެކައުންޓެވެ. ނަމަވެސް އިމޯޝަނަލް ބޭންކު އެކައުންޓަކީ މަޖާޒީ ބުނުމެކެވެ. އެ އެކައުންޓަށް ޖަމާވާނީ ދެމީހެއްގެ ދެމެދުގައި އުފެދޭ އިތުބާރެވެ. އެއީ އެއް އިންސާނަކު އަނެއް އިންސާނަކާ ދެމެދު އުފައްދާ ރައްކާތެރިކަމެކެވެ.

އެގޮތުން މިސާލަކަށް، އަހަރެންނާއި އަހަރެންގެ އެކުވެރިއަކާ ދެމެދު އޮންނަ އިމޯޝަނަލް ބޭންކު އެކައުންޓު މުއްސަނދި ކުރެވޭނީ އޭނާއަށް އިހުތިރާމާ، އޯގާތެރިކަމާ، ތެދުވެރިކަމާ އަދި ކޮމިޓްމެންޓު ދީގެނެވެ. މިހެން ކަންހިނގާނަމަ، އެކުވެރިޔާގެ ހިތުގައި އަހަރެންނަށް އޮންނަ އިތުބާރު ބޮޑުވާނެއެވެ. އަދި އެ އިތުބާރާއެކު އަހަރެންނަކީ އޭނާގެ ދިރިއުޅުމުގެ ކަންކަމުގައި ގުނާލެވޭ މީހަކަށް ހަދާނެއެވެ. މިހެން ގޮސް އެންމެ ކައިރީގައި ހުންނާނީ ބޭންކު އެކައުންޓުގައި އެންމެ ބޮޑު ރިޒާވެއް އޮންނަ އެކުވެރިޔާއެވެ.

ބައެއް ކަންކަން އެކުވެރިޔާ ކައިރީގައި ނުބުންޔަސް އޭނާއަށް އެނގޭ ހިސާބަށް ގޮސްފި ނަމަ، ބޭންކުގެ ރިޒާވް އެދިޔައީ ވަރަށް މައްޗަށެވެ. އެ ހިސާބަށް ގޮސްފިނަމަ، ތިމާގެ ގިނަ ކަންކަން އެކުވެރިޔާއަށް އެނގި، އޭނާގެ އަތުގަ އޮންނަ އެންމެ އަގުބޮޑު މުދާ ވިޔަސް، އެއްވެސް ޖެހިލުމެއް ނެތި އަހަރެންނަށް ދޫކޮށްލާނެއެވެ.

އަނެއްކޮޅުން، ކުށް ކުރެވޭ މިންވަރަކުން ބޭންކުގެ ރިޒާވް ދަށްވާން ފަށާނެއެވެ. ފޯނަށް ޖަވާބު ނުދިނުމާއި، އިހުތިރާމް ނުކުރުމާއި، ދޮގު ހެދުމާއި އަދި މާ ކަންތައް ބޮޑުކުރަން ފަށައިފިނަމަ ބޭންކުގެ ރިޒާވް ދަށަށް ގޮސް، އެއްކޮށް ހުސްވެސް ވެދާނެއެވެ. އޭރުން ދެމީހުންގެ ދެމެދުގައި އޮތް އިތުބާރު ގެއްލި، ގުޅުން އެއްކޮށް ހީނަރުވެގެން ދިއުން އެކަށީގެންވެއެވެ.

މިގޮތަށް، އިމޯޝަނަލް ބޭންކު އެކައުންޓުގެ ރިޒާވް ބޮޑު ކުރެވޭތޯ މަސައްކަތް ކުރަނީ އަހަރެމެންގެ ތެރެއިން ކިތައް މީހުން ބާއެވެ. މި މުޖުތަމައުން މިހާރު އެންމެ ގިނައިން އިވޭ އެއް އަޑަކީ، ރަހުމަތްތެރިއެއްގެ އަތުން ދަރަންޏަށް ފައިސާ ނެގުމަށްފަހު އެކަން ހަނދާން ނައްތާލައިގެން، ނޫނީ ކޮންމެވެސް ބަހަނާއެއް، ނުވަތަ ފޯނަށް ޖަވާބު ނުދީގެން އުޅޭ ވާހަކައެވެ. ފައިނޭންޝިއަލް ބޭންކު އެކައުންޓުގައި ފައިސާ ނެތިގެން ރަހުމަތްތެރިޔާގެ ކައިރިޔަށް ދިއުމުން، ރަހްމަތްތެރިޔާއާ ދެމެދު އޮތް އިމޯޝަނަލް ބޭންކު އެކައުންޓުގެ މުއްސަނދިކަމުގެ ސަބަބުން ފަހުން ދޭގޮތަށް ދިން ފައިސާއާ ހެދި، އެންމެ ފަހުން އޭނާގެ އިމޯޝަނަލް ބޭންކު އެކައުންޓުގެ ރިޒާވް ވެސް ހުސްވެގެން ދަނީއެވެ. އަދި މިހެން ކަންތައް ދިމާވެއްޖެނަމަ، ދެން އެ އެކައުންޓު ބްލޮކްވެ، އަލުން އަނބުރާ އެ އެކައުންޓަށް އެއްވެސް ރިޒާވްއެއް ޖަމާނުވުން ވެސް ގާތެވެ. މާނައަކީ ދެން ރަހްމަތްތެރިޔާ ފަހުން ދޭ ގޮތަށް ފައިސާ ދިނުމަށް ފަސްޖެހޭނެކަމެވެ.

ދެމަފިރިން އެކަކު އަނެކަކަށް އޮންނަ ބޭންކު އެކައުންޓުގައި ވެސް ރަގަޅު ރިޒާވްއެއް ރައްކާކުރަންޖެހޭނެއެވެ. އާންމު ގޮތެއްގައި ރައްޓެހިވެގެން ކައިވެންޏާ ހިސާބަށް ދިއުމާ ހަމައަށް، ބޭންކު އެކައުންޓު އޮންނަނީ ފުރި ބާރުވެފައެވެ. ނަމަވެސް ކައިވެންޏަށްފަހު ދެމީހުންގެ އުޅުމަށް ވެސް ބަދަލު އާދެއެވެ. ގިނަ ފަހަރަށް އަޑުއިވެނީ ފިރިހެންމީހާ ބޮޑަށް ބަދަލުވާ ވާހަކައެވެ. އެ ބަދަލާ އެކު ވެސް، ދެމީހުންގެ ދެމެދުގައި މާބޮޑެތި މައްސަލަތަކެއް ނުޖެހި އަހަރެއްހާ ދުވަހު ކުރިޔަށް ދެއެވެ. އެއީ ރަށްޓެހިވެގެން އުޅުނު އިރު ރިޒާވް ބޮޑު ކުރެވިފައި އޮތް މިންވަރުންނެވެ.

ނަމަވެސް ކައިވެންޏަށް ފަހު އަންނަން ފަށާ ބަދަލާ އެކީ، އެ އެކައުންޓުން ނަގާނަގާ ރިޒާވް އެއްކޮށް ހުސްވުމުން، އެންމެ ފުރަތަމަ ފެންނަނީ ދެމީހުންގެ ދެމެދުގައި ބަހުގެ ހަމަލާތައް އިތުރުވާ ތަނެވެ. އެއަށްފަހު ކޮޓަރި ދޮރު ބާރަށް ލެއްޕުމާއި، ވާހަކަ ނުދެއްކުމާއި، ދެމީހުން ދެފަރާތަށް ތިބެ ނިދުން މިއީ މިކަމުގެ އަލާމާތްތަކެވެ. މިހާހިސާބަށް ކަންތައްދާއިރު، ދެމަފިރިންގެ ގުޅުން ހިފަހައްޓާދެނީ، ދަރިއަކު ލިބިފައިވާނަމަ، އެ ދަރިފުޅެވެ. ނޫނީ މުޖުތަމައުން ކިޔާފާނެ އެއްޗަކަށް ވިސްނާ ދެމީހުން އެކީގަ ތިބެނީއެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި ގޭތެރޭގެ ހަމަޖެހުން ގެއްލި، އެކަކު އަނެކަކާ ޒުވާބުކޮށް، ދެމަފިރިންގެ ގުޅުން ނިމުމަކަށް އަންނަނީ ކޯޓުގެ ތެރެއިންނެވެ.

މިއީ އިމޯޝަނަލް ބޭންކު އެކައުންޓުގެ ރިޒާވް ހުސްވުމުން ދެމީހެއްގެ ދިރިއުޅުމަށް އަންނާނެ ބަދަލުތަކުގެ ވާހަކައެވެ. ފައިނޭންޝިއަލް ބޭންކު އެކައުންޓުގައި ކިތަންމެ ފައިސާއެއް ހުރެގެން ދިރިއުޅެން އުޅުނަސް، އިމޯޝަނަލް ބޭންކު އެކައުންޓުގައި އެއްވެސް އެއްޗެއް ރައްކާ ނުކުރެވޭނަމަ، ދިރިއުޅުމުގެ ފޮނި މީރު ކަމަކީ ހޯދަން އުނދަގޫ އެއްޗެކެވެ.

ފައިނޭންޝިއަލް ބޭންކު އެކައުންޓެކޭ އެއްގޮތަށް، އިމޯޝަނަލް ބޭންކު އެކައުންޓު ވެސް ގުނަ ކުރެވޭނީ ކޮންމެ ވެސް މަސައްކަތްތަކެއް ކޮށްގެންނެވެ. އެގޮތުން، އިމޯޝަނަލް ބޭންކު އެކައުންޓުގެ ރިޒާވް ބޮޑު ކުރެވޭނެ 6 ކަމެއް ހިއްސާކޮށްލާނަމެވެ.

އަނެކާ ދަސްކުރުން

އިމޯޝަނަލް ބޭންކު އެކައުންޓުގެ ރިޒާވް ބޮޑު ކުރުމަށް އެންމެ މުހިންމު ކަމަކީ މިއީ ކަމުގައި ވެސް ވެދާނެއެވެ. ސަބަބަކީ، އަނެކާ ނޭންގި، އޭނާ އެދޭ ގޮތަށް ކަންކަން ކުރަން ނޭންގޭނެތީއެވެ.

މިސާލަކަށް ދެ ރަހްމަތްތެރިންނަށް ބަލާނަމަ، ދުންފަތުގެ އިސްތިއުމާލު ނުކުރާ ރަހްމަތްތެރިއަކު ގޮވައިގެން ސިނގިރޭޓު ދުމުން ފުރިފައި އޮންނަ ތަނަކަށް ކޮފީއަށް ދިއުމަކީ އޭނާ އެދޭނެ ކަމެއް ނޫނެވެ. އެހެންވެއްޖެނަމަ ރަހްމަތްތެރިޔާއަށް އޭނާއާ އެކީ ތަންތަނަށް ދިއުމަކީ ބޮޑު ކަމަކަށް ވާނެއެވެ. ސަބަބަކީ އޭނާއާ ދޭތެރޭ ނުވިސްނާކަން އިހުސާސް ވުމެވެ. އެހެންކަމުން ދެން ވާނެ ގޮތަކީ، ރިޒާވް ދަށަށް ދިއުމެވެ.

އަދި މިސާލަކަށް، ތިމާ މުހިންމު ކަމެއްގައި އިންދާ، ދަރިފުޅަށް މުހިންމު ކަމެއްގެ ވާހަކަ އައިސް އޭނާ ބުނުމުން، މަންމަ ނޫނީ ބައްޕަ މީނީ އޮފީސް މަސައްކަތެއްގައޭ، ނުވަތަ ވަރަށް މުހިންމު ކަމެއްގައޭ ބުނުމުގެ ބަދަލުގައި، އޭނާއަށް އެކަން މުހިންމު ވެގެން އައި މިންވަރު އެނގިގެން އަހަރެމެން އެކަމަށް އިޖާބަ ދީފިނަމަ، ދަރިފުޅަށް އިހުސާސް ކުރެވޭ ގޮތް ތަފާތު ވާނެއެވެ. އެ ހާލަތުގައި އޭނާގެ ގޮވުމަށް އިޖާބަ ނުދީފިނަމަ، ކޮންމެވެސް ސިފައެއްގައި އެ ކުއްޖާގެ ސިކުނޑީގައި އެކަން ހަރުލާފައި ހުންނާނެއެވެ. އަދި އެކަން ތަކުރާރު ވާނަމަ، އެފަދަ ހާލަތްތަކުގައި އޭނާ ކަން ކުރާ ގޮތް ތަފާތު ވާން ފަށާނެއެވެ. އެއީ ބޭންކު އެކައުންޓުގެ ރިޒާވް ދަށް ވެގެން ދިއުމުގެ ސަބަބުންނެވެ.

ކުދިކުދި ކަންކަމަށް ސަމާލުކަން ދިނުން

ދިރިއުޅުމުގެ ހުރިހާ ގުޅުންތަކެއްގައި ވެސް، މިއީ މުހިންމު ކަމެކެވެ. ކުޑަކުޑަ ކަމަކުން ރިޒާވް ބޮޑު ކުރެވޭ ފަދައިން، ކުޑަކުޑަ ކަމަކުން ރިޒާވް ކުޑަ ވެގެން ވެސް ދާނެއެވެ.

އަމިއްލަ ދިރިއުޅުމުން މިސާލެއް ހިއްސާކޮށްލާނަމެވެ. އަހަރެންނާއި އާއިލާ ދެ ރަށެއްގައި ދިރިއުޅޭތީ، އާއިލާ ކައިރީގައި ހުރެވޭ ކޮންމެ ދުވަހަކުހެން ދަރިފުޅު ހޭލާ އިރު އަހަރެން ހުންނާނީ އޭނާގެ އިންތިޒާރުގައެވެ. މިކަން އެނގޭތީ، އޭނާ ހޭލާ ގޮތަށް ހޯދާނީ އަހަރެންނެވެ. ދަރިފުޅާއެކު ހެނދުނު އާންމުކޮށް ކުރާ ކަމަކީ އުނދޯލި ހެއްލުމެވެ. އަދި އުނދޯޔަށް ދިއުމުގެ ކުރިން، އަހަރެންނަކީ އަބަދުވެސް ކޮފީ ބޯންބޭނުންވާ މީހެއްކަން އެނގޭތީ، އަހަރެންނަށް ކޮފީ ހަދަން ވެސް ދަރިފުޅު ބޭނުންވެއެވެ. އެހެންކަމުން އުނދޯއްޔަށް ކޮފީއެއް ހިފައިގެން ގޮސް އެ ހޭދަކުރާ ވަގުތަކީ ވަރަށް އުފާވެރި ވަގުތެކެވެ. ގޭތެރޭގައި ކުޅެން އުޅުމުގެ ތެރޭގައި ދިމާވެފަ ހުންނަ ކަންކަން ވެސް އެގަޑީގައި އަހަރެންނާ ހިއްސާ ކުރާނެއެވެ. އެހެންކަމުން، އެ ވަގުތަކީ ދަރިފުޅަށް ވަރަށް ހާއްސަ ވަގުތެކެވެ.

އެހެން އުޅުމަށްފަހު އަހަރެން ފުރައިގެން އައިސް، ޖެހިގެން އަންނަ ދުވަހުގެ އިރުއަރާ ވަގުތަކީ ދަރިފުޅަށް ވަރަށް އުނދަގޫ ވަގުތެކެވެ. އެ ދުވަހު އަހަރެންގެ އަނބިމީހާ ގުޅާފަ ފުރަތަމަ ވެސް ބުނާނީ، ހޭލި ގޮތަށް ބައްޕަ އާ އެކީ އުނދޯޔަށް ދާން ބޭނުން ވާހަކަ ބުނި ވާހަކައެވެ. ދެން އެއަށްފަހު ދަރިފުޅާ އެންމެ އަވަހަށް ފޯނުން ބައްދަލުވާއިރަށް ބުނާނީ، "ބައްޕާ މާދަމާ އަންނައްޗޭ މި ރަށަށް"، އެހެންނެވެ.

އުނދޯލި ހެއްލުމަކީ އޭނާ ކޮންމެ ދުވަހަކު އެތައް ފަހަރަކު ކުރާ ކަމެކެވެ. ނަމަވެސް ދަރިފުޅަށް އުނދަގޫ ވަނީ، އޭނާ ހޭލާއިރު އިންތިޒާރުގަ ހުންނަ ބައްޕަ ކައިރީގައި ނެތުމުންނެވެ. އެހެންކަމުން ދިރިއުޅުމުގައި މިފަދަ ކުދިކުދި ކަންކަމަށް ސަމާލުކަން ދިނުމަކީ މުހިންމުކަމެކެވެ. މިއީ ރިޒާވް ބޮޑު ކުރެވޭނެ ކަމެކެވެ.

ބުނާބަހުގަ އިތުބާރު ބޭއްވުން

ކަމެއް ކުރަން އެއްބަސްވުމަށްފަހު އެކަމެއް ނުކުރެވުމަކީ އަނެކާގެ އިތުބާރު ވަރަށް ބޮޑަށް ގެއްލޭނެ ކަމެކެވެ. އެކަމަކު ބަސް ބުނުމަށްފަހު އެކަން އެގޮތަށް ކޮށްފިނަމަ، އެއީ ބޭންކުގެ ރިޒާވް ވަރަށް ބޮޑު ކުރެވޭނެ ކަމެއް ވެސް މެއެވެ.

ހާއްސަކޮށް މި ކަމަކީ އަނެކާގެ އާންމު ދިރިއުޅުމާ ގުޅުންހުރި ކަމަކަށްވެފައި އެކަން ނުކޮށް ދޫކޮށްލައިފިނަމަ، އެކަމުން ގެއްލޭ އިތުބާރު ވަރަށް ބޮޑު ވާނެއެވެ.

މިސާލަކަށް މީހެއްގެ އަތުން ޖެހިގެން އަންނަ މަހު ދޭގޮތަށް ނަގާ ލޯނެކެވެ. މާބޮޑު ފައިސާވެރިއެއް ނޫނަސް ރަހްމަތްތެރިއެއްގެ އަތްމަތި ދަތި ވެގެން ބުނުމުން، ރަގަޅު ރަހްމަތްތެރިއަކު ނަމަ ވިސްނުމެއް ނެތި ދެވެން އޮތް މިންވަރަކުން ލޯނު ދޭނެއެވެ. އަނެއްކޮޅުން މުސާރަ ލިބުމުން އަނބުރާ ދޭނެ ކަމަށް ބުނެފައި އޮތުމަކީ ރަހްމަތްތެރިޔާއަށް ލިބުނު ރައްކާތެރިކަމެކެވެ.

ނަމަވެސް، ޖެހިގެން އައި މަހު މުސާރަ ލިބުމުން ވެސް ލޯނު އަނބުރާ ނުދައްކާ އަދި މިސާލަކަށް ކަމެއް ދިމާވެގެން ނުދެވުނަސް، އެ ހާލަތު ކިޔައިދީ އެކަމަށް އެއްބަސް ވެވޭނެތޯ ވެސް ބެލުމެއް ނެތި، އެ ލޯނު އަނބުރާ ނުދީ ދިގުލައި ގޮސްފި ނަމަ، ދެން އެފަދަ ކަމެއްގައި ރަހްމަތްތަރިޔާއަށް އޮތް އިތުބާރު ގެއްލޭނެއެވެ.

އަނެއްކޮޅުން ބުނި ދުވަހަށް އެ ލޯނު އަނބުރާ އަދާކޮށްފިނަމަ، ރަހްމަތްތެރިޔާއަށް އޮތް އިތުބާރު އާވެ، ރިޒާވް ބޮޑު ކުރެވޭނެއެވެ.

އަނެކާ ބޭނުންވާ ގޮތް އޮޅުން ފިލުވުން

މިކަމަށް އެންމެ ރަގަޅު އެއް މިސާލު ދެއްކޭނީ މަސައްކަތުގެ މާހައުލުންނެވެ. އާންމުކޮށް ޕްރޮޖެކްޓުތަކުގައި މަސައްކަތް ކުރާއިރު، މަސައްކަތް ހަވާލުކުރަން ހުންނަ މީހާ އެކަމުގެ މައުލޫމާތު އެންމެ ފުރިހަމައަށް ނުދީ، އޭނާގެ ދަށުން މަސައްކަތް ކުރަން ތިބި މީހުންގެ އަތްމައްޗަށް މަސައްކަތް ދޫކޮށްލުމަށްފަހު، އޭނާ ބޭނުންވާނެ ގޮތަށް މަސައްކަތް ނިންމާނެކަމަށް އުއްމީދު ކުރެއެވެ. މަސައްކަތް ހަވާލުކުރަނީ ޓީމަކާ ނަމަ، ވަކިވަކި ރޯލުތައް ހަވާލެއްވެސް ނުކުރެއެވެ. މަސައްކަތުގެ ފެށުން މިގޮތަށް ގޮސްފިނަމަ، އެކަކު ކުރާނެ ކަމަށް ހީކޮށް، އެކީގައި މަސައްކަތްކުރާ އަނެކަކު ކަންކަން ދޫކޮށްލައެވެ. މިހެން ގޮސް މަސައްކަތް ނިމޭއިރު، ސްޕަވައިޒަރު ބޭނުންވި ގޮތަށް ނުނިމުމުން ހިތްހަމަ ނުޖެހި، ސްޕަވައިޒަރާއި ދަށުން ތިބޭ މުވައްޒަފުންގެ ގުޅުމަށް ބަދަލު އާދެއެވެ.

މި ކަމުގެ ހައްލަކީ ރަގަޅަށް މުއާމަލާތް ކުރުމެވެ. މަސައްކަތްތައް ވަކިކޮށް ބަހާލުމަށްފަހު، އެކަމުން ނެރެން ބޭނުންވާ ނަތީޖާ ރަގަޅަށް އޮޅުންފިލުވައި ދިނުމެވެ. އެހެން ނޫންނަމަ އެކީ މަސައްކަތް ކުރަން ފޫހިވެ، އެންމެ ފަހުން މަސައްކަތް މަތިން ވެސް ފޫހިވެދާނެއެވެ. އޭރުން ސުޕަވައިޒަރުގެ ރިޒާވް އެ ދިޔައީ ބޮޑު ތަނުން ދަށަށެވެ.

ތިމާގެ ތެދުވެރިކަން ހާމަކުރުން

އެކީގައި އުޅޭ ރަހްމަތްތެރިންގެ ގްރޫޕަކުން މިކަމަށް ވެސް މިސާލެއް ނަގަމާ ހިނގާށެވެ.

ރަހްމަތްތެރިން އެކަކު އަނެކަކުގެ ކައިރީގައި ނުބުނާށޭ ބުނެފަ ހުންނަ ސިއްރުތައް، ނުވަތަ އެހެން މީހެއްގެ ޒާތީ ކަމަކާ ބެހޭ ސިއްރެއް އެނގި، އެވާހަކަ ތިމާއަށް ސިއްރު ނުކުރެވިއްޖެނަމަ، ދެން ތިބި މީހުންގެ އިތުބާރު ވެސް އޭނާއަށް ގެއްލޭނެއެވެ. އަދި ވަކިން ހާއްސަކޮށް އޭނާ ނެތް ތަންތާ އެ ވާހަކަތައް ދެއްކުމަކީ، ދެންތިބި މީހުން އެ ވާހަކަތައް އަޑު އެހިޔަސް އެމީހުންގެ ސިއްރުތައް އޭނާއާ ހާމަކުރަން ފަސްޖެހޭނެ ކަމެކެވެ. މާނައަކީ، ވާހަކަ ހިފައިގެން ދުވާ މީހާއާ ދެމެދު އޮންނަ ރިޒާވް އޮންނާނީ ވަރަށް ދަށްވެފައި ކަމެވެ.

ނަމަވެސް އެހެން މީހުންގެ ސިއްރުތަކަށް އިހުތިރާމް ކޮށް، އެފަދަ ކަންކަން އެހެން މީހުނާ ހިސާބަށް ނުގެންދާނަމަ، ގްރޫޕްގެ އެހެން މީހުން އޭނާއަށް ކުރާ އިހުތިރާމާއި، އިތުބާރު ބޮޑު ވާނެއެވެ.

އެހެން މިސާލަކަށް ބަލާނަމަ، އެހެން މީހެއްގެ ސައިކަލެއް އޭނާ ރަށުގައި ނުހުންނަ ދުވަސްކޮޅު ހަވާލުކޮށްފައި ދިއުމުން، އެ ސައިކަލަށް އެއްވެސް ބެލުމެއް ނެތި ގެންގުޅޭނަމަ، ކައިރީގައި އެ މަންޒަރު ބަލަން ތިބޭ ރަހްމަތްތެރިންނަށް ފެންނާނީ އެހެން މީހުންގެ މުދަލަށް ކަމޭ ނުހިތާތަނެވެ. އެހެންކަމުން، މިފަދަ މުދަލެއް އެގޮތަށް ކަންކުރާ މީހަކާ ހަވާލެއް ނުކުރާނެއެވެ.

ތެދުވެރިކަމުގައި އެންމެ މުހިންމު އެއް ކަމަކީ، އެތާ ހާޒިރުވެ ނެތް މީހާގެ ވާހަކަތަކަށް ނުވަތަ އޭނާގެ ތަކެއްޗަށް ތެދުވެރިވުމެވެ. އެކަން އެގޮތަށް ހިނގާނަމަ، އެތާ ހާޒިރުވެ ތިބި އެންމެންގެ ޔަގީންކަން އޭނާއަށް އޮންނާނެއެވެ.

ގޯސްކޮށް ކަމެއް ކުރެވިއްޖެނަމަ މާފަށް އެދުން

ކޮންމެ މީހަކީ ވެސް ކަންކަން ގޯސްކޮށް ކުރެވޭނެ މީހެކެވެ. އަދި ކަމެއް ގޯސްކޮށް ކުރެވިއްޖެނަމަ، ރިޒާވް ވެސް ވަރަށް ބޮޑަށް ދަށްވާނެކަން ހަނދާންކުރާށެވެ.

ނަމަވެސް ކަމެއް ގޯސްކޮށް ކުރެވިއްޖެނަމަ އަވަހަށް އެކަމަށް މާފަށް އެދޭށެވެ. މާފަށް އެދެންވާނީ އަނެއްކާގެ އިހުސާސް ދަނެ ހުރެ މާފަށް އެދޭ މީހެއްކަން އަނެއްކާއަށް އިހުސާސްވާނެ ފަދަ އިބާރާތަކުންނެވެ.

ގޯސްކޮށް ކަމެއް ކުރެވުމުން މާފަށް ނޭދުމަކީ ދެމީހެއްގެ ގުޅުން އިތުރަށް ގޯސްވެގެން ދާނެކަމެކެވެ. ނަމަވެސް މާފަށް އެދުމަކީ ރީތި ސިފައެކެވެ. ގެއްލުނު ރިޒާވްގެ ކޮންމެވެސް މިންވަރެއް އަލުން ހޯދޭނެ ކަމެއް ވެސް މެއެވެ.

އެހެންކަމުން، ފައިނޭންޝިއަލް ބޭންކު އެކައުންޓާ އެއްވަރަށް އިމޯޝަނަލް ބޭންކު އެކައުންޓު މުއްސަނދި ކުރުމަކީ ވެސް ނުހަނު މުހިންމު ކަމެކެވެ. ސިކުނޑީގެ ހަމަޖެހުން އޮތީ އޭރުންނެވެ. އެ ހަމަޖެހުމަކީ ފައިސާއިން ހޯދޭނެ އެއްޗެއްނަމަ، ބޮޑެތި ވިޔަފާރިވެރިން ސިޔާސީ ކަންކަމުގައި ނޫޅުނީހެވެ. އެހެންނަމަ އެމީހުން ތިބޭނީ ރޭގަނޑުގެ ނިދި ރަނގަޅަށް ލިބިގަނެގެން، ދެ ދުނިޔޭގެ ބާއްޖަވެރިކަމަށް އެދިއެދިއެވެ.

* * *

ނޯޓް: މި ލިޔުމުގައި ރިޒާވް ބޮޑު ކުރެވޭނެކަމަށް ހިއްސާކޮށްފައިވާ 6 ކަމުގެ މަސްދަރަކީ، ސްޓީފެން ކޮވޭގެ "ދަ ސެވެން ހެބިޓްސް އޮފް ހައިލީ އިފެކްޓިވް ޕީޕަލް"އެވެ.

ކޮމެންޓް
އިތުރު އާޓިކަލް
22 Oct 2024
ޚަބަރު
ދުންފަތުގެ ބާވަތްތައް އުމުރުން 21 އަހަރުން ދަށުގެ މީހުންނަށް ވިއްކުން މަނާކުރަނީ
ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނާ ހިލާފުވާ ފަރާތްތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ހަރުކަށިކުރުމަށްވެސް ގާނޫނަށް އިސްލާހު ގެނެވޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
21 Oct 2024
ޚަބަރު
ބާރަށުގައި ޓޫރިސްޓް ހޮޓަލެއް އަޅަން ބީލަމަށް ހުޅުވާލައިފި
ޓޫރިޒަމް މިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި، ބީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް، 28 އޮކްޓޯބަރު 2024 ވާ ހޯމަ ދުވަހުގެ 11:00 ގައި އޮންލައިން ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ.
21 Oct 2024
ޚަބަރު
ބެލަރޫސް ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މަރުވި ފަތުރުވެރިޔާއަކީ، ބެލަރޫސްއަށް ނިސްބަތްވާ އުމުރުން 65 އަހަރުގެ އަންހެން ފަތުރުވެރިއެއް ކަމަށެވެ. އޭނާ މަރުވެފައި ވަނީ، ފަޅުތެރެއަށް މޫދަށް އެރި އުޅެނިކޮށް ގެނބިގެން ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
20 Oct 2024
ޚަބަރު
އިންޑިއާގެ، ޔޫ.ޕީ.އައި ރާއްޖެއަށް ތަޢާރަފްކުރުމަށް ކޮންސޯޓިއަމްއެއް ޤާއިމްކުރުމަށް ނިންމަވައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި އެނިންމުން ރައީސުލްޖުމްހޫރިއްޔާ ނިންމާވަފައި ވަނީ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހުގައި، އެމަޖިލީހުގެ މަޝްވަރާ އާއި ލަފާފުޅުގެ މަތީންނެވެ. ވަޒީރުންގެ މަޖިލީހަށް އެކަން ހުށައެޅުއްވީ، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވެއެވެ.