ބިދޭސީންގެ އެކަމޮޑޭޝަން ކަންތަކުގައި މެލޭޝިއާ ކުންފުންޏާއެކު ސަރުކާރުން ކުރިޔަށް ގޮސްފިނަމަ، ރާއްޖެއިން ބޭރުވާ ޑޮލަރު އެތައް ގުނައަކުން އިތުރުވާނެ
ބިދޭސީ މަސައްކަތްތެރިން ރާއްޖޭގައި މަސައްކަތް ކުރާ މުއްދަތުގައި އެމީހުން ބެއިތިއްބުމަށް ހާއްސަ އެކަމޮޑޭޝަން ބްލޮކްތަކެއް އެޅުމަށް މެލޭޝިއާގެ އަޓިލްޒޭ ކުންފުންނިން ހުށަހެޅި ހުށައެޅުމަކީ ކުރިޔަށް ދިއުން ރަގަޅު ހުށަހެޅުމެއްކަމަށް އިކޮނޮމިކް ކައުންސިލުން ވަނީ ނިންމާފައެވެ. އެހެންކަމުން މިހާރު އެ ކުންފުންޏާއެކު ފަހުގެ މަޝްވަރާތައް ފަށާފައިކަމަށް މިނިސްޓަރ އޮފް ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ، އޮނަރަބަލް ޢަލީ އިޙްސާން ވަނީ މިދިޔަ އާދިއްތަ ދުވަހު އޮތް ހޯމް ސެކްޓަރ ޕްރެސް ބްރީފިން ގައި ވިދާޅުވެފައެވެ. ނަމަވެސް މިއީ ރާއްޖޭގެ އިޤްތިޞާދުގައި ދައުރުވާން ހުރި އެމެރިކާ ޑޮލަރު އެތައް ގުނައަކުން ރާއްޖެއިން ބޭރުވުން އިތުރު ވެގެން ދާނެ ނިންމުމެކެވެ. އަދި އެކަން އެހެން ހިނގާނަމަ، ޑޮލަރުގެ އަގު ދާނީ މިހާރަށްވުރެން އެތައް ގުނައެއް މައްޗަށެވެ.
ނިސްބަތުން ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިން އަދަދު ގިނަވުމަކީ، ރާއްޖެއަށް އެތެރެވާ ބޭރު ފައިސާ ނުވަތަ އެމެރިކާ ޑޮލަރު، ރެމިޓެންސްގެ ގޮތުގައި އެހެން ގައުމުތަކަށް ފޮނުވާ އަދަދު އިތުރުވެފައިވާ ސަބަބެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސް ހިސާބުތަކަށް ބަލާލާއިރު، އަހަރުން އަހަރަށް މި އަދަދު އަންނަނީ ބޮޑުވަމުންނެވެ.
އެގޮތުން 2021 ވަނަ އަހަރު ރެމިޓެންސްގެ ގޮތުގައި ރާއްޖެއިން 495.7 މިލިއަން ޑޮލަރު ބޭރުވެފައިވާއިރު، 2022 ގައި މި އަދަދު ހުރީ 564.6 މިލިއަން ޑޮލަރުގައެވެ. އަދި 2023 ވަނަ އަހަރު މި އަދަދު ވަނީ 587.2 އަށް އިތުރުވެފައެވެ. މި އަދަދުތަކަކީ ބޭންކުތަކާއި މަނީޓްރާންސްފާ އެޖެންސީތައް މެދުވެރިކޮށް ފޮނުވާފައިވާ ފައިސާއަށް ވާއިރު، ރައްޓެހިން ނުވަތަ އާއިލާ މީހުންގެ އަތުގައި ފޮނުވާ ފައިސާގެ އަދަދު މީގައި އަދި ނުހިމެނެއެވެ.
ބިދޭސީންގެ އެކަމޮޑޭޝަން އެޅުމަށް މެލޭޝިއާ ކުންފުނިން ފުރަތަމަ ހުށަހަޅާފައިވަނީ އެތާންގައި ހުންނަ ކޮންމެ މީހެއްގެ ބޮލަކަށް މަހަކަށް 120 އެމެރިކާ ޑޮލަރެވެ. އެހެންކަމުން، އެ ކުންފުނިން ހުށަހަޅާފައިވާ 1 ލައްކަ މީހުންގެ ޖާގައިގެ އެކަމޮޑޭޝަން ބްލޮކްތައް، އެ ޕްރޮޖެކްޓުގެ ފުރަތަމަ ފޭސްގައި މާލޭގައި އެޅުމުން (އެހެން ފޭސްތަކުގައި ބިދޭސީންގެ އާބާދީ ބޮޑު ރަށްރަށުގައި ގާއިމްކުރާނެކަމަށް ހުށަހެޅުމުގައި ވޭ)، އެ ކުންފުންޏަށް މަހަކު 12 މިލިއަން އެމެރިކާ ޑޮލަރު، އަދި އަހަރަކަށް 144 މިލިއަން އެމެރިކާ ޑޮލަރު ލިބޭނެއެވެ. މި އަދަދުން، ކުންފުނީގެ އެކި ބޭނުންތަކަށް ރާއްޖޭގެ އިގްތިޞާދުގައި މާބޮޑު ފައިސާއެއް ހޭދަކުރާނެކަމަކަށް ނުބެލެވެއެވެ. ސަބަބަކީ ރާއްޖޭގައި ތަކެތީގެ އަގު ބޮޑުވުމެވެ.
މީގެ އިތުރުން، ޕްރެސްގައި މިނިސްޓަރު ހިއްސާ ކުރެއްވި މައުލޫމާތަށް ބަލާއިރު، އެ ކުންފުނީގެ އާމްދަނީއިން ބިމު ކުލީގެ އިތުރަށް އެއްވެސް ފައިސާއެއް ސަރުކާރަކަށް ނުނަގާނެއެވެ. މެލޭޝިއާގެ ބައެއް ނޫސްތަކުގައި މިކަން ކުރިޔަށްދާނީ ޕްރޮފިޓް ހިއްސާކުރާ މޮޑެލްއަކަށް ކަމަށް ރިޕޯޓުކޮށްފައިވީނަމަވެސް، މިނިސްޓަރު ވަނީ އެކަން ދޮގު ކުރައްވާފައެވެ.
ހޯމް ސެކްޓަރ ޕްރެސްގައި މިނިސްޓަރ އިތުރަށް ހިއްސާ ކޮށްފައިވާ ގޮތުން، ބިދޭސީންނަށް ބޭނުންވާ ގިނަ ޚިދުމަތްތަކެއް ވެސް މި އެކަމޮޑޭޝަން ބްލޮކްތަކުގައި ގާއިމްކޮށްފައި ހުންނާނެއެވެ. އޭގެ ތެރޭގައި، ސިއްހީ ފަރުވާ ހޯދާނެ ކްލިނިކާ، ބޯކޮށާ ތަންތަނާ، އެމީހުންގެ އެކި ބޭނުންތަކަށް ބޭނުންވާނެ އެއްޗެހި ލިބޭނެ ފިހާރަތަކާ އަދި ލޯންޑްރީ ހިދުމަތް ވެސް ހިމެނެއެވެ. މިއީ އެ ކުންފުންޏަށް އިތުރަށް އާމްދަނީ ހޯދޭނެ ގޮތްގޮތެވެ. އެހެންކަމުން މި ޚިދުމަތްތައް ފޯރުކޮށްދީގެން ލިބޭ އާމްދަނީ ވެސް އޭރުން ވާނީ ގައުމުން ބޭރެވެ.
އެގޮތުން ހަމައެކަނި ބޯކޮށުމުގެ ޚިދުމަތަށް ބެލިޔަސް، މިއީ އެއްބަޔަކު ކުރާނަމަ ވަރަށް ބޮޑު އާމްދަނީ ލިބޭނެ ކަމެކެވެ. މިސާލަކަށް 15ރ. ގެ މަގުން މަހަކު އެއް ފަހަރު ކޮންމެ މީހަކު ބޯކޮށާނަމަ، މިކަމުން އަހަރަކަށް 1 މިލިއަނަށް ވުރެން ގިނަ އެމެރިކާ ޑޮލަރު ލިބޭނެއެވެ. އެހެންކަމުން އަންދާޒާ ކުރެވޭގޮތުގައި، އެ ކުންފުނިން ފޯރުކޮށްދޭ އިތުރު ޚިދުމަތްތަކުން އަހަރަކު 10 މިލިއަން ޑޮލަރު އާމްދަނީގެ ގޮތުގައި ހޯދޭނެއެވެ. މި އާމްދަނީއަކީ މިހާރަށް ބަލާއިރު ދިވެހިންގެ ހިއްސާ އޮންނަ އާމްދަނީއެކެވެ.
މެލޭޝިއާ ކުންފުނިން އެމީހުންގެ އާމްދަނީއިން ރާއްޖެއަށް ހޭދަކުރާނީ ބިމު ކުލި އެކަނިކަމަށް ބަލައި، ބިމު ކުލީގެ ގޮތުގައި އެ ކުންފުނީގެ އާމްދަނީގެ %10 ހޭދަކުރާނެކަމަށް ބަލައިފިނަމަ، އެކަމަށް 14.4 މިލިއަން އެމެރިކާ ޑޮލަރު ހޭދަކޮށްފައި ބާކީ 129.5 އެމެރިކާ ޑޮލަރު ހުންނާނެއެވެ. ބިމު ކުއްޔަކީ އާމްދަނީގެ %20 ކަމަށް ބަލައިފިނަމަ އެއީ 28.8 މިލިއަން އެމެރިކާ ޑޮލަރެވެ. މި އަދަދުން ނަމަ ބާކީ 115.2 މިލިއަން ޑޮލަރު ހުންނާނެއެވެ. އަދި އެހެނިހެން ޚިދުމަތްތަކުން ހޯދާ 10 މިލިއަން ޑޮލަރު އެއްކޮށްލުމުން، 125.2 މިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް އެ ކުންފުންޏަށް ހޯދޭނެއެވެ.
މި އަދަދަކީ މިދިޔަ އަހަރުގެ ރެމިޓެންސްގެ %21 އެވެ. އެހެންކަމުން، މިދިޔަ އަހަރުގެ ރެމިޓެންސްއަށް ބެލި ނަމަވެސް، މެލޭޝިއާ ކުންފުންޏަށް މި ޕްރޮޖެކްޓް ހަވާލުކޮށްފިނަމަ ރެމިޓެންސްއާއެކު ޖުމްލަ 712.4 މިލިއަން އެމެރިކާ ޑޮލަރު ކޮންމެ އަހަރަކު ރާއްޖެއިން ބޭރުވާނެއެވެ.
ރެމިޓެންސް އާއި މިނޫން ވެސް ގޮތްގޮތުން ރާއްޖެއިން ބޭރުވާ ފައިސާގެ އަދަދު މަތިވެގެން ދިއުމަކީ ރާއްޖޭގެ އިޤްތިޞާދުގައި އެމެރިކާ ޑޮލަރު ދައުރުވާ މިންވަރަށް ބޮޑު ބަދަލެއް އަންނާނެކަމެކެވެ.
ބިދޭސީންގެ އެކޮމޮޑޭޝަނާއި ކެއުމުގެ ކަންކަން މިހާރު އޮތް ގޮތުންނަމަ، ނުވަތަ މި މަސައްކަތް ދިވެހި ކުންފުންޏަކުން ކުރާނަމަ، މި މުއާމަލާތް ހިނގާނީ ދިވެހި ރުފިޔާއިންނެވެ. އެހެންކަމުން އެމެރިކާ ޑޮލަރަށް މިކަމުން ކުރާނެ ނޭދެވޭ އަސަރެއް ނޯންނާނެއެވެ.
މި މަސައްކަތުގައި މިހާރު ރާއްޖެއަށް އޮތް ގެއްލުމަކީ، ބިދޭސީން މި މަސައްކަތުގެ ތެރޭގައި ފައިދާ ލިބޭގޮތަށް ޝާމިލްވުމެވެ. އެހެންކަމުން، ކަނޑައެޅޭ ވަކި އުސޫލަކަށް ބިދޭސީންގެ އެކޮމޮޑޭޝަނާއި ކެއުމުގެ ޙިދުމަތްތައް ދޭ ތަންތަން ބަދަލު ކުރަން ޝަރުތުކޮށް، ދިވެހީންގެ އަތްމައްޗަށް މި ވިޔަފާރިތައް ގެނަސްފިނަމަ، ދިވެހިންނަށް އާމްދަނީ ލިބުމުގެ އިތުރުން، ގައުމުން ބޭރުވާ ފައިސާ ވެސް މަދު ކުރެވޭނެއެވެ. ދިވެހީންގެ ރާއްޖޭގައި ކަންހިނގަންވާނީ މި އުސޫލުން ނޫން ހެއްޔެވެ.