Advertisement

އެމްއޭސީއެލްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ---

30 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

ޚަރަދުތައް ކުޑަކުރުމަށް އެމްއޭސީއެލް އިން އަޅާ ފިޔަވަޅުތަކުގެ ތެރޭގައި، މުވައްޒަފުން މަދުކުރުމާއި މުސާރަ ކުޑަކުރުމެއް ނުހިމެނޭނެ!

ސަރުކާރާއި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ޚަރަދުތައް ކުޑަކުރުމަށް ރައީސުލްޖުމްހޫރިއްުޔާ ނިންމަވާފައިވާ ނިންމެވުމަށް އެއްބާރުލުންދީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލް އިން 10 ކަމެއް ކުރުމަށް ނިންމާފައިވާ ކަމުގައި އެކުންފުނިން ހާމަކޮށްފިއެވެ.

މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހަންމަދު ވިދާޅުވީ، އެކުންފުނިން ޚަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރޭގައި، މުވައްޒަފުން މަދު ކުރުމާއި މުސާރަ އާއި ޢިނާޔަތްތައް އުނި ކުރުން ނުހިމެނޭނެ ކަމަށެވެ. އަދި ކުންފުނީގެ ޚަރަދުތައް ކުޑަކުރުމަށް އަޅާ އެއްވެސް ފިޔަވަޅެއްގައި މުވައްޒަފުން ވަޒީފާއަށާއި، މުސާރައާއި އިނާޔަތްތައް ބަދަލެއް ނުގެންނާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ކުންފުނީގެ ޚަރަދުތައް ކުޑަކުރުމަށް ނިންމަވާފައި ވަނީ، ކުންފުނީގެ ހިންގުން ހަރުދަނާކޮށް އިސްރާފު ކުޑަކޮށް، ކުންފުނީގެ ފައިދާ އިތުރުކުރެއްވުމަށެވެ. މިގޮތުން 10 ފިޔަވަޅެއް އެޅުއްވުމަށް ނިންމަވާފައިވާ ކަމުގައި ޝަރީފް ވިދާޅުވިއެވެ.

އޭގެ ތެރޭގައި ހިމެނެނީ، ކުންފުނިން ތެލަށް ކުރާ ޚަރަދުތައް ކުޑަކުރުމާއި، ކޮންސިއުމަބަލްސްއަށް ކުރާ ޚަރަދުތައް ކުޑަކުރުމާއި، ފެނާއި ކަރަންޓަށް ކުރެވޭ ހޭދަ ކުޑަކުރުމާއި، ކުންފުނީގެ ބޭނުމަށް ކުރާ ދަތުރުފަތުރުގެ ޚަރަދު ކުޑަކުރުމާއި، ކުންފުނީގެ އިންވެންޓްރީ އިތުރަށް ހަރުދަނާ ކުރުމާއި، ބޭންކް ޗާރޖަސްއަށް ކުރެވޭ ޚަރަދު ކުޑަކުރެވޭނެ ގޮތްތަކެއް ބޭންކުތަކާއި މަޝްވަރާކޮށްގެން ހޯދުމާއި، ކުންފުނިން ބާއްވާ އިވެންޓްތަކަށް ކުރާ ހޭދަ ކުޑަކުރުމެވެ.

ޝަރީފް ވިދާޅުވީ، ކުންފުނީގެ މިހާރުގެ އިންޖީނުގޭގައި ހުރި ޖެނެރޭޓަރ ސެޓްތަކަކީ، ޒަމާންވީ ޖެންސެޓްތަކެއް ކަމަށާއި، ކުރިޔަށް އޮތް ފަނަރަވަރަކަށް ދުވަހުގެ ތެރޭގައި ޕަވަރ އަޕްގްރޭޑް ޕްރޮޖެކްޓްގެ ދަށުން އައު ޖެންސެޓްތައް ބޭނުންކުރަން ފެށުމާއި އެކު މިހާރު ކުންފުނިން ޑީސަލަށް ކުރާ ހޭދަ %20 ކުޑަވެގެންދާނެ ކަމަށެވެ.

މީގެ އިތުރުން ކުންފުނީގެ އިދާރީ ކަންކަމަށް ކަރުދާސް ބޭނުން ކުރާ މިންވަރު މަދު ކުރަމުން ގޮސް ކަރުދާސް ބޭނުން ކުރުން މުޅިން ހުއްޓާލުމަށްވެސް ނިންމަވާފައިވާ ކަމަށާއި، ކުރިޔަށް އޮތްތަނުގައި އެކުންފުންޏަށް ޕްރިންޓަރުތައް ނުގަންނާނެ ކަމުގައިވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ކޮންސިއުމަބަލްސްއަށް ކުރާ ހޭދަވެސް މިހާރަށް ވުރެ، %10 ނުވަތަ %15އަށް ކުޑަކުރެވޭނެ ކަމަށާއި، ކުންފުނިން މުވާޞަލާތީ ޚިދުމަތްތަކަށް ކުރާ ހޭދަވެސް %60 ކުޑަކުރައްވާނެ ކަމަށެވެ. އަދި މީގެ އިތުރުން ކުންފުނިން ބާއްވާ ހަފްލާތަކާއި ރަސްމިއްޔާތުތައް ކުންފުނީގެ އެތެރޭގެ ވަޞީލަތްތައް ބޭނުންކޮށްގެން ބޭއްވުމުން ވަރަށް ބޮޑަށް ޚަރަދުތައް ކުޑަވެގެންދާ ކަމަށާއި އެހެންކަމުން އެފަދަ ކަންކަމަށް ކުރާ ހޭދަ ލައްކައަކަށް ވުރެ ބޮޑުނުވާނެ ގޮތެއްގައި ހިފެހެއްޓުންވެސް ޚަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނޭނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހަންމަދު ވިދާޅުވީ، ކުންފުނީގެ ޚަރަދުތައް ކުޑަކުރާއިރު، ކުންފުނިން އެކަމެއް ކުރުމަށް ވުރެ، އެހެން ބަޔަކަށް ހަވާލުކޮށްގެން ކުރާނަމަ ކުންފުންޏަށް ޚަރަދު ކުޑަވާނެ ކަންކަން ބަލައި، އެފަދަ ކަންކަން އެހެން ފަރާތްތަކާއި ހަވާލުކުރުމުގެ ވިސްނުންވެސް އޮތް ކަމަށެވެ. އަދި އެގޮތަށް އައުޓްސޯސްކޮށްގެން ކުރެވެން ހުރިކަންކަން ކުރުމަކީ އެކަމުގެ ސަބަބުން، ރާއްޖޭގެ އިޤުތިޞާދަށް ނުސީދާ ގޮތެއްގައި މަންފާ ކުރާނޭ ކަމެއް ކަންވެސް ޝަރީފް ފާހަގަކުރެއްވިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލްއަކީ، ދައުލަތަށް އެންމެ ބޮޑު ފައިދާއެއްދޭ ކުންފުންޏެވެ. އެކުންފުނީގެ ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތަކުގެ ބޭނުމަކީ ކުންފުނީގެ ފައިދާ އިތުރުކޮށް، ދައުލަތަށް ކުރިމަތިވަމުން އަންނަ އިޤުތިޞާދީ ދަތިކަމުން ޤައުމާއި ރައްޔިތުން ސަލާމަތް ކުރުމުގައި އެކުންފުނީގެ އެހީތެރިކަމާއި އެއްބާރުލުން، ފޯރުކޮށް ދިނުމެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.