Advertisement

06 Jun 2024
ފުންކޮށް
ޢަލީ ސުލައިމާން

ފުންކޮށް | ޒައިދާންގެ މަރު

އާދީއްތަ ދުވަހު، ދިވެހި ރައްޔިތުންނަށް ސިހުން ގެނުވި ޚަބަރަކީ، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީބާރު، އެމްއެންޑީއެފްއިން ކުރިޔަށް ގެންދިޔަ ކަނޑުމަތީގެ ތަމްރީންތަކެއްގެ ތެރޭގައި، މިޔަރެއްގެ ހަމަލާގެ ޝިކާރައަކަށްވެ، އުމުރުން 23 އަހަރުގެ ޒުވާން ސިފައިންގެ އޮފިސަރަކު ނިޔާވި ޚަބަރެވެ. އެހާދިސާއަށް ތިން ދުވަސް ވީއިރުވެސް ހާދިސާ އާއި ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީބާރުން އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެއެވެ. އެހެންކަމުން ހާދިސާގެ ސަބަބާއި، ޒައިދާން ނިޔާވާން ދިމާވި އަސްލު ސަބަބާއި މެދު އޮތީ ފާޅުކުރެވޭ ނަޒަރިއްޔާތަކެކެވެ.

މިޔަރުގެ ހަމަލާގެ ޝިކާރައަކަށްވި، އެމްއެންޑީއެފްގެ ލާންސްކޯޕްރަލް، ރ. އުނގޫފާރު، ނިއުލައިފް، މުޙައްމަދު ޒައިދާން ނިޔާވީ، ލ.ކައްދޫގައި ކުރިޔަށް ގެންދިޔަ ސިފައިންގެ ތަމްރީނެއްގެ ތެރެއިން ލ.މާވަށް ކައިރީ ކަނޑުގައި ތަމްރީނުގެ ބައެއް ކުރިއަށްދަނިކޮށް ކަމުގައި އެމްއެންޑީއެފުން ހާމަކުރައްވާފައި ވެއެވެ. އަދި އެއީ ހައި ރިސްކް ތަމްރީނެއް ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ.

އެމްއެންޑީއެފްއިން ހިންގި ތަމްރީން:

ޒައިދާންއަށް މިޔަރެއް ހަމަލާދީފައި ވަނީ ލ. މާވަށް ކައިރީގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ. އެހެން ނަމަވެސް އެއީ ލ. މާވަށާއި ދިމާއި އެތެރެވަރިން ބޭރު، މާކަނޑުގެ ސަރަހައްދު ކަމެއް ނުވަތަ ނޫންކަމެއް ސާފެއް ނޫނެވެ. ހާދިސާ ހިގި ޖީޕީއެސް ލޮކޭޝަން އެނގިފައި ނުވާތީ، އެ ސަރަހައްދުގައި މިޔަރު އުޅޭނެ މިންވަރު ބުނެދޭކަން މަސްވެރިންނަކަށްވެސް ނޭނގުނެވެ.

މީގެ އިތުރުން، އެފަދަ ނުރައްކާތެރި ތަމްރީނެއްގައި ހިނގާފާނެ ހާދިސާއަކަށް ތައްޔާރުވެ އޮތްކަން ނުވަތަ ނޫންކަންވެސް އެމްއެންޑީއެފުން ހާމައެއް ނުކުރެއްވިއެވެ.

އަސްކަރީ ނުރައްކާތެރި ތަމްރީން ހިންގި އެސަރަހައްދުގައި އޮތީ ކިތައް އުޅަނދުކަމެއް އަދި އެތަނުގައި ހާދިސާއެއް ހިނގައިފިނަމަ ވަގުތުން ފަރުވާދެވޭނެ އިންތިޒާމްތަކާއި، މީހުން އުފުލާނެ އުޅަނދުތައް ބާއްވާފައި އޮތް ކަމެއް ސާފެއް ނޫނެވެ. ރޭވިގެން ހިންގާ ތަމްރީންތަކުގައި، ނުރައްކާތެރިކަން އޮތް މިންވަރަށް ބަލައިގެން ފަރުވާދޭނެ މީހުންނާއި ވަޞީލަތްތަކާއި، އުޅަނދުފަހަރު ހުރުމަކީ، އެފަދަ ކޮންމެ ކަމެއްގެ އެންމެ އަސާސީ އެއްކަންތަކެވެ.

އެމްއެންޑީއެފްއިން މާލޭގައި ބާއްވާ ހިނގާލުންތަކާއި، ހެވިކަމާއި ކުޅިވަރުތައް ދައްކާލުން ކުރިޔަށް ދާއިރުގައިވެސް، ސްޓޭންޑްބައި ގައި، ކުއްލި އަވަސް ޞިއްޙީފަރުވާދޭނެ ޑޮކްޓަރުންނާއި، ނަރުހުންނާއި އެމްބިއުލާންސްތައް އޮވެއެވެ. އެހެން ނަމަވެސް މާވަށް ކައިރީގައި ހިންގިކަމަށް ބުނާ އެ ތަމްރީން ކުރިޔަށް ދިޔައިރު، އެކަންތައްތައް ހަމަޖެހިފައި އޮތް ކަމެއް އެމްއެންޑީއެފާއި ކުރި ސުވާލަށް ޖަވާބު ދެއްވާފައި ނުވާތީ އެނގިފައެއް ނުވެއެވެ.

ޒައިދާންއަށް މިޔަރު ހަމަލާދިނުން:

ތަމްރީންތަކުގެ ތެރޭގައި ލ. މާވަށާއި ދިމާއިން ބޭރު ކަނޑުގައި އުޅެނިކޮށް، ޒައިދާނަށް މިޔަރެއް ހަމަލާދިން ކަމަށް، އެނގިފައި ވަނީ އާދީއްތަ ދުވަހުގެ މެންދުރުފަހު 1:30 ހާއިރުގައެވެ. ޒައިދާނަށް މިޔަރެއް ހަމަލާދީފިކަމާއި އޭނާ ޒަޚަމްވިކަން ދެންތިބި އެމްއެންޑީއެފްގެ އޮފިސަރުންނަށް އެނގުނީ ކިހިނެއްކަމާއި، އެވަގުތުން ފެށިގެން ޢަމަލު ކުރެވުނު ގޮތް އެމްއެންޑީއެފުން ހާމަކޮށްފައި ނުވާތީ އެނގިފައެއް ނުވެއެވެ.

އިތުބާރުހުރި ފަރާތަކުން ދީފައިވާ މައުލޫމާތުން އެނގުނު ގޮތުގައި ޒައިދާނަށް މިޔަރު ހަމަލާދީފައި ވަނީ އޭނާގެ ފުރަގަހުންނެވެ. މިޔަރު ހިފާފައި ވަނީ ޒައިދާންގެ ފައިގައެވެ. ވާތުފައިގެ އެއްތަނުގައި އަދި ކަނާތުފައިގެ ދެތަނުގައި ހިފާފައިވެއެވެ. އަދި އެޒަޚަމްތަކުގެ ފުންކަމުންނާއި، ބޮޑުކަމުން ޒައިދާންގެ ހަށިގަނޑު މަދުވަގުތުކޮޅެއްގެ ތެރޭގައި ގިނަ އަދަދެއްގެ ލޭ ބޭރުވެފައިވާ ކަމަށް ސިއްޙީ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވިއެވެ.

ހާދިސާއަށް ފަހު، ޒައިދާން ގަން ރީޖަނަލް ހޮސްޕިޓަލަށް ގެނައުމާއި ދެމެދު ހޭދަވި ވަގުތު:

ހާދިސާ ހިނގިކަމަށް އެނގިފައި ވަނީ 1:30 ހާއިރުގައިކަމަށް ވާއިރު، ގަން ރީޖަނަލް ހޮސްޕިޓަލަށް ޒައިދާން ގެނެވުނީ، 3:50 ގައެވެ. ހާދިސާ ހިނގިކަމަށް މައުލޫމާތު ލިބިފައިވާ ވަގުތާއި، ގަން ރީޖަނަލް ހޮސްޕިޓަލަށް ޒައިދާން ގެނެވުމާއި ދެމެދު 2 ގަޑިއިރާއި 20 މިނިޓް ހޭދަވެފައި ވެއެވެ.

އެމްއެންޑީއެފުން ވިދާޅުވެފައި ވަނީ، ހާދިސާ ހިނގީ، ލ. މާވަށް ކައިރީގައި ކަމަށެވެ. ލ. މާވަށާއި، ލ. ގަމާއި ދެމެދުގެ ދުރުމިނަކީ، 20 މޭލެވެ. އާއްމު ފެރީ ކުރާ ސައިޒުގެ ލޯންޗެއްގައި މާވަށުން ފުރައިގެން ގަމަށް އައުމަށް ހޭދަވަނީ 45 މިނިޓެވެ. އެހެންކަމުން ހާދިސާއަށް ފަހު، ޒައިދާން ގަން ރީޖަނަލް ހޮސްޕިޓަލާއި ހަމައަށް ގެނައުމަށް 2 ގަޑިއިރަށްވުރެ ގިނަ ވަގުތު ހޭދަވީ ކީއްވެކަމެއް ސާފެއް ނުވިއެވެ.

ގަން ރީޖަނަލް ހޮސްޕިޓަލަށް ޒައިދާން ގެނެވުނު އިރުގެ ހާލަތު:

އިތުބާރު ހުރި ފަރާތަކުން ދިން މައުލޫމާތުން އެނގުނު ގޮތުގައި ޒައިދާން ގަން ރީޖަނަލް ހޮސްޕިޓަލަށް ގެނައިރު އޭނާގެ އެއްވެސް ހަރަކާތެއް ނެތެވެ. އަދި އޭރު ވިންދެއްވެސް ނުލިބެއެވެ.

އެމްއެންޑީއެފްއިން ޒައިދާން ގަން ރީޖަނަލް ހޮސްޕިޓަލަށް ގެނައިރު، އޮތީ ޒަޚަމްތަކުން ލޭއައުން މަނާކޮށްފައެވެ. ސިއްޙަތު ރަނގަޅު ޒުވާން ފިރިހެނެއްގެ ހަށިގަނޑުގައި (ހިމޮގްލޮބިން) ލޭ ހުންނަ މިންވަރަކީ، 14.0 ކަމަށް ވާއިރު، ޒައިދާން ގަން ރީޖަނަލް ހޮސްޕިޓަލަށް ގެނެވުނު އިރު، އޭނާގެ ހަށިގަނޑުގައި (ހިމޮގްލޮބިން) ލޭ ހުންނަ މިންވަރު ހުރީ، 8.0އަށް ދަށްވެފައެވެ. އަދި ޒައިދާންގެ ގަޔަށް ދެމީހެއްގެ ގައިން ލޭ ވެސް އެޅިއެވެ.

ލައިފް ސަޕޯޓް މެޝިންތަކުން ދައްކާ ވަރަށް، ޒައިދާންގެ ވިންދު ލިބުނީ، އިރުއޮއްސި 6:30 ހާއިރުގައި ކަމަށް މައުލޫމާތު ލިބުނެވެ. އަދި ޒައިދާން މާލެއަށް ޓްރާންސްފަރ ކުރުމަށް އެމްއެންޑީއެފުން ތައްޔާރުވި ކަމަށާއި އެހެން ނަމަވެސް ހާލަތު އިތުރަށް ގޯސްވެ، އެންމެ ފަހުން، ޒައިދާން ނިޔާވެއްޖެކަމަށް، ގަން ރީޖަނަލް ހޮސްޕިޓަލްގެ ޑޮކްޓަރުން ނިންމެވީ، ރޭގަނޑު 8:40ގައެވެ.

ޒައިދާން ނިޔާވީ، މިޔަރުގެ ހަމަލާގެ ސަބަބުން ފަރުވާލިބުން ލަސްވެގެން:

ޞިއްޙީ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރެއްވި ތަޖުރިބާކާރު ބޭފުޅަކު ވިދާޅުވީ، އިންސާނެއްގެ ހަތަރެސްފައި ބުރިވި ނަމަވެސް އަވަހަށް ލޭ މަނާކުރެވި، ދޭންވާ ފަރުވާދެވިއްޖެނަމަ ފުރާނަ ސަލާމަތް ކުރެވޭނެ ކަމަށެވެ. އެހެންކަމުން ޒައިދާންގެ މަރުގެ ހާދިސާގައި ލިބިހުރި މައުލޫމާތުގެ މައްޗަށް ބުރަވެ އޭނާ ވިދާޅުވީ، އެފަދަ ހާލަތެއްގައި ފަރުވާލިބުމާއި ލޭމަނާކުރެވުން ލަސްވެ، ހަށިގަނޑުގެ އެތެރޭގެ ގުނަވަންތައް ފޭލްވީ ކަމުގައިވެދާނެ ކަމަށެވެ. ގަން ރީޖަނަލް ހޮސްޕިޓަލުގެ ޑޮކްޓަރުން މަރުފޯމުގައި ލިޔުއްވާފައި ވަނީ، ޒައިދާން މަރުވީ މިޔަރުގެ ހަމަލާގެ ސަބަބުން ލިބުނު ޒަޚަމްތަކުގެ ސަބަބުންކަމަށް އެނގިފައިވެއެވެ.

ޒައިދާންގެ ޖަނާޒާ:

ޒައިދާން ނިޔާވުމަށްފަހުގައި، ރަސްމީ ޢިއްޒަތުގެ ދެވަނަ ދަރަޖައިގައި، އެމްއެންޑީއެފުން، ވަނީ ޒައިދާންގެ ޖަނާޒާ ބާއްވައިދީފައެވެ. އެޖަނާޒާގައި ޒައިދާނަށް އިޙްތިރާމް އަދާކުރުމުގެ ގޮތުން 7 ބަޑީގެ ސަލާމެއް އެރުވިއެވެ. އަދި ސަންދޯއްމަތީގައި އެޅި ދިވެހި ޤައުމީ ދިދަ، ޒައިދާންގެ ބައްޕަ އާއި ހަވާލުކުރިއެވެ.

ސިފައިންނާއި ފުލުހުންގެ އެންމެ މަތީވެރިއަކީ، ރައީސުލްޖުމްހޫރިއްޔާއެވެ. އެކި ހާދިސާތަކުގައި ނިޔާވާ ސިފައިންގެ އާއިލާތަކަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވި ކަމުގެ މެސެޖް މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ، އަދި ރައީސް އޮފީހުގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ޝާއިޢުކޮށްފައި ވެއެވެ. އެހެންނަމަވެސް ޒައިދާން ނިޔާވެ ރަސްމީ ޢިއްޒަތުގެ ދެވަނަ ދަރަޖައިގައި ޖަނާޒާ ބޭއްވި އިރު، އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ފޮނުއްވިކަން، އެނގިފައެއް ނެތެވެ.

ޒައިދާންގެ އާއިލާގެ ހާލަތު:

ޒައިދާންއަކީ، މާލީ ގޮތުން ވަރަށް ނިކަމެތި އާއިލާއެއްގެ އެންމެ ދޮށީ ފިރިހެން ދަރިފުޅެވެ. ޒައިދާންގެ ހަގަށް ދެ ފިރިހެން ކުދިން ތިބި އިރު، އެންމެ ކުޑަކުއްޖާއަށް އަދި 18 އަހަރު ނުފުރެއެވެ. ޒައިދާންގެ ބައްޕައަކީ، އާއިލާއެއް ބެލެހެއްޓުމަށް އާމްދަނީއެއް ހޯދުމަށް މަސައްކަތް ކުރެވޭ ވަރަށް ވުރެ ބަލި ހާލަތު ގޯސް މީހަކަށް ވާތީ، ޒައިދާން އާއި އޭނާގެ ދެކޮއްކޮ ބަލައި ބޮޑުކުރީ، ބަލިކޮށި ބައްޕަވެސް ބަލަހައްޓަމުން، ރ. އުނގޫފާރު ސްކޫލްގެ މަސައްކަތު މީހެއްގެ ވަޒީފާ އަދާކޮށްގެން ޒައިދާންގެ މަންމައަށް ލިބެމުން އައި މަދު އާމްދަނީންކަން އުނގޫފާރުގެ ރައްޔިތުން ދީފައިވާ މައުލޫމާތުން އެނގިފައިވެއެވެ.

"ކޯޕްރަލް މުޙައްމަދު ޒައިދާން، 2024 ޖޫން 2 ވަނަ ދުވަހު ކުއްލި ގޮތަކަށް ނިޔާވިއިރު ސިފައިންގެ ޚިދުމަތަށްވީ 4 އަހަރާއި 11 މަހާއި 13 ދުވަހެވެ. އުމުރުން 23 އަހަރުގައި ނިޔާވިއިރު ކޯޕްރަލް ޒައިދާން ހުރީ ލާންސް ކޯޕްރަލް ރޭންކުގައެވެ. އެހެން ނަމަވެސް، މި ހިތާމަވެރި ހާދިސާގައި ނިޔާވުމުގެ ކުރިން، އާންމު އުސޫލުން 2024 މެއި 29 ވަނަ ދުވަހު ވަނީ ކޯޕްރަލް ރޭންކަށް މާގާމުގެ ކުރިއެރުން ލިބިފައެވެ. ކޯޕްރަލް ޒައިދާން ތަމްރީނެއް ފުރިހަމަކުރުމަށް ރަށުން ބޭރުގައި ހުރުމުން މަޤާމުގެ ކުރިއެރުން އޮތީ ހަވާލުނުކުރެވިއެވެ." (ޒައިދާންގެ މަރުގެ ހާދިސާއަށް ފަހު، އެމްއެންޑީއެފްގެ ކޮމާންޑް ސަރޖަންޓް މޭޖަރ ޢަބުދުއްﷲ ސައީދު، ފޭސްބުކްގައި ލިޔުއްވާފައިވާ ލިޔުމުން ނަކަލުކޮށްފައި)

ރަސްމީ ޑިއުޓީގެ ތެރޭގައި ނިޔާވާ، ސަލާމަތީ ޚިދުމަތްތަކުގެ އޮފިސަރުންގެ ވާރިސުންނަށް ލިބޭ މާލީ ޢިނާޔަތެއް އޮވޭތޯ އެމްއެންޑީއެފްއަށް ދެންނެވި ސުވާލަށް ޖަވާބެއް ދެއްވާފައި ނުވާތީ، ޒައިދާންގެ އާއިލާއަށް މާލީ އިނާޔަތެއް ލިބޭނެކަން ނުވަތަ ނޫންކަން މިރިޕޯޓް ޝާޢިއު ކުރުމާއި ހަމައަށްވެސް އެނގިފައެއް ނުވެއެވެ.

އަދި މިފަދަ ހާލަތެއްގައި ޢާއިލާއަށް ސައިކޯ ސޯޝަލް ސަޕޯޓް ދިނުމަށް ކަމާއި ބެހޭ ފަރާތްތަކުން މަސައްކަތްކޮށްފައިވާ ކަންވެސް އެނގިފައެއް ނުވެއެވެ.

ޒައިދާން ނިޔާވެދިޔަ ހާދިސާ ނޫނަސް އެމްއެންޑީއެފްގެ ތަމްރީންތަކުގެ ތެރޭގައި، ސިފައިންގެ އޮފިސަރުން ނިޔާވުމުގެ ހާދިސާތައް ހިނގާފައިވެއެވެ. އެހެން ނަމަވެސް ޒައިދާން ނިޔާވި ހާދިސާއަކީ މިފަދަ ގޮތަކަށް ހިނގި ފުރަތަމަ ހާދިސާއެވެ. މިހާދިސާ އާއި ގުޅިގެން އެމްއެންޑީއެފްގެ އެތެރޭގައި ތަޙްޤީޤެއް ހިންގާތޯ ދެންނެވި ސުވާލަށްވެސް އެމްއެންޑީއެފުން ޖަވާބެއްދީފައެއް ނުވެއެވެ.

ޒައިދާނަށް މިޔަރު ހަމަލާދިނީ ކީއްވެ؟

ޒައިދާންއަށް މިޔަރު ހަމަލާދޭން މެދުވެރިވި އަސްލު ސަބަބެއް އެނގިފައެއް ނުވެއެވެ. އެހެންނަމަވެސް ޑައިވަރުންނާއި ތިމާވެށީގެ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެފައިވާ ގޮތުގައި، މިޔަރެއް އިންސާނަކަށް ހަމަލާދިނުމަށް މެދުވެރިވާ ހާލަތަކީ، ނާދިރު ހާލަތެކެވެ. ގިނަ ފަހަރަށް މީހުންގެ ގައިގައި މިޔަރު ދަތްއަޅަނީ އެއަށް ކާންދޭން އުޅުމުގެ ތެރޭގައި ނުވަތަ މަސްހިފަން އުޅުމުގެ ތެރޭގައެވެ. ނުވަތަ މިޔަރުތަކެއްގެ ތެރޭގައި މީހަކު އޮއްވައި އޭނާގެ ހަށިގަނޑުން ނުވަތަ ހަށިގަނޑާއި ކައިރީގައިވާ އެއްޗެއްގައި ލޭ ނުވަތަ ލޭގެ އަސަރު ހުރުމުންނެވެ. އަދި ބައެއް ފަހަރު މިޔަރު އުޅޭތަނެއްގައި މީހަކު ފެންމަތީ އޮވެ ބަކަތަޅާ ނަމަވެސް މިޔަރު އައިސް އިންސާނެއްގެ ގައިގައި ހިފާ ހާލަތު މެދުވެރިއެވެ. ތިމާވެށީގެ ދާއިރާގެ ތަޖުރިބާކާރު އަދި މުހިއްމު މަޤާމެއްގައި ހުންނެވި ބޭފުޅަކު ވިދާޅުވި ގޮތުގައި ރާއްޖޭގައި އިންސާނުންނަށް ހަމަލާދީފާނެ އުޅެނީ ދެބާވަތުގެ މިޔަރެވެ. އެ ދެބާވަތުގެ މިޔަރަކީވެސް ރާއްޖޭގެ މާކަނޑުތަކުގައި ދިރިއުޅޭ މިޔަރެވެ. މިބާވަތުގެ މިޔަރުތައް ފެންނަނީ، މަސްވެރިކަމަށް އަޅާފައިވާ ކަނދުފަތިތައް ކައިރިންނާއި، އަސްދަނޑިތަކުންނެވެ.

އެހެންނަމަވެސް ރާއްޖޭގެ ތިލަ ފަޅުފަޅާއި ރަށްރަށުގެ ގޮނޑުދޮށްތަކުން ފެންނަ މިޔަރަކީ، އިންސާނުންނަށް އައިސް ހަމަލާދޭ ބާވަތުގެ މިޔަރުތަކެއް ނޫނެވެ.

ސޯޝަލް މީޑިއާގައި މިޔަރު މެރުމަށާއި، މިޔަރުގެ މަސްވެރިކަމަށް ހުޅުވާލުމަށް ގޮވާލާ އަޑުގަދަވެފައި.

ޒައިދާންގެ މަރުގެ ހާދިސާ އާއި ގުޅިގެން ރާއްޖޭގައި މިޔަރުގެ އާބާދީ މާބޮޑަށް ގިނަވެއްޖެ ކަމަށްބުނެ މިޔަރުގެ މަސްވެރިކަމަށް ހުޅުވާލުމަށް ގޮވާލާއަޑުތައް ވަނީ ގަދަވެފައެވެ. އަދި މޫދަށް އެރި އުޅުން ބިރުގަންނަ ހިސާބަށް ހާލަތު ގޯސްވެއްޖެކަމަށްވެސް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ. އެހެން ނަމަވެސް މެރިން ރިސަރޗް ސެންޓަރުން ބުނެފައިވަނީ، ރާއްޖޭގައި އާދަޔާ ޚިލާފަށް މިޔަރު ގިނަވެފައިވާ ކަމަށް ދިރާސާތަކުން ނުދައްކާ ކަމަށެވެ. އަދި މިޔަރު ގިނަވެފައިވާ ކަމުގެ ހީތައް ކުރެވެނީ، ބައެއް ސަރަހައްދުތަކުގައި މިޔަރަށް ކާންދޭތީ އެތަންތަނަށް ޖަމާވާ މިޔަރުތައް ގިނަވެފައިވާތީ ކަމަށްވެސް ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ފަރާތްތަކުން ބުނެފައިވެއެވެ.

މިޔަރު އުރަހައިގެ ވިޔަފާރިއަކީ ނަފާބޮޑު ވިޔަފާރިއެކެވެ. އެހެންވެ މިޔަރު އުރަހައިގެ ވަގުވިޔަފާރި ފުޅާދާއިރާއެއްގައި ހިންގައެވެ. މިޔަރަކީ އުމުރުދިގު އަދި ލަހުން ވިހައި އާލާވާ އެއްޗަކަށްވާތީ، ރާއްޖޭގައި މިޔަރު ވަނީ ހިމާޔަތްކޮށްފައިވާ ދިރޭ ތަކެތީގެ ތެރޭގައި ހިމަނާފައެވެ. އެހެން ނަމަވެސް އިންޑިއާ ކަނޑުގެ އެހެން ޤައުމުތަކުގައި މިޔަރުގެ މަސްވެރިކަން ކުރާތީ މިޔަރުގެ އާބާދީ ނުރައްކަލަށް ހުށައެޅިފައިވެއެވެ.

މިޔަރަކީ ދުނިޔެއިން ނެތިފަނާވެދާނެ ކަމުގެ ބިރު އޮތް ދިރުންތަކުގެ ތެރޭގައި، ދި އިންޓަރނޭޝަނަލް ޔޫނިއަން ފޮރ ކޮންސަރވޭޝަން އޮން ނޭޗަރގެ ރެޑް ލިސްޓުގައި ހިމަނާފައިވާ އެއްޗެކެވެ. ސައިންސްގެ ހޯދުންތަކުގެ އަލީގައި ސާބިތު ކުރެވިފައިވާ ގޮތުގައި، މީގެ 400 މިލިޔަން އަހަރު ކުރިން ފެށިގެން ދުނިޔޭގެ ކަނޑުތަކުގައި މިޔަރުގެ ބާވަތްތައް އައީ ދިރިއުޅެމުންނެވެ.

ކުށެއްގެ އިސްލާޙް:

ކުރިން މިރިޕޯޓުގައި ޒައިދާންގެ ޤައުމީ ޚިދުމަތުގެ އަގުވަޒަންކުރައްވައި، ދިވެހި އަސްކަރިއްޔާއިން ވަނީ ކޯޕްރަލްގެ މަޤާމަށް މަޤާމުގެ ކުރިއެރުން ދެއްވާފައި ކަމަށް، ޒައިދާންގެ މަރުގެ ހާދިސާއަށް ފަހު، އެމްއެންޑީއެފްގެ ކޮމާންޑް ސަރޖަންޓް މޭޖަރ ޢަބުދުއްﷲ ސައީދު، ފޭސްބުކްގައި ލިޔުއްވާފައިވާ ލިޔުމުން ނަކަލުކޮށްފައިވާ ބައި، ފަހުން ސަރޖަންޓް މޭޖަރ ޢަބުދުއްﷲ ސައީދު އިސްލާޙް ކުރައްވައި ލިޔުއްވާފައި އޮތް ގޮތަށް ވަނީ ބަދަލުކޮށް އަލުން ނަކަލު ކުރެވިފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
27 Jul 2024
ޚަބަރު
ނޭޕާލުގައި މަތިންދާ ބޯޓު ވެއްޓުނު ހާދިސާގައި މަރުން ސަލާމަތް ވީ ޕައިލެޓް އެކަނި
ސައުރަޔާ އެއާލައިންގެ 9N-AME މަތިންދާ ބޯޓު ވެއްޓުނީ، ނޭޕާލްގެ ޕޮކްރާއަށް ދިޔުމަށްޓަކައި، ތްރިބުވަން އެއާޕޯޓުން ފުރިތަނާއެވެ. އެ ބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި ހިމެނެނީ އެ އެއާލައިންގެ 19 މުވައްޒަފުންނެވެ. އެމީހުންގެ ތެރެއިން ޕައިލެޓް ފިޔަވާ އެހެން އެންމެން ފްލައިޓް ވެއްޓުނު އެހާދިސާގައި ވަނީ މަރުވެފައެވެ.
27 Jul 2024
ޚަބަރު
ޒައިދާން މަރުވި ހާދިސާގައި ބަލަންޖެހޭ ކަންކަން ބަލައި ނިމިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި
ޒައިދާންގެ މަރުގެ މައްސަލައިގައި މިހާތަނަށްވެސް އެމްއެންޑީއެފުން އެއްވެސް ވާހަކައެއް އެހާދިސާ އާއި ގުޅޭ ގޮތުން ދައްކާފައި ނުވާއިރު، އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު ވިދާޅުވީ، އެފަދަ ހާދިސާތައް ހިނގުމުން އެމްއެންޑީއެފްގެ ތެރޭގައި އަމަލުކުރަމުން އަންނަގޮތުގެމަތިން އެހާދިސާ ހިނގިގޮތް ބަލާ ނިމިފައިވާ ކަމުގައި ދަންނަވާ ކަމަށެވެ. އެހެން ނަމަވެސް އެކަން ބަލައި ނިމުނީ ކޮން ދުވަހަކު ކަމެއް އަދި ބެލި ބެލުމުން ފާހަގަވީ ކޮންކަމެއް ކަމެއް، އިތުރަށް އެޅީ ކޮން ފިޔަވަޅެއް ކަމެއް އެމްއެންޑީއެފުން ހާމައެއް ނުކުރިއެވެ.
27 Jul 2024
ކުޅިވަރު
ޖޫނިއަރ އަންހެން ޓީމުން ލޯ މެޑަލް ހޯދައިފި
ސްރީލަންކާގައި މިހާރު ކުރިއަށްދާ އެ ގައުމުގެ ނެޝަނަލް އެންޑް ޖޫނިއާ ނެޝަނަލް ލޯންގް ކޯސް ސްވިމިން ޗެމްޕިއަންޝިޕްސްގައި ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން ވާދަކުރި ޖޫނިއަރ އަންހެޓީމުން، ޖޫނިއަރ ނެޝަނަލް ކެޓަގަރީގެ 4 ގުނަ 100 މީޓަރު މެޑްލޭ ރިލޭ އިވެންޓުން ލޯމެޑަލް ހޯދައިފިއެވެ.
27 Jul 2024
ކުޅިވަރު
އުމުރުން 13 އަހަރުގެ ތަޒްކިޔާ ފެތުމުގެ ދެ ރެކޯޑެއް ހަދައިފި
ސްރީލަންކާގައި މިހާރު ކުރިއަށްދާ އެ ގައުމުގެ ނެޝަނަލް އެންޑް ޖޫނިއާ ނެޝަނަލް ލޯންގް ކޯސް ސްވިމިން ޗެމްޕިއަންޝިޕްސްގައި ދިވެހި ފެތުންތެރިޔާ، އުމުރުން އެންމެ 13 އަހަރުގެ އަމްނާ ތަޒްކިޔާ މިރުޞާދު، ގައުމީ ދެ ރެކޯޑެއް ހަދައިފިއެވެ.