އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން -- ފޮޓޯ: މިހާރު ނޫސް
ރައީސް ނަޝީދަށް އެމްޑީޕީ ރޫޅައިލެއްވިދާނެތަ؟
ރާއްޖޭގެ ސިޔާސީ މަޝަރަހްގައި ރެޔަކީ ތަފާތު ރެއެކެވެ. އެއްބަޔަކަށް އެއީ ޚުލާޞާއެކެވެ. އަނެއް ބަޔަކަށް އެއީ ބޭޒާރެކެވެ. ބައެއް މީހުން ޤަބޫލުކުރި ގޮތުގައި އެއީ ލަދެއް ނެތުމާއި ސިޔާސީ ހަތުރުވެރިކަމުގެ އިންތިހާއެވެ.
ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެން އެމަނިކުފާނަށްޓަކައި، އުފެއްދި ޕާޓީ "ދަ ޑިމޮކްރެޓްސް" އަށް ސޮއެކުރެއްވުމުގެ ޖަލްސާ ތާރީޚުގައި ލިޔެވޭނީ ކާމިޔާބަކަށްވުރެ ބޮޑަށް، ބޭޒާރެއްގެ ގޮތުގައިއެވެ. އަމިއްލަ އެދުމާއި، ނަފުރަތާއި ސިޔާސީ ހަތުރުވެރިކަމުގެ ލަދުވެތި ތަސްވީރެއްގެ ގޮތުގައެވެ. އެޖަލްސާގައި ރައީސް ނަޝީދު ބޭރުކޮށްލެއްވީ، އެތައް ދުވަހަކުން ފެށިގެން އެމަނިކުފާނުގެ ހިތުގައި އަނދަމުން އައި، ޒާތީ ހަސަދަވެރިކަމުގެ ގިންޏެވެ. ވެރިކަމަށް ކުރައްވާ އުއްމީދު ތަކުގެ އުދާސްތަކެވެ. އެއުދާސްތަކުގެ ނާރެހަކަށްވީ، އެމަނިކުފާނު ސިޔާސީ މައިދާނުގެ ކުރިބޯއްޓަށް ނަގައިދިން، އެމްޑީޕީއާ އެޕާޓިގެ މެމްބަރުންނެވެ. ރައީސް ނަޝީދުގެ ވާހަކަފުޅު ފެއްޓެވީވެސް އެމްޑީޕީގެ މެމްބަރުންނާއި އެޕާޓީއަށް ބަހުގެ ހަމަލާތައް ދެއްވަމުންނެވެ. އަދި ވާހަކަފުޅު ނިންމަވާލެއްވީވެސް، 3600 މެމްބަރުން ތިބި ދަ ޑިމޮކްރެޓްސްގެ މެމްބަރުންނަށް 58,035 މެމްބަރުން ތިއްބެވި އެމްޑީޕީ ރޫޅައިލައްވާނެ ކަމުގައި، ކަރުން ނާރުނަގައި އަޑު ހަރުކޮށް އިއްވެވި ވަޢުދާ އެކުގައެވެ.
ރައީސް ނަޝީދު އަޑު ހަރުކޮށް އެމްޑީޕީ ރޫޅައި ލައްވާނެ ކަމަށް ވިދާޅުވެ ސްޓޭޖުން އެމަނިކުފާނު ފައިބައި ވަޑައިގެންނެވި އިރު، މޫނުފުޅު ރަތްވެފައި ހުރީ ކޯފާ ގަދަވެގެންނެވެ. އަތް އުއްކަަވައި އެމްޑީޕީ ރޫޅައިލައްވާނެކަމަށް ތަކުރާރުކޮށް ވިދާޅުވެ ރައީސް ނަޝީދު، އެމްޑީޕީގެ މެމްބަރުންނަށް އިންޒާރު ދެއްވުމާއި ގުޅިގެން އެމްޑީޕީންނާއި އެޕާޓީގެ އާއްމު މެމްބަރުންވެސް ވަނީ، ރައީސް ނަޝީދަށް ރައްދު ދޭންފަށާފައެވެ.
ރައީސް ނަޝީދު އެމްޑީޕީއަށް ދެއްވި އިންޒާރާއިއެކު، އެމްޑީޕީގެ ޗެއާ ޕަރސަން ފައްޔާޒް އިސްމާއީލްވެސް ވަނީ، ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވާފައެވެ. ފައްޔާޒު ވިދާޅުވީ، ރައީސް ނަޝީދު އެމްޑީޕީ ދޫކޮށްލެއްވީ އަމިއްލަ މަސްލަހަތެއް އޭގައި އޮވެގެން ކަމަށެވެ.
ރައީސް ނަޝީދު އެމްޑީޕީން ވަކިވެވަޑައިގެންނެވީ، 21 ޖޫން 2023 ގައެވެ. އަދި އެމަނިކުފާނަށްޓަކައި، އެމަނިކުފާނުގެ އަރިސްބޭފުޅުން ކޮޅެއް އުފެއްދެވި، ޕާޓީ "ދަޑިމޮކްރެޓްސް" އާއި އެމަނިކުފާނު ގުޅިވަޑައިގެންނެވީ ޖުލައި 13، 20123ގައެވެ.
ރާއްޖެއިން ބޭރުގައި ހުންނަވާފައި ރައީސް ނަޝީދު މާލެ ވަޑައިގެންނެވި ދުވަސް
ރާއްޖޭގެ އެހެން ޕާޓީތައް ފަދައިން އެމްޑީޕީއަކީ، ވަކިފަރުދަަކަށްޓަކައި އުފެދުުނު ޕާޓީއެއް ނޫނެވެ. އަދި އެޕާޓީގެ ނާރެހަކީ ރާއްޖޭގައި އުފެދުނު އެހެން ސިޔާސީ ޕާޓީތައް ފަދައިން އެންމެ ސިޔާސީ މީހެއްވެސް ނޫނެވެ. އެމްޑީޕީ ވުޖޫދަށް ގެނައުމުގެ ޚިޔާލާއި ފިކުރުގައި އެންމެ ފުރަތަމަވެސް 42 މީހަކު ސޮއެކުރެއްވިއެވެ. އޭގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި, މުޙައްމަދު ލަޠީފް (ގޯގޯ ލަތީފް) އާއި، އިބްރާހީމް އިސްމާއީލް (އިބްރާ) އާއި ޙަސަން އަފީފާއި، އިބްރާހިމް ޙުސައިން ޒަކީއާ އަދި ރައީސް މުޙައްމަދު ނަޝީދު ފަދަ ކިތަންމެ ބޭފުޅަކު ހިމެނިވަޑައިގަންނަވަނައެވެ.
ރައީސް މައުމޫނުގެ ވެރިކަން ހިފަހައްޓައި ދިނުމަށް ޑީއާރްޕީ އުފެއްދި ގޮތަށް، ޤާސިމް އިބްރާހީމަށް ވެރިކަން ހޯދުމަށް އެމަނިކުފާނު ޖުމްހޫރީ ޕާޓީ އުފެއްދި ގޮތަށް، އެމްޑީޕީ އުފެދުނީ ވަކި އެކަނި އެކަކަށްޓަކައެއް ނޫނެވެ. އެމްޑީޕީ އުފެދުމުގައިވެސް އެޕާޓީން މައިގަނޑު އަމާޒުތައް ކަނޑައަޅާފައިވަނީ، ފަރުދީގޮތުން ވަކި މީހެއްގެ މަސްލަޙަތު ޙިމާޔަތް ކުރުމަށްވުރެން، އިޖުމާލީ ގޮތެއްގައި މުޅި މުޖުތަމަޢުގެ މަސްލަހަތާއި ސިޔާސަތުތަކާއި ލަނޑުދަނޑިތައް ކަނޑައަޅައިގެންނެވެ.
ރައީސް ނަޝީދަކީ ލީޑަރަކަށް ހަދައި، އެމަނިކުފާނު ސިޔާސީ އެންމެ އުސްކުރިބޯއްޓަށް ނަގައިދިނީ އެމްޑީޕީންނެވެ. އެޕާޓީގެ އާއްމު މެމްބަރުންނެވެ. އެމްޑީޕީ ފުރަތަމަ އުފެދި ހިނގައިގަތް އިރުވެސް އެމަނިކުފާނު ރާއްޖެއަކު ނެތެވެ. ފަހުން އެމްޑީޕީގެ ހަރަކާތްތަކުން ރައީސް ނަޝީދު ފެނިވަޑައިގެންނެވިނަމަވެސް 2008 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީއާ ހަމައަށް ރައީސް ނަޝީދު ހުންނެވީ އެމްޑީޕީގެ އިސް މަޤާމެއްގައެއް ނޫނެވެ. ފުރަތަމަ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވީ ޕާޓީގެ އޭރުގެ ރައީސް ޑރ މުނައްވަރާއި، އިބްރާހީމް ޙުސައިން ޒަކީއާ، ރީކޯ މޫސާ މަނިކެވެ. ޕްރައިމަރީ ރައީސް ނަޝީދު ކާމިޔާބު ކުރެއްވީ އިންތިޚާބު އޮޅުވާލައިގެން ކަމުގައި ތުހުތުމަތުތައް ކުރެވި ޕާޓީގެ އެތެރޭގައި ބައިވުން އުފެދުނު ނަމަވެސް، ޕާޓީގެ ފައުންޑަރުންނާއި ސަޕޯޓަރުން ނަޝީދަށް ދީލައި ލެއްވީ ކޮންމެ ގޮތަކުންވެސް ރައީސް މައުމޫނުގެ ވެރިކަން ބަދަލު ކުރުމަށްޓަކައެވެ. 2008ގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ރައީސް ނަޝީދާއިއެކު "އަނެއް ދިވެހިރާއްޖެ" ކެމްޕޭނާއިއެކު އިންތިޚާބު ކާމިޔާބު އެއްބުރުން، ކާމިޔާބު ނުކުރެވުމުން ނުކުންނެވީ، "ވަޠަން އެދޭ ގޮތަށް" ގިނަ ޕާޓީތައް އެކުލެވޭ ކޯލިޝަނަކާއި އެކުގައެވެ. އެހެންކަމުން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ވޯޓަކީ، އެމަނިކުފާނުގެ ސަޕޯޓަރުންގެ އެކަނި ވޯޓެއް ނޫނެވެ. ރައީސް މައުމޫނުގެ ވެރިކަން ބަދަލުކުރަން ބޭނުންވި މީހުންގެ ވޯޓު އޭގައި މާގިނައެވެ.
ރައީސް ނަޝީދާއި، އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާޢީލް--
ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސް ނަޝީދު އައްޑޫގެ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުފުޅަކީ، ދައުރުގެ މެދުތެރެއިން އިންތިޚާބެއް ބާއްވާނެ ކަމުގެ ވަޢުދެވެ. އައްޑޫ ރައްޔިތުން ލީޑަރެއްގެ ގޮތުގައި ދުށް، ޑރ ޙަސަން ސަޢީދުގެ ސަޕޯޓަރުންގެ ތާއީދު ހޯއްދަވަން ދެއްކެވި އެ ވާހަކަފުޅަށް ފަހު، ވެރިކަން ލިބިވަޑައިގަތުމުން ރައީސް ނަޝީދު ވިދާޅުވީ އެއީ ޙަސަން ސަޢީދު ޕްރެޝަރު ކުރައްވައިގެން ވިދާޅުވި ވާހަކަފުޅެއް ކަމަށެވެ. ކޯލިޗަނަކުން ވެރިކަމަށް ވަޑައިގެން ރައީސް ނަޝީދު ކޯލިޝަން ބައިވެރިންނަށް ވީ ވަޢުދުތައް 2009 ވަނަ އަހަރުގެ މަޖިލީސް އިންތިޚާބުގެ ކުރިން އުވައި ލެއްވިއެވެ. ނަތީޖާއަކަށްވީ، 2009 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި ބޮޑުތަނުން އެމްޑީޕީއަށް ނާކާމިޔާބީއާ ކުރިމަތިވެ، މަޖިލީހުގެ ތެރެއިން ކުރިމަތިވި ދަތިތަކާއި އެކު ސަރުކާރު ހިންގަވަން ދަތިފުޅުވުމެވެ. ކޯލިޝަން ރޫޅާލައްވައި ވެރިކަން ހިފެހެއްޓެވުމަށް ޤާނޫނީ ތަރަހައިން ބޭރުން އެތައް މަސައްކަތެއް ރައީސް ނަޝީދު ކުރެއްވި ނަމަވެސް، 2012 ފެބުރުއަރީ 7 ވަނަ ދުވަހު އެމަނިކުފާނަށް ޖެހިވަޑައިގަތީ އިސްތިއުފާ ދެއްވާށެވެ.
2018 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް އިބްރާހީމް މުޙައްމަދު ޞާލިޙް ވަޑައިގެންނެވީވެސް ގިނަ ޕާޓީތައް އެކުލެވޭ ކޯލިޝަނަކުންނެވެ. 2008 ވަނަ އަހަރު ރައީސް ނަޝީދަށް ވެރިކަމަށް ވަޑައިގެންނެވުނު ގޮތާއި އެއްގޮތަށް، ރައީސް ޞާލިހަށް ލިބުނު ވޯޓުގައި ހިމެނެނީ ހަމައެކަނި އެމްޑީޕީގެ މެމްބަރުންގެ ވޯޓެއް ނޫނެވެ. އެމްޑީޕީއަށް ތާއީދުކުރި މީހުންގެ އެކަނި ވޯޓެއްވެސް ނޫންނެވެ. ރައީސް ސާލިޙް ވެރިކަމަށް ގެނައީ، އެމްޑީޕީގެ މެމްބަރުންނާއި، ކޮންމެ ގޮތަކުން ނަމަވެސް ރައީސް ޔާމީނުގެ ވެރިކަން ބަދަލުކުރަން ނުކުތް މީހުންގެ ވޯޓާއެކުގައެވެ. ދިވެހިރާއްޖޭގައި އިންތިޚާބުތަކުގައި މީހުން ވޯޓުލާފައިވާ ގޮތާއި ޕާޓީތަކުގެ މެމްބަރުންގެ އަދަދަށް ބަލާއިރު، އެކަނި އެއްޕާޓީއަކަށް ރިޔާސީ އިންތިޚާބެއްގައި %51 ވޯޓާއި އިތުރު އެއްވޯޓު ހޯދުމަކީ، ކުރެވޭނެ ކަމެއް ނޫންކަން ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުންވެސް އެއްބަސްވެ ވަޑައިގަންނަވައެވެ. އެހެންވެ މާޒީވި ތަޖުރިބާއަށް ބަލައި، ރައީސް ނަޝީދު 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށްފަހު ހެއްދެވި ފަދައިން، ރައްޔިތުންނަށް އޮޅުވާލައި، ކޯލިޝަން ޕާޓްނަރުން ބޭރުކޮށްލައިގެން ވެރިކަން ނުހިންގޭނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ދެނެވަޑައިގެން ހުންނެވިއެވެ. އެހެންވެ އެމަނިކުފާނު މަސައްކަތް ކުރެއްވީ އިންތިޚާބުވީ ގޮުތުގައި ދައުރު ފުރިހަމަ ކުރައްވައި އެމްޑީޕީއަށް ދެވަނަ ދައުރެއް ހޯއްދެވުމަށެވެ.
އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން ---
ރައީސް ޞާލިޙްވެސް ވިދާޅުވި ގޮތުގައި ރައީސް ނަޝީދާއި އެމަނިކުފާނާއި ދެމެދު އުފެދުނު މައްސަލައަކީ ވެރިކަމުގެ މައްސަލައެވެ. ރައީސް ނަޝީދުގެ ގާތް ބޭފުޅުން ވިދާޅުވި ގޮތުގައި، ރައީސް ނަޝީދު އުއްމީދު ކުރައްވައިގެން ހުންނެވީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ފަހު، ހުކުމްތަކުން އެމަނިކުފާނު މިންޖުވެވަޑައިގެންނެވުމުން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަން އެމަނިކުފާނަށް ދޫކޮށްލައްވާނެ ކަމަށެވެ. އެހެންނަމަވެސް އަލުން އިންތިޚާބަކަށް ގޮސްގެން ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ވަޑައިނުގެންނެވޭނެކަމަށް ރައީސް ނަޝީދު ޚިޔާރު ކުރެއްވީ، ވެރިކަމުގެ ނިޒާމް ބަދަލު ކުރެއްވުމެވެ. ބޮޑު ވަޒީރަކަށް ވެވަޑައިގެންނެވުމެވެ. ރައްޔިތުންގެ މަޖިލީހަށް ނުކުންނެވީވެސް އެ އެދުން ފުޅުގައެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރަށް އަހަރެއް ނުފުރެނީސް ރައީސް ނަޝީދު ސަރުކާރާއި ދިމާކޮށްލެވީ، އެމަނިކުފާނަށް ވެރިކަން ލިބޭނެ ގޮތެއް ހޯއްދެވުމަށްކަން މިއަދު އެމަނިކުފާނުގެ ބަސްފުޅުތަކާއި ޢަމަލުފުޅުތަކުން އެދަނީ ހާމައަށް ސާބިތުވެ ފެންނަމުންނެވެ. މިވެރިކަމުގެ އެންމެ ކުރީކޮޅު ރައީސް ނަޝީދަށް ކުރެވުނު ތުހުމަތުތަކަކީ ޙަޤީޤަތެއްކަން، "ދަ ޑިމޮކްރެޓްސް" އުފެދިގެން އައި ގޮތާއި، އެޕާޓީއަށް ރައީސް ނަޝީދު ސޮއެކުރައްވައި ދެއްކެވި ވާހަކަފުޅުންވެސް ހާމަވެއްޖެއެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތަކުގައި ރައީސް ނަޝީދު ދެއްކެވި ހުރިހާ ބޭފުޅުނަށްވެސް ކުރިމަތިވީ ނާކާމިޔާބީއާއެވެ. ޗެއާ ޕަރސަންގެ އިންތިޚާބާއި އެމްޑީޕީގެ ކޮންގްރެސްގައިވެސް ރައީސް ނަޝީދަށް ކުރިމަތިވީ ނާކާމިޔާބީއާއެވެ. 28 ޖެނުއަރީ 2023ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ނަޝީދަށް ކުރިމަތިވި ނާކާމިޔާބީ އާއެކު އެމްޑީޕީގައި ހުންނަވައިގެން ދެން ވެރިކަން ލިބިވަޑައިގެންފާނެ ކަމުގެ ހުރިހާ އުއްމީދެއް ރައީސް ނަޝީދަށް ގެއްލިވަޑައިގަތެވެ. އެއާއެކު ފާޅުގައި ޢަމަލާއި ބަހުން ރައީސް ނަޝީދު ފެއްޓެވީ، ރައީސް ޞާލިހަށް އަދި އެމްޑީޕީއަށް ވެރިކަން ގެއްލުވައި ލެއްވުމުގެ މަސައްކަތްޕުޅެވެ. އެމްޑީޕީގެ ތެރޭގައި ފިކުރެއްގެ ދިރުމުގެ ނަމުގައިވަކި ފެކްޝަނެއް ހައްދަވައިގެން މަސައްކަތްޕުޅުފެއްޓެވިއެެވެ. ޤާސިމް އިބްރާހީމްއަށް ޚުޝާމަދު ކުރައްވައި ތަޢުރީފު ކުރައްވައިގެން ވެރިކަމުގެ ނިޒާމް ބަދަލު ކުރެއްވުމުގެ މަގުފަހިވޭތޯ މަސައްކަތް ޕުޅު ކުރެއްވިއެެވެ. ރައީސް ޔާމީނާއި މެދު ޙަމްދަރުދީ ފާޅުކޮށް އިންސާފުގެ ވާހަކަފުޅު ދައްކަވައިގެން، ޕީޕިއެމްގެ އާއްމު މެމްބަރުންގެ ތާޢީދު ހޯއްދެވޭތޯ މަސައްކަތްޕުޅު ކުރެއްވިއެވެ. އެހެން ނަމަވެސް އެއިން އެއްވެސް ކަމެއްގައި ކާމިޔާބު ލިބިވަޑައެއް ނުގަތެވެ.
ރައީސް ނަޝީދާއި ޤާސިމް އިބްރާހީމް --
އެންމެ ފަހުން، ރައީސް ނަޝީދަށް ޖެހިވަޑައިގަތީ، އެމަނިކުފާނަށް ތާއީދު ކުރައްވާ މަދު މެމްބަރުންކޮޅަކާއި ޢާއިލީ ބޭފުޅުންނާއި ލައްވައި ސިޔާސީ ޕާޓީއެއް އުފައްދަވާށެވެ. އެޕާޓީއަކީ ދަ ޑިމޮކްރެޓްސް އެވެ.
އެމްޑީޕީއަކީ ރައީސް ނަޝީދަށްޓަކައި އުފަންވި ޕާޓީއެއް ނޫނެވެ. އެހެންކަމުން އެޕާޓީގެ ސިޔާސަތާއި ހިންގުން އޮތީ ފުރުޞަތު ހުޅުވާލެވި ބަދަލުވާނޭ ގޮތަކަށެވެ. އެހެން ނަމަވެސް އެމްޑީޕީގެ ބާރުތައް ހިފަހައްޓަވައިގެން ރައީސް ނަޝީދު އުޅުއްވުމަށްފަހު، އެބާރުތައް އެމަނިކުފާނުގެ މުށުން ދޫވެގެން ދިޔައީ ޙާލަތާއި ވަގުތު ނިޔާކުރި ގޮތެއްގެ މަތީންނެވެ.
އުފެއްދުމުގައިވެސް ދަ ޑިމޮކްރެޓްސް ބިނާވެފައި ވަނީ ސީދާ ރައީސް ނަޝީދަށްކަމުގައި އެޕާޓީގެ އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުން ވިދާޅުވެއެވެ. ނަން ޑިމޮކްރެޓްސް ނަމަވެސް ކަން އޮތީ ވަކިމީހަކަށްޓަކައެވެ. އެއީ ރައީސް ނަޝީދަށް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނާކާމިޔާބު ވުމުން އެމަނިކުފާނަށް ރިޔާސީ ޓިކެޓެއް ހޯއްދަވައި ދިނުމަށް އުފެއްދުނު ޕާޓީއެކެވެ، އެޕާޓީގެ އެތެރޭގެ އިންތިޚާބުތައް ބާއްވައި އަދި މަޤާމްތައް ހޮވާފައި ނުވި ނަމަވެސް އެޕާޓީގެ ރައީސަކީ ރިޔާސީ ކެންޑިޑޭޓަކީ، ރައީސް ނަޝީދު ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. އަދި ރައީސް ނަޝީދާއި ދެކޮޅަށް އެއްވެސް ބަހެއް ބުނެ ޢަމަލެއް ކުރާނޭ މީހަަކަށް އެޕާޓީގެ ތެރޭގައި ޖާގައެއް ނެތްކަމަށް ޚުދު އެޕާޓީގެ މެމްބަރުންވެސް އެކި މެހެފިލްތަކުގައި ވަނީ ވިދާޅުވެފައެވެ. އެހެންކަމުން ރައީސް މައުމޫނަށްޓަކައި އުފެއްދި ޑީއާރްޕީ ނެތި ދިޔަގޮތަށް، އަލް މަރްހޫމް އިބްރާހިމް މަނިކު އުފެއްދެވި، އެމްއެސްޑީޕީ އުވިދިޔަ ގޮތަށް، ޑރ ޙަސަން ސަޢީދަށްޓަކައި އުފެދުނު، ޤައުމީ ޕާޓީ އުވިދިޔަ ގޮތަށް، އުވިގެންދާނޭ ކަމުގެ މަންޒަރު އުފެދުމުގައިވެސް ފެންނަން އޮތް ޕާޓީއަކީ "ދަ ޑިމޮކްރެޓްސް"އެވެ.
އެމްޑީޕީގެ ރިޔާސީ ކެމްޕޭންގެ ތެރެއިން ---
ދަ ޑިމޮކްރެޓްސްއަށް ސޮއިކުރެއްވުމަށްފަހުގައި ރައީސް ނަޝީދު އެމްޑީޕީގެ މެމްބަރުންނަށް ދެއްވި އިންޒާރަށް އެމްޑީޕީގެ އެންމެ ގްރާސް ރޫޓުގެ މެމްބަރުންވެސް އަންނަނީ ސޯޝަލްމީޑިއާގައި ރައްދު ދެމުންނެވެ. ރީތި ބަހުންނާއި ހުތުރު ބަހުންނެވެ. އެ އެންމެވެސް އިއްތިފާޤުވާ ކަމަކީ، އެމްޑީޕީއަކީ އެޕާޓީގެ އާއްމު މެމްބަރުންގެ ޕާޓީއެއް ކަމެވެ. ވަކި މީހެއްގެ ވަކި އާއިލާއެއްގެ ވަކިފެންވަރެއްގެ ވަކިރަށެއްގެ ޕާޓީއެއް ނޫންކަމެވެ. ޕާޓީއާ މެމްބަރުން ގުޅެމުން ވަކިވަމުންދާނެއެވެ. އިސް ސަފުގައި ތިބި ލީޑަރުން ބަދަލުވަމުންދާނެއެވެ. އެއީ ދުނިޔޭގެ ހަމައާ ޒަމާނާއި ވަގުތާއި ޙާލަތުގެ ގޮތުންނެވެ. އިއްޔެ ރައީސް ނަޝީދަށެވެ. މިއަދު ރައީސް ޞާލިޙަށެވެ. މާދަމާ ކޮންމެެވެސް އެހެން މީހަކަށެވެ. މީގެ ކުރިން ޚުދު ރައީސް ނަޝީދުވެސް ވިދާޅުވެފައި ވަނީ، އެމްޑީޕީއަކީ އެކެއްގެ ވަށައިގެން އެނބުރޭނޭ ޕާޓީއަކަށް ނުވުމަކީ އެޕާޓީ ދެމިއޮތުމުގެ އެންމެ މުހިއްމު ސަބަބު ކަަމަށެވެ.
އެހެންނަމަވެސް ވެރިކަމުގެ މަޤާމަށް ވަޑައިގެންނެވުމަށް ކުރައްވާ މަސައްކަތްތަކުގެ ތެރެއިން ރައީސް ނަޝީދު އެމްޑީޕީ ދޫކޮށްލެއްވި އިރު ޚުދު އެމަނިކުފާނު އަމިއްލަފުޅަށް ސިފަކުރެއްވީ، އެމްޑީޕީއަކީ ކަށިކެޔޮގަނޑެއް ނަމަ އޭގެ ފުލުވަކަކީ އެމަނިކުފާނު ކަމަށެވެ. އަދި އެމަނިކުފާނު އެމްޑީޕީ ދޫކޮށްލެއްވުމުން އެޕާޓީ ރޫޅިގެން ދާނެ ކަމަށެވެ.
ރައީސް ނަޝީދު ރައީސް ނަޝީދަކަށްވީ، އެމްޑީޕީގެ ރަންރީނދޫކުލައިގެ ޓައީގައެވެ. އެޕާޓީގެ ތިލަފަތުގެ ނިވަލުގައެވެ. އެޕާޓީގައި ތިބި މެމްބަރުންގެ ތެރެއިން ބައެއް މެމްބަރުން އެމަނިކުފާނަށް ދެއްވި ލޯތްބާއި، އަދި އަނެއްބައި މެމްބަރުން ޕާޓީގެ މަސްލަހަތަށްޓަކައި ދޫދިން ދޫދިނުންތަކާއި އެކުގައެވެ. އެއްވެސް އިރެއްގައި އެމްޑީޕީގެ %100 އާއްމު މެމްބަރުންނަކީ ރައީސް ނަޝީދު ނޫން މީހަކަށް ނުރުހޭ ގޮތަށް ތިބި ބައެއް ނޫނެވެ. ޕާޓީގެ އެތެރޭގެ އިންތިޚާބުތަކުން ފެނިގެން ދިޔައީ އެކަމެވެ. ރައީސް ނަޝީދާއި އެކު އެމްޑީޕީ ދޫކޮށްދާ ބަޔަކުވެސް ދާނެ އެވެ. އަދި އިތުރު މީހުން އެމްޑީޕީއާ ގުޅެމުންވެސް ދާނެއެވެ.
ދަ ޑިމޮކްރެޓްސްއަށް ރައީސް ނަޝީދު ސޮއެކުރައްވާ ޖަލްސާގައި ވަރަށް ގިނަ ބަޔަކު އެޕާޓީއާ ގުޅޭނޭ ބައެއް މީހުން ހީކުރިއެވެ. އެކަމަކު ރައީސް ނަޝީދާއެކު ދަ ޑިމޮކްރެޓްސްއަށް ސޮއެކުރާނެ 10 މީހުންވެސް ނުވިކަމީ، ސިޔާސީ ގޮތުން ލަދުވެތި ކަމެކެވެ. އޭރިއަލް ފޮޓޯތަކުން އެޖަލްސާގެ ބޯ ގުނާއިރު، ޖަލްސާގައި 500 މީހުންވެސް ހަމަ ނުވެއެވެ. އެހެންކަމުން އެއީ ރައީސް ނަޝީދު ޕޯޑިއަމްގައި ވާހަކަފުޅު ދައްކަވަން ޖެހިވަޑައިގަތް އެންމެ މަދު މީހުން ބައިވެރިވި ސިޔާސީ ޕާޓީއެއްގެ ޖަލްސާއެވެ.
އެހެންވެ އެމްޑީޕީ ރޫޅައި ލައްވާނެ ކަމަށް ރައީސް ނަޝީދު ހަރުއަޑުން ވިދާޅުވުމާއި އެކު އެއަށްވުރެ ބާރަށް އެމްޑީޕީގެ މެމްބަރުން ބުނަމުން ދަނީ ޕާޓީ ރޫޅައި ނުލެވޭނެ ކަމަށެވެ.