Advertisement

25 Mar 2024
ކޮލަމް
މިފްތާޙް މުޙައްމަދު

ކުނިއަޅާ "މޫސުމް" ވެސް އޮޅުންބޮޅުން މިވީ ދުނިޔެ ހޫނުވުމާ ގުޅިފަ އޮތީމަ ބާ؟

މާލޭގެ ބައެއް ހިސާބުތަކުގައި މަގުމައްޗަށް ކުނިއަޅާފައި ނުވަތަ ކުނި ނެރެފައި ބެހެއްޓުމަކީ ގިނަ ދުވަސްތަކެއްވެފައިވާ ބޮޑު މައްސަލައެކެވެ. ވެމްކޯ އާއި މާލޭ ސިޓީ ކައުންސިލްގެ މުވައްޒަފުން ވަރުބަލިކަމެއް ނެތި މާލޭގެ މަގުތައް ސާފުތާހިރުކޮށް ބެލެހެއްޓުމަށް ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ސާފު މާލެއެއް ފޯރުކޮށްދިނުމަށް އެމީހުން ކުރާ އުއްމީދުތަކަށް ހިޔަނި އަޅަނީ މި ކުނި ކޮތަޅުތަކެވެ

ކަން މިހެން އޮތް ނަމަވެސް، މި ކުނި ކޮތަޅުތަކުން ނަފާ ހޯދާބައެއް ވެސް އުޅެއެވެ. އެއް ބަޔަކީ މަގުމަތީގައި ނުތާހިރުކޮށް އުޅޭ ޒުވާން ފިރިހެން ކުދިންނެވެ. އަނެއް ބަޔަކީ މަގުމަތީގައި އުޅޭ ބުޅާތަކެވެ. ޒުވާނުން ހިކި ކުނި ކޮތަޅު ހާވައިގެން ވިއްކާލެވޭނެ އެއްޗެއް ހޯދާއިރު، ބުޅާތައް ކާއެއްޗެއް ހޯދުމަށް ހާވަނީ ކުނިވާޒަރުގެ ކުނި ކޮތަޅުތަކެވެ. މި ދެކަމުން ވެސް ކުނި ކޮތަޅުތައް ފެތުރެނީ މަގުމައްޗަށެވެ. އުނދަގޫވަނީ މަގުން ހިނގާ މީހުނަށެވެ.

މި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކުން މަސައްކަތްތައް ކުރެއެވެ. މި ކުރެވޭ މަސައްކަތްތަކުގެ ހެކިތައް، އެ އިދާރާތަކުން ސޯޝަލް މީޑިއާގައި ވެސް ދަނީ ހިއްސާ ކުރަމުންނެވެ. މި އިދާރާތަކުން، ފޫނުބެދޭ މި މަސައްކަތް ކުރަމުން ދަނިކޮށް، ޝައުބާން މަހަށް ހަނދު ބަލައިފިއެވެ. ދެން ފެށުނީ ރޯދައަށް ގެ ތާހިރުކޮށް، ގޭގައި ހިފާ ގެންގުޅޭ ތަކެތި ބަދަލުކުރަންޖެހޭ "މޫސުމެވެ".

މި ކަމަކީ އޭގެ ޒާތުގައި ރަގަޅު ކެމެކެވެ. ޒަމާނުއްސުރެން ދިވެހީންގެ ތެރޭގައި އޮތް ރަގަޅު އާދައެކެވެ. އިހުގައި ރޯދައަށް ތައްޔާރުވުމަށް ގޭގެ ދޮރު މައްޗަށް ދޮން ވެލިލާ، ބަދިގެއާއި ކާގެ ފަދަ ތަންތަން ދޮވެ އޮފުއަރާވަލައެވެ. މި "މޫސުމުގައި" އޭރާއި މިހާރާއި އޮތް އެއްގޮތް އެއް ކަމަކީ، ގޭތެރޭގަ ގިނަވެފައި ހުންނަ ކުނިބުނި އުކާލާ، އަދި ގޭތެރޭގައި އައު ކުރާ އާލާތްތަކުން އެފެދޭ ކުނިތައް ސާފުކުރުމެވެ. މި ކަމުގައި މާލޭގައި މިހާރު އޮތް ތަފާތު ކަމަކީ، ގޭތެރެއިން ނެރޭ ކުނި މަގުމަތީގައި ބެހެއްޓުމެވެ. މާލެ ފަދަ ތޮއްޖެހިފައިވާ ތަނެއްގައި ކިތަންމެ ރީއްޗަށް މަގުމަތީގައި ކުނިތައް ބަހައްޓަން އުޅުނަސް، އެކަމުން އާންމުންނަށް އުނދަގޫ ނުވާނެ ގޮތަކަށް އެކަން ނުކުރެވޭނެކަން ހަނދާން ނެތޭ ވަގުތަކީ އެއީއެވެ. ނޫންނަމަ ފަރުވާ ކުޑަކުރެވެނީއެވެ. އޭގެ އިތުރަށް، ކިތަންމެ ރީއްޗަށް ވިޔަސް މަގުމަތީގައި ކުނި ބެހެއްޓިގެން ނުވާނެއެވެ.

އެގޮތުން އެހެން އަހަރުތަކެކޭ އެއްގޮތަށް، މި އަހަރުގެ ޝައުބާން މަހުގެ މެދު ތެރެއަށް ދިޔައިރު، މީހުނަށް ހިނގާބިނގާވެ އުޅެން އުނދަގޫވާ މިންވަރަށް ބައެއް މަގުތަކާއި ކަންމަތި ތަކުގައި ކުނި ބުނި އެއްވާން ފެށިއެވެ. ފަރުނީޗަރު އައު ކުރުމުން އުފެދޭ ކުނީގެ އިތުރުން، ގޭތެރެ ސާފު ކުރުމުން އެފެދޭ ކުނިވެސް މީގެ ތެރޭގައި ހިމެނެއެވެ. ޝައުބާން މަސް ނިމި، މިހާރު ރަމަޟާން މަހުގެ ބޮޑުބައެއް ފާއިތުވެގެން ގޮސްފިއެވެ. ނަމަވެސް މަގުމައްޗަށް ކުނިއަޅަމުންދާ މިންވަރަށް ބަދަލެއް އައިހެނެއް ހިއެއް ނުވެއެވެ

މިކަން ދަލީލު ކުރަނީ މާލޭ ސިޓީ ކައުންސިލުން މަގުމައްޗަށް އަޅާފައިވާ ކުނިތައް ނެގުމަށްފަހު ހާމަ ކުރަމުންދާ ތަފާސް ހިސާބުތަކެވެ. އެގޮތުން 17 މާޗުން ފެށިގެން 22 މާޗާ ހިސާބަށް މާލޭ ސިޓީ ކައުންސިލުން ނަގަމުން ދާ ކުނި، އެވަރެޖުކޮށް ވަނީ އިތުރުވެފައެވެ

މާލޭ ސިޓީ ކައުންސިލުން ކުނި ނަގަމުންދާ މިންވަރު ހާމަކޮށް ހިއްސާކޮށްފައިވާ ތަފާސް ހިސާބަށް ބަލާއިރު، 17 މާޗުގައި 19 ޓަނު، 18 މާޗުގައި 22 ޓަނު އަދި 19 މާޗުގައި 22.3 ޓަނުގެ ކުނި ނަގާފައިވެއެވެ. ކޮންމެ ދުވަހަކު ވެސް ކުނިނަގާ މިންވަރު އައީ އިތުރު ވަމުންނެވެ. ޖެހިގެން އައި 20 މާޗުގައި މި އަދަދު ދެގުނަވެ، 46.1 ޓަނުގެ ކުނި ނަގާފައިވެއެވެ. އޭގެ ފަހުން 21 މާޗުގައި 42.6 ޓަނުގެ ކުނި ނެގިއިރު، 22 މާޗުގައި ނަގާފައިވަނީ 30.4 ޓަނުގެ ކުންޏެވެ. މި ތަފާސް ހިސާބުތަކުން، މަގުމައްޗަށް ކުނިއަޅާ "މޫސުމުގައި" މިފަހަރު ތަފާތެއް އައިސްގެން އުޅޭކަން ޔަގީންވެއްޖެއެވެ.

މި ނަންބަރުތަކުން ދައްކާ ގޮތުން، ސިޓީ ކައުންސިލުން ކުނި ނަގަމުންދާ ވަރަކަށް، ކޮންމެވެސް ބަޔަކު މި ދަނީ މާލެ ތެރެއަށް ކުނިއަޅަމުންނެވެ. އުފެދޭ ސުވާލު ގުޅެނީ މިހާވަރަށް ކުނި އެފެދޭ ސަބަބާއެވެ. ރޯދަ މަހަށް ތައްޔާރުވުމަށް ކުރާ މަސައްކަތްތަކުން އެފެދޭ ކުނި ނެރުން ހުއްޓާލާ ހިސާބަށް އަދި ވެސް ނުދަނީ ބާއެވެ؟ މި "މޫސުމް" ނުނިމެނީ ހެއްޔެވެ؟ ނޫނީ، މާލޭ މަގުމަތީގައި ޓަނު ޓަނުން ކުނި އުފެދުމާ، ދުނިޔެ ހޫނުވުމާ އަނެއްކާ ގުޅުމެއް އޮތީބާއެވެ؟ ހީވާނީ އެހެންނޫން ހެއްޔެވެ. "މުސުމީ ބަދަލުތަކާ" އެންމެ ބޮޑަށް ގުޅެނީ ދުނިޔެ ހޫނުވުން ނޫންތޯއެވެ.

އަޅުގަނޑުމެން އެންމެންނަށް އެނގޭ އެއްކަމަކީ، މާލެތެރެ ސާފު ނުވެގެން މި އުޅޭ ސަބަބަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ތެރެއިން ބަޔަކު ކަންނެތްވުން ކަމެވެ. ފަރުދީ ޒިންމާއަށް އިހުމާލުވުމެވެ. ވަށައިގެންވާ މުޖުތަމައާ ދޭތެރޭ ނުވިސްނުމެވެ. މަގުމައްޗަށް އަޅާފައި ހުރި ކުނިތަކުގެ ސަބަބުން މާދަމާ ހިނގަން އުނދަގޫ ވާނީ ތިމާގެ އާއިލާ މީހަކަށް ކަން އިހުސާސް ނުކުރެވުމެވެ. ފަސޭހަ ގޮތް އިހުތިޔާރު ކުރުމަކީ ހައްޓަށާއި ޖީބަށް ފަސޭހަވާނެ ގޮތް ކަމަށް ބަލައި، ވާނެ އެއްޗެއް ވާން ދޫކޮށްލުމެވެ.

ޝައްކެއް ނެތެވެ. މިކަން ހައްލު ކުރެވޭނީ މާލެ ސާފުކުރުމުގައި އެންމެން އެއްބަހަކުން މުއާމަލާތްކޮށްގެންނެވެ. ދިވެހީންގެ ސާފު ކަމާއި ތާހިރުކަމުގެ ލާމަސީލު ނަމޫނާ މުޖުތަމައުގައި އުޅޭ ބިދޭސީންނަށް ވެސް ދައްކައިގެންނެވެ. އެވަރުން ނުވެއްޖެއްޔާ، މިކަމަށް ބޯނުލަނބާ މީހުންގެ ފުށުން އެކަން ހުއްޓުވުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް އެއްބާރުލުން ދީގެންނެވެ. މިކަމަށް ހޭދަކުރާ ވަގުތަކީ ބޭކާރުވެގެން ދާނެ ވަގުތެއް ނޫނެވެ. އެއީ މާދަމާގެ ޖީލަށްޓަކައި އަހަރެމެންގެ ބޮލުގައި އެޅިފަ އޮތް ޒިންމާއެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.