Advertisement

26 Feb 2024
ޚަބަރު
މިފްތާޙް މުޙައްމަދު

ވަކި މިނިސްޓްރީއެއް އުފައްދާފައިވުމުން ކައުންސިލްތަކުގެ ހިންގުމުގެ ސްޕީޑް ހަލުވިވަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ މަގުސަދުގައި ވަކި މިނިސްޓްރީއެއް އުފެއްދެވުމުން އޭގެ ނަތީޖާ ފެންނަމުންދާކަމަށާއި، އަދި ކަންކަމުގައި އީޖާބީ ގޮތެއްގައި ސަރުކާރާއި ކައުންސިލްތަކާއެކު ކުރެވޭ މަސައްކަތް އިތުރުވެ، ހިންގުމުގެ ސްޕީޑް ހަލުވިވަމުން އަންނަކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލް ޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ލާމަރުކަޒީ ދުވަހުގެ މުނާސަބަތުގައި މިއަދު ދެއްވި ޚިޠާބުގައެވެ.

މީގެ އިތުރުން ލާމަރުކަޒީ ނިޒާމުގެ ހެޔޮބަދަލުގެ މަންފާ ރައްޔިތުންނަށް ލިބިދިނުމަށްޓަކައި ކައުންސިލްތަކުގެ އިހްތިސާސުގައި ހިމެނިފައިނުވާ ފަޅުރަށްތައް ކައުންސިލްތަކާ ޙަވާލުކުރެވޭނެ ސިޔާސަތެއް އެކަށައަޅައި، އެސިޔާސަތު މިހާރު ތަންފީޒު ކުރަމުން އަންނަކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.

"ލާމަރުކަޒީ ނިޒާމު ހިންގުމުގައި، ރައްޔިތުންނާއި ކައުންސިލްތަކާއި ސަރުކާރާ ގުޅުވައިދީ، އަދި ކައުންސިލްތަކާއި ލޯކަލް ގަވަރންމަންޓް އޮތޯރިޓީއަށް ސަރުކާރުގެ ތެރެއިން ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ލިބިދީ، ލާމަރުކަޒީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް، ވަކި މިނިސްޓްރީއެއް އަޅުގަނޑު ވާނީ އުފައްދާފައި. އެ މިނިސްޓްރީ އުފެއްދުމުގެ ނަތީޖާ ދަނީ ފެންނަމުން. ސަރުކާރުގެ ތެރެއިން ކައުންސިލްތަކަށް ބޭނުންވާ އެހީތެރިކަން ދަނީ ފޯރުކޮށްދެމުން. ސަރުކާރުގެ އޮފީސްތަކުން ކައުންސިލްތަކަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން އިތުރުވެ، ކަންކަމުގައި އީޖާބީ ގޮތެއްގައި ސަރުކާރާއި ކައުންސިލްތަކާއެކު ކުރެވޭ މަސައްކަތް އިތުރުވެ، ހިންގުމުގެ ސްޕީޑް ދަނީ ހަލުއިވަމުން." 

ލާމަރުކަޒީ ނިޒާމު ފައްކާ ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އަލިއަޅުވާލައްވައި އެ މަނިކުފާނު ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމު ފައްކާކޮށް، ސަރުކާރާއި ކައުންސިލްތަކުގެ ގުޅުން އިތުރަށް ރަގަޅުކޮށް ލާމަރުކަޒީ އުސޫލުން ސަރުކާރުގެ ހިންގުން ހަރުދަނާ ކުރުމުގެ މަގުސަދުގައި ރައީސުލް ޖުމްހޫރިއްޔާ ވަނީ އައު ވުޒާރާއެއް އުފައްދަވާފައެވެ. މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވޯކްސްގެ ގެ ނަމުގައި އުފެއްދެވި މި މިނިސްޓްރީއިން މައިގަނޑު ގޮތެއްގައި ކުރާނީ ލާމަރުކަޒީ ގާނޫނު ތަންފީޒު ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކެވެ.

އިންވެސްޓަރ ފައިނޭންސްގެ އުސޫލުން ކައުންސިލް އިދާރާތަކުގެ އުމްރާނީ ތަރައްޤީއަށް ޚާއްޞަ މަސައްކަތްތަކެއް ކުރުމަށް އެ މަނިކުފާނު ގަސްދުކުރައްވާ ކަމުގައިވެސް ރައީސުލް ޖުމްހޫރިއްޔާ މިއަދު ދެއްވި ޚިޠާބުގައި އިތުރަށް ހާމަކޮށްފައި ވެއެވެ. އަދި ވޭތުވެދިޔަ 13 އަހަރު ކައުންސިލްތަކުގެ އުމްރާނީ ތަރައްޤީއަށް ސަމާލުކަން ދެވިފައި ނުވާކަން ފާހަގަކުރައްވައި، ސަރުކާރުން މިހާރު ފަށާ މަސައްކަތުގެ އަމާޒަކީ ކައުންސިލްތަކަށް ޤާނޫނީ ވާޖިބު އަދާކުރެވޭނެ، އަދި ރައްޔިތުންނާއެކު މަޝްވަރާކޮށް، ގުޅިގެން މަސައްކަތް ކުރެވޭނެ މާހައުލެއް އުފައްދައިދިނުންކަން ރައީސުލް ޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

"ކައުންސިލްތަކުގެ އިމާރާތްތަކަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ޚާއްޞަ އިސްކަމެއް ދީގެން، އިންވެސްޓަރ ފައިނޭންސްގެ އުޞޫލުން ކައުންސިލް އިދާރާތަކުގެ ޢުމްރާނީ ތަރައްޤީއަށް ޚާއްޞަ މަސައްކަތްތަކެއް ކުރުމަށް އަޅުގަނޑު ޤަޞްދުކުރާ ވާހަކަ ދަންނަވަން. އަމާޒަކީ ކައުންސިލްތަކަށް ޤާނޫނީ ވާޖިބު އަދާކުރެވޭނެ، ރައްޔިތުންނާއެކު މަޝްވަރާކޮށް، ގުޅިގެން މަސައްކަތް ކުރެވޭނެ މާޙައުލެއް އުފައްދައިދިނުން."

އިންވެސްޓަރ ފައިނޭންސްގެ އުސޫލުން ކައުންސިލް އިދާރާތަކުގެ އުމްރާނީ ތަރައްޤީއަށް ޚާއްޞަ މަސައްކަތްތަކެއް ކުރުމާ ގުޅޭގޮތުން ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.