Advertisement

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް --

24 Feb 2024
ރިޕޯޓް
ޢަލީ ސުލައިމާން

ސަރުކާރުތަކުންދޭ އަނިޔާއަށް އިންސާފު ހޯދަން، ރައްޔިތުން ދާނެ ތަނެއް ނެތް!

ރައްޔިތުން ވެރިކަމަށް ބޭފުޅަކު ހޮވަނީ ފޮނި އުއްމީދު ތަކަކާއި އެކުގައެވެ. ދިރިއުޅުމުގެ ހާލަތު ރަނގަޅުވެ، ރައްޔިތުންގެ މެދުގައި ހަމަހަމަކަން ޤާއިމްވެ، ހަމަޖެހޭ ޞުލްޙަވެރި އަބުރުވެރި ދިރިއުޅުމެއްގެ އުޅެވޭނެ ކަމުގެ ހުވަފެންތައް ދެކެމުންނެވެ. އެހެން ނަމަވެސް ރައްޔިތުން އިންތިޚާބުކުރި ވެރިޔާ އުފައްދާ ސަރުކާރުތަކުން ޖަމާޢަތާއި ފަރުދުންނަށް ދޭ، މާލީ، ނަފްސާނީ، އަދި ޖިސްމާނީ އަނިޔާގެ ބަދަލެއް އިންސާފެއް ހޯދަން ރައްޔިތު މީހާ ދާނެ ތަނެއް ނެތެވެ. އެ ބޮޑު ބޭއިންސާފަށް އިންސާފެއް ހޯދޭނެ ގޮތެއްވެސް ނޯވެއެވެ. ކޮންމެ ފަސް އަހަރަކުން ރައްޔިތުންވެރިކަން ބަދަލުކޮށްގެން އިންސާފު ލިބޭނެ ކަމަށް އޮތީ ހަމައެކަނި އުއްމީދު ކުރުމެވެ.

މަސްވެރިންގެ މުޒާހަރާގެ ތެރެއިން --- ފޮޓޯ: ޢަލީ ސާޖިދު ޓްވިޓާ

މިދިޔަ ހަފްތާގައި މަސްވެރިން ސަރުކާރާއި ދެކޮޅަށް ނުކުމެ ކުރި މުޒާހަރާއިންވެސް ފެނުނީ އެކަމެވެ. ސަރުކާރުގެ މަސްކުންފުނި މިފްކޯއަށް މަސްކިރުވާފައި، އެތައް މިލިޔަން ރުފިޔާއެއް މަސްވެރިންނަށް ނުދެވި، މަސްވެރިންގެ އާއިލާތައް ދިޔައީ ގޮތް ހުސްވަމުންނެވެ. މަސްވެރިންގެ ގޭގޭގައި ކަރަންޓާއި ފެނާއި ފޯނާއި، ބޭންކު ތަކުން ނަގާފައި ހުރި ލޯނުތައް ދެއްކެން އޮތީ މަސްވެރިންނަށް ޢާމްދަނީ ލިބިގެންނެވެ. އެކަމަކު އެމީހުންގެ ހައްޤު އާމްދަނީ ސަރުކާރުގެ މަސްކުންފުންޏަށް ނުދެވި ލަސްވެގެން، ބިލްތަކާއި ލޯނުތައް ނުދެއްކި އިތުރު މައްސަލަތައް ކުރިމަތިވި ނަމަވެސް އެކަމުގައި ސަރުކާރުތަކުގެ "ޙަޤީޤީ" ކަންބޮޑުވުމެއް ނެެެތެވެ.

"އަހަރެމެންނަށް ބިލްތައް ނުދެއްކުނީމާ، ޖޫރިމަނާކުރޭ!ކަރަންޓް ކަނޑާލާ، ފެން ކަނޑާލާ، ފޯނާއި އިންޓަރނެޓްގެ ޚިދުމަތް ކަނޑާލާ. ބޭންކް ލޯނުތަކަށް އިންޓަރެސްޓް އިތުރުވަމުންދޭ! ކާކުހޭ އޭގެ ޒިންމާ އުފުލަނީ. ހަމަ އަހަރެމެން."

އިހްތިޖާޖު ކުރި މަސްވެރިއެއް.

މަސްވެރިން ފާޅުކުރި އެކަންބޮޑުވުމަކީވެސް ހަޤީޤަތުގައި އެކަން އޮތް ގޮތެވެ. ސަރުކާރުގެ ސަބަބުން ނުވަތަ ސަރުކާރު ކުންފުނިތަކުގެ ސަބަބުން އާއްމު ރައްޔިތު މީހާއަށް ކުރިމަތިލާން ޖެހޭ ޖޫރިމަނާތަކާއި އުފުލަންޖެހޭ މާލީ ބުރަތަކަކީ، އޭގެ މައްޗަށް ސަރުކާރުން ޒިންމާވާ ކަމެއް ނޫނެވެ. އެހެން ނަމަވެސް ސަރުކާރަށް ނުވަތަ ސަރުކާރު ކުންފުންޏަކަށް ނުވަތަ މީރާއަށް އާއްމު ރައްޔިތު މީހާ ދައްކަންޖެހޭ ފައިސާއެއް މުއްދަތަށް ނުދެއްކިއްޖެ ނަަމަ އަރާ ޖޫރިމަނާތަކާއި، ދައްކަންޖެހޭ އިތުރު ފައިސާގެ މާލީ ބުރަ އުފުލަންޖެހޭނީ ރައްޔިތު މީހާއަމިއްލައަށެެވެ.

ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް --

މަސްވެރިންގެ މުޒާހަރާ އާއި ގުޅިގެން ފިޝަރީޒް މިނިސްޓަރާއި މަޖިލީހުގައި ކުރެވުނު ސުވާލުގެ ޖަވާބުގައި، ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމްވެސް ވިދާޅުވީ، މަސްވެރިންނަށް ސަރުކާރު މަސްކުންފުނިން ފައިސާ ނުދެވިގެން މަސްވެރިން، ކުރިމަތިލާން ޖެހޭ ޖޫރިމަނާތަކާއި އުފުލަންޖެހޭ މާލީ ބުރަތަކަށް ސަރުކާރުން ކޮށްދެވޭނެ ކަމެއް ނެތްކަމަށެވެ. އެހެން ނަމަވެސް މަސްވެރިންނަށް މިފްކޯއިން ދޭންޖެހޭ ފައިސާ ދިނުން އަވަސްކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި މިނިސްޓަރ ޝިޔާމް ވިދާޅުވިއެވެ. އެގޮތުން މުޒާހަރާއަށްފަހު މިހާތަނަށް 70 މިލިއަން މަސްވެރިންނަށް ދޫކޮށް، އަންނަ ހޯމަ ދުވަހުގެ ކުރިން އިތުރު 30 މިލިއަން ރުފިޔާ ދޫކުރައްވާނެ ކަމުގައި ފިޝަރީޒް މިނިސްޓަރ ވަނީ ވިދާޅުުވެފައެވެ.

މި ފަދަ ކަންކަމުގައި ރައްޔިތު މީހާ އިންސާފެއް ހޯދަން ބޭނުން ނަމަ ދާން އޮތީ، ދައުލަތާއި ދެކޮޅަށް ޝަރުޢީ ކޯޓުތަކަށެވެ. އެހެން ނަމަވެސް އެތަންތަނުންވެސް އިންސާފެ ނުލިބޭކަން، ޝަރުޢީދާއިރާގެ ޤަޟާއީ އަހަރު ފެށުމުގެ ގޮތުން ބޭއްވި ޖަލްސާގައި، އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަސިމް އަދުނާނުވެސް ފާހަގަކުރެއްވިއެވެ.

"މަދަނީ މައްސަލަތަކުގައިވެސް ވަކީލަކު ޢައްޔަނުކުރުމުގެ ޤާބިލްކަން ލިބިފައި ނުވާނަމަ އެފަރާތުގެ ޙައްޤު ގެއްލިގެންދާކަން ފާހަގަކުރަން."

އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަސިމް އަދުނާން --

ސަރުކާރަށް ރައްޔިތުން ދައްކަންޖެހޭ ފައިސާ ސުންގަޑިއަށް ނުދެއްކިއްޖެ ނަމަ އެއީ މައްސަލައަކަށް، ކުށަކަށް ވެގެންދާއިރު، ސަރުކާރުން ރައްޔިތުންނަށް ދޭންޖެހޭ ފައިސާ ދިނުމުގައި ސުންގަޑިއަކީ ހަމައެކަނި ނަމަކަށް އޮންނަ އެއްޗެކެވެ. ސަރުކާރަށް އަމިއްލަ ކުންފުނިތަކާއި، އަމިއްލަ މީހުން ކޮށްދޭ މަސައްކަތްތަކަށް، ބިލްކުރާއިރު ފައިސާދެއްކުމަށް ދޭ މުއްދަތަކީ ސަރުކާރަކަށް މާ މުހިއްމު އެއްޗަކަށް ނުވެއެވެ. ވަރަށް މަދު ފަހަރެއް ފިޔަވައި ގިނަ ފަހަރު، އަމިއްލަ ފަރާތްތަކުން ކުރާ ބިލްތަކަށް ސަރުކާރުން ފައިސާ ދޫކުރަނީ، ބިލްގެ މުއްދަތު ހަމަވެ އެތައް ދުވަހެއް ވެގެންދާ ފަހުންނެވެ. އެކަމުގެ ސަބަބުން މެދުފަންތީގެ އަދި ކުދި ވިޔަފާރިތައް ބަނގުރޫޓުވެ އަމިއްލަ މީހުން ކުރަމުން އައި މަސައްކަތްތައް ހުއްޓާލަން ޖެހުނު އިރުވެސް އެކަމުގައި ސަރުކާރުން އުފުލަންޖެހޭ ޒިންމާއެއް ނެެތެވެ.

"ކުރިން ކޮށްފައި ހުރި މަސައްކަތްތަކަށް ފިނޭންސަށް ފޮނުވި ބިލްތަކަށް ފައިސާ ނުލިބޭތީ، އެހެން މަޝްރޫޢުތަކަށް ބޭނުންވާ މުދާ ނުގަނެވި ހުއްޓިފައި އެހެރީ. ސަރުކާރުން ދޭންޖެހޭ ފައިސާ ނުލިބިގެން މަޝްރޫޢުތައް މިހުއްޓެނީ."

ޢިމާރާތްކުރުމުގެ މަސައްކަތް ކުރާ މެދުފަންތީީގެ ކުންފުންޏެއްގެ ވެރިއެއް

ސަރުކާރަށް މަސައްކަތްކޮށްދީފައި ފައިސާ ނުލިބި، މުއްދަތުތައް ފާއިތުވެ ދިޔުމުން ކުދި އެތައް ކުންފުންޏެއް ބަނގުރޫޓުވެގެންވެސް ހިނގައްޖެއެވެ. އެކަން ޚުދު ރައީސުލްޖުމްހޫރިއްޔާވެސް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --

ހުސްވި ހަފްތާގައި ދެކުނުގެ ހަތަރު އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި، ފަރެސް މާތޮޑާގައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަމިއްލަ ކުންފުނިތަކުންނާއި އަމިއްލަ މީހުން ސަރުކާރަށް ކޮށްދީފައި ހުރި މަސައްކަތްތަކަށް ސަރުކާރުން ދައްކަންޖެހޭ 9 ބިލިއަން ރުފިޔާ އެބައޮތް ކަމަށެވެ.

ސަރުކާރުތަކުން ރައްޔިތުންނަށް ލިބެނީ މާލީ އަނިޔާއެއް ނޫނެވެ. ނަފްސާނީ އަނިޔާތައްވެސް ލިބެއެވެ.

ގ. ކީމާ، އަބްދުﷲ ރަޝީދު މުހައްމަދުގެ ހުވަފަތް އަނބިކަނަބަލުން ޝެހެނާޒް އަބްދުއްރަހީމް --

ރޭ ބޭއްވި، އަހާ ފޯރަމްގެ ދެވަނަ ސިލްސިލާގައި، ފެނިގެން ދިޔައީވެސް އެމަންޒަރެވެ. ގ. ކީމާ، އަބްދުﷲ ރަޝީދު މުހައްމަދުގެ ހުވަފަތް އަނބިކަނަބަލުން ޝެހެނާޒް އަބްދުއްރަހީމް ހާމަކުރީ އޭނާގެ އުދާސްތަކެވެ.

" މިސަރުކާރު އައުމާއި އެކު އިންތިޤާލީ އިންސާފުގެ އޮފީސް ވަނީ އުވިގެން ގޮސްފައި. އަޅުގަނޑުމެން ތިންރޭ ތިންދުވާ ވަންދެން އެތަނަށް ގޮސްގެން ރިޕޯޓް ލިބުނީ. ރިޕޯޓް އަތަށް އެރި އިރު ރިޕޯޓުގައި ވަނީ، އާއިލާއަށް އިންސާފު ލިބެން ޖެހޭނެކަމަށް. ސަރުކާރުން މަޢާފަށް އެދެން ޖެހޭނެކަމަށް. ބަދަލު ލިބެން ޖެހޭނެ ކަމަށް. އެކަމަކު އަޅުގަނޑުމެން ކޮންތާކަށްތޯ ދާނީ. އަޅުގަނޑަކަށް ނޭނގެ އަޅުގަނޑު ދާންވީ ކޮންތަނަކަށް ކަމެއް. އަޅުގަނޑު ރައީސް އޮފީހަށްވެސް ވާނެ ސިޓީއެއް ލާފައި. އެ ރިޕޯޓާއި އެކުގައި. އަޅުގަނޑަކީ ފަސްކުދިން ގޮވައިގެން އެކަނިމާއެކަނި ދިރިއުޅޭ އަންހެނެއް. މިހާލަތުގައި އަޅުގަނޑުމެންގެ އެތައް މައުލޫމާތުތަކެއް ނަގާފައި ވީ. އެއޮފީހުން ޒާތީ އެތައް މައުލޫމާތުތަކެއް ނެގުމަށްފަހު އަޅުގަނޑުމެންނަކަށް އެއްވެސް އިންސާފެއް ނުލިބޭ. ކީއްތޯ އަޅުގަނޑުމެން ކުރަންވީ. ކޮންދިމާލަކަށްތޯ އަޅުގަނޑުމެންދާނީ. ތިޔައީ އަޅުގަނޑުމެންގެ ލޮބުވެތި ރައީސް. އެހެންވީމާ އަޅުގަނޑު މިއަދު އާދޭސް ދަންނަވަން އޮތީ، މަނިކުފާނުގެ އަރިހުގައި. ކޮން އިރަކުންތޯ އަޅުގަނޑުމެންނަށް. އަނެއްކާވެސް 5 އަހަރު މަޑުކުރަންވީތޯ؟ " 

ޝެހެނާޒް ޢަބުދުއްރަހީމް --

ސަރުކާރުތަކުގެ ފަރާތުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންޞާފް ހޯދައިދިނުމަށް، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން "އިންތިޤާލީ އިންޞާފުގެ އޮފީސް"ގެ ނަމުގައި އުފެއްދެވި އޮފީހަކީ، 1 ޖެނުއަރީ 1953 އިން ފެށިގެން، 17 ނޮވެމްބަރު 2018 އާއި ދެމެދުގައި ހިނގައި ގޮސްފައިވާ ކަންކަމުގެ މައްސަލަތައް ބެލުމަށް އުފެއްދެވި އޮފީހެކެވެ. 

އިންތިޤާލީ އިންސާﷲުގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ޕީއެސްއެމް.

ޝެހެނާޒް ޢަބުދުއްރަހީމްއެކޭ އެއްފަދައިން އެތައް ބަޔަކު އިންސާފު ލިބޭނެ ކަމުގެ އުއްމީދުގައި އެއޮފީހަށް މައްސަަލަތައް ހުށައެޅި ނަމަވެސް، 17 ނޮވެމްބަރު 2023ގައި ވެރިކަން ބަދަލުވެގެން ދިޔުމާއިއެކު އެއޮފީސް އުވުނީ، އިންޞާފެއް ނެތިއެވެ. އެއޮފީހުގައި މަސައްކަތް ކުރި ސީނިއަރ މުވައްޒަފެއްގެ ފަރާތުން މައުލޫމާތު ލިބުނު ގޮތުގައި، އިންތިޤާލީ އިންޞާފުގެ އޮފީސް އުވުނު އިރު، އެއޮފީހަށް ރައްޔިތުން ހުށައެޅި މައްސަލަތަކާއި، އެއޮފީހުން ކުރި މަސައްކަތްތަކާއި، ލިޔެކިޔުންތަކާއި ރިޕޯޓްތައް (ކަރުދާސް ފައިލްތައް) ރައްކާކުރާނޭ ތަނެއް ނެތްކަމަށް ބުނެ މިހާރު ވަނީ އުކާލާފައެވެ. އަދި އެއޮފީހަށް ރައްޔިތުން ހުށައެޅި ލިޔެކިޔުންތަކާއި ދިން އިންޓަރވިއުތަކާއި ހުށައެޅި ބަޔާންތަކަކީ، އަރްޝީފް ކުރެވެންޖެހޭ ތަކެތި ނަމަވެސް އެކަންވެސް ކުރެވިފައި ނުވާކަމުގައިވެސް، މައުލޫމާތު ލިބުނެވެ.

އެހެންނަމަވެސް ޝެހެނާޒްގެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވީ، އިންތިޤާލީ އިންޞާފުގެ އޮފީހުން ބަލަމުން ދިޔަ މައްސަލަތަކުގެ ފައިލްތައް ބަންޑާރަ ނައިބުގެ އޮފީހަށް ގެންދަވާފައިވާ ކަމަށެވެ. އަދި އެ އާއިލާއަށްވެސް އިންސާފު ހޯއްދަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މިއީ ހައްތާވެސް ބޭއިންސާފެވެ. ސަރުކާރުތަކުގެ އަމަލުތަކުގެ ސަބަބުން ރައްޔިތުންނަށް އިންޞާފު ހޯދައިދިނުމަށް ދައުލަތުގެ މައްޗަށް ލާޒިމްވާ ކަންކަމެވެ. އެހެން ނަމަވެސް ރައްޔިތުމީހާއަށް ނެތީ އެއިންސާފު ހޯދަން ދާނެ ތަނެކެެވެ. ފަސްއަހަރުން ފަސްއަހަރުން ރައްޔިތުން ވެރިކަން ބަދަލުކުރުމަކުން ރައްޔިތުންނަކަށް އިންސާފެއް ނުލިބުނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.