ކުރިނބީ ޕޮލިސް ޕޯސްޓް ހުޅުވުން
ދެރަށެއްގައި ޕޮލިސް ޕޯސްޓްތައް ހުޅުވައިފި
ހއ. ފިއްލަދޫ އަދި ހދ. ކުރިނބީގައި ޤާއިމް ކުރި ޕޮލިސް ޕޯސްޓް މިއަދު ހުޅުވައިފިއެވެ.
މިދެރަށުގެ ޕޮލިސް ޕޯސްޓު ހުޅުއްވައި ދެއްވީ އެކަމަށްޓަކައި ވަކިވަކިން އެދެރަށުގައި ބޭއްވި ރަސްމިއްޔާތުގައި، ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު އާއި އެދެރަށުގެ ކައުންސިލްގެ ރައީސުންނެވެ.
ކުރިނބީ ޕޮލިސް ޕޯސްޓް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަަކަ ފުޅުގައި، ރަށުގައި އަލަށް ތައާރަފުވެގެންދާ ކުށްތަކާއި ސައިބަރ ސްކޭމްގެ މައްސަލަތަކާއި ގެވެށި އަނިޔާ އަދި ކުޑަކުދިންނަށް އިހުމާލުވުމުން ފަދަ ކުށްތައް ހުއްޓުވުމަށާއި މަސްތުވާތަކެތީގެ މައްސަލަތަކުން ރައްޔިތުން ރައްކާތެރިކުރުވައި ހޭލުންތެރިކުރުމަށް ފުލުހުން ގާއިމުވެތިބުމުން އިތުރު ބާރަކަށް ވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
ފިއްލަދޫ ޕޮލިސް ޕޯސްޓު ހުޅުވައިދެއްވައި ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަ ފުޅުގައި، ފިއްލަދޫއަކީ އަހުވަންތަ ކުށްމަދު އަމާން މުޖުތަމައެއްގެ ވެރި ބައެއް ދިރިއުޅެމުންދާ ރަށެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. އަދި މިރަށުގައި ފުލުހުން ގާއިމުވެ ތިބޭ ހިނދު މިރަށަކީ ރަށުގެ މުއައްސަސާތަކާ ގުޅިގެން ކުށްމަދު އަމާން ވެއްޓެއް ގާއިމުވެފައިވާ ރަށެއްގެ ގޮތުގައި ބާއްވައިދިނުމަށް އެދިވަޑައިގެންނެވިއެވެ.
ހުސްވިމަހުގައިވެސް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވަނީ ދެރަށެއްގައި ޕޮލިސް ޕޯސްޓްތައް ހުޅުވާފައެވެ.