Advertisement

10 Jan 2024
ރިޕޯޓް
މިފްތާޙް މުޙައްމަދު

ފުޓުބޯޅައިން ރާއްޖޭގެ ހުރިހާ ތައްޓެއް ހޯދި ބެންޖޯގެ ކާމިޔާބީގެ ސިއްރަކީ "ޑިސިޕްލިން"

އެއް ފެންވަރެއްގައި ނަވާރަ އަހަރު ވަންދެން ފުޓުބޯޅަ ކުޅުމަށްފަހު ނިމިދިޔަ 2023 ވަނަ އަހަރުގެ ފަހުކޮޅު ފުޓުބޯޅައިން ރިޓަޔާކުރި އަބްދުﷲ ހަނީފް (ބެންޖޯ)ގެ ކާމިޔާބީތަކުގެ ސިއްރަކީ އޭނާގެ "ޑިސިޕްލިން" ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. އުމުރުން މިހާރު 39 އަހަރުގެ ބެންޖޯ "ނޫން" އަށް ދިން ޙާއްސަ އިންޓަވިއުއެއްގައި ފާހަގަކުރި ގޮތުން، ދަނޑުމަތީގަ އާއި ދަނޑުން ބޭރުގައި އޭނާ އެންމެ އިސްކަންދޭ އެއް ކަމަކީ ކުޅުންތެރިއެއްގެ އަހުލާގު ހިފެހެއްޓުމެވެ. މިއީ މިހާރުގެ ކުޅިވަރު ކުޅުންތެރިން ބެންޖޯގެ ކެރިއަރުން ދަސްކުރަންވީ އެންމެ މުހިންމު އެއް ފިލާވަޅެވެ.

ރާއްޖޭގެ އެންމެ މަތީ ފަންތީގައި ފުޓުބޯޅަ ކުޅުމަށް އަޒުމު ކަނޑައަޅައި، މީގެ 24 އަހަރު ކުރިން، މީލާދީ ގޮތުން 2000 ވަނަ އަހަރުގެ ތެރޭގައި އޭނާ މާލެ ބަދަލުވީ ވެސް، އެ ރިވެތި ސިފަ ރަށުން ހިފައިގެނެވެ. މިއީ، ވަޒީފާ އަދާކުރަމުން ޕްރޮފެޝަނަލް ފުޓުބޯޅަ ކުޅުންޖެހިފައިވާ ދިވެހި ފުޓުބޯޅަ ކުޅުންތެރިންގެ ތެރެއިން މަދު ކުޅުންތެރިއެއްގެ ފުށުން މެނުވީ ނުފެންނަ، ނަމަވެސް ކުޅުންތެރިއެއްގެ ގައިގައި ހުރުން އެންމެ މުހިންމު އެއް ސިފައެވެ. އެހެންނޫންނަމަ، އަނިޔާތައް ގިނަވެ، ކުޅުމުން ފޯކަސް ގެއްލުމަކީ، ޓީމުން ބާކީވެ، ގިނަ ކުޅުންތެރިން އަވަހަށް ރިޓަޔާ ކުރުމަށް މެދުވެރިވާ ސަބަބެވެ

އަބްދުﷲ ހަނީފް (ބެންޖޯ) "ނޫން" އަށް ދިން ޙާއްސަ އިންޓަވިއު

ދިވެހި ފުޓުބޯޅައިގެ ހުރިހާ ތައްޓެއް ހޯދި ބެންޖޯގެ ތަފާތަކީ އެއީއެވެ. އަބަދުވެސް ޑިސިޕްލިންއަށް އޭނާ އިސްކަންދިނެވެ. ވަޒީފާއަށް ދަމުން ނިދި ހަމަކުރުމާއި، ކެއުމުގެ ގަޑިތަކަށް ފަރުވާތެރިވިއެވެ

ފުލްޓައިމް ޖޮބަކަށް ދަމުން އަޅުގަނޑު ވެސް ކުޅުނީ. އަޅުގަނޑު އިމިގްރޭޝަންގަ އޭރު މަސައްކަތްކުރީ. ފުދޭ ވަރަކަށް ޗެލެންޖިން ކަމެއް އަސްލު އެއީ. ބޭނުންވާ ޑިސިޕްލިން ނެތިއްޔާ އެކަން ހާސިލްކުރަން އެހާ ފަސޭހައެއް ނުވާނެ.

ކުޅިވަރުގެ ޑިސިޕްލިންއާ ގުޅޭ ގޮތުން އަބްދުﷲ ހަނީފް (ބެންޖޯ)ގެ ބަސް

އައްޑޫއަށް އުފަން ބެންޖޯ މާލެ ބަދަލުވީ، ރާއްޖޭގައި އެންމެ އުހަށް ފުޓުބޯޅަ ކުޅެން ބޭނުންވެގެންނެވެ. އޭނާ ފާހަގަ ކުރި ގޮތުން، ކެރިއަރެއް ގޮތަށް ފުޓުބޯޅަ ކުޅެ، އެންމެ އުހަށް ދާން ބޭނުންނަމަ މާލެ ބަދަލުވުން އެއީ އޭރު ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ. އަދި އޭނާ ވިސްނީ މާލެ ބަދަލުވެ، ހުނަރު އަވަހަށް ކުރިއެރުވުމަށް، ގިނައިން މެޗު އެކްސްޕީރިއެންސް ލިބޭނެ ޓީމަކަށް ކުޅުމަށެވެ. އޭރުގެ އެންމެ ވަރުގަދަ ކްލަބުތައް ކަމުގައިވާ އައިލެންޑް ފުޓްބޯލް ކްލަބް (އައިއެފްސީ) އާއި ކްލަބް ވެލެންސިއާ ފަދަ ކްލަބްތަކުން ލިބުނު ހުށަހެޅުންތަކަށް ފުރަގަސްދީ، ހުއްރިއްޔާ ސްޕޯޓްސް ކްލަބް (ހުރާ)އަށް ކުޅުމަށް އޭނާ ނިންމީ އެހެންވެއެވެ.

އޭރު މިތާންގެ (މާލޭގެ) ރަގަޅު ކްލަބުތަކުން ފުރުސަތު ލިބުނު މާލެ އަންނަން. އެގޮތުން އަޅުގަނޑުމެންގެ އަތޮޅަށް ނިސްބަތްވާ ކްލަބް އައިއެފްސީ، އެމީހުންގެ ހުށަހެޅުމެއް އައި ދެން ވެލެންސިއާގެ ހުށަހެޅުމެއް އައި. އެހެން ނަމަވެސް އަޅުގަނޑު ވިސްނީ އެންމެ ޓޮޕު ޓީމަކަށް އައިސް ކުޅެން އުނދަގޫ ވާނެއޭ ފުރަތަމަ އައިސް. ކޮންމެ ގޮތެއް ވިޔަސް ފުރަތަމަ އައިސް ކުޅެގެން ނޫނީ އިތުރު ތަޖުރިބާއެއް ނުލިބޭނެ. އެހެންވީމަ އަޅުގަނޑު ޗޫޒްކުރީ ހުރަޔަށް ދާން.

ޕްރޮފެޝަނަލް ފުޓުބޯޅައަށް އެޅި ފުރަތަމަ ފިޔަވަޅު ކިޔައިދެމުން އަބްދުﷲ ހަނީފް (ބެންޖޯ)

ބެންޖޯގެ ދިގު ފުޓުބޯޅަ ކެރިއަރުން އޭނާ އަބަދުވެސް އެންމެ ހަނދާނުގައި ހުންނަނީ ކްލަބް ޓީސީއާއެކު، ބަނގުލަދޭޝްގައި ކުޅުނު ޝެއިހް ކަމާލް އިންޓަނޭޝަނަލް މުބާރާތުގެ ކާމިޔާބީއެވެ. މި މުބާރާތަކީ ގިނަ ގޮތްގޮތުން ބެންޖޯ އާއި ޓީސީއަށް ހާއްސަ މުބާރާތެކެވެ. މި މުބާރާތުގެ ތަށި އުފުލާލައި، ދިވެހި ކްލަބަކުން އިންޓަނޭޝަނަލް މުބާރާތެއްގެ ތަށި ހޯދި ފުރަތަމަ ކްލަބުގެ ޝަރަފު ޓީސީއިން ހޯދިއިރު، މުބާރާތުގެ ފައިނަލް މެޗުގައި ބެންޗޯ ވަނީ ގޯލެއް ވެސް ކާމިޔާބުކޮށްފައެވެ

ޝެއިހް ކަމާލް އިންޓަނޭޝަނަލް މުބާރާތުގެ ވާހަކަތައް ހިއްސާ ކުރަމުން ބެންޖޯ ބުނީ، މި މުބާރާތުގެ ތައްޓަކީ ޓީސީގެ ތައްޓެއް ކަމަށް މުބާރާތަށް ފުރުމުގެ ކުރިން އެ ޓީމުގެ ކޯޗު މުޙައްމަދު ނިޒާމް (ނިޒާމްބެ) ބުނި ހިސާބުން އާންމުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު އެއީ ނުވާނެކަމެއްކަމަށް ބުނިކަމަށެވެ. އަދި މުޅި ޓީމު ހިތްވަރު ހޯދީ އެފަދަ ނެގެޓިމް ކޮމެޓުތަކަށް ޕޮޒިޓިވްކޮށް ވިސްނައިގެންކަމަށް އޭނާ ކިޔައިދިނެވެ

އެ މުބާރާތައް (ޝެއިޙް ކަމާލް އިންޓަނޭޝަނަލް ކަޕް) ދިއުމުގެ ކުރިން ވެސް ނިޒާމްގެ ބުނެފި މީ ހަމަ ތައްޓެކޭ. ބައެއް މީހުން ހަމަ މަލާމާތަކަށް ވެސް ފޭސްބުކްގަ ވެސް ފެނޭ (ބުނެފަ ހުންނަތަން)، ކާތައްޓެކޭ ނަގާނީ. އެހެންވީމަ އެ ޗެލެންޖު ކުޅުންތެރިންނަށް ވަރަށް ބޮޑަށް އޮތް. ދެން އޭގެ އިތުރުން އޭރު އޮތް ޓީމު، ޓީސީގެ އެ އޮތް ޓީމު، އެ މީހުންގެ އެކުވެރިކަމާ، އެމީހުންގެ ޑިސިޕްލިންއާ، މި ހުރިހާކަމެއް މީގެ ތެރޭގަ ހިމެނޭނެ.

ޓީސީއާއެކު ހޯދި ކާމިޔާބީ ހިއްސާ ކުރަމުން އަބްދުﷲ ހަނީފް (ބެންޖޯ)

ރާއްޖޭގެ ފުޓުބޯޅައިގެ މިސްރާބު މިހާރު ހުރިގޮތާ ގުޅޭ ގޮތުން ކުރި ސުވާލުގެ ޖަވާބުގައި ބެންޖޯ ބުނީ، ފުޓުބޯޅައިގެ ކުރިމަގު މި ވަގުތު ފެންނަނީ ބަނަކޮށް ކަމަށާއި، މި ކަމުގައި މިހާރު އެއްވެސް ތަރުތީބެއް ނެތް ކަމަށެވެ. އަދި މިކަން ރަގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް އޭނާ ފާހަގަ ކުރިއެވެ

ރާއްޖޭގެ ފުޓުބޯޅައިގެ ހާލަތު މިހާރު މިހުރީ ވަރަށް ގޯސްކޮށް. އެއްވެސް ތަރުތީބެއް ނެތް ރާއްޖޭގަ މިހާރު ފުޓުބޯޅައިގަ.

ފުޓުބޯޅައިގެ ހާލަތާ ގުޅޭގޮތުން ވާހަކަ ދައްކަމުން އަބްދުﷲ ހަނީފް (ބެންޖޯ)

ފުޓުބޯޅަ މެޗު ކުޅޭވަރަށް ވުރެން ބޮޑަށް މި ފެންނަނީ އެފްއޭއެމްގެ ކޮންމެސް ވާހަކަތަކެއް. އެފްއޭއެމް ރަގަޅު ވެގެން ނޫނިއްޔާ ދެން ފުޓުބޯޅަ ބަދަލެއް ނުކުރެވޭނެ.

ފުޓުބޯޅައިގެ ހާލަތާ ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަމުން އަބްދުﷲ ހަނީފް (ބެންޖޯ)

ފުޓުބޯޅަ ރަގަޅު ކުރުމަށް ދެން ކުރަން އޮތް އެންމެ މުހިންމު ކަމަކީ ފުޓުބޯޅަ ކުޅުންތެރިންނަށް އިތުރު ފުރުސަތު ހޯދައިދިނުންކަމަށް ބެންޖޯ ފާހަގަކުރިއެވެ. އެގޮތުން ވާދަވެރި މެޗުތަކެއް ކުޅުންތެރިންނަށް ތަޖުރިބާ ކުރެވެން ޖެހޭނެ ކަމަށާއި، މިކަން ކުރުމުގައި ސަޕޯޓަރުންގެ ބައިވެރިވުން ގެންގުޅޭނެ ގޮތެއް ވެސް ހޯދަންޖެހޭނެ ކަމަށް އޭނާ ދެކެއެވެ.

ފުޓުބޯޅަ ބަދަލުކުރަން ބޭނުންވިއްޔާ ފުދޭވަރަކަށް ގިނަ ކަންތައްތައް ކުރަން އެބަ ޖެހޭ. ރާއްޖޭގަ މިވާގޮތަކީ އޮންނަ ލީގު ހަމަ އޮންނަ ގޮތަށް އޮންނަނީ. ދެން އެފްއޭ ކަޕް. އިތުރު ބަދަލުތަކެއް ނާދޭ. އިތުރު ބަދަލުތައް ގެންނަން އެބަޖެހޭ. މިސާލަކަށް އިތުރު ލީގެއް. ބޭރު ކްލަބްތައް ގެނަސްގެން ނަމަވެސް އިތުރު ލީގުތައް އުފައްދަން އެބަޖެހޭ. ރާއްޖޭގެ ސަޕޯޓަރުން ބޭނުންވާކަހަލަ އިތުރު ކަންތައްތަކެއް މީގެ ތެރެއަށް އެބަ ވަންނަންޖެހޭ.

ފުޓުބޯޅައިގެ ހާލަތު ރަގަޅު ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން އަބްދުﷲ ހަނީފް (ބެންޖޯ)

ބެންޖޯގެ ދިގު ފުޓުބޯޅަ ކެރިއަރުގައި އޭނާއަކީ ލީޑަރެކެވެ. ގިނަ ޓީމުތަކެއްގެ ކެޕްޓަން ބޭންޑު އަޅައި، ދަނޑު ތެރެއިންނާއި، އަދި ޙާއްސަކޮށް ދަނޑުން ބޭރުން ކެޕްޓަނެއްގެ މަސްއޫލިއްޔަތު އަދާކުރަން ޖެހުނު މިންވަރު އިތުރުކަމަށް އޭނާ ހިއްސާ ކުރިއެވެ. ސަބަބަކީ ރާއްޖޭގެ ފުޓުބޯޅަ އޮތް ހާލަތެވެ. ކުޅުންތެރިންނަށް މުސާރަ ނުދެވުމުން، ފަރިތަކުރުންތަކަށް ނުނިކުންނަން ތިބި ކުޅުންތެރިން ކުޅެން ނެރުމަށް ކެޕްޓަނެއްގެ ހައިސިއްޔަތުން އޭނާ ގިނަ މަސައްކަތްތަކެއް ކުރިއެވެ. ހުރިހާ މިޒާޖެއްގެ ކުޅުންތެރިން ގޮވައިގެން އުޅެން ދަންނަ ކެޕްޓަނަކަށް އޭނާ ވިއެވެ

ކެޕްޓަނެއްގެ ޒިންމާއަކީ ވަރަށް ބޮޑު ޒިންމާއެއް. ކްލަބެއްގެ އުޅޭ ހުރިހާ ކުޅުންތެރިންގެ ލީޑަރަކީ ކެޕްޓަން. އެހެންވީމަ ހަމައެކަނި ދަނޑު މަތީގައެއް ނޫން، ދަނޑުން ބޭރުގަ ވެސް އެ ޑިސިޕްލިން އިންނަންޖެހޭނެ. އެމީހުން ގޮވައިގެން އުޅެން އެނގެން ޖެހޭނެ. އެކި ހިޔާލުގެ އެކި ކުޅުންތެރިން އުޅޭނީ. ބައެއް ކުޅުންތެރިން ހިންހަމަ ނުޖެހޭނެ ޓީމަށް ނާރާތީވެސް. އަދި ރާއްޖޭގަ ވަރަށް ގިނަ ފަހަރު މުސާރަ ނުލިބި ކުޅުންތެރިން ތިބޭނެ. އެ ކަންތައްތަކާ ހެދި ޕްރެކްޓިހަށް އަންނަން ބޭނުންނުވާ ކުޅުންތެރިން ތިބޭނެ. އެ ކުޅުންތެރިން ހަމަޖައްސަން ޖެހޭނެ.

އަބްދުﷲ ހަނީފް (ބެންޖޯ) ގެ ދުލުން ކެޕްޓަނެއްގެ ޒިންމާތައް

މިއަދު ފުޓުބޯޅަ ކުޅުމާ ދުރަށް ދިޔަ ނަމަވެސް، ބެންޖޯ މި ދިޔައީ މިއަދުގެ ކުޅުންތެރިންނަށް މުހިންމު ރޯލް މޮޑެލެއްގެ ގޮތުގައެވެ. ކުޅިވަރު ކުޅެގެން ލިބޭ އާމްދަނީއަށް ބަރޯސާ ނުވެވޭތީ ފުލް ޓައިމް ވަޒީފާ އަދާކުރިއެވެ. އަދި އެކަމުން ކުރިމަތިވި ހުރަސްތަކަށް ކެތްތެރިކަމާއެކު ކުރިމަތިލިއެވެ. ހިތުގައި އޮތީ އެންމެ އަޒުމެކެވެ. އެއީ މީގެ 24 އަހަރު ކުރިން އައްޑޫއިން ފުރިއިރުވެސް ހިތުގައި އޮތް އަޒުމެވެ. އެކަމަށް ބަދަލެއް ނާދެއެވެ.

ހަޔާތުގައި އޭނާގެ ވިސްނުން ދެންވެސް ހުރީ ވަރަށް އުހުގައެވެ. ފުޓުބޯޅަ ކުޅުން ޕްރޮފެޝަނަލްކޮށް ހުއްޓާލުމަށްފަހު، މިހާރުގެ އަޒުމަކީ ރައްޔިތުންގެ ޚާދިމަކަށްވެ އިހްލާސްތެރިކަމާއެކު ރައްޔިތުންނަށް ހިދުމަތްކުރުމެވެ. އަބަދުވެސް ސިޔާސީ މަސައްކަތްތަކުގައި ހަރަކާތްތެރިވި ބެންޖޯ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާނީ އެމްޑީޕީގެ ޓިކެޓުގައި ފޭދޫ ދެކުނު ދާއިރާއަށެވެ

ކޮމެންޓް
އިތުރު އާޓިކަލް
27 Jul 2024
ޚަބަރު
މިނިވަން ދުވަހުގެ ޕެރޭޑު ފަސްކުރީ އޯގަސްޓު 2 އަށް
މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވަމުން އަންނަ ރަސްމީ ޕެރޭޑު ވިއްސާރަވުމާ ގުޅިގެން ކެންސަލް ކުރުމަށްފަހު، އެ ޕެރޭޑު އޯގަސްޓް 2 ވާ ހުކުރު ދުވަހު ބާއްވަން ނިންމާފައިވާކަމަށް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ހާމަކޮށްފިއެވެ.
27 Jul 2024
ޚަބަރު
އިންޑިއާގެ ޑޯނިއާ ފްލައިޓްގައި އަލުން ބަލިމީހުން އުފުލަން ފަށައިފި
މިކަން ހާމަކުރެއްވީ، މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއެވެ. ރައީސް ވިދާޅުވީ، އިންޑިއާއިން ދިވެހިރާއްޖެއަށް ހަދިޔާކޮށްފައި އޮތް ޑޯނިއާ ފްލައިޓްގައި މިރޭ ބަލި މީހަކު ހަނިމާދޫން މާލެ ގެނެސްފައިވާ ކަމަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވެރިކަމުގެ މި 8 މަސްދުވަހުގެ ތެރޭގައި ބަލި މީހުން އުފުލުމަށް އިންޑިއާގެ ޑޯނިއާ މަތިންދާ ބޯޓު ބޭނުން ކުރި ފުރަތަމަ ފަހަރެވެ.
26 Jul 2024
ޚަބަރު
ދައުލަތަށް ލިބެންޖެހޭ ހުރިހާ ފައިސާއެއް ހޯއްދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރުފުރޭ 59 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ، ދައުލަަތަށް ލިބެންޖެހޭ އެތައް ބިލިއަން ރުފިޔާއެއް ނުހޯދައި، ކުރީގެ ސަރުކާރު ތަކުން ދޫކޮށްލާފައިވާ ކަމުގައި ވިދާޅުވެފައެވެ.
26 Jul 2024
ޚަބަރު
ފަތުރުވެރިން ގޮވައިގެން ދަތުރުކުރި ސަފާރީއެއް ފަރަށް އަަރައި އަޑިޔަށް ހިނގައްޖެ