Advertisement

31 Dec 2023
ރިޕޯޓް
މިފްތާޙް މުޙައްމަދު

ކޮވިޑުގައި ދެބަފައިންގެ ފޫހިކަން ނިމުމަކަށް ގެނައީ ވޮލީ ކޯޓު، އެއަށްފަހު މިހާރު ގައުމީ މުބާރާތްތަކުގައި

އެންމެ ފަހުން ބޭއްވި ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމު ހޯދި އުމުރުން 18 އަހަރުގެ މުހައްމަދު ލަތުފާނުގެ އަމާޒަކީ، ގައުމީ ޖާޒީ އާއި ވެލިދޫ ސްޕޯޓްސް ކްލަބްގެ ޖާޒީގައި ރަން މެޑަލް ހޯދުމެވެ. އިސްކޮޅުގައި 6 ފޫޓު 7 އިންޗި ހުންނަ ލަތުފާނު، ގައުމީ ފެންވަރުގައި ކުޅުނު ފުރަތަމަ މުބާރާތުން މި ލިބުނު ކާމިޔާބީއަކީ ވެސް، އޭނާގެ މަންޒިލަށް ވާސިލްވުމަށް ކުރާ ބުރަ މަސައްކަތަށް ހެކިދޭ ދަލީލެއްކަން ހަމަޔަގީނެވެ.

ނ ވެލިދޫއަށް އުފަން ލަތުފާނު މާލެ ބަދަލުވީ ވެސް އެ އަޒުމުގައެވެ. އެއަށްފަހު ވޮލީ ކުޅުމުގެ ހުނަރު އިތުރުކުރުމަށް އޭނާއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފައި، އުއްމީދު ގެއްލުވާ ނުލައި ކުރަމުންދާ މަސައްކަތަށް އިތުރު އާރޯކަމެއް ލިބުނީ، އޭނާގެ ހުނަރު ފެނިފައި ޕޮލިސް ކްލަބަށް ކުޅެން ލިބުނު ފުރުސަތާއެކީއެވެ.

2023 ވަނަ އަހަރުގެ ފެބުރުވަރީ މަހު ޕޮލިސް ކްލާބާއެކު ފެށި ތަމްރީނުތަކާއެކީ، އޭނާގެ ދިރިއުޅުމަށް ވެސް އިތުރު ބަދަލުތަކެއް ގެނައެވެ. ބޭނުމަކަށްވީ ފުރިހަމަ ފިޓްނަސްގައި ހުރެ ކުޅުމަށް އެޅިދާނެ ހުރިހާ ހުރަސްތަކެއް ނައްތާލުމެވެ. އަދި އޭނާގެ ކިޔަމަންތެރިކަމާއި، ވޮލީއިން ހުނަރު އިތުރު ކުރުމަށް ހިތުގައި އޮތް ވަރުގަދަ އަޒުމުގެ ނަތީޖާއަކަށްވީ، ޓީމުގެ ކޯޗާއި ކުޅުންތެރިންގެ ފަރާތުން ލިބުނު އެހީތެރިކަން އިތުރުވެގެން ދިއުމެވެ.

ކުޅެން ފެށުނީ ކިހިނެއް؟

ލަތުފާނު ވޮލީގެ ތެރެއަށް ވަނުމުގެ އެންމެ ބޮޑު ނުފޫޒަކަށްވީ، ގައުމީ ފެންވަރުގައި ވޮލީ ކުޅުނު އޭނާގެ ބައްޕަ، އަލީ އިބްރާޙިމް (އަލިކާ) އެވެ. އެންމެ ކުޑަ އިރުސުރެއް ރަށު ފެންވަރުގައި ބާއްވާ ވޮލީ މުބާރާތްތަކަށް ބައްޕަ ކުޅެމުން ކުޅުނު "ހިޔާލީ ސްޕޯޓްސް ކްލަބް" ވަމުން ދިޔަ ތައްޔާރީތައް ލަތުފާނު ވަރަށް ކައިރިން ބެލިއެވެ. އެ މުބާރާތްތަކަށް އެ ޓީމުން ގައުމީ ޓީމުގެ ކުޅުންތެރިން ވެސް ގެންދިޔައެވެ. މި ހުރިހާ މަންޒަރެއް ފެނި، އެ ޓީމު ނެރެމުން ދިޔަ ނަތީޖާތަކާ ލަތުފާނުގެ އިހުސާސްތަކާވެސް ގުޅުނެވެ. ނަތީޖާއަކަށްވީ ވޮލީ ކުޅުމަށް ޝައުގުވެރިކަން އެފެދުމެވެ.

ނަމަވެސް އޭރު ހުރަހަކަށްވީ، ކުޅޭނެ ފުރުސަތު ނެތުމެވެ. ވޮލީ ކުޅޭ ކުޅުންތެރިއެއް ކުޅިވަރުގެ ހުނަރުން ޒީނަތްތެރިވުމަށް އެންމެ މުހިންމު ދައުރެއް އަދާކުރާ އެއްކަމަކީ ދިގު އިސްކޮޅެކެވެ. ލަތުފާނު އިސްކޮޅުން ދިގުވި ނަމަވެސް، އޭނާގެ އުމުރުން ހަގުވުމުން، "ބޮޑެތި މީހުން" ކުޅޭތަނަށް ދިޔަޔަސް ފުރުސަތެއް އޭރު ނުލިބެއެވެ. އެހެންކަމުން ލަތުފާނުވެސް ދިޔައީ ރައްޓެހިންނާއެކީ ފުޓުބޯޅަ ކުޅޭށެވެ.

ވޮލީގެ ތެރެއަށް އޭނާއަށް ވަދެވުނީ 2020 ވަނަ އަހަރުއެވެ. އޭރު އޭނާގެ އުމުރުން 15 އަހަރެވެ. ކޮވިޑުގެ އާލަމީ ވަބާ ކުރިމަތިވެ، ރިޒޯޓުގައި މަސައްކަތް ކުރަމުން ދިޔަ އޭނާގެ ބައްޕަ، އަލިކާ، ގިނަ ދުވަސްތަކެއް ވަންދެން ރަށުގައި މަޑުކުރަން ޖެހުނެވެ. އަދި ސްކޫލުގެ ކިޔެވުން ވެސް އެ ދުވަސްވަރު މެދުކަނޑާލާފައި އޮތުމުން، ދެބަފައިންގެ ފޫހިކަން ނިމުމަކަށް ގެނައީ ވޮލީ ކޯޓެވެ. 

އެގޮތުން ކޮންމެ ދުވަހެއްގެ ހެނދުނާއި ހަވީރު ލަތުފާނާއި އޭނާގެ ބައެއް ރަށްޓެހިން ގޮވައިގެން ވޮލީ ކޯޓަށް ގޮސް، ވޮލީ ކުޅުމުގެ ފިލާވަޅުތައް އަލިކާ ނަގައިދޭން ފެށިއެވެ. ކުޅޭއިރު ހެދޭ ގޯސްތައް ކިޔައިދިނެވެ. ބޯޅަ ޖެހުމުގައި ގެންގުޅެންޖެހޭ "ޓެކްނިކް"ތައް ބުނެދޭން ފެށިއެވެ. މި ފަރިތަކުރުންތައް އަލިކާ ގެންދިޔައީ ކޯޗިންގ ކޭމްޕެއްހެނެވެ.

ވެލިދޫ ރަމަޟާން ވޮލީ ލީގުގައި ލަތުފާނު ޝޮޓެއް ޖަހަނީ

ދެން ލަތުފާނު ފެނުނީ 2021 ވަނަ އަހަރު "ވެލިދޫ ރަމަޟާން ވޮލީ ލީގު" އިންނެވެ. އެއީ އޭނާގެ ފެށުމެވެ. ލަތުފާނުގެ އިސްކޮޅާއި، ކުޅުމުގެ ވައްޓަފާޅި ފެނިފައި ގިނަ ފުރުސަތުތައް ލިބެން ފެށީ އެ މުބާރަތަށް ފަހުއެވެ.

ޕްރޮފެޝަނަލް ވޮލީއަށް ކުރި ދަތުރު

ރަށު ސްކޫލުން އޯލެވެލް ނިންމުމަށްފަހު، ލަތުފާނު ވޮލީ ކުޅުމުގެ ދަތުރު ފެށީ ކޯޗު މުޙައްމަދު ސާޖިދު (ކާއްޓޭ) ދިން ފުރުސަތުތަކަކުންނެވެ. ލަތުފާނު ގަބޫލުކުރާ ގޮތުގައި އޭނާ ޕްރޮފެޝަނަލް ވޮލީއަށް ނެރެދިނީ ކާއްޓޭ ކޯޗެވެ. އެގޮތުން ލަތުފާނުގެ އެންމެ ފުރަތަމަ ތަޖުރިބާއަކަށްވީ، އިންޓަރ ރިޒޯޓް ވޮލީ މުބާރާތާ ދިމާކޮށް، ބަނޑޮހަށް އިންޓާންޝިޕަކަށް ދިއުމަށް ފުރުސަތު ހޯދައިދިނުމެވެ. ވަޒީފާގެ ތަޖުރިބާގެ އިތުރުން، މި ފުރުސަތުގެ އެންމެ މުހިންމު އަނެއް ބޭނުމަކަށްވީ ރަގަޅު ކުޅުންތެރިންތަކަކާއެކީ ފަރިތަކުރުންތަކެއް ހެދުމެވެ. ނަމަވެސް އެ ފަހަރު ބަނޑޮސް ޓީމު ނެގިއިރު އޭނާގެ ނަމެއް ނެތެވެ.

އެއަށްފަހު ކާއްޓޭ ކޯޗު އޭނާއަށް ފުރުސަތު ދިނީ ގައުމީ ބީޗް ވޮލީ ޖޫނިއާ ޓީމާއެކީ ތަމްރީނު ހެދުމަށެވެ. އެ ޓީމާއެކީ ހަތަރު މަސް ވަންދެން ތަމްރީނު ހެދިއެވެ. ދެން ލިބުނީ ސީނިއާ ގައުމީ ޓީމާއެކީ އެއް މަސް ވަންދެން ތަމްރީނުކޮށްލުމުގެ ފުރުސަތެވެ.

ގައުމީ ފެންވަރުގެ ކުޅުންތެރިންނާއެކު ލިބުނު ތަމްރީނުތަކަށްފަހު، ޕޮލިސް ކްލަބާ ގުޅުމުގެ ފުރުސަތު 2023 ވަނަ އަހަރުގެ ފެބުރުވަރީ މަހުގައި ލަތުފާނަށް ލިބުނެވެ. ލަތުފާނު ގަބޫލުކުރާ ގޮތުގައި ޕޮލިސް ކްލަބާ ގުޅުން ވެގެންދިޔައީ، އޭނާގެ ހުނަރު އިތުރުކުރަން ލިބުނު އެންމެ ރަގަޅު ފުރުސަތަށެވެ.

ޕޮލިސް ކްލަބާއެކު ޕްރޮފެޝަނަލް ކެރިއަރުގެ ފެށުން

ޕޮލިސް ކްލަބާ ގުޅުމަށްފަހު ހުނަރު ކުރިއެރުވުމަށް އެ ޓީމުގެ ކޯޗު އިބްރާހިމް ޖަލީލު (ޖައްލެ ކޯޗު) އާއި ސީނިއާ ކުޅުންތެރިން ދިން އިރުޝާދާއި ތަމްރީނުތަކަކީ އޭނާގެ ވޮލީ ކުޅުމުގެ ހުނަރު، ކުރު މުއްދަތެއްގައި ކުރިއެރުވުމަށް ތަނަވަސްވި އެންމެ ރަގަޅު ފުރުސަތެވެ. ހެނދުނާއި ހަވީރު ފަރިތަކުރުންތަކަށް ގެންގޮސް، ރަގަޅު ކުރަންޖެހޭ ކަންކަން ވަކިވަކިން ކިޔައިދިނެވެ. އެގޮތުން ފާއިތުވި 10 ވަރަކަށް މަހުގެ ތަމްރީނާއެކީ ޕޮލިސް ޓީމާއެކު ލަތުފާނު ތައްޔާރުވީ 2023 ވަނަ އަހަރުގެ ވޮލީ ސީޒަނަށެވެ. އަދި ވޮލީބޯޅަ އެސޯސިއޭޝަން ކަޕަކީ ގައުމީ ފެންވަރުގައި އޭނާ ކުޅުނު ފުރަތަމަ މުބާރާތެވެ.

ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގައި ލަތުފާނު ބްލޮކެއް އެޅުމަށް ލަތުފާނު މަސައްކަތްކުރަނީ

އެހެން ކްލަބްތަކާ ހިލާފަށް، ޕޮލިސް ކްލަބުން އެ މުބާރާތަށް ނިކުތީ އެއްވެސް ބިދޭސީ ކުޅުންތެރިއަކާއި ނުލައި، ވަރަށް ޒުވާން ޓީމަކާއެކުއެވެ. އެ މުބާރާތުގެ "ނޮކްއައުޓް" ބުރަށް ނުގޮސް، ޕޮލިސް ކްލަބް މުބާރާތުން ވަކިވާން ޖެހުނު އެއް ސަބަބަކީ އެއީ ކަމުގައި ގިނަ ބަޔަކު ބުނެއެވެ.

ހުނަރު ކުރިއެރުވުމުގެ ގޮތުން ދިރިއުޅުމަށް ގެނައި ބަދަލު

ވޮލީ ސީޒަނަށް ތައްޔާރުވިއިރު، ފިޓްނަސް ރަގަޅު ކުރުމުގެ ގޮތުން، ނިދުމާއި ކެއުމުގެ ވައްޓަފާޅިއަށް ލަތުފާނު ބަދަލު ގެނައެވެ. އަދި "ސްޕިރިޗުއަލީ" އޭނާގެ ނަފްސު ތައްޔާރުކުރުމުގެ ގޮތުން، ނަމާދުތަކަށް ކުރިޔަށް ވުރެން ބޮޑަށް ސަމާލުކަން ދިނެވެ. އެގޮތުން ރޭގަނޑު ކުރިން ނިދާފައި ފަތިހު ފަތިސްނަމާދަށް ހޭލަން އާދަކުރިއެވެ. އެއަށްފަހު ފަތިހު ހޭލައިގެން ގޮސް ހެދި ތަމްރީނުތަކަކީ ހުނަރު އިތުރު ކުރުމަށް އެޅުނު ބޮޑު ބާރެއް ކަމުގައި އޭނާ ދެކެއެވެ. ފާއިތުވި 8 މަސް ހޭދަކުރީ މެދު ނުކުނޑި މި ޝެޑިއުލްގައި ތަމްރީނުތައް ހެދުމުގައެވެ.

މީގެ އިތުރުން ޓީމުގެ ހުރިހާ ކުޅުންތެރިންނަށް އިހުތިރާމްކުރުމަކީ، ޕްރޮފެޝަނަލް ކުޅުންތެރިއަކަށް ވަރަށް މުހިންމު ކަމެއްކަމަށް ލަތުފާނު ގަބޫލުކޮށް، މި އާދަ ދެމެހެއްޓޭތޯ ބަލައެވެ.

ހުސް ވަގުތު ތަކުގައި ޕްރޮފެޝަނަލް މެޗުތައް ބެލުމާއި، ހުނަރު އިތުރު ކުރުމުގެ ޓިއުޓޯރިއަލްތައް ޔޫޓިއުބް މެދުވެރިކޮށް ބެލުމަކީ ވެސް މިހާރު އޭނާ ވަރަށް އިސްކަންދޭ ކަމެކެވެ. އަދި މިއީ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިންގެ ތަޖުރިބާއިން ފިލާވަޅު ހޯދުމަށް މުހިންމުކަމެއް ކަމުގައިވެސް އޭނާ ދެކެއެވެ.

މިހާރުގެ އަޒުމް

ލަތުފާނުގެ މިއަދުގެ އަޒުމަކީ، މީގެ ދެ އަހަރުކުރިން އޭނާ ރަށުން ބަނޑޮހައްދާން ފުރިއިރުގެވެސް އަޒުމެވެ. އެއީ ގައުމީ ޖާޒީ އާއި ވެލިދޫ ސްޕޯޓްސް ކްލަބްގެ ޖާޒީގައި ރަން މެޑަލް ހޯދުމެވެ. ގައުމާއި ރަށަށް ވޮލީ އިން ރީތި ޝަރަފެއް ހޯދައިދިނުމެވެ. އަދި ކުޅުންތެރިއެއްގެ ގޮތުގައި މިހާރު އޭނާގެ ޑިސިޕްލިން ހުރި ފެންވަރަކީ، މި ހުވަފެން ހަގީގަތަކަށް ހެދުމަށް މަގު ކޮށައިދޭނެ އުއްމީދީ ހަތިޔާރެއްކަން ޔަގީނެވެ.

މި ދަތުރުގައި އަބަދުވެސް އޭނާގެ އެންމެ ބޮޑު ހިތްވަރަކީ މަންމައާއި ބައްޕަ ކުރާ އިތުބާރެވެ. ކާއްޓޭ ކޯޗާއި، ޖައްލެ ކޯޗާއި އަދި ފަތުހުﷲ ވަހީދު (ފައްލޮ ކޯޗު)ގެ އުއްމީދީ ވާހަކަތަކެވެ. މީގެ އިތުރުން ޕޮލިސް ކްލަބުންދޭ އެހީތެރިކަމެވެ. އަދި އޭނާ ފަށާފައިވާ އުއްމީދީ މި ދަތުރުގައި، އާއިލާ އާއި ރައްޓެހިންދޭ އެހީތެރިކަމަކީ، މި ގޮތުގައި ދެމިހުރުމަށް އޭނާ ލިބޭ ވަރަށް ބޮޑު ހިތއްވަރެއް ކަމުގައި ދެކެއެވެ.

ވެލިދޫ ރަމަޟާން ވޮލީ ލީގު 1444 ކާމިޔާބު ކުރުމަށްފަހު ލަތުފާނު އޭނާގެ މަންމަ އާއި ބައްޕައާއިއެކު ފޮޓޯއަކަށް ހުއްޓިގެން 

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.