Advertisement

28 Mar 2021
ރިޕޯޓް
ޢަލީ ސުލައިމާން

ގެސްޓުހައުސް ވިޔަފާރިއާއެކު މިހާރު ރާއްޖޭގެ ފަތުރުވެރިކަން

ދިވެހިރާއްޖޭގެ އިޤުތިޞާދުގެ 70އިންސައްތަ ބިނާވެފައި ވަނީ ފަތުރުވެރިކަމާއި ފަތުރުވެރިކަމާއި ގުޅިފައިވާ ވިޔަފާރިތަކުން ލިބޭ އާމުދަނީއަށެވެ. އެހެންކަމުން ގެސްޓުހައުސް ވިޔަފާރިއާއެކު މިހާރު ފަތުރުވެރިކަމުގެ މިސްރާބު ހުރީ ކިހިނެއް؟

ރާއްޖޭގެ ފަތުރުވެރިކަން ފެށުނީއްސުރެ 2008 ވަނަ އަހަރާއި ހަމައަށް، ރާއްޖޭގެ ފަތުރުވެރިކަން މައިގަނޑުގޮތެއްހައި ހިންގެމުން އައީ ވަން އައިލެންޑް ވަން ރިޒޯޓުގެ ކޮންސެޕްޓަށް، މީހުންނާއި މީހުން ދިރިއުޅޭ ރަށްތަކާއި މުޅިން ވަކިންނެވެ. 2010 ވަނަ އަހަރު ކ މާފުށީގައި ރާއްޖޭގެ ފުރަތަމަ ޓޫރިސްޓް ގެސްޓްހައުސް ހުޅުވުމާއި އެކު ފަތުރުވެރިކަމުގެ ސިނާއަތް މިހާރު ހުރީ އައު މިސްރާބަކަށެވެ.

2010 ވަނައަހަރު ރާއްޖޭގައި މީހުން ދިރިއުޅޭ ރަށެއްގައި ގެސްޓް ހައުސް ހުޅުވުނު އިރު، 2018 ވަނަ އަހަރު މިސަރުކާރު އައުމާއި ހަމައަށް ރާއްޖޭގައި ހުރީ، 518 ގެސްޓް ހައުސްއެވެ. އެއީ 8449 އެނދެވެ. އެކަމަކު 2021 ވަނަ އަހަރުގެ މާރިޗު މަހާއި ހަމައަށް އައިރު، 686 ގެސްޓް ހައުސް ހުރި އިރު، އެއީ 11،025 އެނދެވެ. 

އެހެންކަމުން ގެސްޓް ހައުސް ވިޔަފާރީގެ ކުރިމަގު މިހާރު އޮތީ ކިހިނެއް؟

ރާއްޖޭގައި ބޭއްވުނު ފުރަތަމަ ގެސްޓް ހައުސް ސިމްޕޯޒިއަމްގައި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ، ގެސްޓް ހައުސްތައް ތަރައްޤީ ކުރުމަށް މިސަރުކާރުގެ ސިޔާސަތުތައް ހާމަ ކުރައްވާފައެވެ. 

" ގެސްޓް ހައުސްތަކާއި ރާއްޖޭގައި ހިންގާ ހުރިހާ ވިޔަފާރިތަކާއި، އަދި އަލަށް ވިޔަފާރިއެއް ފަށަން ބޭނުންވާ ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ، އެކަމަށް އިންވެސްޓްކުރާނެ ފައިސާ، ފަސޭހައިން ހަމަނުޖެހުން. މިއަދުގެ ސިމްޕޯޒިއަމްގައި ގިނަ ބޭފުޅުން ފާހަގަކުރެއްވި އެއްމައްސަލައަކީ، ގެސްޓް ހައުސް ވިޔަފާރި ތަރައްޤީކުރަން އެކަށީގެންވާ މާޙައުލެއް ނެތްކަން." ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހާއްމަދު ޞާލިޙް ވިދާޅުވިއެވެ.

ގެސްޓްހައުސްގެ ވިޔަފާރިއަށް އޮތް ދަތިތަކަށް ހައްލުހޯދައިދީ ގެސްޓް ހައުސްގެ ވިޔަފާރީގައި ސީދާ ދިވެހިންނަށް ބައިވެރިވެ ކުރިޔަށް ދެވޭނެ މަގު ފަހި ކުރުމަށް ޤަވާއިދުތަކާއި އުސޫލުތަކަށް ބަދަލު ގެނެސް ބޭރުގެ ފަރާތްތަކާއިއެކު ގެސްޓްހައުސްގެ ވިޔަފާރި ފެށޭނެ މަގު ސަރުކާރުން މިހާރު ވަނީ ފަހިކޮށްދީފައެވެ. އެހެންކަމުން ގެސްޓް ހައުސް ވިޔަފާރީގައި މެޖޯރިޓީ ހިއްސާ ދިވެހިންނަށް އޮންނަ ގޮތަށް ބިދޭސީންނާއިއެކު މި ވިޔަފާރި ހިންގޭނެ މަގުތައް ފަހިވެގެންދާނެއެވެ. 

" މިއަދު ރިޒޯޓްތަކުގެ ކުދިންވެސް އަދި އެހެން ތަންތަނުގައި ވަޒީފާތަކުގައި އުޅޭ ކުދިންވެސް ފަތުރުވެރިކަމުގެ ދާއިރާގެ ޕްރޮޑަކްޓްގެ ވެރިއަކަށް ވާން ބޭނުންވާ ކުދިންނަށް ފުރުޞަތު ހުޅުވިގެން މިދިޔައީ." ޓުއަރިޒަމް މިނިސްޓަރ އަބުދުﷲ މައުސޫމް ވިދާޅުވިއެވެ.

ދުނިޔޭގައި ރާއްޖެ މަޝްހޫރުވެފައި އޮތީ މަތީފަންތީގެ މަންޒިލެއްގެ ގޮތުގައެވެ. ލަގްޒަރީ ރިޒޯޓުތަކާއި ހޮޓާތައް އަމާޒު ކުރެވިފައިވާ ހުރީ މުއްސަނދިންނަށެވެ. އެހެން ނަމަވެސް ފަތުރުވެރިންގެ އާބާދީގެ ތެރެއިން އަދި ދުނިޔޭގެ އާބާދީގައިވެސް އެންމެ ގިނަ ބަޔަކީ މެދު ފަންތީގެ މީހުންނެވެ. އެހެންކަމުން ރާއްޖޭގެ ފަތުރުވެރިކަން މެދުފަންތީގެ މީހުންނަށް އަމާޒު ކުރުމަށްޓަކައި ގެސްޓް ހައުސްގެ ވިޔަފާރި މުހިއްމު ވެގެން ދިޔައެވެ.

ގެސްޓްހައުސްގެ ވިޔަފާރީގައި ބިދޭސީން ބައިވެރިވުމާއި މެދު ބައެއް ފަރާތްތަކުގެ ކަންބޮޑުވުމަކީ، ގެސްޓު ހައުސް ވިޔަފާރި ދިވެހިންގެ އަތުން ބީވެދާނެތޯ؟

ދިވެހިންގެ އަތުން ބީވެގެން ދާ ގޮތަކަށް ނޫން މި ރޭވިފައި އޮތީ. %51 ދިވެހިންގެ އަތުގައި އޮންނާނެ. ދެން އޮތީ މިހާރު ތިބި ދިވެހި މޮޅެތި ކުދިންތައް މި ވިޔަފާރި ތެރެއަށް ނުވަދެ ތިބެން ވީތޯ؟ އަހަރު 2000 އެނދު ދިވެހިރާއްޖެއަށް ގެނެސްގެން ވާނެތޯ؟ ނުވާނެ. މިހާރު ހުރި 52000 އެނދަކީ މާ މަދު އަދަދެއް" ޓުއަރިޒަމް މިނިސްޓަރ ޢަބުދުﷲ މައުސޫމް ފާހަގަކުރެއްވިއެވެ.

ގެސްޓް ހައުސްގެ ވިޔަފާރީގައި ފޮރިންގ އިންވެސްޓްމެންޓްތައް އިތުރުވުމަކީ، ދިވެހި އިޤުތިޞާދަށް އޭގެ ސަބަބުން ބޮޑު ބަދަލެއް އަންނާނެ ކަމެކެވެ. 1980 ވަނަ އަހަރު ރާއްޖޭގެ ޖީޑީޕީގައި ބޮލަކަށް ޖެހޭ ނިސްބަތަކީ، 1480 ޑޮލަރު ނަމަވެސް 2019 ވަނަ އަހަރު ނިމުނު އިރު، ބޮލަކަށް ޖެހޭ ނިސްބަތް ހުރީ 10،541 ޑޮލަރަށް ވުރެ މަތީގައެވެ. ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ އިޤުތިޞާދު ފުޅާވަމުން އާމްދަނީ އިތުރުވަމުން އައި ނަމަވެސް، ސީދާ ރައްޔިތުންނަށް މަންފާ ކުރާ މިންވަރު ކުޑައެވެ. އެހެންކަމުން ގެސްޓް ހައުސްގެ ވިޔަފާރިއަކީ، ސީދާ ރައްޔިތު މީހާ އާއި ގުޅިފައިވާ އަދި ސީދާ ރައްޔިތު މީހާގެ ޖީބަށް ޑޮލަރު ވަންނާނެ ވިޔަފާރިއަކަށް ވުމާއެކު، ގެސްޓް ހައުސްގެ ވިޔަފާރިއަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ އެންމެ ފުޅާ ވިޔަފާރިއަށް ވާނެ ކަމުގެ ކުލަވަރު މިހާރު މިދަނީ ފެންނަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.