Advertisement

04 Apr 2021
ރިޕޯޓް
ޢަލީ ސުލައިމާން

މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ސިޔާސަތަށް ގެންނަ ބަދަލު

ވަރަށް ކުރީއްސުރެ ދިވެހިންގެ ތެރެއަށް މަސްތުވާތަކެތި ވަނީ ތަޢާރަފްވެފައެވެ. އެހެން ނަމަވެސް ޤައުމީ ފެންވަރެއްގައި މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ހޯދުމަށް ފުރަތަމަ ޤާނޫނެއް ހެދައި އަމަލުކުރަން ފެށީ 1977 ގައެވެ. އޭރުންފެށިގެން 2011 ވަނަ އަހަރާއި ހަމައަށް، މަސްތުވާތަކެތި ހައްލުކުރުމަށް ކުރެވުނު މަސައްކަތަކީ، މަސްތުވާތަކެތި ބޭނުން ކުރާ މީހުން ހޯދައި ހައްޔަރުކޮށް ޖަލަށްލުމެވެ. މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރި ހިންގުމަށް ފަންޑު ކުރާމީހުންނާއި އެވިޔަފާރިން މަންފާ ހޯދާމީހުންގެ ގައިގައި އަތްނުލެވި، ޖަލަށް ލެވެމުން ދިޔައީ މަސްތުވާ ތަކެތީގެ ވަބާގައި ޖެހުނު ޒުވާނުންނެވެ.

2013 ވަނަ އަހަރު ޔޫއެންއޯޑީސީ އާއި ދިވެހި ސަރުކާރު ގުޅިގެން ކުރިޔަށް ގެންދިޔަ ސާވޭގެ ނަތީޖާގައި ރާއްޖޭގައި މަސްތުވާތަކެތި ބޭނުން ކުރަނީ 7496 މީހުން ކަމުގައި ބުނެފައި ވީނަމަވެސް ނުރަސްމީ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އަދަދު އެއަށްވުރެ މާމަތިވާނެއެވެ. 2007 ވަނަ އަހަރު، ނުރަސްމީ ފަރާތަކުން ކުރި ސާވޭއެއްގެ ނަތީޖާގައި ރާއްޖޭގައި 33000 ވުރެ ގިނަ މީހުން މަސްތުވާތަކެތި ބޭނުން ކުރާކަން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން އޭގެ 14 އަހަރު ފަހުން މިހާރު ރާއްޖޭގެ ހާލަތު އޮތް ހިސާބެއް ޚިޔާލަށް ގެންނަންވެސް ދަތިވާނެއެވެ.

ރާއްޖޭގެ ޖަލުތަކުގައި ބަންދު ކުރެވިފައިވާ ކުށްވެރީންގެ %60 މީހުންނަކީ، މަސްތުވާތަކެއްޗާއި މަސްތުވާތަކެއްޗާއި ގުޅުހުންހުރި ކުށްތަކުގައި ޖަލަށްލެވިފައިވާ މީހުންނެވެ. އަދި އޭގެތެރޭގައި ގިނައީ އުމުރުން 18 އަހަރާއި 34 އަހަރާއި ދެމެދުގެ ޒުވާނުންނެވެ.

2011 ވަނަ އަހަރު ވުޖޫދު ކުރެވުނު މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނަށް ފަހުވެސް މަސްތުވާތަކެތީގެ ފަރުވާގެ ނިޒާމްތައް އެކަށީގެންވާ ގޮތުގައި ހިންގިފައި ނެތުމާއި، މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ކުރެވިފައި ނެތުމުގެ ސަބަބުން، ޤައުމުގެ ހާލަތު ދިޔައީ ގޯހުން ގޯހަށެވެ. އެހެންކަމުން މަސްތުވާތަކެތީގެ ވަބާއިން ޒުވާނުން ސަލާމަތް ކުރެވޭނީ ކިހިނެއް؟

ރާއްޖެއަށް އެތައް ސަތޭކަ ކިލޯއެއްގެ މަސްތުވާތަކެތި އެތެރެކުރަމުން ދާއިރު، މިއީ އާދައިގެ ބަޔަކަށް ކުރެވޭނެ ކަމެއް ނޫނެވެ. އަތުލައިގަނެވޭ މަސްތުވާތަކެތީގެ އަގު އެތައް މިލިޔަނަކަށް އަރާއިރު، މިއީ ލާރި ހުރި މުއްސަނދި ބަޔަކު ނުވަތަ މީހަކު ފަންޑުކޮށްގެން ހިންގާ ވިޔަފާރިއަކަށް ނޫނީ ނުވާނެއެވެ.

އެހެންކަމުން މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވައިލުމަށްޓަކައި ސިޔާސަތަށް ބަދަލު ގެނެސް، ޕީޖީއަށް ކުރެވޭނީ ކޮންކަމެއްތޯ ސުވާލުކުރުމުން ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ މިވަގުތަށް ފެންނަން އޮތް އެންމެ ރަނގަޅުކަމަކީ ފައިސާގެ ފަހަތުން ދިޔުން ކަމަށާއި މަސްތުވާތަކެތި ޓްރެފިކްކޮށްގެން ހޯދާ ފައިސާ އެހެން ކަންކަމަށް ބޭނުންކުރަންޏާ އެފައިސާވެސް އަތުލެވޭނެ ކަމަށް މަނީ ލޯންޑަރިންގެ ޤާނޫނުގައި އެބަ ބުނާ ކަމަށެވެ.

ޕީޖީ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، 2019 ވަނަ އަހަރާއި 2020 ވަނަ އަހަރުވެސް ދައުލަތުން ދައުވާކުރި މައްސަލަތަކުގެ 60 އިންސައްތަ މައްސަލައަކީ މަސްތުވާތަކެއްޗާއި މަސްތުވާތަކެއްޗާއި ގުޅުން ހުރި މައްސަލަތަކެވެ.. ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހިންގަމުން އަންނަ މަސްތުވާތަކެތީގެ ވިޔަފާރީގެ ސަބަބުން އެތައް ޒުވާނުންނެއް މަސްތުވާތަކެތީގެ އަޅުންނަށް ވެފައި ވާއިރު، ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކޮންމެ އަހަރަކުވެސް ފުލުހުންނަށް ހުށައެޅޭ އެންމެ ގިނަ މައްސަލަތަކަކީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. ރާއްޖޭގެ ހުރިހާ އަތޮޅަކުންވެސް މަސްތުވާތަކެތީގެ މައްސަލަތައް ގިނައިން ހުށައެޅެއެވެ.

 ފާއިތުވި 3 އަހަރުގެ ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރި އާއި ގުޅޭ ދުއިސައްތައަށް ވުރެ ގިނަ މައްސަލަތައް ފުލުހުން ތަހުޤީޤުކޮށް ދައުވާކުރަން ފޮނުވާފައިވެއެވެ. އެހެންވީއިރު މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ފުލުހުންނަށް އޮތް ގޮންޖެހުމަކީ ކޮބާ؟

"މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބައެއްގެ މައްޗަށް އަޅުގަނޑުމެން މައްސަލަ ތަހުޤީޤުކޮށްފައި، ފޮނުވާފައި އެ މީހުން ހައްޔަރުގައި ބަންދުގައި ތިބެފައި، އެމީހުން ޝަރީއަތް ނުނިމި އެމީހުން ވީއްލުމަކީ، އަނެއްކާވެސް އެކަންކަން ކުރަން އެމީހުންނަށް ލިބޭ ފުރުޞަތަކަށް މިވެގެން ދަނީ. އެހެންވީމަ އެކަންކަން އެގޮތަށް އެބަ ހިނގާ. އަދި އަޅުގަނޑުމެން އަތުލާ ބޭރުގެ ފަރާތްތައް، ރާއްޖެއަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގައި ހިމެނޭ އެކި ޤައުމުތަކުގެ މީހުންނާއި، މިމީހުންނާއި އެއްކޮށް އެއްތަނެއްގައި ތިބެން ޖެހުމަކީ އަނެއްކާވެސް، މިމީހުންނަށް ފުރުޞަތެއްގެ ގޮތުގައި މިވަނީ." ހެޑް އޮފް ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓް، އަހުމަދު ޝާކިރު ވިދާޅުވިއެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުންނެތް މުޖުތަމައަކަށް ދިވެހި މުޖުތަމައު ހެދުމަށްޓަކައި ކުރަންޖެހޭ އެންމެ މުހިއްމު މަސައްކަތަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާމީހުންނާއި އެވިޔަފާރިއަށް ފަންޑްކުރާމީހުން ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމެވެ. އެކަމަކަށްޓަކައި ޤާނޫނުތަކާއި ޤަވާއިދުތަކަށް ބަދަލު ގެނެސް، ކަމާއި ގުޅުން ހުރި ހުރިހާ މުއައްސަސާތަކެއް ގުޅިގެން މަސައްކަތްތައް ކުރަންޖެހެއެވެ. މަސްތުވާތަކެތީގެ އަނދިރި ދުނިޔެއިން ޒުވާނުން ނެރުމަށްޓަކައި ކުރެވޭ މަސައްކަތަށް އަލިމަގެއް ފެންނާނީ، މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވައި އެ ވިޔަފާރިތައް ހިންގާމީހުން އިންސާފުގެ ކުރިމައްޗަށް ގެނެވިގެންނެވެ. އެކަމަށް އާގޮތްތަކާއި އާއުކުޅުތައް މިއަދު ވަނީ ބޭނުންވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.