Advertisement

ރައީސުލްޖުމްހޫރިއްޔާ، ޑރ.މުޙައްމަދު މުޢިއްޒު ---

26 Nov 2023
ރިޕޯޓް

ޑރ. މުޢިއްޒަށް ކިހާ ދުވަހަކު ވެރިކަން ދެމެހެއްޓޭނެތަ؟

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އިއުލާނު ކުރުމުގެ މާކުރިންވެސް، ޕީޕީއެމް ޕީއެންސީން ވަރަށް ހަރުއަޑުން ގޮވަމުން އައި ވާހަކައެއް އޮތެވެ. އެއީ ޕީޕީއެމް ޕީއެންސީގެ ކޯލިޝަނުން ނެރޭނެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން ކަމަށެވެ. އަދި ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަ ނުކުރެވޭނެ ގޮތެއް އެއީ، ޕީޕީއެމް ޕީއެންސީ ބަލައިގަންނާނެ ގޮތެއް ނޫންކަމުގައިވެސް އެ ދެޕާޓީން އައީ ބުނަމުންނެވެ. ޕީޕީއެމް ޕީއެންސީގައި ހިމެނޭ ހުރިހާ މެމްބަރުންވެސް ތިބީ ވަރުގަދައަށް އެއަޒުމުގައި ހިފަހައްޓައިގެންނެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާނު ކުރުމާއިއެކު، ޕީޕީއެމް ޕީއެންސީ ކޯލިޝަނުން، ރައީސް ޔާމީންގެ ކެންޑިޑެންސީ އިލެކްޝަންސް ކޮމިޝަނަށް ހުށައެޅިއެވެ. އަދި ރައީސް ޔާމީނުގެ ރަނިންގ މޭޓުގެ ގޮތުގައި އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ، ޑރ. މުޙައްމަދު ޖަމީލު ޢަހްމަދު، ކަނޑައެޅުއްވިއެވެ. އެހެން ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ނިންމީ، ރައީސް ޔާމީންގެ ޝަރުޠު ހަމަނުވާ ކަމަށެވެ. އެއާއެކު މައްސަލަ ހިފައިގެން ރައީސް ޔާމީނުގެ ފަރާތްޕުޅުން ވަޑައިގެންނެވީ ދިވެހިރާއްޖޭގެ ހައިކޯޓަށެވެ. ހައިކޯޓުންވެސް ނިންމީ ރައީސް ޔާމީނުގެ ޝަރުޠު ހަމަނުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށެވެ. 

އެތައް ދުވަހަކުއްސުރެ ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި، ރައީސް ޔާމީން ނޫން އެހެން ބޭފުޅަކު ނުނެރޭނެ ކަމަށް އެދެޕާޓީގެ އިސްވެރިން ބުނަމުން ދިޔުމާއިއެކު ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ނެތްކަމަށްް ހައިކޯޓުން ކަނޑައެޅުމުން ރައީސް ޔާމީނު ނިންމެވީ، އިންތީޚާބު ބޮއިކޮޓް ކުރައްވާށެވެ. އެހެން ނަމަވެސް ޕީޕީއެމް ޕީއެންސީން ރިޔާސީ އިންތިޚާބު ބޮއިކޮޓް ކުރެއްވުމާއި ދެކޮޅު ހެއްދެވީ، ޢަބުދުއްރަޙީމާއި ޑރ މުއިއްޒުއެވެ. 

Advertisement

ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދު ---

2021 ވަނަ އަހަރުން ފެށިގެން ޑރ. މުޙައްމަދު މުޢިއްޒު ވަނީ، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ސިއްރިިޔާތުގައި ކެމްޕޭންތައް ފައްޓަވާފައެވެ. އަދި ޕާޓީގެ ތެރޭގައި ވަކިން ޑރ. މުޙައްމަދު މުޢިއްޒު ނުފޫޒު ގަދަކުރައްވަމުން ގެންދަވާކަން، ދެޕާޓީގެ އިސްބޭފުޅުންނަށްވެސް އެނގެއެވެ. 

"ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕް ފުނޑާލުމުގެ މަސައްކަތަކީ، ދުރާގާތުން، ވަރަށް ރޭވުންތެރިކަމާއި އެކު ކުރަމުންގެންދާ މަސައްކަތެއް. ދަންނަވާލަން އޮތީ ތޔަ ކުރެވެނީ ބޭކާރު މަސައްކަތެކޭ. އިޔަ މަޤުޞަދު ޙާޞިލެއް ނުވާނެ. އިންޝާﷲ، ރިޔާސީ ކެންޑިޑޭޓަކީ، ރައީސް ޔާމީން، މިތިބީ ވަރަށް ބަދަހިކޮށް ރައީސް ޔާމީނާއިއެކު."

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ޑރ. މުއިއްޒު ނުކުންނަވާކަން 2 އަހަރު ކުރިން ނޫސްތަކުން ރިޕޯޓްކުރުމުން ޢަބުދުއްރަހީމް ކުރެއްވި ޓްވީޓް؛ 

ރައީސް ޔާމީނުގެ މައްޗަށް ޖަަލުޙުކުމެއް އައުމުގެ ކުރިންވެސް، ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ރޭހަށްތައްޔާރުވަމުން ދިޔަކަން، ޕީޕީއެމް ޕީއެންސީގެ މެމްބަރުންނަށް އެނގެއެވެ. އަދި އެކަމުގެ ސަބަބުން އޭރުވެސް ޑރ. މުޢިއްޒާއި، ރައީސް ޔާމީނާއި ދެމެދު އައީ ފިނި ހަނގުރާމައެއް ހިނގަމުންނެވެ. 

ރައީސް ޔާމީނު ޖަލުގައި ބަންދުކުރުމުގެ ފަހުންވެސް، ޑރ. މުޢިއްޒު އެމަނިކުފާނުގެ ރިޔާސީ ކެމްޕޭންތައް ކުރިޔަށް ގެންދެވީ ވަރަށް ހީލަތްތެރިކޮށް ފޮރުވިގެން ހުންނަވައި، ރޭވުންތެރިކަމާއި އެކުގައެވެ. މިގޮތުން ރައީސް ޔާމީނަށް އިންތިޚާބުގައި ވާދަ ނުކުރެއްވޭ ޙާލަތުގައި، ޕީއެންސީން އިންތިޚާބަށް ކެންޑިޑޭޓަކު ނެރުމަށް ނިންމުމާއިއެކު، ޑރ. މުޢިއްޒު ޕީޕީއެމް ދޫކޮށްލައްވައި، ޕީއެންސީއާ ގުޅިވަޑައިގަތެވެ. 

ޑރ. މުއިއްޒު ޕީއެންސީގެ ޓިކެޓް ކަށަވަރު ކުރެއްވީ، ޕީއެންސީގެ މަޝްވަރާ މަޖިލީހުގެ 48 ބޭފުޅުންގެ ތެރެއިން 25 ބޭފުޅުންގެ ވޯޓު ހޯއްދަވައިގެންނެވެ. ޑރ މުޢިއްޒުއާ ވާދަކުރެއްވި އާދަމް ޝަރީފަށް ލިބިވަޑައިގެންނެވީ 23 ވޯޓެވެ.

ޕީއެންސީގެ މަޝްވަރާ މަޖިލީހުގެ ތާއީދު ޑރ. މުޢިއްޒުއަށް ހޯއްދަވައި ދެއްވުމަށް ޢަބުދުއްރަހީމް ސިއްރިޔާތުގައި މަސައްކަތްޕުޅު ކުރެއްވި ކަމަށް، ޕީޕީއެމް ޕީއެންސީގެ ސެނެޓުގައި ހިމެނޭ މެމްބަރުން ތުހުމަތު ކުރައްވާފައިވެއެވެ.

ރިޔާސީ އިންތިޚާބަށް، ޕީއެންސީ ޑރ. މުއިއްޒަށް ރިޔާސީ ޓިކެޓް ދިނުމުން އެކަމާއި މެދު ދެކޮޅަށް ވާހަކަފުޅު ދެއްކެވި އެއްބޭފުޅަކީ، މިހާރު، ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުގެ ފިޝަރީޒް މިނިސްޓަރަކަށް ޢައްޔަނު ކުރައްވާފައިވާ، ނައިފަރުދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ޝިޔާމް އެވެ.

"ޔާމީނަށް ކުރިމަތި ނުލެވޭ ހާލަތުގައި ވެސް އެ މަނިކުފާނު ވެސް ބޭނުންފުޅު ވާނީ ޕީޕީއެމްގެ ކެންޑިޑޭޓެއް ނެރެން."

އަޙްމަދު ޝިޔާމް --

ރިޔާސީ އިންތިޚާބުގައި ޕީޕިއެމްއިން ކެންޑީޑޭޓަކު ނެރެން ކުރި މަސައްކަތް ފޭލުކޮށްލީވެސް، ޑރ. މުޢިއްޒު ކަމުގައި، އޭރު ޕީޕީއެމްގެ ތެރޭގައި ތިއްބެވި ބައެއް ބޭފުޅުން ތުހުމަތު ކުރެއްވިއެވެ. އޭގެ ތެރެއިން އެއްބޭފުޅަކީ، ޕީޕީއެމްގެ ރިޔާސީ ޓިކެޓު ހޯއްދެވުމަށް މަސައްކަތްޕުޅު ކުރެއްވި، ކުރީގެ ރައީސް ޑރ. މުހައްމަދު ވަޙީދު ޙަސަން މަނިކެވެ.

ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ޙަސަން މަނިކު ---

"އަޅުގަނޑު އުއްމީދުކޮށްގެން ހުރީ އަޅުގަނޑަށް އެފުރުޞަތު ލިބިދާނެކަމަށް، ރައީސް ޔާމީނަށް ކުރިމަތި ނުލެއްވޭ ހިނދެއްގައި. ޕާޓީތެރޭގައި އޮތީ ތިން އޮޕްޝަނެއް ކަނޑައަޅާފައި. ފުރަތަމަ އޮޕްޝަން، ޕްލޭން އޭއަކީ ރައީސް ޔާމީން މިނިވަންވެ ވަޑައިގެން ނުކުމެވަޑައިގަތުން. ޕްލޭން ބީގައި އޮތީ ނުކުމެވަޑައިނުގެންނެވެ ހިނދެއްގައި، ޕީޕީއެމްއިން އެހެން ކެންޑިޑޭޓެއް ނެރުން. އަޅުގަނޑު ހުރީ އެ އުންމީދުގައި. ދެން އޮތީ، ޕްލޭން ސީ. ޕްލޭން ސީއަކީ، ޕްލޭން ބީ މަސައްކަތް ނުކޮށްފިއްޔާ، ޕީއެންސީގެ ކެންޑިޑޭޓަކު ނެރެން. ވަގުތު ލިބުނު، ރައީސް ޔާމީން އެންގެވި ގޮތަކަށް ނޫންކަންތައް ހިނގާ ދިޔައީކީ."

ކުރީގެ ރައީސް ޑރ. މުޙައްމަދު ވަހީދު ޙަސަން މަނިކު-

ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ވަނީ، ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ތެރޭގައިވެސް ރިޔާސީ ޓިކެޓް ހޯދުމުގައި ޑރ. މުޢިއްޒުއާއި ޢަބުދުއްރަހީމް ކަންކުރެއްވި ގޮތުގެ ވާހަކަތައް ޙިއްސާކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވާ ގޮތުގައި، 10 އަހަރު ފަހުން ޕީޕީއެމް ދޫކުރައްވައި، ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތީވެސް އެކަން އެގޮތަށް ހިނގައި ދިޔުމުންނެވެ.

ޑރ، ވަހީދު ތުހުމަތު ކުރައްވާ ގޮތުގައި، އަބުދުއްރަހީމާއި، ޑރ. މުއިއްޒު އަޑީގައި ހުންނަވައިގެން، ފަހު ވަގުތު ޕީޕީއެމްގެ ކެންޑިޑޭޓް ނެރުނަ ނުދެއްވީއެވެ.

ރިޔާސީ އިންތިޚާބުގެ ކެންޑިޑެންސީ އިލެކްޝަންސް ކޮމިޝަނަށް ހުށައެޅުއްވުމަށްފަހުގައި މީޑިއާތަކާއި ވާހަކަފުޅު ދައްކަވަމުން، ޑރ. މުޢިއްޒު ވިދާޅުވީ، އެބޭފުުޅުންގެ މުޅި ހުރިހާ މަޤުޞަދަކީވެސް ރައީސް ޔާމީން ޖަލުން ސަލާމަތް ކުރުން ކަމަށެވެ. އަދި ރިޔާސީ ޓިކެޓަކީ ރައީސް ޔާމީނަށް ޙައްޤުއެއްޗެއް ކަމަށާއި ނުކުމެވަޑައިގަތީ އެމަނިކުފާނަށްޓަކައި ކަމަށްވެސް ޑރ މުއިއްޒު ވިދާޅުވިއެވެ.

އިންތިޚާބުގެ ކެމްޕޭނުގައި ޑރ. މުޢިއްޒު ވާހަކަފުޅު ދައްކަވަނީ ---

ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ޑރ. މުޢިއްޒު އާއްމު ކުރެއްވި ކޮންމެ ޕޯސްޓަރެއްގައިވެސް، ކެންޑިޑޭޓާއި ރަނިންމޭޓަށްވުރެ ބޮޑުކޮށް ހުރީ ރައީސް ޔާމީންގެ ފޮޓޯފުޅެވެ. ކޮންމެ ކެމްޕޭން ޖަލްސާއެއް އަދި ބައްދަލުވުމެއްގައި، ރައީސް ޔާމީނަށް ޚާއްސަކޮށްފައި ހުސް ގޮނޑިއެއް ބަހައްޓަމުން އައެވެ. ކެމްޕޭން ކޮންމެ ވާހަކަފުޅެއްގައި، އެންމެ އިސް ބަހަކަށް ޑރ. މުޢިއްޒު ރައީސް ޔާމީނުގެ ވާހަކަފުޅު ހަނދާންކޮށްދެއްވައެވެ.

"އަހަރެމެން ޑރ. މުޢިއްޒަށް މިދޭ ވޯޓަކީ، ރައީސް ޔާމީން މިނިވަން ކުރުމަށްދޭ ވޯޓެއް."

ރައީސް ޔާމީނުގެ ސަޕޯޓަރުން

ރާއްޖޭގެ ސިޔާސީ މަޝްރަޙް ދިރާސާކުރައްވާ ފަރާތްތަކުން ޤަބޫލުކުރައްވާ ގޮތުގައި ޑރ. މުޙައްމަދު މުޢިއްޒަށް ރިޔާސީ އިންތިޚާބުގައި ލިބުނު ކާމިޔާބީއަކީ، ރައީސް ޔާމީންގެ ހިޔަނީގައި ހުންނަވައިގެން އެމަނިކުފާނު ހޯއްދެވި ކާމިޔާބެކެވެ. ޕީޕީއެމް ޕީއެންސީގެ އާއްމު މެމްބަރުން އެކަތިގަނޑެއްގެ ގޮތުގައި ނުކުމެ ޑރ. މުޢިއްޒަށް ވޯޓު ދިނީ ރައީސް ޔާމީނަށް ޓަކައެވެ. އެހެންނަމަވެސް ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާއާއި ހަމައިން މުޅި މަންޒަރާއި ރާގު ބަދަލުވެއްޖެއެވެ.

ރިޔާސީ އިންތިޚާބު ޑރ. މުޢިއްޒު ކާމިޔާބު ކުރެއްވުމާއިއެކު، ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ރައީސް ޔާމީނު ޖަލުބަންދުން ގޭބަންދަށް ބަދަލުކުރިއެވެ. އެކަމުގެ ކުރެޑިޓް ނަންގަވައި ޑރ. މުޢިއްޒު ވިދާޅުވީ، ރައީސް ޔާމީނު ސަރުކާރުން ގެއަށް ބަދަލުކުރެއްވީ، އޭނާއެކަމަށް އެދިވަޑައިގެން ކަމަށެވެ.

ރައީސް ޔާމީން ޖަލު ބަންދުން ގޭބަންދަށް ބަދަލުކުރި ދުވަހު ސަޕޯޓަރުން އެމަނިކުފާނަށް މަރުޙަބާ ދަންނަވަނީ ---

ރައީސް ޔާމީނު ޖަލުބަންދުން ގޭބަންދަށް ބަދަލުކުރެއްވި ދުވަހު، ހ. ދޫވެހިދޮށަށް ޑރ. މުޙައްމަދު މުޢިއްޒުވެސް ވަޑައިގެންނެވިއެވެ. އެހެންނަމަވެސް އެވަގުތު އެސަރަހައްދުގައި ތިބި މީހުންނަށްވެސް ފާހަގަވީ، ރައީސް ޔާމީން ޑރ. މުއިއްޒަށް މާބޮޑު ސަމާލުކަމެއް ނުދެއްވި ތަނެވެ.

ރިޔާސީ އިންތިޚާބުގެ ކާމިޔާބީ ފާހަގަކުރުމަށް ޑރ. މުހައްމަދު މުޢިއްޒު ސޯޝަލް ސެންޓަރުގައި ބޭއްވި ހަފްލާ، ރައީސް ޔާމީން ބައްލަވަންޖެހިވަޑައިގަތީ ޓީވީންނެވެ. އެރޭ ޑރ. މުއިއްޒުގެ ވާހަކަފުޅުގައި ކެމްޕޭނުގައި ހަރަކާތްތެރިވި ހުރިހާ ފަރާތްތަކަކަށް ޝުކުރު އަދާކުރެއްވި އިރު، ރައީސް ޔާމީނުގެ ނަންފުޅެއް ނުގެންނެވިއެވެ. 

"ކަމެއް ހާސިލް ކުރުމަށް ފަހު އެކަމެއް ދެމެހެއްޓުން ފަސޭހަ ވާނެ."

ޑރ. މުޙައްމަދު މުޢިއްޒު --

ރިޔާސީ އިންތިޚާބުގެ ކާމިޔާބީއާއެކު ރައީސް ޔާމިނާއި ގުޅޭ ގޮތުން ޑރ. މުހައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުތަކުގެ ރާގު ބަދަލުވެގެން ދިޔަކަން ސިޔާސީ މަޝްރަޙް ދިރާސާކުރާާ ފަރާާތްތަކުން ފާހަގަކޮށްފައިވެއެވެ. އެގޮތުން، ޑރ. މުއިއްޒު ވެރިކަމުގެ ހުވާކުރެއްވުމާއި ހަމައަށް އައިރު، ރައީސް ޔާމީނާއި ޑރ. މުއިއްޒުގެ ގުޅުން ކެނޑިެއްޖެކަމުގެ އަޑުތައް ވަނީ ފެތުރެއްފަށާފައެވެ. އެކަމަށް ލިބުނު އިތުރު ބާރަކީ، ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ޔާމީން ވަޑައިނުގެންނެވުމުންނެވެ.

ޑރ. މުހައްމަދު މުޢިއްޒު، ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރައްވަނީ--

ރައީސް ޔާމީން ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިނުގެންނެވި ސަބަބަކީ، އެމަނިކުފާނުގެ މިނިވަންވެފައި ނުވުންކަމުގައި، ރައީސް ޔާމީނުގެ އަރިސްބޭފުޅުން ހާމަކުރެއްވިއެވެ.

ރައީސް ޔާމީނާއި ޑރ. މުޢިއްޒުގެ ގުޅުން ގޯސްވެގެން ދިޔުމުގައި މައިގަނޑު ސަބަބަކަށްވީ، ރައީސް ޔާމީނުގެ ނިވަލުގައި، ޑރ. މުޙައްމަދު މުޢިއްޒު އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު، ރައީސް ޔާމީން ބާކީކޮށްލެއްވުމެވެ. ރައީސް ޔާމީނުގެ ޤާނޫނީ ވަކީލް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވި ގޮތުގައި، ޑރ.މުއިއްޒުވެސް އަދި ހުސައިން މުޙައްމަދު ލަޠީފްވެސް ރައީސް ޔާމީނުގެ ފޯނުކޯލަަކަށް ޖަވާބެއް ނުދެއްވައެވެ. އަދި ސަރުކާރު އެކުލަވާލެއްވުމުގައި، ރައީސް ޔާމީނުގެ ޚިޔާލެއް ނުހޯއްދަވައެވެ. މީގެ އިތުރުން، ޕީޕީއެމްގެ މެމްބަރުން ޕީއެންސީއަށް ނުގެންދިޔުމަށް، ރައީސް ޔާމީން އެދިވަޑައިގެންފައި ވަނިކޮށް ޕީޕިއެމްގެ މެމްބަރުން، ޕީއެންސީއަށް ވެއްދުމުގެ މަސައްކަތްވެސް ޑރ. މުޢިއްޒާާއި ޢަބުދުއްރަހީމް އިސްވެތިއްބަވައިގެން ކުރިޔަށް ގެންދަންފެށިއެވެ.

ރައީސް ޔާމީނާއި ޑރ. މުޢިއްޒުގެ ގުޅުން ރަސްމީކޮށް ކެންޑިއްޖެެކަން ހާމަވެގެން ދިޔައީ، ރައީސް ޔާމީން ޕީޕީއެމްއިން ވަކިވެވަޑައިގެންފިކަން ރަސްމީކޮށް ޢިއުލާނު ކުރުމުންނެވެ. އަދި ހަމައެރޭ ރައީސް ޔާމީން ސިޔާސީ އައުޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވާފައިވާކަންވެސް ވަނީ ހާމަކޮށްފައެވެ.

ރައިސް ޔާމީން އުފައްދަވާ އައު ޕާޓީގެ ނަމާއި ލޯގޯ --

ސިޔާސީ މަޝްރަޙް ދިރާސާކުރާ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، ރައީސް ޔާމީން ޑރ. މުޢިއްޒުގެ އަތްޕުޅުން ދޫކޮށްލެއްވުމަކީ، ޑރ. މުޢިއްޒަށް ވެރިކަން ހިންގެވުމަށް ވަރަށް ބޮޑަށް ދަތިފުުޅުވާނެ ކަމެކެވެ. އޭގެ އެއް ސަބަބަކީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަކީ، މިހާތަނަށް ރާއްޖޭގައި ނުއުފެދޭހައި ބަލިކަށި ސަރުކާރަކަށް ވުމެވެ. ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީގެ އެއްވެސް ބާރެއް ނެތެވެ. އަދި ޚާއްސަކޮށް ސަރުކާރުގެ މަޤާމުތަކަށް ވަޑައިގެންނެވުމަށް، ޕީއެންސީއާ ޕީޕީއެމްގެ ގިނަ މަޖިލިސް މެމްބަރުންތަކެއް ގޮނޑި ދޫކޮށްލެއްވުމުން ޕީއެންސީވަނީ ރައްޔިތުންގެ މަޖިލީހުގައި އިތުރަށް ނިކަމެތިވެގެން ގޮސްފައެވެ.

ރައީސް ޔާމީން ޕީޕަލްސް ނޭޝަނަލް ފްރޮންޓްގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް ނިންމަވައި މަސައްކަތް ޕުޅުފައްޓަވާފައިވާއިރު، ރައީސް ޔާމީނުގެ އަމާޒަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އައު ޕާޓީއަށް ހޯދުމެވެ. ސިޔާސީ ގޮތުން ބަލާއިރު، މަޖިލީހުގެ އަޣުލަބިއްޔަތު، ޑރ. މުއިއްޒު ހުންނެވި ޕީއެންސީއަށް ނުލިބިއްޖެނަމަ، ޑރ. މުޢިއްޒުގެ ވެރިކަން ނިމިގެންދާނޭ ކަމުގައި ސިޔާސީ  ތަޖުރިބާކާރުން ލަފާކުރައްވައެވެ. އެހެންކަމުން މިހާރު މަންޒަރު ފެންނަގޮތަށް ބަލާއިރު، ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަން ދެމެހެއްޓުމަކީ އެމަނިކުފާނަށް ކުރެއްވިދާނެ ކަމެއް ކަމަކަށް ސިޔާސީ ދާއިރާގެ ތަޖުރިބާކާރުން ދެކެވަޑައެއް ނުގަންނަވައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 May 2024
ޚަބަރު
އީރާންގެ ރައީސް އިބްރާހީމް ރައީސީ ދަތުރު ކުރެއްވި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި އެއްވެސް މީހަކު ސަލާމަތެއް ނުވޭ!
އީރާންގެ ރައީސް އިބްރާހީމް ރައީސީ އަވަހާރަ ވުމާއި ގުޅިގެން، ރައީސްގެ ޒިންމާތަކާއި ހަވާލުވެ ވަޑައިގަންނަވާނީ، ނައިބު ރައީސް މުޙައްމަދު މޮޚްބަރ އައްޔަނުކުރައްވާނެއެވެ. މީގެ އިތުރުން ކުރިޔަށް އޮތް 50 ދުވަހުގެ ތެރޭގައި އައު އިންތިޚާބެއް ބާއްވަންވެސް ޤާނޫނުން ލާޒިމް ކުރެއެވެ.
20 May 2024
ޚަބަރު
އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރުގެ ބައިތައް ފެނިއްޖެ
އީރާންގެ ރައީސް އިބްރާހީމް ރައީސީ އާއެކު އެ ހެލިކޮޕްޓަރުގައި ތިއްބެވި އީރާނު ސަރުކާރުގެ އިސްބޭފުޅުންގެ ތެރޭގައި އީރާންގެ ފޮރިން މިނިސްޓަރ ހުސައިން އާމިރް ޢަބުދުލްލަހްޔާން އާއި، އީރާނުގެ އީސްޓް އަޒަރް ބައިޖާން ޕްރޮވިންސްްގެ ގަވަރުނަރު މާލިކް ރަޙްމަތީ އާއި ތަބްރީޒް ޕްރޮވިންސްގެ އިމާމް މުޙައްމަދު ޢަލީ އަލްޙާޝިމް ހިމެނިވަޑައިގަންނަވައެވެ.
20 May 2024
ޚަބަރު
އީރާންގެ ރައީސް އަވަހާރަވެއްޖެ ކަމަށް ބެލެވެންފަށައިފި
އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރު ފެނިއްޖެ ކަމުގައި މީގެ ކުރިން އީރާންގެ ޤައުމީ ޓީވީން ރިޕޯޓްވެސް ކުރިއެވެ. އެހެން ނަަމަވެސް 8 ގަޑިއިރު ފާއިތުވެ ދިޔަ އިރުވެސް ހެލިކޮޕްޓަރު ނުފެންނަކަމަށާއި، އެއިން ދަތުރު ކުރި މީހުންގެ ހިލަމެއް ނެތްކަަމަށް ރެސްކިއުޓީމްތަކުން ވަނީ ބުނެފައެވެ.
19 May 2024
ޚަބަރު
އީރާނުގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރު ފެނިއްޖެ ކަމަށް އިރާނުގެ ޤައުމީ ޓީވީން ބުނެފި
އީރާންގެ ރައީސް އިބްރާހީމް ރައީސީ އާއެކު އެ ހެލިކޮޕްޓަރުގައި ތިއްބެވި އީރާނު ސަރުކާރުގެ އިސްބޭފުޅުންގެ ތެރޭގައި އީރާންގެ ފޮރިން މިނިސްޓަރ ހުސައިން އާމިރް ޢަބުދުލްލަހްޔާން އާއި، އީރާނުގެ އީސްޓް އަޒަރް ބައިޖާން ޕްރޮވިންސްްގެ ގަވަރުނަރު މާލިކް ރަޙްމަތީ އާއި ތަބްރީޒް ޕްރޮވިންސްގެ އިމާމް މުޙައްމަދު ޢަލީ އަލްޙާޝިމް ހިމެނިވަޑައިގަންނަވައެވެ.