Advertisement

14 Mar 2021
ރިޕޯޓް
ޢަލީ ސުލައިމާން

ރާއްޖޭގައި އެޗް.އައި.ވީ އަށް ޕޮސިޓިވް ވާ މީހުންގެ އަދަދު އިތުރުވަނީ!

އެންމެ ފުރަތަމަ އެޗްއައިވީ ވައިރަސް ހޯދިފައި ވަނީ 1981 ވަނަ އަހަރު އެމެރިކާއިން. އެހެން ނަމަވެސް ފަހުގެ ހޯދުންތަކުން އެނގުނު ގޮތުގައި އެޗްއައިވީ ބަލި ދެނެގަނެވިފައިވަނީ އެބަލި އިންސާނުންގެ ތެރޭގައި ފެތުރެމުންދާތާ އެތައް އަހަރެއް ފަހުންނެވެ. އެޗްއައިވީ ވައިރަސް، ޗިމްޕަންޒީގެ ކިބަން އިންސާނުންނަށް ނަޤުލުވީ 1920 ވަނަ އަހަރު، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ކަމަށް ބެލެވޭއިރު މި ވައިރަސް ދުނިޔޭގައި ފެތުރެން ފެށިތާ 100 އަހަރު ފުރުނު އިރު ވަނީ ދުނިޔޭގެ ހުރިހާ ބައްރަކަށާއި، ޤައުމުތަކަކަށް ފެތުރިފައެވެ.

އެޗްއައިވީއަކީ، އާލަމީ ވަބާއެއްގެ ގޮތުގައި ކަނޑައަޅައި، ދުނިޔޭގެ އެއިޑްސް ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަސް ޑަބްލިޔު އެޗްއޯއިން ފާހަގަ ކުރަން ފަށާފައިވަނީ، 1988 ވަނަ އަހަރުއެވެ. ދިވެހިރާއްޖޭގައިވެސް އެޗްއައިވީ އެއިޑްސް އާއި ގުޅިގެން ފިޔަވަޅުތައް އަޅައި އެބަލި ރާއްޖޭގައި ފެތުރެމުންދޭތޯ ބަލައި ބަލި ކޮންޓްރޯލްކުރުމަށް، 1987 ވަނަ އަހަރުން ފެށިގެން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

ރަސްމީ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، ދިވެއްސަކު އެންމެ ފުރަތަމަ އެޗްއައިވީއަށް ޕޮޒިޓިވްވެފައި ވަނީ 1991 ވަނަ އަހަރުއެވެ. ދިވެއްސެއްގެ ކިބައިން ފުރަތަމަ ބަލި ފެނުނުތާ 18 އަހަރު ވީއިރު، 2019 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެއިން ޖުމުލަ 34 މީހުން ވަނީ އެޗްއައިވީއަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ، 5 އަންހެނުންނާއި 29 ފިރިހެނުންނެވެ.

އެޗްޕީއޭއިން މައުލޫމާތު ދީފައިވާ ގޮތުގައި، ރާއްޖޭގައި، ފުރަތަމަ އެޗްއައިވީ ވައިރަސް ފެންނަމުން ދިޔައީ، ރާއްޖެއިން ބޭރުން ބަލިޖެހިގެން އަންނަ ދިވެހިންގެ ކިބައިން ނަމަވެސް، މިހާރު، މުޖުތަމައުގެ ތެރޭގައި، އެކަކުގެ ގައިން އަނެކެއްގެ ގަޔަށް އެޗްއައިވީ ވައިރަސް ވަނީ ފެތުރެން ފަށާފައެވެ. އަދި ބަލިޖެހުމުގެ ފުރުޞަތު ބޮޑު ގުރޫޕްތަކުގެ މީހުންގެ ތެރެއިން މިހާރު އެޗްއައިވީ ވައިރަސް ދަނީ ފެންނަމުންނެވެ. އަދި ވައިރަސް ހަށިގަނޑުގައި ހުރެ އެކަން ނޭނގޭ މީހުންވެސް ތިބޭނެތީ، ރާއްޖެއިން ކުއްލިއަކަށް އެޗްއައިވީ އައުޓްބްރޭކެއް ފެނިދާނެ ކަމުގެ ބިރު އެބައޮތްކަމަށް އެޗްޕީއޭއިން ބުނެއެވެ. 

ރާއްޖެއިން ކުރިން އެޗްއައިވީއަށް ޕޮޒިޓިވްވަމުން އައީ ހަރު އުމުރުގެ މީހުންނަމަވެސް، މިހާރު ރާއްޖޭގައި އެޗްއައިވީއަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ގިނައީ އުމުރުން 20 އަހަރާއި 45 އަހަރާއި ދެމެދުގެ މީހުންނާއި ޒުވާނުންނެވެ. އުމުރުން 18 އަހަރުން ދަށުގެ ކުޑަކުދިންވެސް ރާއްޖޭގައި އެޗްއައިވީއަށް ޕޮޒިޓިވްވެފައިވެއެވެ. ރާއްޖެއިން އެޗްއައިވީއަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައި ވަނީ 2019 ވަނަ އަހަރުއެވެ. އެއަހަރު 5 ފިރިހެނުންނާއި 2 އަންހެނުން އެޗްއައިވީއަށް ޕޮޒިޓިވްވެފައިވެއެވެ. އެޗްޕީއޭއިން ހާމަކުރާ ގޮތުގައި ރާއްޖޭގެ ހާލަތާއި މެދު ފާއިތުވި 2 އަހަރު ދިރާސާކޮށްފައިވާއިރު، އެދިރާސާގެ ނަތީޖާތައް ވަރަށް އަވަހަށް އާއްމު ކުރާނެއެވެ.

ރާއްޖޭގައި، އެޗްއައިވީ ފެތުރޭފަދަ އާދަތައް ގިނަކަން ދިރާސާތަކުން ހާމަވެފައިވާއިރު، ފުރާވަރުގެ ކުދިންގެ މެދުގައި އަދި ޒުވާނުންގެ މެދުގައި ރައްކާތެރި ނޫންގޮތުގައި ހިންގޭ ޖިންސީ ގުޅުންތައް ގިނަވުމަކީ، ބަލި ފެތުރުމުގެ ނުރައްކާ ބޮޑުވެފައިވާ ކަމެކެވެ. މިގޮތުން އެޗްއައިވީއަށް ހުށައެޅުމުގެ ފުރުޞަތު ބޮޑު ފަރާތްތަކަށް އަމާޒުކޮށް ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތައް ކަމާއި ބެހޭ ފާރާތްތަކުންނާއި ޖަމިއްޔާތަކުންވެސް ދަނީ ހިންގަމުންނެވެ.

ރާއްޖޭގައި އެޗްއައިވީ ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، ރާއްޖެއަށް އަންނަ ބިދޭސީ މަސައްކަތްތެރިންނަށް ވިސާ ދިނުމުގައި، އެޗްއައިވީ ހުރި މީހެއްތޯ އަންނަނީ ބަލަމުންނެވެ. މިގޮތުން ރާއްޖެއަށް މަސައްކަތް ކުރުމަށް އައި ބިދޭސީއެއްގެ ގައިން އެޗްއައިވީ ވައިރަސް ފެނިފައިވަނީ، 1995 ވަނަ އަހަރުއެވެ. އޭގެ ފަހުން ރާއްޖެއަށް އައި 443 ބިދޭސީ މަސައްކަތްތެރިން އެޗްއައިވީއަށް ޕޮޒިޓިވްވެފައިވެއެވެ. އަދި މި މީހުންނަށް ރާއްޖޭގައި މަސައްކަތް ކުރުމުގެ ފުރުޞަތު ނުދީ، އަނބުރާ ފޮނުވާލާއިރު، ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ އާބާދީގެ ތެރޭގައި ބަލި ފެތުރޭތޯ ބަލައި، ހޭލުންތެރި ކުރުމުގެ މަސައްކަތްވެސް ޝީ އިން ގެންދަނީ ކުރަމުންނެވެ.

ރާއްޖޭގެ ސިއްޚީ މަރުކަޒުތަކާއި އަތޮޅު ހޮސްޕިޓަލްތަކާއި ރީޖަނަލް ހޮސްޕިޓަލްތަކުގެ އިތުރުން ގުރޭޓާ މާލެ އޭރިއާގެ ހުރިހާ ހޮސްޕިޓަލެއްގައިވެސް ހިލޭ އެޗްއައިވީއަށް ޓެސްޓް ކުރެވޭނެ ފަސޭހަ އިންތިޒާމް ހަމަޖެހިފައިވާއިރު، ނަމާއި އެޑްރެސް ފަދަ ޒާތީ އެއްވެސް މައުލޫމާތެއް ނުދީވެސް ޝީ މެދުވެރިކޮށްވެސް އެޗްއައިވީއަށް ޓެސްޓް ކުރެވެއެވެ. ރާއްޖެއިން މިހާތަނަށް އެޗްއައިވީއަށް ޕޮޒިޓިވްވި 34 މީހުންގެ ތެރެއިން 15 މީހުން ވަނީ މަރުވެފައެވެ. އަދި 19 މީހުން ދުނިޔޭގައި ތިބި އިރު އެ އެންމެންނަކީވެސް، އެޗްއައިވީއަށް ޚާއްސަ ފަރުވާ ހޯދަމުންދާ މީހުންނެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި، އެޗްއައިވީ ޖެހިފައިވާ މީހުންނަށް މިހާރު ދުނިޔޭގައި ދެވޭ އެންމެ ކާމިޔާބު ފަރުވާ، ކަމުގައިވާ އެންޓިރެޓްރޯވައިރަލް ތެރަޕީ 2004 ވަނަ އަހަރުން ފެށިގެން ރާއްޖޭގައިވެސް ވަނީ ދޭން ފަށާފައެވެ. މި ފަރުވާއިން، ހަށިގަނޑުން އެޗްއައިވީ ވައިރަސް މުޅިން ނައްތާ ނުލެވުނު ނަމަވެސް، ދުޅަހެޔޮ ސިއްހަތެއްގައި ގިނަ ދުވަހު ދިރިއުޅުމުގެ ފުރުޞަތު ލިބި، އަދި އެމީހެއްގެ ކިބައިން އެހެން މީހުންނަށް ބަލި ފެތުރުމުގެ ފުރުޞަތު ކުޑަކޮށްދެއެވެ. އަދި ވައިރަސްލޯޑް ޓެސްޓްތަކުން ވައިރަސް ނުދައްކާ މިންވަރަށް ހަށިގަނޑުގައި ވައިރަސް ހުންނަ މިންވަރުވެސް ދަށްކޮށްލައެވެ. 

ރާއްޖޭގައި އެޗްއައިވީއަށް އެންމެ ފަހުގެ ބޭހާއި ފަރުވާ ދެވޭއިރު، ރާއްޖެ ހިމެނެނީ، މައިމީހާގެ ކިބައިން ބަނޑުގައި އޮންނަ ދަރިފުޅަށް އެޗްއައިވީ ވާރުތަވުން ކޮންޓްރޯލް ކުރެވިފައިވާ ޤައުމެއްގެ ގޮތުގައެވެ. އެޗްއައިވީ ނުވަތަ އެއިޑްސް ބައްޔާއި މެދު މީހުން ކުރިން ދެކެމުން އައިސްފައި ވަނީ އެއީ މަރު ބައްޔެއްގެ ގޮތުގައެވެ. އެހެންކަމުން އެބައްޔާއި މެދު ގިނަ މީހުންނަށް ދެކެވިފައި އޮތީވެސް ވަރަށް ބިރުވެރި ބައްޔެއްގެ ގޮތުގައެވެ. ދާއިމީކޮށް ބޭސް ބޭނުންކުރާ އެހެން ބަލިތަކެކޭ އެއްގޮތަށް އެޗްއައިވީޖެހިފައިވާ މީހަކު އެބަލީގެ ފަރުވާ ހޯދާނަމަ، އާއްމު ހާލަތެއްގައި ދިރިއުޅުމުގެ ފުރުޞަތު ލިބިގެންދެއެވެ. މިއާއިއެކު އެޗްއައިވީ ޖެހޭ މީހުންގެ ތެރެއިން އެބަލީގައި މަރުވާ މީހުންގެ ނިސްބަތްވެސް ވަނީ ދަށަށް ގޮސްފައެވެ. އެހެން ނަމަވެސް ކަމާއި ބެހޭ ފަރާތްތަކުން ހާމަކުރާ ގޮތުގައި، ރާއްޖޭގެ ހާލަތު ގޯސްވެދާނެ ކަމުގެ ބިރުވެރިކަން އެބައޮތެވެ. މިގޮތުން ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ބަލިފެތުރުމުގެ ފުރުޞަތު ބޮޑުކަން އެޗްޕީއޭއިން ފާހަގަކޮށްފައިވެއެވެ.

ރާއްޖޭގައި ޒުވާނުންގެ މެދުގައި އެޗްއައިވީފެތުރުން ހުއްޓުވުމަށްޓަކައި، ހޭލުންތެރިކަން އިތުރުކޮށް ދިރިއުޅުމުގެ އާދަތައް ބަދަލުކުރަން ވަނީ ޖެހިފައެވެ. އަދި އަމިއްލައަށްވެސް އެޗްއައިވީއަށް ޓެސްޓްކޮށް ކުރިއާލައި ހާލަތު ދެނެގަތުމަށް މިވަނީ ބާރުއަޅަން ޖެހިފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
01 Apr 2025
ޚަބަރު
ޖަލުން ދޫކޮށްލި މީހަކު ބޭބެއަށް ހަމަލާދީގެން ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ އެ ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ، ރޭގެ 11:28 ހާއިރުގައި ކަމަށެވެ. އެ މާރާމާރީގައި އަނިޔާވި މީހާއަށް މަޑުއްވަރީ ސިއްޙީ މަރުކަޒުގައި ފަރުވާދީފައިވާ ކަމަށްވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.
01 Apr 2025
ޚަބަރު
ޢީދު ފާހަގަކުރުމުގައި ބައިވެރިވި ފަރާތްތަކަށް ރައީސް ޝުކުރު އަދާކުރައްވައިފި
މި އަހަރުގެ ފިޠުރު ޢީދުގެ މުނާސަބަތުގައި ޢީދު ބޮކި ދިއްލުމާއި، ޢީދު ހަވީރު ބޭއްވުމާއި، ހަވާ އެރުވުމާއި، ދިވެހި ސަގާފަތް ދައްކުވައިދޭ އެތައް ކުލަގަދަ ހަރަކާތްތަކެއް މާލެއާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންގޮސްފައިވެއެވެ. އަދި މިފަދަ ބައެއް ހަރާކާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންވެސް ވަނީ ރައްޔިތުންނާ، ކުޑަކުދިންނާ އަދި ޢާއިލާތަކާ ބައްދަލުކުރައްވައި ވަގުތު ހޭދަކުރައްވާފައެވެ.
30 Mar 2025
ޚަބަރު
ޚާއްޞަ ރަސްމިއްޔާތެއް ބާއްވައި ޢީދަށް ދިއްލާލައިފި
ފިޠުރު އީދަށް މާލެ ސަރަހައްދު ރަސްމީކޮށް މިރޭ ދިއްލާލާފައި ވާއިރު، ޢީދަށް އަތޮޅު ތެރޭގެ ރަށްތައް ދިއްލުމަށްޓަކައި، 28 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި 36 ރަށަކަށް ސަރުކާރުން މި އީދުގައި ޢީދު ލައިޓްތައް ފޮނުވާފައިވެއެވެ.
30 Mar 2025
ޚަބަރު
ޢީދު ދުވަހަކީ ހެޔޮ ފޯރުވުމުގެ ދުވަހަކަށް ހެއްދެވުމަށް ރައީސް އެދިވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ވިދާޅުވީ، އަޅުގަނޑުމެން ބަލަންވީ ޢީދު ދުވަހަކީ ކުޑަކުދީންގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދޭ ދުވަހަކަށް ހެދުމަށް ކަމަށާއި، އާއިލާތަކުގެ ގުޅުންތައް ބަދަހިވެ އެއްބަނޑުއެއްބަފައިކަމުގެ ކުލުނުން އާ ރޫޙެއް ލިބޭ ދުވަހަކަށް ހެދުމަށް ކަމަށެވެ. ހަމަ އެހެންމެ، ޒުވާނުންނާއި އިސްރަށްވެހީންނާއި، މުޅި މުޖުތަމަޢުގެ ބައިވެރިވުން ލިބިފައިވާ ދުވަހަކަށް ޢީދު ދުވަސް ވުން މުހިންމު ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.