Advertisement

15 May 2023
ވާހަކަ
ވިޝާމް

ވާހަކަ: ހިއްސު

ފަހުބައި

ވާސިފްގެ ވާހަކަތަކުން އެނގުނީ އޭނަ މާކުރިންވެސް މިކަމަށް ތައްޔާރުވެފައިވާކަމެވެ. " އަހަރެން ޖަލުން ނިކުތް ގޮތަށް އެންމެ ފުރަތަމަވެސް އުޅުނީ އެ އަންހެނާ ވީތަނެއް ހޯދަން. އަހަންނަށް ދިން ލަނޑުގެ ބަދަލު ހިފަން އަހަރެން ބޭނުންވި. " ވާސިފް ފުލުހުންނަށް ކިޔައިދެމުން ގެންދިޔައެވެ. ވާސިފް ބުނިގޮތުގައި އޭނާއަށް ޒެނީޝާ ފޮނަދޫއަށް ބަދަލުވިކަން އެނގުނީ ރައްޓެއްސެއްގެ ފަރާތުންނެވެ. އަދި ފޮނަދޫއަށް އައިސް އެތައް ރެއެއް މަތިން ޒެނީޝާއަށް ފާރަލާ ހެދިއެވެ. އޭނާގެ ޑިއުޓީތައް އޮންނަގޮތާއި އޭނައުޅޭ ތަންތަނާއި ދާ ތަންތަން ބެލިއެވެ. ވާސިފް ބުނިގޮތުން އޭނާ ތައްޔާރުވީ ޒެނީޝާ ދަންވަރު ޑިއުޓީއަށް ނުކުންނާނެ ރެއަކަށެވެ. " އަހަރެން އޭނަ ސައިކަލް ހަން ފަޅާލީ، ފޮނަދޫއިން ގަމަށް ދިޔަމަގުމަތީގައި އޭނަ ސައިކަލު ފުރޮޅުން ވައި އެއްކޮށް ގޮއްސި. އަހަރެން އެވަގުތު ދިޔައީ ޓެކްސީ ސާރވިސްދޭ ކާރެއްގައި. އެއީ މީހެއް އަތުން ކުއްޔަށް ނަގި ކާރެއް. އެހިސާބުގަ އެކަކުވެސް ނެތް. މަށާ ދިމާލަށް ރަނގަޅަށް ބަލާވެސް ނުލާ ޑިއުޓީއަށް ދާން ލަސްވެފައި ހުރިވަރުން އޭނަ މަގޭ ކާރަށް އެރީ " ވާސިފް ކިޔައިދެމުން ދިޔަވަރަކަށް އަހަރެން ހިތުގެ ވިންދު ދިޔައީ އަވަސް ވަމުންނެވެ. ޒެނީޝާއަށް ވާނޭ ގޮތާއިމެދު ކަންބޮޑުވިއެވެ. ވާސިފް ބުނިގޮތުން ކާރުގައި ހުރީ ވާސިފްކަން އެނގުމާއިއެކު ޒެނީޝާ ސިހުނެވެ. ހަޅޭއްލެވިއެވެ. ކާރު ދޮރުހުޅުވައި ފުންމާލަން އުޅުނެވެ. އެކަމަކު ވާސިފް ހުރީ ދޮރުތައް ލޮކް ކޮށްފައެވެ. ވާސިފް ކާރު ފަޅު ދިމާލަކަށް މަޑުކުރުމަށްފަހު ދެން މަސައްކަތްކުރީ ޒެނީޝާއަށް ގޯނާ ކުރުމަށެވެ. އެކަމަކު ވާސިފް ހީކުރިވަރަށް ވުރެން ޒެނީޝާ މިހާރު މާ ވަރުގަދައެވެ. ވާސިފްއަށް ކުރެވުނުހާވެސް ކަމަކީ ޒެނީޝާގައިގައި ވަކިތަކެއް އެޅުމެވެ. ޒެނީޝާއަށް މިހާރު އޭނަގެ އަމިއްލަނަފްސު ހިމާޔަތްކުރަން އެނގެއެވެ. ވާސިފް އަނެއްކާވެސް ރުޅިއައިސް ކާރު ދުއްވަންފެށިއެވެ. " ދުއްވަން ހުއްޓާ އޭނަ އަހަރެން ބޮލުގަ އެއްޗަކުން ޖެހީ. ނޭނގުނު ކޯންޗަކުން ކަމެއް ޖެހީކީ. އެވަގުތު ކާރު ބެލެންސް ކަޓައިގެން ގޮސް ބޮޑު ގަހެއްގައި ޖެހި، އަހަރެންވެސް ހޭނެތުނީ! ހޭވެރިކަންވީ ފަތިހު، ޒެނީޝާ އޮތީ ދޮރުންބޭރަށް ވާގޮތަށް ވެއްޓިފައި، އޭނަގެ ދިރުމެއްނެތްހެން ހީވުމުން އަހަރެން ބިރުން ފިލަން ދުއްވައިގަތީ. " ވާސިފްގެ ވާހަކަތައް ނިމުމާއެކު " ކަލޭގެ ރޭވުން ކާމިޔާބެއް ނުވިޔޭ، ޒެނީޝާ އަދި މަރެއް ނުވެޔޭ" އަހަރެން ބުނެލީމެވެ. އޭނަ ދެންވެސް އަހަންނަށް މާބޮޑު ސަމާލުކަމެއް ނުދިނެވެ. އޭނަ ފުލުހުންނަށް އިތުރަށް ކިޔައިދިން ގޮތުގައި އޭނައަށް ކޮންމެ ހުކުމެއް އަޔަސް އޭނަ ކަންބޮޑެއްނުވެއެވެ. އޭނަ ބޭނުންވީ އޭނަގެ ދިރިއުޅުން ހަލާކުކޮށްލި ޒެނީޝާއަށް ފިލާވަޅެއް ދަސްކޮށްދޭށެވެ. އަހަރެން ހިތަށް އެރިއެވެ. މީ ހަމަ ރަނގަޅަށްވެސް ސައިކޯ މީހެކެވެ. މީނަގެ ދިރިއުޅުން ހަލާކު ކުރީ ޒެނީޝާ ހެއްޔެވެ؟ ނޫނީ ޒެނީޝާގެ ދިރިއުޅުން ހަލާކުކޮށްލީ މީނައެއް ނޫން ހެއްޔެވެ؟ އަޖައިބުވެ އަންތަރީސް ވާހާވެއެވެ.

ކޮންމެއަކަސް ފުލުސް ސްޓޭޝަނުން ނުކުތީ ވަރަށް ހިތްހަމަޖެހިގެންނެވެ. ވާސިފް އޭނާގެ ކުށަށް އިޢުތިރާފް ވީމައެވެ. ޒެނީޝާއަށް އޭނަގެ ހައްޤު ލިބޭނެކަމުގެ ބޮޑު އުއްމީދުގައެވެ. ދެން މިސްރާބު ޖެހީ ހޮސްޕިޓަލާއި ދިމާލަށެވެ. ޒެނީޝާ މާލެ ފޮނުވުމުގެ އިންތިޒާމް އޭރުވެސް ދަނީ ކުރެވެމުން ކަމަށް ވާތީ އެތާނގެ ހަބަރު ދަބަރު ބަލާލުމަށެވެ. ޒެނީޝާ ހޭ އެރުން ވަރަށް މުހިންމެވެ. އަހަރެން އޭނަޔާ ވަރަށް ވާހަކަ ދައްކަން ބޭނުމެވެ. އޭނަގެ ހިތްވަރު ގަދަ ކަމާއި ކެތްތެރިކަމާމެދު ހައިރާންވެ ތީ ފިސާރި އަންހެނެކޭ ބުނެލަން ބޭނުމެވެ. ހޮސްޕިޓަލުގެ އައި.ސީ.ޔޫ ތެރެއަށް ވަދެގެން ދިޔަވަރަކަށް އަހަރެން ހިތް ތެޅެމުން ދިޔައެވެ. އައި.ސީ.ޔޫ ތެރޭގައި ޒެނީޝާ ގާތު އިށީނދެލައިގެން އިނދެ އަންހެނަކު ރޮމުން ގެންދިޔައެވެ. ޔަޤީނެވެ. އެއީ ޒެނީޝާ މަންމައެވެ. ޒެނީޝާގެ ޑައިރީގައި އެމީހުން މިއަދު އަންނަ ވާހަކަ އޮތެވެ. ހާދަބަދުނަސީބު މަންމައެކޭ ހިތާ ހަމްދަރުދީވެވުނެވެ. ނަރުސް އައިސް ޒެނީޝާ މަންމަ ކައިރީގައި އެހަށް ބޭރުގައި މަޑުކޮށްލުމަށް ބުންޏެވެ.

ޒެނީޝާގެ މަންމަ ތެދުވުމުން އަހަރެން ކުރިމައްޗަށް އެރީމެވެ. ޒެނީޝާގެ މަންމައަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. ޒެނީޝާގެ މަންމަ އައިސް އަހަންނާ އަރާހަމަވީއިރުވެސް ހުރީ އިސްދަށަށް ޖަހައިގެންނެވެ. ވަރަށް ދަންނަ މޫނެކޭ އެވަގުތު ހިތަށް އެރިއެވެ. އޭނަ މަންމަ މަޑެއް ނުކުރެއެވެ. އެދިޔަގޮތަށް ދިޔައީއެވެ. އަހަރެންގެ ގައިގެތެރެއިން ލާފައެވެ. އަހަންނަށް ހުރެވުނު ތަންވެސް ނޭނގުނެވެ. އެހެން ވާންވީ ކީއްވެބާވައެވެ. ދެން ބަލާލެވުނީ އެނދުގައި އެތައް ހޮޅިތަކެއް ގުޅާފައި އޮތް ޒެނީޝާއަށެވެ. ދެލޯ ބަޑި ޖަހައިގެން ދިޔަކަހަލައެވެ. ހުރެވުނު ތަނެއް ނޭނގުނެވެ. ދެފައި ދަށުން ހީވީ ބިންގަނޑު ދަމައިގަތް ހެންނެވެ. އަހަރެންގެ ކުރިމަތީގައި އޮތީ ހަމަ އަހަރެންނެވެ. އާނއެކެވެ. އަހަރެންނަކީ ޒެނީޝާއެވެ. މިވީ ކީއްބާވައެވެ؟ އަހަރެންގެ ހިއްސުތައް ހަމަ ބާވައެވެ؟ ނޫނީ މިއީ އަހަރެންގެ ހަވަނަ ހިއްސު އަހަންނަށް ދައްކައިދިން މަންޒަރުތަކަށް ބާވައެވެ. ކިޔައިދޭކަށް ނޭނގުނެވެ. ހަމަގައިމުވެސް ވެދިޔަ ހުރިހާ ކަމެއް އަހަރެންގެ ފަސްޙިއްސުންކުރެ ޙިއްސެއްގެ ޒަރީއާއިން އަހަންނަށް އިޙްސާސް ކުރެވުނެވެ. އެކަމަކު މިއަދު އަހަރެން ދެއްކި އެއްވެސް ވާހަކައަކަށް އެއްވެސް މީހަކު ޖަވާބުދީފައެއް ނުވެއެވެ. އަހަރެންނަށް މާބޮޑު ސަމާލުކަމެއް ދީފައެއް ނުވެއެވެ. އެމީހުނަށް އަހަރެން ނުފެންނަނީތާއެވެ. ހަދާނެ ގޮތްހުސްވިއެވެ. މަޑުމަޑުން ދެލޯ ޖަހަން ފެށީމެވެ. ޤަބޫލުކުރެވެން ފަށައިފިއެވެ. ސަރުކާރު މުއައްސަސާތަކުގެ ހިމާޔަތުގައި ހުރުމަށްފަހު އަހަރެން ނިންމީ ޕޮލިހަށް ވަންނާށެވެ. އަމިއްލަނަފްސު ހިމާޔަތްކޮށް މީހެއްގެ ވަކިތަކުގެ ޝިކާރަޔަކަށް ދެވަނަ ފަހަރަށް ނުވުމަށެވެ. ފޮނަދޫއަށް ބަދަލުވީވެސް އެ ޙިޔާލުތަކާ ދުރުވާށެވެ. އެރޭ ކާރުގައި ހުރެފައި ވާސިފްގެ ބޮލުގައި އަހަރެންޖެހީ އަތުގައި އޮތް މުގުރުބުރިންނެވެ. އެވަގުތު ކާރު ބެލެންސް ކަޓައި އެކްސިޑެންޓްވެ އެންމެ ބޮޑު ގެއްލުމެއް ލިބުނީ އަހަންނަށެވެ. ސަލާމަތް ވާނެބާއޭ ހިތަށްއެރިއެވެ. ނޫނީ އަހަރެންގެ އަޒަލުގައި ކަނޑައަޅުއްވާފައިވާ ގޮތަކީ މީތާއެވެ. އަހަރެން ޖެހޭނީ އެކަން ޤަބޫލުކުރާށެވެ. ކުއްލިއަކަށް ލޯ މައްޗަށް އަދިރިވާން ފަށައިފިއެވެ. ހޮސްޕިޓަލު އެދުގައި އޮތް ޒެނީޝާގެ ހަރޓް ބީޓް މަޑުމަޑުން ދަށްވަމުން ދާން ވެސް ފެށީ އެވަގުތުގައެވެ. މީހާގެ ހިއްސުތައް ހިމޭންވާންފަށައިފިއެވެ. އިޙްސާސްތައް ނެތިދާންފަށައިފިއެވެ. ސިކުނޑީގެ ބާރު ދާން ފަށައިފިއެވެ. އެވަގުތު އަހަރެންގެ މަރު އައިސް ޖެހުނީކަން އަހަންނަށް އެނގިއްޖެއެވެ. މަރުން ރެކިގަނެވޭނެ އެއްވެސް މީހެއް ނެތެވެ. އަހަރެންގެ ހަށިން ފުރާނަ މަޑުމަޑުން ދާހެން ހީވާކަހަލައެވެ. އެހިދު މި ފަނާކުރަނިވި ކެހިވެރި ދުނިޔެއަށް އެންމެފަހު ފަހަރަށް އަހަރެން ހިނިތުންވެ އެންމެ ފަހު ނޭވާ ދޫކޮށްލީމެވެ.

- ނިމުނީ -

ކޮމެންޓް
އިތުރު އާޓިކަލް
02 Apr 2025
ޚަބަރު
ހޮޅުދޫ ބޯޓުގައި ރޯވެ އެބޯޓުގައި ހުރި ޒުވާނަކު ގެއްލިއްޖެ
އެމްއެންޑީއެފުން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ، ލ.މާވަށަށް ނިސްބަތްވާ 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ކަމަށެވެ. އޭނާގެ އިތުރުން އެބޯޓުން ދަތުރު ކުރި އެހެން މީހުން ވަނީ، ސަލާމަތް ވެފައެވެ. އޭގެ ތެރެއިން ދެމީހަކަށް، ތ. ކަނޑޫދޫ ޞިއްޙީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
02 Apr 2025
ޒަކާތު ހައުސް
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް 5 ލައްކަ ރުފިޔާ ހަވާލުކޮށްފި
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިން ފަސް ލައްކަ ރުފިޔާ އިސްރާ އެސޯސިއޭޝަންއާ ހަވާލުކޮށްފި
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށް: ރައީސް
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށްކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތުގެ ވިޔަފާރި ދޫކޮށްލުމަށް ރައީސް އިލްތިމާސްކުރައްވައިފި
ރާއްޖޭގައި ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއަކަށް ބަދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ.