Advertisement

28 Sep 2023
ރިޕޯޓް

އިންޑިއާ އައުޓް ކެމްޕޭނާއި، އިންޑިއާ އާއި ދެކޮޅަށް ފަތުރާ ނަފުރަތަކީ އިދިކޮޅުގެ ސިޔާސީ ފައިދާއަށް ބޭނުންކުރާ ހަތިޔާރެއް!

އިދިކޮޅު ފަރާތްތަކުން އުފަންކުރި އިންޑިއާ އައުޓް ކެމްޕޭނާއި އިންޑިއާއާއި ދެކޮޅަށް ފަތުރާ ނަފްރަތަކީ، ސިޔާސީ ބޭނުމަށް، އިދިކޮޅު ފަރާތްތަކުން ބޭނުން ކުރާ ހަތިޔާރެކެވެ. ބޭނުމަކީ، ދިވެހިރައްޔިތުންގެ ހިތްތަކުގައި އޮތް ވަޠަނިއްޔަތު ޖަޒްބާތާއި ކުޅެލައިގެން ސިޔާސީ މަންފާ ހޯދުމެވެ. ވެރިކަމަށް އަންނާނޭ މަގެއް ކޮށުމެވެ. މިބުނުމުގެ ތެދުކަމުގެ މައްޗަށް ހެކިވާނޭ ދިވެހި އެތައް ބަޔަކު އެބަތިއްބެވެ. ސިޔާސީ ވަކިފިކުރަކަށް ތާއީދު ނުކުރާ މީހުންވެސް މިޙަޤީޤަތް ޤަބޫލުކުރެއެވެ.

2012 ވަނަ އަހަރު އެމްޑީޕީގެ ފުރަތަމަ ސަރުކާރު ވައްޓައިލުމުގައިވެސް އިންޑިއާއާއި މެދު ސިޔާސީ ގޮތުން ނަފްރަތު އުފެއްދުމުގެ އުކުޅުތައް ބޭނުން ކުރިއެވެ. އިންޑިއާ ކުންފުނިތަކުން ރާއްޖޭގައި ހިންގާ މަޝްރޫޢުތަކާއި، ރައީސް ނަޝީދުގެ ސަރުކާރުން އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރަން ޖީއެމްއާރް ކުންފުންޏަށް 25 އަހަރަށް ދީފައި އޮތް އޮތުންވެސް ސަބަބެއް ކަމުގައި ދެއްކިއެވެ. އެމްޑީޕީގެ ސަރުކާރު ވައްޓާލައި ޖީއެމްއާރް ކުންފުންޏާއި އެމްއޭސީއެލްއާ ދެމެދު ވެފައި އޮތް އެއްބަސްވުން އުވާލުމަށްފަހު، އޭރުގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު ދިވެހި ރައްޔިތުންނަށް ޕްރެސް ކޮންފަރެންސްތަކުގަޔާއި، ޓީވީ ޕްރޮގްރާމްތަކަށް އަރުއްވައިގެން ވިސްނައި ދެއްވަމުން ގެންދިޔައީ، އެ އެއްބަސްވުމަކީ، "ވޮއިޑް އެބް އިނީޝިއޯ" (އުފެދުމުގައިވެސް ބާޠިލް) އެއްބަސްވުމެއް ކަމަށެވެ. އަދި ރާއްޖެއިން ޖީއެމްއާރަށް ފައިސާއެއް ދޭން ނުޖެހޭނެ ކަމަށާއި، އާބިޓްރޭޝަންގައި އެކަން އެގޮތަށް ނިމިގެންދާނީވެސް އެގޮތަށް ކަމަށެވެ.

2013 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ މަޤާމަށް ރައީސް ޔާމީނު ވަޑައިގެންނެވީ ވެސް، މިނިވަންކަމާއި ހުއްރިޔަތުގެ ނަމުގައި ދިވެހިންގެ ހިތްތަކުގައި، އިންޑިއާއާމެދު ނަފްރަތު އުފައްދައި ފެތުރި ރާޅުބާނީގެ ނިވަލުގައެވެ. އަދި ވެރިކަން ލިބިވަޑައިގެންނެވުމާއި އެކު އެންމެ ފުރަތަަމަ ފުރަމާނަ ދަތުރުފުޅުގައި ރައީސް ޔާމީނު ވަޑައިގެންނެވީ އިންޑިއާއަށެވެ. މިގޮތުން ވެރިކަމުގެ ހުވާކުރެއްވިތާ އެއްމަހާއި 12 ވަނައަށް ވީދުވަހު ފުރަމާނަ ދަތުރުފުޅުގައި ރައީސް ޔާމީނު އިންޑިއާއަށް ވަޑައިގެންނެވިއެވެ.

Advertisement

"ޓެރަރިޒަމާއި ދެކޮޅަށް އިންޑިއާ ސަރުކާރުން އަދި ދިވެހި ދައުލަތުން، އަޅުގަނޑުމެން ދެބައިމީހުންގެ ވިސްނުން ހުރި ގޮތް، އަޅުގަނޑުމެން ޝެއާކޮށް އެކަންކަމުގައި އަޅުގަނޑުމެން އެއްބަސްވުންތަކެއް ވީމު." 

އިންޑިއާއަށް ރައީސް ޔާމީނު ކުރެއްވި ރަސްމީ ދަތުރުފުޅުގައި އަސްކަރީ ދާއިރާއިން ވެވުނު އެއްބަސްވުންތަކާއި ގުޅޭ ގޮތުން ފުރަމާނަ ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެން 4 ޖެނުއަރީ 2014ގައި ނޫސްވެރިންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިން --

އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، 4 ޖެނުއަރީ 2014ގައި ރާއްޖެ ވަޑައިގެން ރައީސް ޔާމީން މީޑިއާއަށް ބައްދަލުކުރައްވައި ވިދާޅުވީ، ދިވެހި ދައުލަތުން ޖީއެމްއާރަށް ބޮޑު އަދަދެއްގެ ބަދަލެއް ދޭންޖެހޭނެ ކަމަށެވެ. 2016 ވަނަ އަހަރު އާބިޓްރޭޝަނުން އެމައްސަލަ ނިމިގެން ދިޔައިރު، ދިވެހި ދައުލަތުން ޖީއެމްއާރަށް ބަދަލުގެ ގޮތުގައި 250 މިލިއަން ޑޮލަރު، ދިވެހި ފައިސާއިންނަމަ، 3.8 ބިލިއަން ރުފިޔާ ދޭންޖެހުނެވެ. އެއީ އޭރު ރާއްޖޭގެ ތަޢުލީމީ ދާއިރާއާ، ސިއްޙީދާއިރާގެ އެއް އަހަރުގެ ބަޖެޓަށްވުރެވެސް ބޮޑު އަދަދެކެވެ. އާޒިމާގެ ޤާނޫނީ ލަފާ ޤަބޫލުކޮށްގެން ތިބި ރައްޔިތުންނަށް ފެނުނީ ރައްޔިތުންގެ ޓެކްސް ފައިސާގެ ބޮޑު އަދަދެއް އިންޑިއާގެ ކުންފުންޏަކަށް ދޭންޖެހުނުތަނެވެ.

އެތައް މެހެފިލެއްގައި އެތައް ރާގަކަށް އެތައް ފަހަރަކު ރައީސް ޔާމީންވެސް ވިދާޅުވީ އިންޑިއާގެ އެހީއާ ނުލައި ދިވެހިރާއްޖެއަށް ދެމި ނޯވެވޭނެ ކަމަށެވެ. އިންޑިއާއާ ދެކޮޅުވުމާއި އިންޑިއާއަށް ބަދުބަސް ބުނުމަކީ ދިވެހިން ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ. މީގެ އިތުރުން ރައީސް ޔާމީނު އެމަނިކުފާނުވެ ވެރިކަމުގައި އިންޑިއާއަށް އެތައް ދަތުރުފުޅެއް ކުރެއްވިއެވެ.

އިންޑިއާގެ ޑޭލްވިއު ގްރޫޕް އޮފް އިންސްޓިޓިއުޝަންސް އިންދޭ "ޑޮކްޓަރ ކަލާމް ޕުރަސްކާރް ފޮރ އެކްސެލެންސް އިން ގަވަރނަންސް 2016" އެވޯޑް ރައީސް ޔާމީނަށް ލިބިވަޑައިގެންނެވިއެވެ. އެ އެވޯޑް ހަފްލާއަށް ވަޑައިގެންނެވުމަށްފަހު މާލެ ވަޑައިގެން ރައީސް ޔާމީން އިންޑިއާއަށް ތައުރީފް ކުރެއްވިއެވެ. 

އިންޑިއާގެ ޑޭލްވިއު ގްރޫޕް އޮފް އިންސްޓިޓިއުޝަންސް އިންދޭ "ޑޮކްޓަރ ކަލާމް ޕުރަސްކާރް ފޮރ އެކްސެލެންސް އިން ގަވަރނަންސް 2016" އެވޯޑް ހަފްލާގައި ރައީސް ޔާމީން އެވޯޑާއި ހަވާލުވެވަޑައިގަންނަވަނީ ---

"ދިވެހިރާއްޖެއިން ގެންގުޅޭނީ އިންޑިއާއަށް އިސްކަން ދޭ އިންޑިއާ ފަސްޓް ޚާރިޖީ ސިޔާސަތެކެވެ. މިއަހަރު އަޅުގަނޑުމެން ވަނީ އިންޑިއާއާއެކު ސިޔާސީ ގުޅުން ގާއިމް ކުރިތާ 51 އަހަރު ފާހަގަ ކޮށްފައެވެ. އަޅުގަނޑުމެން އެއް ގައުމުން އަނެއް ގައުމު މާޔޫސްކޮށްލުމުގެ ބޭނުމެއް ނެތެވެ." 

ރައީސް ޔާމީން 2016 ވަނަ އަހަރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅަށްފަހުގައި ދެއްކެވި ވާހަކަފުޅުގެ ތެރެއިން 

އުތުރު ތިލަފަޅުގައި އަސްކަރިއްޔާއަށް ޚާއްޞަ ބަނދަރެއް ހެދުމާއި، އިންޑިއާގެ އެހީގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ރާޑަރުތައް ބެހެއްޓުމާއި، އައްޑޫގައި އިންޑިއާގެ އެހީގައި ފުލުހުންގެ ތަމްރީންތަކަށް ޚާއްސަކޮށް ބޮޑު މަރުކަޒެއް އެޅުމުގެ މަސައްކަތް ހިނގަމުން ދިޔައީ ރައީސް ޔާމީނުގެ ސަރުކާރުގައެެވެ. އަދި އިތުރު ހެލިކޮޕްޓަރަކާއި އޭގައި މަސައްކަތް ކުރާނެ އިންޑިއާ އަސްކަރިއްޔާގެ ސިފައިން ރާއްޖެ ގެނައީވެސް ރައީސް ޔާމީނުގެ ވެރިކަމުގައެވެ. އެހެންނަމަވެސް ރައީސް ޔާމީނަށް ވެރިކަން ގެއްލިވަޑައިގެންވުމާއި އެކު، އިންޑިއާގެ ހަތުރަކަށް ވެއްޖެއެވެ. އިންޑިއާއިން ދިވެހިރާއްޖެ ހިފަން އުޅޭ ކަމަށްވެއްޖެއެވެ.

ޕީޕީއެމާއި ރައީސް ޔާމީނަށް ތާއީދު ކުރާ ފަރާތްތަކުގެ އަމާޒަކަށް އިންޑިއާ ހެދީ ސިޔާސީ ބޭނުމުގައެވެ. އޭގެ އެންމެ މުހިއްމު ސަބަބަކީ ރައްޔިތުންނާއި ދެކޮޅަށް ދެން ވިއްކާނޭ އިތުރު ވާހަކައެއް ނެތުމެވެ. މި ސަރުކާރުން އަތޮޅުތަކުގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. ކޯވިޑް-19ގެ ހާލަތުގައި ދިވެހި އާއްމު ރައްޔިތުން ގިލަންވެރިކަމަކަށް ވެއްޓުނަ ނުދިނުމަށް ކުރި މަސައްކަތުގައި، މުޅިދުނިޔެ މުސީބާތުގެ ކަނޑަކަށް ވައްޓާލި އެ އާލަމީ ވަބާގެ ގިލަންވެރިކަމުން ދިވެހިން މިންޖުކޮށްދިނެވެ. ދެ އަހަރެއްހާ ދުވަހު މުޅި ދުނިޔެ ބަންދުވެ ރާއްޖެ ބަންދުވެފައި އޮތްކަން ހަނދާންވެސް ނެތެވެ.

ކޮވިޝީލްޑް ވެކްސިން ރާއްޖެއަށް ހަދިޔާކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --

ކޯވިޑް-19ގެ އާލަމީ ވަބާގައި އިންޑިއާގެ ރައްޔިތުން ހަނާވަމުން ދިޔައިރުވެސް އިންޑިއާގެ އެހީ ރާއްޖެއަށް ދިޔައީ އޮހެމުންނެވެ. ކާބޯތަކެއްޗާއި، ބޭހާއި، އެނޫންވެސް ޟަރޫރީ ވަސީލަތްތައް ލިބެމުން އައީ އިންޑިއާގެ މަދަދާއި އެހީގައެވެ. ވެކްސިނާއި ބޭހާއި އެނޫން ސިއްޙީދާއިރާއަށް ބޭނުންވާ ތަކެތި ހިފައިގެން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ޖައްސަމުން އައީ އިންޑިއާގެ އަސްކަރީ މަތިންދާ ބޯޓުތަކުންނެވެ. އިންޑިއާގެ އެހީތައް ނުލިބުނުނަމަ ދިވެހިރާއްޖެއަށް ވާނެގޮތް ޚިޔާލަށް ގެންނަވާށެވެ. ކޯވިޑް-19ގެ ޢާލަމީ ވަބާގައި ޗައިނާގައި ތާށިވި ދިވެހި ރައްޔިތުން އިންޑިއާގެ ސަރުކާރުގެ އެހީގައި މާލެއާ ހަމައަށް ނުގެނެވުނުނަމަ އެއާއިލާތަކަށް ވާނޭގޮތް އަންދާޒާކޮށްލާށެވެ. ރާއްޖޭގެ މައްޗަށް ވެރިވެގަތުމަށް އިންޑިއާއިން ބޭނުންނަމަ، ކޯވިޑް-19ގެ ހާލަތުގައި ދިވެހިރާއްޖޭގެ އިޤުތިޞާދު ފުނޑުފުނޑުވެ ރައްޔިތުން ބަނޑަށްޖެހި، ބޭ ސަހާރާވެ އިންޑިއާގެ އުނގަށް އަމިއްލަ އިޚްތިޔާރުގައި ދިވެހިން ވެއްޓެން ދޫކޮށްލެވުނީހެވެ. މިނިވަންކަމަށްވުރެ ކޮންމެ އިންސާނަކަށްވެސް އެންމެ މުހިއްމު ކަމަކަށް ވާނީ ދިރިހުރުމެވެ. މިނިވަންކަމެއް ހޯދުމަށް ފުރަތަމަ ވާންޖެހޭނީ ދިރިހުރި އިންސާނަކަށެވެ.

ކޯވިޑް-19ގައި އެންމެ ދަތިވި ވަގުތު، ދިވެހިރައްޔިތުންނަށް ބޭނުންވާ އަސާސީ ކާބޯތަކެތީގެ އެހީ ހިފައިގެން، އިންޑިއާގެ އަސްކަރީ މަނަވަރު، "އައިއެންއެސް ކެސާރީ" މާލޭގެ ބަނދަރުގައި --

ރާއްޖޭގެ ސިއްޙީދާއިރާގައި ޚިދުމަތްކުރަން ތިބި ގިނަ ބަޔަކީ އިންޑިއާގެ ޑޮކްޓަރުންނާއި ނަރުހުންނެވެ. ކޯވިޑް-19ގެ ހާލަތުގައި އިންޑިއާގެ އަވަށްތައް ހޭހުސްވަމުން ދިޔައިރު، އަމިއްލަ އާއިލާގެ އެތައްބަޔަކު ބޭހެއް ފަރުވާއެއް ނުލިބި މަގުތައް މަތީގައި މަރުވަމުން ދިޔައިރު، ހިތުވިންދުގައި އިނގިލި އޮބާލައި، އެސްފިޔަތަކުގެ ތެރޭގައި ކަރުނަތައް އޮބަހައްޓަމުން ރާއްޖޭގެ ހޮސްޕިޓަލްތަކާއި، ސިއްޙީ މަރުކަޒުތަކުގައި އިންޑިއާގެ ޑޮކްޓަރުންނާއި ނަރުހުން އިޚްލާސްތެރި ޚިދުމަތުގައި ދެމި ތިއްބެވެ. ވަޒީފާތައް ދޫކޮށް އެމީހުންގެ އާއިލާތައް ކައިރިޔަށް ފުރަފުރައިގެން ދިޔުމުގެ އިޚްތިޔާރާއި ފުރުޞަތު އެމީހުންނަށްވެސް އޮތެވެ. އަދި އެ ޑޮކްޓަރުންނާއި ނަރުހުން ފުރަފުރައިގެން ދިޔަނަމަ، ދިވެހި ދައުލަތަކަށް ދިވެހި ރައްޔިތުންނަށް އެކަމާއި މެދު ކުރެވޭނެ ޝަކުވާއެއް ދެއްކޭނެ ހުއްޖަތެއްވެސް ނެތެވެ. އެއީ ކޯވިޑް-19ގެ އެންމެ ނާޒުކު ހާލަތުގައި އިންޑިއާ ސަރުކާރުން ދިޔައީ ބޭރުޤައުމުތަކުގައި ތިބި އެޤައުމުތަކުގެ ޞިއްޙީ ޚިދުމަތްތެރިންނަށް އެހީއަށް އެދި ގޮވަމުންނެވެ. އަމިއްލަ ޤައުމާއި އަމިއްލަ ރައްޔިތުންނާއި އަމިއްލަ އާއިލާ ސަލާމަތްކުރުމަށް އެނބުރި ޤައުމަށް އައުމަށް އިންޑިއާގެ ރައްޔިތުން އެދި ކުރި އާދޭސްތައް މިއަދުވެސް ސޯޝަލްމީޑިއާގެ އެކި މަންސަތަކުގައި ފެންނަން އެހެރީއެވެ. 

ކޯވިޑް-19 އާއި ގުޅިގެން ރާއްޖެ ދޫކޮށް ފުރައިގެންދާން ބޭނުންވި މީހުން އެމީހުންގެ ޤައުމުތަކަށް ފުރުވާލުމުގެ ތެރެއިން --

ކޯވިޑް-19 އާއެކު ދުނިޔޭގެ ޤައުމުތަކުގެ ބޯޑަރުތައް ބަންދުވެގެން ދިޔައިރު، ދިވެހިރާއްޖެއާ އިންޑިއާގައި ވައިގެ ދަތުރުތައް އައީ ކުރެވެމުންނެވެ. ޟަރޫރީ ބޭސްފަރުވާއަށް އިންޑިއާއަށް ދާންޖެހޭ މީހުންނަށް އެ ފުރުޞަތު އައީ ދެމުންނެވެ. ޖުލައި 15، 2021ގައި ދިވެހިރާއްޖޭގެ ބޯޑަރުތައް ފަތުރުވެރިންނަށް ހުޅުވާލީ، ރާއްޖެ ވެއްޓެމުން ދިޔަ އިޤުތިޞާދީ އަނދަވަޅުން ސަލާމަތްވުމުގެ ގޮތުންނެވެ. ކޯވިޑް-19ގެ އާލަމީ ވަބާގެ ދިލަގަނޑުގެ ތެރޭގައި ދިވެހިރާއްޖޭގެ ބޯޑަރުތައް ހުޅުވާލި ނަމަވެސް ދުނިޔެ ބަންދުވެފައި އޮތުމުން އަންނާނޭ ފަތުރުވެރިއަކު ވެދާނެ ކަމާއި މެދުވެސް ސުވާލު އުފެދުނެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީ މުޅިން ފުނޑުފުނޑުވީ ކަމުގައިވެސް އެތައް ބަޔަކު އައީ ބުނަމުންނެވެ. އެހެން ނަމަވެސް ކޯވިޑް-19އަށް ފަހު، ރާއްޖޭގެ ފަތުރުވެރިކަން ކޮޅަށް ޖެހުމުގައި އެންމެ މުހިއްމު ބައިވެރިއަކީ ރާއްޖެއާ އެންމެ ގާތުގައި އޮތް އިންޑިއާއެވެ. އިންޑިއާގެ ފޯރާމީހުންނާއި، ބޮލީވުޑްގެ ތަރިން ރާއްޖޭގެ ރިޒޯޓްތަކަށް އައިސް ރާއްޖޭގެ އިޤުތިޞާދަށް ފައިސާ ވައްދައި ދިނެވެ. ވަން ރިޒޯޓް ވަން އައިލެންޑް ކޮންސެޕްޓްގައި ހިންގާ ރާއްޖޭގެ ޓޫރިޒަމްއަކީ، ކޯވިޑް-19ގެ ހާލަތުގައިވެސް ފަތުރުވެރިންނަށް ސަލާމަތްތެރި އަމާން މަންޒިލެއްކަން ބޮލީވުޑްގެ ތަރިން ދުނިޔެއަށް ހާމަކޮށްދެމުން ދިޔައެވެ.

ރާއްޖޭގެ ބޯޑަރުތައް ހުޅުވާލުމުން، 28 ޖުލައި 2021ގައި އެއަރ އިންޑިއާގެ ދަތުރުތައް ރާއްޖެއަށް އަލުންފަށައި ފަތުރުވެރިން ގެންނަން ފެށުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---

އިންޑިއާގެ އަސްކަރީއެހީއާ މަދަދަށް އެދެނީ ދިވެހި ދައުލަތުންނެވެ. ދިވެހި ސަރުކާރު ހިންގުމުގައި އެވަގުތަކު ތިބި އިސްވެރިންނެވެ. ރައީސް ޔާމީނުގެ ސަރުކާރުގައިވެސް އިންޑިއާ އާއެކު އަސްކަރީ އެތައް ގުޅުމެއް ބޭއްވިއެވެ. އޮޕަރޭޝަން ދޯސްތީ ފަދަ އަސްކަރީ ތަމްރީންތައް ދެޤައުމުގެ ސިފައިން ބައިވެރިވެ ރާއްޖޭގެ ސަރަހައްދުތަކުގައި ހިންގިއެވެ. އެކަމަކު އޭރު އިންޑިއާއައުޓް ނުގޮވީ ޚުދު ރައީސް ޔާމީނަށް ދިވެހިންނަށް އިންޑިއާގެ އެހީތަކުގެ ބޭނުން ބޮޑުކަމަށް ވިސްނޭތީއެވެ. ޤަބޫލު ކުރާތީއެެވެ.

ޕީއެންސީގެ ކެންޑިޑޭޓް ރިޔާސީ އިންތިޚާބަށް ވިއްކާނޭ އެއްޗެއް ނެތި އިންޑިއާއާމެދު ނަފްރަތު އުފެއްދަން ފެށީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި މުޅިރާއްޖެ ތަރައްޤީކޮށްފައި ވާތީއެވެ. ސިޔާސީ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަން އިންތިހާ ދަރަޖައަށް ހުޅުވާލާފައި އޮތުމުންނެވެ. "ޓަކައި ޓަކައި" ކިޔާފައި ސިޔާސީ އިދިކޮޅު މީހުން ދައްކާނޭ ވާހަކައެއް ނެތުމުންނެވެ.

ޕީއެންސީގެ ކެންޑިޑޭޓް ޑރ މުހައްމަދު މުޢިއްޒު ވެރިކަމަށް އައިނަމަވެސް އިންޑިއާއާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނާޅުއްވާނެއެވެ. އެކަމަކު ފުރަމާނަ ފުރަތަމަ ދަތުރުފުޅުގައިވެސް އެމަނިކުފާނު ވަޑައިގަންނަވާނީ އިންޑިއާއަށެވެ. ވެރިކަން ހޯއްދެވުމަށްޓަކައި ދިވެހި ރައްޔިންތުގެ ޖަޒްބާތުތައް ކައްކުވައިގެން ހެއްދެވި ގޯސްތަކަށް މަޢާފަށް އެދިވަޑައިގަތުމަށެވެ.

އިންޑިއާގެ އަސްކަރީ އެހީއާ ނުލައި ދިވެހިންނަށް ދިވެހިރާއްޖޭގެ ސަރަހައްދު ބެލެހެއްޓެން ނެތްކަން އެންމެނަށްވެސް އެނގެއެވެ. އިންޑިއާގެ ހެލިކޮޕްޓަރުތަކުގައި ނޫނީ ފުރާނަ ސަލާމަތްކުރަން ހިންގާ މެޑިކަލް އިވެކުއޭޝަންތައް މިއަދާ ހަމައަށް ހިންގެންވެސް ނެތްކަން އެނގެއެވެ. ވީއިރު، އިންޑިއާ އައުޓާއި، އިންޑިއާއާ ދެކޮޅު ކެމްޕޭނަކީ، ސިޔާސީ ހަތިޔާރަކަށް ނުވާނަމަ، ޑރ މުޢިއްޒުގެ މެނިފެސްޓޯގައި އަސްކަރިއްޔާ ހަރުދަނާ ކުރުމުގެ ވާހަކަ ހިމެނުއްވީހެވެ. އަސްކަރީ މަތިންދާ ބޯޓުތަކާއި އަސްކަރީ ހެލިކޮޕްޓަރުތައް ދިވެހި ދައުލަތުުގެ ބަޖެޓުން ޚަރަދުކޮށްގެން ގަނެ އަސްކަރިއްޔާގެ އެއާ ވިންގު ފުޅާކުރެއްވުމުގެ ވާހަކަތައްވެސް މެނިފެސްޓޯގައި ހިމެނުއްވީހެވެ.

ދިވެހި ރައްޔިތުންނަކީ، ޤައުމިއްޔަތާއި ވަޠަނިއްޔަތުގެ ރޫޙްގައި، ވަރަށް ފަސޭހައިން ޖަޒްބާތުގައި ޖެހޭ ބައެކެވެ. އެހެންވެ ސިޔާސީ މީހުންނާއި ވިޔަފާރިވެރިންނަށް އެމީހުންގެ މަޤުޞަދުތައް ޙާޞިލްކުރުމަށް އިންޑިއާ އައުޓް ކެމްޕޭން ވެފައި އޮތީ ސިޔާސީ ގޮތުން ބޭނުން ކުރެވޭނެ ހަތިޔާރަކަށެވެ.

އިންޑިއާއިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރުގައި ކްރިޓިކަލް ހާލަތުގައިވާ ބަލިމީހުން އެއްތަނުން އަނެއްތަނަށް އުފުލައިދޭއިރު، އެކަމަކީ ވިޔަފާރިވެރި ވިސްނުމަކުން އެތައްބަޔަކު ދެކޮޅުވާ ކަމެކެވެ. ފުރާނައެއް ސަލާމަތްކުރަން ބޭނުންވާ ހާލަތުގައި ފައިސާއަށް ވުރެ ކޮންމެ މީހަކުވެސް އިސްކަންދޭނީ އާއިލާގެ މިހާގެ ފުރާނަ ސަލާމަތް ކުރުމަށެވެ. މިގޮތުން ބަލިމީހުން އުފުލުމަށް ކަނޑުމަގުންނާއި އެއްގަމުމަގުން އަދި ވައިގެ މަގުން ކުރާ ދަތުރުތަކަށް ބޮޑު ޚަރަދެއް ހިނގައެވެ. އަމިއްލަ އެއާލައިންތަކަށް އެފުރުޞަތު ލިބޭނަމަ، އާސަންދައިގެ ތެރެއިން އެތައް މިލިޔަން ރުފިޔާއެއް އެފަރާތްތަކަށް ހޯދޭނެއެވެ. ލޯންޗު ދަތުރުކުރާ ވިޔަފާރިތަކަށްވެސް އެތައް މިލިޔަން ރުފިޔާއެއް ލިބޭނެއެވެ. އިންޑިއާއިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުގައި 2022 ވަނަ އަހަރު 136 މީހުން އުފުލިއެވެ. 2023 ވަނަ އަހަރުގެ މިހާތަނަށް 120 މީހުން އުފުލައިފިއެވެ. ނާޒުކު ހާލަތްތަކުގައިވެސް ވިޔަފާރިވެރިން ދިވެހި ރައްޔިތުންގެ ކިބައިން ނުހައްޤު މަންފާ ހޯދަން މަސައްކަތް ކުރާ ކަމާއި މެދަކު އެއްވެސް މީހަކު ދެބަހެއް ނުވާނެއެވެ.

އިންޑިއާއިން ހަދިޔާކޮށްފައިވާ ހެލިކޮޕްޓަރުގައި ހާލުބޮޑު ބަލި މީހަކު އިތުރު ފަރުވާއަށް މާލެ ގެނެސް އުސް ފަސްގަނޑު ހެލިޕޭޑުން އެމްބިއުލާންސަށް އަރުވަނީ ---

ހަމަ ހަޤީޤަތުގައިވެސް އިންޑިއާ ހެލިކޮޕްޓަރުތައް ފޮނުވާލަން ބޭނުންނަމަ އެކަމަށް ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒުގެ މެނިފެސްޓޯގައި ސިޔާސަތުތަކެއް ހުށައެޅީހެވެ. އެއީ އެއާ އެމްބިއުލަންސްގެ ޚިދުމަތް ދިނުން ކޯލިޝަން ޕާޓުނަރުންނަށް ދިނުންކަމަށް ވިޔަސްމެއެވެ. ސަރުކާރުގެ ސިޔާސަތުތަކާއި މެދު ޑރ. މުއިއްޒު ވިދާޅުވަނީ އެކަންކަން ބަދަލު ނުކުރައްވާނެ ކަމަށެވެ. މިސަރުކާރުން ފަށާފައި ހުރި ތަރައްޤީގެ މަޝްރޫޢުތައް ހުއްޓާ ނުލައްވާނެ ކަމަށެވެ. ވަޒީފާތަކުން މީހުން ކަނޑައި ނުލާނެކަމަށެވެ. އެހެންވިއްޔާ މިސަރުކާރުގައި ގޯސްވެގެން އެއުޅުއްވަނީ ކޮންކަމެއްތޯ ކުރެވޭ ސުވާލަށް ދެއްވާ ޖަވާބަކީ މިނިވަންކަމާއި ހުއްރިއްޔަތާއި ޤައުމިއްޔަތު ސަލާމަތް ކުރުން ކަމުގައެވެ. ކެމްޕޭން ސްލޯގަންއަކަށް ދިވެހީންގެ ރާއްޖެ ޚިޔާރު ކުރައްވާފައި ވަނީވެސް، ދިވެހިރާއްޖެ އިންޑިއާގެ އަޅުވެތިކަމަށް ދަނީކަމަށް ވިސްނައިދެއްވުމަށާއި އެމަނިކުފާނު ނުކުންނަވަނީ ދިވެހިންގެ ރާއްޖެ ދިވެހިންނަށް ހޯދަވައިދެއްވުމަށް ކަމުގައި ބުނެދިނުމަށެވެ.

އުތުރު ތިލަފަޅާއި، އެހެނިހެން މަޝްރޫޢުތަކުގެ އެއްބަސްވުންތައް "ހާމަކުރެވެން އޮތްނަމަ" ހާމަކުރައްވާނެ ކަމަށެވެ. ހާމަކުރާނަމެކޭ އެމަނިކުފާނު ވިދާޅެއް ނުވިއެވެ. އިންޑިއާ ސިފައިން ތިބިކަމަށާއި، އެސިފައިން ރާއްޖެއިން ފޮނުވާލާނީ ދެޤައުމުން ވާހަކަ ދައްކައިގެން ކަމަށެވެ. އެހެންވީމާ، ދިވެހި ރައްޔިތުންނަށް މޭރުންވާންޖެހޭ ހަޤީޤަތަކީ، އިންޑިއާ އައުޓް ކެމްޕޭނާއި އިންޑިއާއާ މެދު ނަފްރަތު އުފެއްދުމުގެ ބޭނުމަކީ، ރިޔާސީ އިންތިޚާބަށް ރައްޔިތުންގެ ތާއީދު ހޯދުމެވެ. އެނޫނީ ވިއްކާނެ އެއްޗެއް އެފަރާތްތަކުގެ އަތުގައި ނެތީއެވެ. އެކަމަކު އެ އަވަގައި ޖެހިގެން ރިޔާސީ އިންތިޚާބުގައި އިދިކޮޅު ފަރާތްކަށް ރައްޔިތުން ފުރުޞަތު ދީފިނަމަވެސް ފެންނާނީ، ހަމަ އެހެލިކޮޕްޓަރުތަކާއި އެބޯޓުތައް ހަމަ އެމަނަވަރުތައް ދިވެހިރާއްޖޭގެ ޙިމާޔަތާއި ރައްކާތެރިކަމަށްޓަކައި، ޖައްވާ ފަޒާގައި ދަތުރުކުރާނެ ތަނެވެ. ބަދަލުވާނީ ވެރިކަމެވެ. އިތުރުކަމެއް ބަދަލެއް ނުވާނެއެވެ. ދިވެހިންގެ ތެރެއިން މިޙަޤީޤަތް މިހާރު ޤަބޫލުނުކުރެވި ތިބި މީހުންނަށް އެކަން ވިސްނޭއިރު އޮންނާނީ، މިހާރު އިދިކޮޅު ފަރާތްތަކުން އެމީހުން ބޭނުންވާ އަމިއްލަ ފައިދާތަކާއި މަސްލަހަތު ޙާސިލްކޮށްފައެވެ. އޭރުން އަނެއްކާވެސް ދިވެހި ރައްޔިތުން 2028 ވަނަ އަހަރު ނުކުންނަން ޖެހޭނީ، "މުއިއްޒު ނޫންގޮތެއް" ކިޔަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 May 2024
ޚަބަރު
އީރާންގެ ރައީސް އިބްރާހީމް ރައީސީ ދަތުރު ކުރެއްވި ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި އެއްވެސް މީހަކު ސަލާމަތެއް ނުވޭ!
އީރާންގެ ރައީސް އިބްރާހީމް ރައީސީ އަވަހާރަ ވުމާއި ގުޅިގެން، ރައީސްގެ ޒިންމާތަކާއި ހަވާލުވެ ވަޑައިގަންނަވާނީ، ނައިބު ރައީސް މުޙައްމަދު މޮޚްބަރ އައްޔަނުކުރައްވާނެއެވެ. މީގެ އިތުރުން ކުރިޔަށް އޮތް 50 ދުވަހުގެ ތެރޭގައި އައު އިންތިޚާބެއް ބާއްވަންވެސް ޤާނޫނުން ލާޒިމް ކުރެއެވެ.
20 May 2024
ޚަބަރު
އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރުގެ ބައިތައް ފެނިއްޖެ
އީރާންގެ ރައީސް އިބްރާހީމް ރައީސީ އާއެކު އެ ހެލިކޮޕްޓަރުގައި ތިއްބެވި އީރާނު ސަރުކާރުގެ އިސްބޭފުޅުންގެ ތެރޭގައި އީރާންގެ ފޮރިން މިނިސްޓަރ ހުސައިން އާމިރް ޢަބުދުލްލަހްޔާން އާއި، އީރާނުގެ އީސްޓް އަޒަރް ބައިޖާން ޕްރޮވިންސްްގެ ގަވަރުނަރު މާލިކް ރަޙްމަތީ އާއި ތަބްރީޒް ޕްރޮވިންސްގެ އިމާމް މުޙައްމަދު ޢަލީ އަލްޙާޝިމް ހިމެނިވަޑައިގަންނަވައެވެ.
20 May 2024
ޚަބަރު
އީރާންގެ ރައީސް އަވަހާރަވެއްޖެ ކަމަށް ބެލެވެންފަށައިފި
އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރު ފެނިއްޖެ ކަމުގައި މީގެ ކުރިން އީރާންގެ ޤައުމީ ޓީވީން ރިޕޯޓްވެސް ކުރިއެވެ. އެހެން ނަަމަވެސް 8 ގަޑިއިރު ފާއިތުވެ ދިޔަ އިރުވެސް ހެލިކޮޕްޓަރު ނުފެންނަކަމަށާއި، އެއިން ދަތުރު ކުރި މީހުންގެ ހިލަމެއް ނެތްކަަމަށް ރެސްކިއުޓީމްތަކުން ވަނީ ބުނެފައެވެ.
19 May 2024
ޚަބަރު
އީރާނުގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރު ފެނިއްޖެ ކަމަށް އިރާނުގެ ޤައުމީ ޓީވީން ބުނެފި
އީރާންގެ ރައީސް އިބްރާހީމް ރައީސީ އާއެކު އެ ހެލިކޮޕްޓަރުގައި ތިއްބެވި އީރާނު ސަރުކާރުގެ އިސްބޭފުޅުންގެ ތެރޭގައި އީރާންގެ ފޮރިން މިނިސްޓަރ ހުސައިން އާމިރް ޢަބުދުލްލަހްޔާން އާއި، އީރާނުގެ އީސްޓް އަޒަރް ބައިޖާން ޕްރޮވިންސްްގެ ގަވަރުނަރު މާލިކް ރަޙްމަތީ އާއި ތަބްރީޒް ޕްރޮވިންސްގެ އިމާމް މުޙައްމަދު ޢަލީ އަލްޙާޝިމް ހިމެނިވަޑައިގަންނަވައެވެ.