ޗާގޯސްގެ ވަޒަންވެރިއެއް
ޗާގޯސް ހޯދަން ބޭނުުންވާ ފަރާތްތަކުގެ ނުބައި ނިޔަތާއި ނުދައްކާ ވާހަކަ، ވަރަށް ބިރުވެރި
ޗާގޯސްއަކީ ދިވެހިންގެ ތަނެއްކަމާއި އެތަނުގެ ހައްޤުވެރީންނަކީ، ދިވެހީންކަމުގައި ޤަބޫލުކުރާ ދިވެހިންނާއި އެތަން ދިވެހިރާއްޖޭގެ ސިޔާދަތީ ބާރުގެ ތެރެއަށް ގެންނަން ބޭނުންވާ ދިވެހިން މަދެއް ނޫނެވެ. 58 އަހަރަށް ދެމިގެން ދިޔަ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ އިންވަކިކޮށް ބަހާލުމުން ދިވެހި ސަރުކާރުން ބޭރުގެ ބަޔަކަށް ރާއްޖޭގެ ދެކުނު ކަނޑުބައެއް ވިއްކާލީކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން ސަރުކާރުގެ ބޮލުގައި އަޅުވާ ތުހުމަތުތައް ކުޑައެއް ނޫނެވެ. އެކަމަކު އެއްވެސް ހެއްކެއް ޤަރީނާއެއް ނެތި އެވާހަކަތައް ދައްކާ ބޭފުޅުން، އެވާހަކަ ދައްކަނީ، ދިވެހިންގެ ވަޠަނީ ރޫހާއި، ގުޅުވައި އިމޯޝަނަލް ބްލެކްމެއިލްއެއް ކޮށްގެން ސިޔާސީ މަންފާއެއް ހޯދުމަށެވެ. އަދި ދިވެހިރާއްޖެއަށް ކަޅިއަޅައިގެން ތިބި ޒަމާންވީ ހަތުރުވެރީންގެ މަޤުޞަދު ހީލަތްތެރިގޮތެއްގައި ކާމިޔާބުކޮށް ދިނުމަށެވެ. ދިވެހިރާއްޖެއަށް ޗާގޯސް ހޯދަން ޖެހޭކަމަށް ބުނެ އަޑު ހަރުކޮށް ވާހަކަދައްކަވާ ސިޔާސީ ބޭފުޅުންގެ ފަސްފަހަތް ބަލާލުމުން އެމަންޒަރު މާރީތިކޮށް ސާފުވާނެއެވެ.
އިންޑިއާކަނޑުގެ ފުރަތަމަ ވަޒަންވެރީންނަކީ ދިވެހީންނެވެ. އެއީ އެއްވެސް މީހަކު ދެބަސްވާކަމެއް ނޫނެވެ. ދިވެހިން އިންޑިއާކަނޑުގެ މިޖަޒީރާތަކުގައި ވަޒަންވެރިވީ އީސާގެފާނު ދުނިޔެއަށް ވަޑައިގެންނެވުމުގެވެސް ދެހާސް އަހަރު ކުރިން ފެށިގެންނެވެ. އަދި މީލާދީން 5 ވަނަ ޤަރުނު ފެށުނު އިރުވެސް ދިވެހިރާއްޖެއަކީ މިނިވަން މުސްތަޤިއްލު ޤައުމެއްގެ ގޮތުގައި އަމިއްލަ ވެރިކަމެއް ހިންގަމުން އައި ޤައުމެކެވެ. ސީޝެލްސްއާ މޮރިޝަސް އަދި ރީޔޫނިއަން އަދި ޗާގޯސް ނުވަތަ ފެހެންދީބާއި، ލަކުޑިދީބު އާބާދުވުމުގެ ކުރިން އެތަންތަނަށް ދިވެހި ދަތުރުކޮށް އެތަންތަނުން ދިވެހިން ނަފާހޯދައި އުޅުނެވެ. 17 ވަަނަ ޤަރުނުގައި އިސްތިއުމާރީ ބާރުތަކުން އިންޑިއާކަނޑުގައި ވަކިހިއްޕައި، އޭރުފަޅަށް އޮތް ސީޝެލްސްއާ ރީޔޫނިއަން އަދި މޮރިޝަސްއަށް އަތްގަދަކުރިއެވެ. މިގޮތުން އިނގިރޭސީންނާއި ފަރަންސޭސީން އެމީހުންގެ އިޤްތިޞާދީ މަސައްކަތްތައް ފަޅަށް އޮތް އެރަށްތަކުގައި ހިންގުމަށް ދެކުނު އިންޑިއާއިންނާއި، އެފްރިކާ ބައްރުން އަޅުން ގެނެސް މީލާދީން 18 ވަނަ ޤަރުނުގައި އެރަށްތަކުގައި ވަޒަންވެރިކުރުވިއެވެ.
އޭގެކުރިން އިންޑިއާކަނޑުގައި ދަތުރުކުރި ސައްޔާހުންގެ ދަތުރުނާމާތަކާއި، ކުރައްސަވާފައިވާ އިންޑިއާ ކަނޑުގެ ޗާޓުތަކުގައި ޗާގޯސްގެ އަތޮޅުތައް އެއީ ދިވެހިރާއްޖޭގެ އަތޮޅުތަކެއްގެ ގޮތުގައި ހިމަނާފައި އޮވެއެވެ. އަދި ޖޯގްރަފީގޮތުން ޗާގޯސްގެ ރަށްތައް ގުޅިފައި އޮތީ ދިވެހިރާއްޖެއާއެވެ. މޮރިޝަސްއަކީ، ރާއްޖެއަށް ވުރެ ޗާގޯސްއާ އެތައްގުނައެއް ދުރުގައި އޮތް، ހިލަފަރުބަދައިގެ ރަށެކެވެ. އެހެންވެ ޖޯގްރަފީގޮތުންނާއި ތާރީޚީގޮތުންނާއި ދިވެހިންނަށް ޗާގޯސްއަކީ ދިވެހިންގެ ތަނެކޭ ބުނެވިދާނެއެވެ. އެހެން ނަމަވެސް 18 ވަނަ ޤަރުނުގައި ޗާގޯސްގެ ރަށްތަކުގެ މައްޗަށް ފަރަންސޭސީންނާއި އިނގިރޭސީން ވެރިވެގަތް އިރުވެސް އެތަންތަނުގެ މިލްކުވެރިކަމާއި މެދު ދިވެހި ދައުލަތުން ދައުވާއެއް ކޮށްފައެއް ނެތެވެ. އެއީ ދިވެހިންގެ ތަންތަންކަަން ކަމުގައި ބުނެ އެތަން ހޯދަން އުޅެފައިވާކަން އެނގޭނެ އެއްވެސް ހެއްކެއް ނެތެވެ. ނަތީޖާއަކީ، އިސްތިޢުމާރުގެ ޒަމާން ނިމި، ދުނިޔެއަށް ނެޝަނަލިޒަމް ތަޢާރަފްވެ 20 ވަނަ ޤަރުނުގެ ތެރޭގައި ދުނިޔެއަށް އައު ޤައުމުތައް އުފަންވެގެން އައިރު، އަޅުންގެނެސް އާބާދުކުރި ސީޝެލްސްއާ މޮރިޝަސް އަދި ރީޔޫނިއަންއަކީ މިނިވަން ވަކި ޤައުމުތަކަށް ވެގެން ގޮސް ވަކިދައުލަތްތަކެއްގެ ގޮތުގައި ހިނގަންފެށުމެވެ. އެދުވަސްވަރު އެންމެ ފުރަތަމަ ޗާގޯސް އޮތީ ސީޝެލްސްގެ ބައެއްގެ ގޮތުގައެވެ. ފަރަންސޭސީން އެރަށްތައް ދޫކޮށްލުމުން 1903ގެ ފަހުން 1965 ވަނަ އަހަރާއި ހަމައަށް އެރަށްތައް ހިމަނާފައި އޮތީ މޮރިޝަސްގެ ބައެއްގެ ގޮތުގައެވެ. 1965 ވަނަ އަހަރު މޮރިޝަސްގެ އަތުން 3މިލިއަން ޕައުންޑަށް ޗާގޯސްގެ ރަށްތައްގަނެ އެރަށްތަކަކީ ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީގެ ގޮތުގައި ހަމަޖެއްސިއެވެ. އަދި 1966 ވަނަ އަހަރު އެމެރިކާގެ އަސްކަރީބޭހެއް ހެދުމަށްޓަކައި ޗާގޯސްއައިލެންޑްސްގެ އެންމެބޮޑުރަށް ޑިއެގޯގާސިޔާ 50 އަހަރުގެ މުއްދަތަށް އިނގިރޭސީން އެމެރިކާއަށް ކުއްޔަށްދިނެވެ.
1886 ވަނަ އަހަރު އިނގިރޭސީންގެ ޙިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ގެންދިޔައެވެ. އަދި ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު އިނގިރޭސީން އައްޑުއަތޮޅު ގަމަށް ފައިބައި އެތަނުގައި އަަސްކަރީ މަރުކަޒެއް ހެދިއެވެ. 1950ގެ ކުރީކޮޅުން ފެށިގެން އިނގިރޭސީންގެ ކިބައިން މިނިވަންވުމުގެ ހަރަކާތްތައް ފެށިގެން ދިޔުމުން، އިނގިރޭސީންނަށް އައްޑު އަތޮޅުގައި ތިބެވޭނެ ގޮތެއް ހެދުމަށް އިނގިރޭސީން އަޑީގައި ތިބެގެން، ރާއްޖޭގެ އެންމެ ދެކުނުގެ 4 އަތޮޅުކަމުގައިވާ ހުވަދުއަތޮޅާއި ފުވައްމުލަކާއި އައްޑުއަތޮޅު ދިވެހި ދައުލަތާއި ދެކޮޅަށް ބަޣާވާތްކޮށް، ސްވައިދީވް އައިލެންޑް ރިޕަބްލިކްގެ ނަމުގައި ދިވެހި ދައުލަތުގެ ތެރޭގައި ވަކިދައުލަތެއް އުފައްދައި މިނިވަންކަން އިޢުލާނުކުރިއެވެ. މިދައުލަތް 1958އިން 1963އަށް 5 އަހަރު ދުވަހު ހިންގީ އިނގިރޭސީންގެ މަދަދާއި ބާރުލިބިގެންނެވެ. އޭގެ ހެއްކަކީ، ދެކުނުގެ ބަޣާވާތުގެ ލީޑަރު އަދި ސުވާދީބު ސަރުކާރުގެ ރައީސް ޢަބުދުﷲ އަފީފާއި އާއިލާ އިނގިރޭސީންގެ ޙިމާޔަތާއި މަދަދުގައި، ސީޝެލްސްއަށް ގެންދިޔުމެވެ. ދެކުނުގެ ބަޣާވާތް ހަމަޖެއްސެވުމަށްފަހު، އޭރުގެ ބޮޑު ވަޒީރު އިބްރާހީމް ނާޞިރު ފެއްޓެވީ، އައްޑުއަތޮޅުން އިނގިރޭސީން ފައްސާލުމުގެ މަސައްކަތެވެ. 1965ވަނަ އަހަރު ދިވެހިރާއްޖެ މިނިވަން ވުމަށްފަހުގައިވެސް 11 އަހަރު އިނގިރޭސި ސިފައިން އައްޑުއަތޮޅުގަމުގައި ތިއްބެވެ. އިނގިރޭސީން އައްޑު އަތޮޅު ގަމުން ފޭބީ 29 މާރިޗު 1976ގައެވެ. ނުރަސްމީ ފަރާތްތަކުން ދައްކާފައިވާ ވާހަކަތަކުގައި، ދިވެހިރާއްޖެއިން ފޯޅަވަހީގެ މިލްކްވެރިކަމަށް ދަޢުވާނުކުރުމަކީ، އިނގިރޭސީން ރައީސް އިބްރާހީމް ނާސިރަށް ހުށައެޅި ޝަރުޠެކެވެ. ތޯތޯގޮތެއްގައި ދެކެވިފައިވާ އެވާހަކަ ފިޔަވައި، އެބުނުމަށް ބާރުލިބޭ އިތުރުހެއްކެއް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ. 1976 ވަނަ އަހަރު އިނގިރޭސީން އައްޑުއަތޮޅު ގަމުން ފައިބައިގެން ދިޔައިރު، ޑިއެގޯގާސިޔާގައި އިނގިރޭސީންނާއި އެމެރިކާއިން ގުޅިގެން އަސްކަރީ ބޭހެއް އޮތީ ހަދައިފައްކާކޮށްފައެވެ.
އަދި އަސްކަރީ އެމަރުކަޒު ހެދުމަށްޓަކައި، 200 އަހަރަށްވުރެ ގިނަދުވަހު ޑިއެގޯގާސިޔާގައި ދިރިއުޅުނު އެތަނުގެ ރަށްވެހީން ގަދަކަމުން އެރަށުން ބޭރުކޮށްލެވުނީ، 1970ގެ ކުރީކޮޅުގައެވެ. އެމީހުން ފޮނުވާލެވުނީ މޮރިޝަސްއަށާއި، ސީޝެލްސް އަދި އިނގިރޭސި ވިލާތަށާއި އެމެރިކާއަށެވެ.
ޗާގޯސްގެ ރަށްތަކުން ގަދަކަމުން ބޭރުކޮށްލެވުނު އެތަނުގެ ވަޒަންވެރިން ބޭނުންވަނީ، އެނބުރި އެމީހުންގެ ވަޒަނަަށް އަންނާށެވެ. އެމީހުންގެ ތެރެއިން އެއްބަޔަކު ބޭނުންވަނީ، މޮރިޝަސްގެ ދަށުގައި ތިބޭށެވެ. އަނެއް ބަޔަކު ބޭނުންވަނީ ޗާގޯސްއަކީ މިނިވަން ވަކި ދައުލަތެއްގެ ގޮތުގައި ވުމަށެވެ.
ޗާގޯސްގެ ރަށްވެހީންގެ ތެރެއިން ގިނަ މީހުންނަކީ ކްރިސްޓިއަނުންނެވެ. އަދި އެމީހުންނަކީ ހުޅަނގުގެ ޤައުމުތަކުގައި އޮތް ދީނީ މިނިވަންކަމާއި، ކައިވެނިކުރުމުގައި ވަކި ޖިންސެއް ނުބެލުމުގެ މިނިވަންކަމުގައި ތިބި ބައެކެވެ.
ޗާގޯސް މީހުންގެ ތެރެއިން ޗާގޯސްއަށް އަނބުރާ ދާން ބޭނުންވާ މީހުން އެރަށްތަކަށް ދިޔުމަށް މަސައްކަތް ކުރަމުން އަންނަތާ އެތައް އަހަރެއްވެއްޖެއެވެ. މިގޮތުން އިނގިރޭސި ހައިކޯޓަށް ޗާގޯސްއަށް ނިސްބަތްވާ މީހުން ހުށައެޅި މައްސަލައިގައި، އެމީހުންނަށް އެރަށްތަކަށް ދަތުރުކުރުމުގެ ފުރުޞަތު ފަހިކޮށްދޭންޖެހޭނެކަމަށް އަމުރުކުރިއެވެ. އެހެން ނަމަވެސް 2022 ވަނަ އަހަރާއި ހަމައަށް، ޗާގޯސްގެ ވަޒަންވެރީންގެ ތެރެއިން އެއްވެސް މީހަކަށް އެރަށަށް ދިޔުމުގެ ފުރުޞަތެއް ނުލިބުނެވެ.
2022 ވަނަ އަހަރުގެ ފެބުރުއަރީމަހު، ޗާގޯސްގައި އުފަންވި މީހުންގެ ތެރެއިން ފުރަތަމަ ގުރޫޕްގެ މީހުން، އިނގިރޭސި އަސްކަރިއްޔާގެ ބެލެހެއްޓުމެއް ނެތި ފުރަތަމަ ފަހަރަށް ޗާގޯސްއަށް ދިޔައެވެ. އެމީހުން ޗާގޯސްއަށް ދިޔައީ މޮރިޝަސްގެ އުޅަނދެއްގައެވެ. އަދި އެމީހުން އެތަނުގައި މޮރިޝަސްގެ ދިދަ ނެގިއެވެ.
މޮރިޝަސްގެ ދައުވާއަކީ، ޗާގޯސްއަކީ އެޤައުމުގެ ބައެއް ކަމަށެވެ. އަދި އިނގިރޭސީން މޮރިޝަސްއަށް މިނިވަންކަން ދިން ނަމަވެސް އަދިވެސް އިނގިރޭސީންގެ ދަށުގައި ޗާގޯސްގެ ރަށްތައް އޮތުމަކީ އިސްތިޢުމާރު ނިމުމަކަށް ނާންނަ ކަމެއްކަމުގައި މޮރިޝަސްއިން އަންނަނީ ބުނަމުންނެވެ.
ޗާގޯސް ހޯދުމަށް މޮރިޝަސްއިން މަސައްކަތް ކުރަމުން އައި އިރު، ދިވެހިރާއްޖެއިން މަސައްކަތްކޮށްފައި ވަނީ އެތަނަކީ އިނގިރޭސީންގެ ތަނެއްގެ ގޮތުގައި އޮތް އޮތުން ދެމެހެއްޓުމަށެވެ. މިގޮތުން ޗާގޯސްގެ މައްސަލައިގައި އދ.ގައި 2017 ވަނަ އަހަރު ނެގި ވޯޓުގައި ދުނިޔޭގެ 95 ޤައުމަކުން ވޯޓު ދިނީ ޗާގޯސްއަކީ އިނގިރޭސީން އިސްތިޢުމާރުކޮށްފައިވާ މޮރިޝަސްގެ ބައެއްގެ ގޮތުގައި ޤަބޫލު ކުރާކަމަށެވެ.
ޗާގޯސްގެ މައްސަލަ، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އަށް ހުށައެޅުން އެކޯޓުން ނިންމަފައިވަނީ، ޗާގޯސްއަކީ، އިނގިރޭސީން އިސްތިއުމާރުކޮށްފައިވާ މޮރިޝަސްގެ ބައެއް ކަމަށެވެ. މިއާއެކު، 2019 ވަނަ އަހަރުގެ މެއިމަހު އދ ގެ އާންމު މަޖިލީހުގައި ވޯޓު ނެގީ ޗާގޯސް ޖަޒީރާ އިނގިރޭސީންގެ ބާރުގެ ދަށުގައި އޮތް އޮތުމާ ގުޅޭގޮތުން، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން ދިން އިސްތިޝާރީ ލަފާ ނުވަތަ އެޑްވައިޒަރީ އޮޕީނިއަން އދ އިން ބަލައިގަތުމަށެވެ. އެވޯޓުގައި އިނގިރޭސި ވިލާތާއެއްކޮޅަށް ވޯޓުދީފައި ވަނީ ރާއްޖެ ހިމެނޭ ގޮތުން 05 ޤައުމަކުންނެވެ. ޗާގޯސްއަކީ މޮރިޝަސްގެ ތަނެއްކަމަށް ތާއީދުކޮށް އައިސީޖޭގެ ނިންމުން ބަލައިގަތުމަށް ދުނިޔޭގެ 113 ޤައުމަކުން އދ.ގައި ވޯޓުދިނެވެ.
ދިވެހިރާއްޖެއާ މޮރިޝަސްއާ ދެމެދު ކަނޑުގެ ސަރަހައްދު ބެހުމުގައި ވަކިގޮތެއް އޭގެ ކުރިން ނިމިފައި ނުވަނީ، ޗާގޯސްގެ މިލްކްވެރިކަމާއި މެދު ގޮތެއް ނިމިފައި ނެތުމުންނެވެ. އައިސީޖޭއިން މޮރިޝަސްއާއެއްކޮޅަށް މައްސަލަ ނިމުމާއެކު ކަނޑުގެ ސަރަހައްދު ބެހުމުގެ މައްސަލަ އިޓްލޮސްއަށް ގެންދިޔައީވެސް މޮރިޝަސްއިންނެވެ. ޗާގޯސްއަކީ މޮރިޝަސްގެ ތަނަކަށް ވުމުން، ރާއްޖެއާ ޗާގޯސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދު ހަމަޔަށް ބެހުމާއި ދެކޮޅަށް ރާއްޖެއަށް ކުރެވޭނެ ކަމެއް ނެތެވެ. އެހެން ނަމަވެސް އިދިކޮޅު ސިޔާސީ ފަރާތްތަކުން އިޓްލޮސްގެ ނިންމުމާއިއެކު ސަރުކާރުގެ ބޮލުގައި އެޅުވީ، ރާއްޖެއިން ރާއްޖޭގެ ކަނޑުގެ ބައެއް ވިއްކާލީ ކަމުގެ ތުހުމަތެވެ. އެއާއެކު ޗާގޯސްއަކީ ދިވެހިންގެ ތަނެއްކަމަށާއި އެތަން ހޯދަން ޖެހޭނެކަމަށް ބުނެ ވާހަކަތައް ފެތުރިއެވެ. ޗާގޯސް ކަނޑު ނުބަހައި ފަރުޖެއްސޭނެ ގޮތަކީ، ރާއްޖެއިން ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމެވެ. އެކަމަކު ރާއްޖެއިން އެއްވެސް ޒަމާނެއްގައި ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު ހޯދުމަށް މަސައްކަތްކޮށްފައެއް ނެތެވެ.
ޗާގޯސްގެ މައްސަލައިގައި އިދިކޮޅުން ދައްކާ ވާހަކައިގެ ބޭނުމަކީ ސިޔާސީ މަންފާއެއް ހޯދުމެވެ. އެއަށް ވުރެ ބޮޑަށް ނުރައްކާތެރި ކަމަކީ، ދިވެހިރާއްޖެ ސެކިއުލަރ ދައުލަތަކަށް ހެދުމާއި، ރާއްޖޭގައި އެހެންދީންތަކަށް ފުރުޞަތު ހޯދުމާއި އެއްޖިންސުން ކައިވެނިކުރުމުގެ މިނިވަންކަން ހޯދުމަށް ކުރާ މަސައްކަތުގެ ފޮރުވިފައިވާ އެޖެންޑާއެވެ. މިއީ ހުޅަނގުގެ ކްރިސްޓިއަން މިޝަނަރީތަކާއި އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކަށް އެތައް ޒަމާނެއްވަންދެން ނުކުރެވި އޮތް ކަމެއް ކުރުމަށް އެފަރާތްތަކަށް ލިބޭ ފުރުޞަތެކެވެ. އަދި އެއީ އެކަމަށް މަސައްކަތްކުރާ ރާއްޖޭގެ ފަރާތްތަކަށްވެސް ސީދާ ރައްޔިތުންގާތުގައި އެވާހަކަ ނުދައްކައި އެކަމަށް މަގުފަހިކުރެވޭ ފުރުޞަތެކެވެ. ދިވެހިންގެ ތެރެއިން ގިނަ މީހުން ޗާގޯސް ހޯދަން ބޭނުންވެއެވެ. ޗާގޯސްކަނޑު ބޭނުންވެއެވެ. އެހެންވީމާ، ޗާގޯސްއަކީ ރާއްޖޭގެ ތަނެއްގެ ގޮތުގައި ބަލައި ޗާގޯސްގެ ރަށްތައް ހޯދިއްޖެ ނަމަ އެފަރާތްތަކުގެ މަޤުޞަދު ޙާސިލްވީއެވެ.
ޖޯގްރަފީ ގޮތުން ޗާގޯސް ކައިރީ ދިވެހިރާއްޖެއާއެވެ. އަދި އެތަނުގައި މީހުން ވަޒަންވެރިވުމުގެ ކުރިންވެސް އެތަން ދަންނަނީ ދިވެހީންނެވެ. އެހެންވެ ޗާގޯސްގެ މައްޗަށް ސިޔާދަތީބާރު ހޯދުމަށް ދިވެހީން ދައުވާކުރަން ޖެހޭނެކަމަށް ބުނެ، ރައްޔިތުންނަށް އޮޅުވާލާ ފަރާތްތަކުގެ ވާހަކަތަކާއި އެމީހުންގެ މޭރުންތަކުން އެނގެނީ އޭގެ ފަހަތުގައި ބޮޑު ސިއްރެއް އޮތްކަމަށެވެ.
ދިވެހިރާއްޖެއިން ޗާގޯސްގެ މައްޗަށް ދައުވާކޮށްފިނަމަ އެތަން ދިވެހިރާއްޖެއަށް ހޯދައިދިނުމަށް ބޭރުގެ ފަރާތްތަކުން މަސައްކަތް ކުރާނެއެވެ. ބޭރުގެ ކްރިސްޓިއަން މިޝަނަރީތަކުންނާއި އިންސާަނީ ހައްޤުތަކަށް މަސައްކަތް ކުރާ ފަރާތްކުން މަސައްކަތްކުރާނެއެވެ. އެއީ ރާއްޖެ %100 މުސްލިމް ޤައުމެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް ރާއްޖެ އެހެން ދީންތަކަށް ހުޅުވާލުމަށް އެއީ ކޮށޭނެ މަގަކަށް ވާތީއެވެ. ރާއްޖޭގެ އާބާދީގެ ތެރެއަށް މުސްލިމް ނޫން ބަޔަކު ވެއްދިއްޖެ ނަމަ އެފަރާތްތަކުގެ މަޤުޞަދު ޙާސިލްވީއެވެ. ދުނިޔެ އެއްބަސްވަނީ ޗާގޯސްގެ މީހުންނަށް އެމީހުންގެ ވަޒަނަށް ދެވެން ޖެހޭނެކަމަށެވެ. ރާއްޖޭގެ ސިޔާދަތީ ބާރުގެ ދަށަށް ޗާގޯސް ލިބޭނީ، ޗާގޯސްގެ ރަށްވެހީންނަށް ދިވެހި ރަށްވެހިކަންވެސް ދޭންޖެހޭނެ ގޮތަށެވެ. މިހާރުވެސް އިނގިރޭސީން އެރަށްތަކުގެ މައްޗަށް ވެރިވެފައި އޮތްގޮތަށް އެރަށްތަކުގެ ވަޒަންވެރިން ބޭރުކޮށްފައި އެތަން ދިވެހިރާއްޖެއަށް ހޯދައިދޭކަށް ދުނިޔޭގެ އެއްވެސް ޤައުމަކުން މަސައްކަތެއް ނުކުރާނެއެވެ.
ޗާގޯސް ދިވެހިރާއްޖޭގެ ދަށަށް ގެނެވިއްޖެނަމަ، ދިވެހިރާއްޖޭގެ ޒަމާންވީ ހަތުރުންނަށް ތިންކަމަކުން ކާމިޔާބު ލިބެއެވެ. އެއީ ދިވެހިދައުލަތަކީ ސެކިއުލަރ ދައުލަތަކަށް ހެދުމާއި، ދީނީ މިނިވަންކަން ހުޅުވައިލުމާއި، އެއްޖިންސުން ކައިވެނިކުރުން ހުއްދަކުރުމަށް ބާރުއެޅުމެވެ. މިހާރުވެސް ރާއްޖެއިން ޔޫރަޕަށް ބޭރުކުރާ މަހަށް ބޮޑު ޑިއުޓީއެއް ނެގުމުގެ މައިގަނޑު ސަބަބަކީ، ރާއްޖޭގައި ދީނީ މިނިވަންކަން ދީފައި ނެތުމެވެ.
ޗާގޯސްގެ ރަށްތައް ދިވްހިން ބޭނުންނަމަ ޤުރުބާންކުރަން ޖެހެނީ، ޤައުމިއްޔަތުގެ އެތައް ކަމެކެވެ. މިގޮތުން ޗާގޯސްގެ ރައްޔިތުންނަކީ ދިވެހިރައްޔިތުންކަމުގައި ބަލައިގަންނަންޖެހޭނެއެެވެ. އެކަމަށްޓަކައި، ދިވެހިރައްޔިތަކަށް ވެވޭނީ، މުސްލިމަކަށް ކަމުގައި ޤާނޫނު އަސާސީގައި ބަޔާންކޮށްފައި އޮންނަ މާއްދާ އުވައިލާންޖެހޭނެއެވެ. އަދި ޗާގޯސްގެ އަހުލުވެރިންނަކީ، ކްރިސްޓިއަނުންނާއި ދީނަކަށް ތަބާނުވާ މީހުންނާއި އެއްޖިންސުން ކައިވެނިކުރުމުގެ މިނިވަންކަމުގައި ތިބިބަޔަކަށް ވުމުން، ރާއްޖޭގެ ޤާނޫނުތަކުގައި އެމީހުންނަށް އެމިނިވަންކަން ދޭން މަޖުބޫރުވާނެއެވެ.
މީގެ އިތުރުން ދިވެހިންނަކީ އެއްބަހަކުން ވާހަކަދައްކާ އެއްދީނަކަށް ތަބާވާ އެއްނަސްލެއްގެ އެއް ޘަޤާފަތެއްގެ ބައެއްގެ ގޮތުގައި އޮތް އޮތުންވެސް، ޗާގޯސިއަނުންނަކީ ދިވެހިންކަމުގައި ހެދިއްޖެނަމަ ނިމުމަކަށް އަންނާނެއެވެ. އޭރުން އެކަންވާނީ، ޒަމާންތަކަށް ދެމިގެންދާނޭ ނަސްލީ ދީނީ އަރައިރުމަކަށެވެ. ދިވެހިރާއްޖޭގެ ދާޚިލީ ހަމަޖެހުން ގެއްލިގެންދާނޭ ކަމަކަށެވެ.
ދިވެހިރާއްޖޭގެ ކުރީގެ ރަސްރަސްކަލުންނާއި، ރައީސުން ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރުހޯދަން ދަޢުވާނުކުރީ، ރާއްޖެއާ އެތަނާއި ގުޅުމެއް ނެތިގެނެއް ނޫނެވެ. ރާއްޖެއަށް އެތަން ހޯދާނަމަ ދިވެހިން އަދާކުރަންޖެހޭނޭ އަގު ބޮޑުވީމައެވެ.
ޗާގޯސް މައްސަލައިގެ ފަހަތުގައި ވަނީ ރާއްޖެއަށް ޗާގޯސް ކަނޑު ހޯދުމެއް ނޫނެވެ. އަދި ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރުތައް ހޯދުމެއްވެސް ނޫނެވެ. އޭގެ ފަހަތުގައި ދިވެހިރާއްޖެއަކީ، ހުޅަނގުގެ ޤައުމުތައް ފަދަ ޤައުމަކަށް ހެދުމެވެ. އެކަމަކަށް ދައުވާކުރާ ވަކާލާތުކުރާ ބޭފުޅުންގެ ފަސްބައި ހާވާލައިފިނަމަ، މިދެކަންތަކުގެ ގުޅުން ކޮންމެ ބޭފުޅަކަށްވެސް ފަހުމްވާނެއެވެ.