މަސްތުވާތަކެތިން ރާއްޖެ އެއްކޮށް ސަލާމަތްކުރާނެކަމަށް ވަޒީރު އިޙްސާން ވިދާޅުވެއްޖެ
މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުން އެކަން ވަގުތުން ހުއްޓާލުމަށާއި، ހުއްޓާނުލައިފިނަ ހައްޔަރުކޮށް މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތް ކުރައްވާނެކަމަށް ވިދާޅުވެ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޚްސާން އިންޒާރު ދެއްވައިފިއެވެ. ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
ދާޚިލީ ވަޒީރު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ފުރަތަމަ ޓާގެޓް ކުރަނީ އެތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ކަމަށާއި، އެކި ސަރަހައްދުތަކުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް ފާރަލައި، ތަހުގީގުކޮށް، ހައްޔަރުކުރަމުންދާ ކަމަށެވެ. އަދި މި މަސައްކަަތަށް ފުރިހަމަ ކަމެއް ލިބިގެންދާނީ މަސްތުވާތަކެތީގެ ޤާނޫނު ފާސްވުމުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
އަދި ވަޒީރު ވިދާޅުވީ މިހާރުވެސް މަސްތުވާކެތި ވިއްކުމުގެ ވިޔަފާރި ކުރާ ބަޔަކު ހައްޔަރު ކުރުމުގެ މަސައްކަތް ރާއްޖޭގެ ދެ ސަރަހައްދެއްގައި ކުރިއަށްދާ ކަމަށެވެ. އެކަންކަން ހުއްޓާނުލާނަމަ ހައްޔަރުކޮށް، ރާއްޖެ ސާފު ކުރާނެކަމުގެ އިންޒާރު ވަޒީރު ދެއްވިއެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ވިދާޅުވީ މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު މަސްތުވާތަކެތީގެ މައްސަލައަށް ޖުމްލަ ޙައްލެއް ގެންނަވާނެކަމަށެވެ.