އިންޓަރ-ޕާލިމެންޓަރީ ޔުނިއަންގެ 150 ވަނަ އެސެމްބްލީގައި މަޖިލީހުގެ ރައީސް / ފޮޓޯ: މަޖިލިސް
ދުނިޔޭގެ ސުލްޙަ މަސަލަސްކަމަށް މަޝްވަރާ މުހިންމު: މަޖިލީހުގެ ރައީސް
ދުނިޔޭގެ ސުލްޙަ މަސަލަސްކަމަށް މަޝްވަރާގެ ވިސްނުން މުހިންމު ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. މަޖިލީހުގެ ރައީސް މިފަދައިން ގޮވާލެއްވީ، އުޒްބަކިސްތާނުގެ ތަޝްކެންޓުގައި ކުރިއަށްދާ އިންޓަރ-ޕާލިމެންޓަރީ ޔުނިއަންގެ 150 ވަނަ އެސެމްބްލީގެ ހަވާސާގައި ކުރިއަށްދާ ނަން-އެލައިންޑް މޫވްމެންޓް ޕާލިމެންޓަރީ ނެޓްވޯރކްގެ 4 ވަނަ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކޮންފަރެންސްގެ މައުޟޫއަކީ "ބަންޑުން އުސޫލުތަކަށް 70 އަހަރު ފުރުން: ބަންޑުން އުސޫލުތައް ދެމެހެއްޓުމުގައި މަޖިލިސްތަކުގެ ދައުރު" އަށް ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، ބަންޑުން އުސޫލުތައް ދެމެހެއްޓުމަށް ދިވެހިރާއްޖެއިން ކުރަމުންދާ އިޚްލާސްތެރި މަސައްކަތް ފާހަގަކުރައްވައިފައެވެ. އަދި، މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލާއި، ބައިނަލްއަގުވާމީ އެއްބާރުލުމުގެ އަގުތައް ދެމެހެއްޓުމަށް ޕާލިމެންޓަރީ ފިޔަވަޅުތަކެއް އަލުން އެޅުމަށް ގޮވާލެއްވިއެވެ.
މީގެ އިތުރުން، މިއަދުގެ ދުނިޔޭގައި ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމުގައި، ނުފޫޒު ނުފޯރުވުމާއި، ސުލްހަވެރިކަމާއެކު މައްސަލަތައް ހައްލުކުރުމާއި، ވިޔަފާރިއާއި ސަގާފަތުގައި އެއްބާރުލުން ދިނުމުގެ ބޭނުން ހިފުމުގައި ބަންޑުން އުސޫލުތަކުގެ މުހިންމުކަން މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ.
ކުދި ޖަޒީރާ ޤައުމުތަކުގެ ނާޒުކުކަމަށް އަލިއަޅުއްވާލައްވަމުން، މަޖިލީހުގެ ރައީސް ވަނީ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދުނިޔޭގެ އެއްބާރުލުން ދިނުމަށް ގޮވާލައްވައި، އެކަމަކީ ދިވެހިރާއްޖެއަށް ސީދާ ގޮތެއްގައި އަސަރުކުރާ އަދި ދުވަހުން ދުވަހަށް ނުރައްކާތެރިކަން އިތުރުވަމުންދާ ކަމެއް ކަމުގައި ފާހަގަކުރައްވާފައެވެ. ޚާއްޞަކޮށް އެންމެ ބޮޑަށް ނުރައްކާތެރިކަމުގެ ތެރޭގައިވާ ޤައުމުތަކަށް، ތިމާވެށީގެ އިންސާފު ގާއިމުކުރުމަށް ނަން-އެލައިންޑް މޫވްމެންޓް (ނާމް)ގެ މެންބަރު ޤައުމުތަކުން ދޭ އަހައްމިއްޔަތުކަން އިތުރަށް ހަރުދަނާކުރުމަށްވެސް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
އެ މަނިކުފާނުގެ ވާހަކަފުޅުގައިވަނީ އިޖްތިމާއީ ރައްކާތެރިކަމުގެ ގާނޫނާއި ލާމަރުކަޒީ ގާނޫނު ފަދަ ގާނޫނުތައް މެދުވެރިކޮށް އިންކްލޫސިވް ޑިވެލޮޕްމަންޓް ކުރިއެރުވުމުގައި ރައްޔިތުންގެ މަޖިލީހުން ހޯދާފައިވާ ކުރިއެރުންތަކަށް ވެސް އަލިއަޅުއްވައިލައްވައިފައެވެ. އަދި، މި ގާނޫނުތަކުގެ ސަބަބުން މުޖުތަމައުތަކަށް ބާރު ލިބި، ހަމަހަމަކަން ކުރިއަރާފައިވާކަމަށް ވެސް މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ.