ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދު -- ފޮޓޯ: ރައީސް އޮފީސް.
ޝަހީދު ސްޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަނުކުރައްވައިފި
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ސ. ހިތަދޫ، ބާޒީގެ އަލްއުސްތާޛު ޙުސައިން ޝަހީދު މިއަދު ޢައްޔަންކުރައްވައިފިއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 148 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް ޢައްޔަނުކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ބުދަ ދުވަހުގެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
އަލްއުސްތާޛު ޙުސައިން ޝަހީދަށް މަޤާމުގެ ހުވައި ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދެވެ. އަދި، މަޤާމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އަލްއުސްތާޛު ޙުސައިން ޝަހީދާ ހަވާލުކޮށްދެއްވާފައެވެ.
އަލްއުސްތާޛު ޙުސައިން ޝަހީދު ވަނީ ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަޤާމު އަދި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމުވެސް އަދާކުރައްވާފައިވެއެވެ. ހަމައެއާއެކު އަލްއުސްތާޛު ޙުސައިން ޝަހީދު ވަނީ މާސްޓަރ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީޢާ ޕޮލިސީ، އަދި ޖޫރިސްޕްރޫޑަންސް އެންޑް ލޯ، އެލް.އެލް.ބީ ޙާޞިލުކުރައްވާފައެވެ.
އަލްއުސްތާޛު ޙުސައިން ޝަހީދު ދިވެހިރާއްޖޭގެ ސްޕްރީމްކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް ޢައްޔަނުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުންދެއްވީ މިއަދު ހެނދުނު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ. އެޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާޤުން ފާސްކުރެއްވީ ޝަހީދަށް ރުހުން އޮތް ކަމަށެވެ.