Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --

14 Nov 2024
ޚަބަރު

މިރޭ 12ގެ ފަހުން 21 އަހަރު ނުވާ މީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނާވާނެ

ޤާނޫނު ނަންބަރު 2010/15 (ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަޞްދީޤުކުރައްވައިފިއެވެ.

މިބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައި ވަނީ، މިހަފްތާގެ އަންގާރަ ދުވަހުގައެވެ. ދުންފަތުގެ ޤާނޫނަށް ގެނެވުނު މި އިސްލާޙްތަކަކީ، ރާއްޖޭގައި ދުންފަތް މަނާކުރުމަށް މިހާތަނަށް އެޅުނު އެންމެ ހަރުކަށި ފިޔަވަޅުތަކެވެ. މިގޮތުން މިރޭގެ 00:00އިން ފެށިގެން، އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އެފަދަ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ދިވެހިރާއްޖެއަށް އެތެރެކުރުން މަނާވާނެއެވެ. މިއާއެކު މިހާރު 18 އަހަރުން މަތީގެ މީހުންނަށް ދުންފަތުގެ ވިޔަފާރީގެ މުއާމަލާތްތަކުގައި ބައިވެރިވެވުނު ނަމަވެސް އެ އުމުރުވެސް 21 އަހަރަށް މަތިވެގެންދާނެއެވެ. 

ޤާނޫނަށް ގެނެވުނު އިސްލާޙްތަކާއި އެކު މިރެއިން ފެށިގެން މަނާވާނެ ކަންކަމާއި އަޅާ ފިޔަވަޅުތައް:

- ދައުލަތުގެ އެންމެހައި އިދާރާތައް ހިންގާ އިމާރާތްތަކާއި އެ ތަންތަނުގެ ގޯތިތެރޭގައި ދުންފަތުގެ އިސްތިޢުމާލުކުރުން.

- ވިޔަފާރިއެއް ނުވަތަ ޚިދުމަތެއް ފޯރުކޮށްދޭ ތަންތަނުގައި ހުއްދައާ ޚިލާފަށް ދުންފަތުގެ އިސްތިޢުމާލުކޮށްފި ނަމަ، އެކަން ކުރި ފަރާތާއި، އެ ތަނެއްގެ ވެރިފަރާތް ނުވަތަ އެ ތަނެއް ހިންގާ ފަރާތް ޖޫރިމަނާކުރުމާއި، އެ ތަނެއްގައި ދުންފަތުގެ އިސްތިޢުމާލުކުރުމަށް ދޫކޮށްފައިވާ ހުއްދަ ބާޠިލުކޮށް، އެ ތަނަކަށް ދޫކޮށްފައިވާ ވިޔަފާރިކުރުމުގެ ހުއްދަ ވަގުތީގޮތުން ހިފެހެއްޓުން.

- 21 އަހަރުން ދަށުގެ މީހުންނާއި ކުޑަކުދީންނަށް ދުންފަތުގެ އެއްވެސް ބާވަތެއް ނުވަތަ ދުންފަތުން އުފައްދައިފައި ހުރި އެއްވެސް އެއްޗެއް ވިއްކުން ނުވަތަ ވިއްކުމުގެ މުޢާމަލާތެއްގައި 21 އަހަރުން ދަށުގެ މީހަކު ނުވަތަ ކުޑަކުއްޖަކު ބައިވެރިކުރުން.

- ދުންފަތުގެ ބާވަތެއް ގަންނަ މީހަކީ 21 އަހަރު ވެފައިވާ މީހެއްކަން ނުވަތަ ކުޑަކުއްޖެއްކަން ނޫންކަން ޔަގީންކޮށް، އެ ފަރާތެއްގެ ކާކުކަން އަންގައިދޭ ކާޑު ނުވަތަ އުމުރު އަންގައިދޭ ޞައްޙަ ރަސްމީ ލިޔުމެއް ދެއްކުމަށް އަންގައި، އެ ލިޔުން ދެއްކުމަށްފަހު މެނުވީ އެއްވެސް ފަރާތަކަށް ދުންފަތުގެ ބާވަތެއް ވިއްކުން.

- ދުންފަތުގެ އެއްވެސް ބާވަތެއް އެ ވިއްކާ ފަރާތަކުން އިސްތިހާރުކުރުން.

- ދުންފަތުގެ ބާވަތްތައް ވިއްކާ ތަނެއްގައި ދުންފަތުގެ އެއްވެސް ބާވަތެއް ނުވަތަ ދުންފަތުގެ ބާވަތެއް އެކުލެވޭ ފޮށި ނުވަތަ ކާޓަން ނުވަތަ އެނޫންވެސް އެފަދަ ތަކެތި ބަންދުކޮށްފައި ހުންނަ އެއްޗެއް، އާންމުންނަށް ފެންނާނޭހެން ބެހެއްޓުމާއި، އެފަދަ އެއްޗެއް އާންމުންނަށް ފެންނާނޭހެން އެއް ތަނުން އަނެއް ތަނަށް އުފުލުމާއި، އެގޮތަށް މުދާ ބަހައްޓައިފި ނަމަ ނުވަތަ އުފުލައިފި ނަމަ، އެއީ އިސްތިހާރުކުރުން ކަމުގައި ބެލެވޭނެ.

- ދުންފަތް ހެއްދުމާއި ދުންފަތާއި ދުންފަތުގެ ބާވަތްތައް އުފެއްދުން މަނާކުރާ މާއްދާގެ ދަށުން، ދުންފަތުގެ އެއްވެސް ބާވަތެއްގެ ގަހެއް، އެއްވެސް މިންވަރަކަށް ހެއްދުން ނުވަތަ ދިވެހިރާއްޖޭގައި އެއްވެސް މިންވަރަކަށް ދުންފަތް އުފެއްދުން.

- ދުންފަތް ގަހާއި، ދުންފަތުގެ ގަހުގެ އޮށް ހިމެނޭހެން، ދުންފަތް ގަސް ހެއްދުމަށް ބޭނުންކުރެވިދާނެ އެ ގަހުގެ އެ ނޫންވެސް ބައެއް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ދިވެހިރާއްޖޭގައި ދުންފަތުގެ އެއްވެސް ބާވަތެއްގެ އުފެއްދުން.

- ޤާނޫނާ ޚިލާފަށް ދުންފަތުގެ ބާވަތްތައް އިސްތިހާރުކުރުމާއި، ސްޕޮންސަރކުރުމާއި، ޕްރޮމޯޓުކުރުން.

- ޤާނޫނާއި ގަވާއިދާ ޚިލާފަށް އެއްވެސް ފަރާތަކުން ދުންފަތް ނުވަތަ ދުންފަތުގެ އެއްވެސް ބާވަތެއް ދިވެހިރާއްޖެއަށް އެތެރެކުރުން ނުވަތަ ދިވެހިރާއްޖެއިން ބޭރުކުރުން ނުވަތަ ދިވެހިރާއްޖޭގައި ބެހުން ނުވަތަ ވިއްކުން.  

ޤާނޫނަށް ގެނައި މިއިސްލާޙްތަކުގައި ވަނީ، އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި ވިއްކުން މަނާކޮށް، ޤާނޫނާ ޚިލާފުވެއްޖެ ނަމަ، ޖޫރިމަނާކުރެވޭނެ އަދަދުތައްވެސް ކަނޑައަޅާފައެވެ.

ދުންފަތް ކޮންޓްރޯލުކުރުމާބެހޭ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާއެކު، މި ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވައިފައެވެ.

އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ވިއްކުމާއި ހިލޭ ބެހުމާއި ބޭނުންކުރުން މަނާވުމާ ގުޅޭ، މި ޤާނޫނުގެ 2-10 ވަނަ މާއްދާއަށް ޢަމަލުކުރަން ފަށާނީ، 15 ޑިސެންބަރު 2024 ގައެވެ. މި ޤާނޫނުގެ ދެންހުރި މާއްދާތަކަށް ޢަމަލުކުރަން ފަށާނީ، 15 ނޮވެންބަރު 2024 އިން ފެށިގެންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.