Advertisement

27 Aug 2024
ލައިފްސްޓައިލް
މިފްތާޙް މުޙައްމަދު

ކިތަންމެ ގާތަސް، ރަހްމަތްތެރިންގެ އިހްތިރާމާއި އިތުބާރަކީ އެ ގުޅުން ދެމެހެއްޓުމަށް އަބަދު ވެސް މުހިންމު ކަމެއް

ގާތް ރަހްމަތްތެރިންނަކީ ހަޔާތުގެ ހުރިހާ ވަގުތެއްގައި ވެސް މުހިންމު ބައެކެވެ. އިތުބާރު ކުރެވޭ ރަގަޅު ރަހްމަތްތެރިއެއް ނޫނީ ރަހްމަތްތެރިންތަކެއް ނެތްނަމަ، ދިރިއުޅުމުގައި ދިމާވާ އުނދަގޫ ހާލަތްތަކާ ކުރިމަތިލާއިރު ތިމާއަކީ އެކަނިވެރިއެއް ކަމުގެ އިހުސާސް ވަރަށް ބޮޑަށް ކުރެވޭނެއެވެ. އާއިލާއަކީ އަބަދުމެ ކައިރީގައި ތިބޭނެ ބައެއް ނަމަވެސް، އާއިލާއާ ދިރިއުޅުމުގެ ހުރިހާ ކަމެއް ހިއްސާ ކުރުމަކީ އުނދަގޫ ކަމެކެވެ. ދިރިއުޅުމުގެ ހުރިހާ ކަމެއް ހިއްސާ ކުރެވޭނީ ގާތް ރަހްމަތްތެރިންނާއެވެ.

ކިތަންމެ ގާތް އެކުވެރިއަކު ލިބިފައި ހުއްޓަސް، އެ ގުޅުން އެ ގޮތުގައި ކުރިޔަށް ދިއުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭނެއެވެ. މިކަން ކުރެވޭނީ ރަހްމަތްތެރިޔާއަށް އިހުތިރާމާ، އޯގާތެރިކަމާ، ތެދުވެރިކަމާ އަދި ކޮމިޓްމެންޓު ދީގެނެވެ. މިހެން ކަންހިނގާނަމަ، އެކުވެރިޔާގެ ހިތުގައި އޭނާއަށް އޮންނަ އިތުބާރު ބޮޑުވާނެއެވެ. އަދި އެ އިތުބާރާއެކު އެކުވެރިޔާގެ ދިރިއުޅުމުގެ ކަންކަމުގައި ގުނާލެވޭ މީހަކަށް ހަދާނެއެވެ. އެ ގުޅުމަށް ފަރުވާ ކުޑަ ކުރާނަމަ، މަޑުން މަޑުން ގުޅުން ހީނަރުވާން ފަށާނެއެވެ.

އެހެންކަމުން، ރަހްމަތްތެރިންނާ އޮތް ގުޅުން ހީނަރުވިޔަ ނުދިނުމަށް މި 6 ކަންތަކަށް އަބަދުވެސް ފަރުވާ ބަހައްޓާށެވެ.

ރަހްމަތްތެރިޔާ ރަގަޅަށް ދަސްކުރުން

ރަހްމަތްތެރިޔާއާ އޮންނަ ގުޅުން ދެމެހެއްޓުމަށް ބޭނުންވާ އެންމެ މުހިންމު އެއް ކަމަކީ މިއީ ކަމުގައި ވެސް ވެދާނެއެވެ. ސަބަބަކީ، އަނެކާ ނޭންގި، އޭނާ އެދޭ ގޮތަށް ކަންކަން ކުރަން ނޭންގޭނެތީއެވެ.

މިސާލަކަށް ދުންފަތުގެ އިސްތިއުމާލު ނުކުރާ ރަހްމަތްތެރިއަކު ގޮވައިގެން ސިނގިރޭޓު ދުމުން ފުރިފައި އޮންނަ ތަނަކަށް ކޮފީއަށް ދިއުމަކީ އޭނާ އެދޭނެ ކަމެއް ނޫނެވެ. އެހެންވެއްޖެނަމަ ރަހްމަތްތެރިޔާއަށް އޭނާއާ އެކީ ތަންތަނަށް ދިއުމަކީ ބޮޑު ކަމަކަށް ވާނެއެވެ. ސަބަބަކީ އޭނާއާ ދޭތެރޭ ނުވިސްނާކަން އިހުސާސް ވުމެވެ. އެހެންކަމުން ދެން ވާނެ ގޮތަކީ، ދެމީހުން އެކީ ބައްދަލު ކުރެވޭ ވަގުތު މަދުވެ، އެކުވެރިކަމުގެ ގުޅުން މަޑު މަޑުން ހީނަރުވާން ފެށުމެވެ.

ކުދިކުދި ކަންކަމަށް ސަމާލުކަން ދިނުން

ދިރިއުޅުމުގެ ހުރިހާ ގުޅުންތަކެއްގައި ވެސް، މިއީ މުހިންމު ކަމެކެވެ. ކުޑަކުޑަ ކަމަކުން ރަހްމަތްތެރިޔާއާ އޮންނަ ގުޅުން ބަދަހި ކުރެވޭ ފަދައިން، ކުޑަކުޑަ ކަމަކުން އެ ގުޅުން ހީނަރުވެގެން ވެސް ދާނެއެވެ.

މިސާލަކަށް ރަހްމަތްތެރިޔާގެ ހަޔާތުގައި އަންނަ އަނދިރި ދުވަސްތަކުގައި އޭނާ ނުބުންޔަސް، ތިމާއަކީ އޭނާއާ އެންމެ ކައިރީގައި ހުރި މީހާ ކަމުގެ އިހުސާސް ކޮންމެވެސް ގޮތަކަށް ކޮށްދޭން ޖެހޭނެއެވެ. އެއީ ފަހަރެއްގާ ނުސީދާ ގޮތެއްގައި ދެވޭ ނަސޭހަތަކަށް ވެސް ވެދާނެއެވެ. ނުވަތަ އެކަމުން އަރައިގަނެވެންދެން އެކުވެރިޔާގެ އުދާސްތައް އަޑު އެހުމަށް ވަގުތު ދިނުން ކަމުގައި ވެސް ހެދިދާނެއެވެ. ނުވަތަ އެކުވެރިޔާއަށް ޖެހިފައިވާ ބުރައަކަށް ލުއި ހޯދައިދިނުން ކަމުގައި ވެސް ވެދާނެއެވެ.

ބުނާބަހުގަ އިތުބާރު ބޭއްވުން

ކަމެއް ކުރަން އެއްބަސްވުމަށްފަހު އެކަމެއް ނުކުރެވުމަކީ އަނެކާގެ އިތުބާރު ވަރަށް ބޮޑަށް ގެއްލޭނެ ކަމެކެވެ. އެކަމަކު އެއީ ބަސް ބުނުމަށްފަހު އެކަން އެގޮތަށް ކޮށްފިނަމަ، މީހެއްގެ އިތުބާރު ވަރަށް ބޮޑަށް ހޯދޭނެ ކަމެއް ވެސް މެއެވެ.

ހާއްސަކޮށް މި ކަމަކީ އަނެކާގެ އާންމު ދިރިއުޅުމާ ގުޅުންހުރި ކަމަކަށްވެފައި އެކަން ނުކޮށް ދޫކޮށްލައިފިނަމަ، އެކަމުން ގެއްލޭ އިތުބާރު ވަރަށް ބޮޑު ވާނެއެވެ.

މިސާލަކަށް މީހެއްގެ އަތުން ޖެހިގެން އަންނަ މަހު ދޭގޮތަށް ނަގާ ލޯނެކެވެ. މާބޮޑު ފައިސާވެރިއެއް ނޫނަސް ރަހްމަތްތެރިއެއްގެ އަތްމަތި ދަތި ވެގެން ބުނުމުން، ރަގަޅު ރަހްމަތްތެރިއަކު ނަމަ ވިސްނުމެއް ނެތި ދެވެން އޮތް މިންވަރަކުން ލޯނު ދޭނެއެވެ. އަނެއްކޮޅުން މުސާރަ ލިބުމުން އަނބުރާ ދޭނެ ކަމަށް ބުނެފައި އޮތުމަކީ ރަހްމަތްތެރިޔާއަށް ލިބުނު ރައްކާތެރިކަމެކެވެ.

ނަމަވެސް، ޖެހިގެން އައި މަހު މުސާރަ ލިބުމުން ވެސް ލޯނު އަނބުރާ ނުދައްކާ އަދި މިސާލަކަށް ކަމެއް ދިމާވެގެން ނުދެވުނަސް، އެ ހާލަތު ކިޔައިދީ އެކަމަށް އެއްބަސް ވެވޭނެތޯ ވެސް ބެލުމެއް ނެތި، އެ ލޯނު އަނބުރާ ނުދީ ދިގުލައި ގޮސްފި ނަމަ، ދެން އެފަދަ ކަމެއްގައި ރަހްމަތްތަރިޔާއަށް އޮތް އިތުބާރު ގެއްލޭނެއެވެ.

އަނެއްކޮޅުން ބުނި ދުވަހަށް އެ ލޯނު އަނބުރާ އަދާކޮށްފިނަމަ، ރަހްމަތްތެރިޔާއަށް އޮތް އިތުބާރު އާވެ، މިފަދަ ކަންކަމުގައި އެކަކު އަނެއްކަކަށް އަބަދު ވެސް އިތުބާރު ކުރެވޭނެއެވެ.

އަނެކާ ބޭނުންވާ ގޮތް އޮޅުން ފިލުވުން

ރަހްމަތްތެރިއަކާ އެކީ ނުވަތަ ރަހްމަތްތެރިންތަކަކާ އެކީ ކުރަން އުޅޭ ކަމެއްގައި، އެންމެންގެ ހިޔާލު އެކަމަށް ހޯދަން ވާނެއެވެ. ނޫންނަމަ ތިމާ ބޭނުން ގޮތަކަށް ކުރިޔަށް ގެންދިއުމުގައި މައްސަލައެއް ނެތްކަން ކަށަވަރު ކުރަންވާނެއެވެ. އެހެން ނޫންނަމަ މިކަން ވެގެން ދާނީ މިސްކޮމިއުނިކޭޝަނެއްގެ ފެށުމަށެވެ.

މިސާލަކަށް ޗުއްޓީއެއް ހޭދަކޮށްލުމަކަށް ރާވާ ދަތުރެކެވެ. ދަތުރު ރޭވުމުގައި އެކަކު. އިސްކޮށް ހަރަކާތްތެރިވި ނަމަވެސް، ދަތުރުގައި ކުރާނެ ކަންކަން ކަނޑައެޅުމުގައި ދެމީހުންގެ ނުވަތަ ހުރިހާ ބައިވެރިންގެ ހިޔާލު ހޯދަންވާނެއެވެ. ނުވަތަ ކުޑަ މިނުން އެކީ ފިލްމެއް ބަލަން އުޅުނަސް، ބަލާނެ ފިލްމު ކަނޑައެޅުމުގައި އެންމެންގެ ބަހެއް އޮންނަންވާނެއެވެ.

ތިމާގެ ތެދުވެރިކަން ހާމަކުރުން

ތިމާގެ ތެދެވެރިކަން ހާމަކުރުމަކީ ތިމާ ތެދުވެރިވާނެއޭ ބުނުމެއް ނޫނެވެ. ނަމަވެސް އެކަން އަމަލުން ދެއްކުމެވެ. އެކީގައި އުޅޭ ރަހްމަތްތެރިންގެ ގްރޫޕަކުން މިކަމަށް ވެސް މިސާލެއް ނަގަމާ ހިނގާށެވެ.

ރަހްމަތްތެރިން އެކަކު އަނެކަކުގެ ކައިރީގައި ނުބުނާށޭ ބުނެފަ ހުންނަ ސިއްރުތައް، ނުވަތަ އެހެން މީހެއްގެ ޒާތީ ކަމަކާ ބެހޭ ސިއްރެއް އެނގި، އެވާހަކަ ތިމާއަށް ސިއްރު ނުކުރެވިއްޖެނަމަ، ދެން ތިބި މީހުންގެ އިތުބާރު ވެސް އޭނާއަށް ގެއްލޭނެއެވެ. އަދި ވަކިން ހާއްސަކޮށް އޭނާ ނެތް ތަންތާ އެ ވާހަކަތައް ދެއްކުމަކީ، ދެންތިބި މީހުން އެ ވާހަކަތައް އަޑު އެހިޔަސް އެމީހުންގެ ސިއްރުތައް އޭނާއާ ހާމަކުރަން ފަސްޖެހޭނެ ކަމެކެވެ.

ނަމަވެސް އެހެން މީހުންގެ ސިއްރުތަކަށް އިހުތިރާމްކޮށް، އެފަދަ ކަންކަން އެހެން މީހުނާ ހިސާބަށް ނުގެންދާނަމަ، ގްރޫޕްގެ އެހެން މީހުން އޭނާއަށް ކުރާ އިހުތިރާމާއި، އިތުބާރު ބޮޑު ވާނެއެވެ.

ގޯސްކޮށް ކަމެއް ކުރެވިއްޖެނަމަ މާފަށް އެދުން

ކޮންމެ މީހަކީ ވެސް ކަންކަން ގޯސްކޮށް ކުރެވޭނެ މީހެކެވެ. އަދި ކަމެއް ގޯސްކޮށް ކުރެވިއްޖެނަމަ، އިތުބާރު ވެސް ވަރަށް ބޮޑަށް ދަށްވާނެކަން ހަނދާންކުރާށެވެ.

ނަމަވެސް ކަމެއް ގޯސްކޮށް ކުރެވިއްޖެނަމަ އަވަހަށް އެކަމަށް މާފަށް އެދޭށެވެ. މާފަށް އެދެންވާނީ އަނެއްކާގެ އިހުސާސް ދަނެ ހުރެ މާފަށް އެދޭ މީހެއްކަން އަނެއްކާއަށް އިހުސާސްވާނެ ފަދަ އިބާރާތަކުންނެވެ.

ގޯސްކޮށް ކަމެއް ކުރެވުމުން މާފަށް ނޭދުމަކީ ދެމީހެއްގެ ގުޅުން އިތުރަށް ގޯސްވެގެން ދާނެކަމެކެވެ. ނަމަވެސް މާފަށް އެދުމަކީ ރީތި ސިފައެކެވެ. ގެއްލުނު އިތުބާރުގެ ކޮންމެވެސް މިންވަރެއް އަލުން ހޯދޭނެ ކަމެއް ވެސް މެއެވެ.

އެހެންކަމުން، އެކުވެރިންނާ އޮންނަ ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރުމަކީ ނުހަނު މުހިންމު ކަމެކެވެ. ސިކުނޑީގެ ހަމަޖެހުން އޮތީ އޭރުންނެވެ. އެ ހަމަޖެހުމަކީ ފައިސާއިން ހޯދޭނެ އެއްޗެއްނަމަ، ބޮޑެތި ވިޔަފާރިވެރިން ސިޔާސީ ކަންކަމުގައި ނޫޅުނީހެވެ. އެހެންނަމަ އެމީހުން ތިބޭނީ ރޭގަނޑުގެ ނިދި ރަނގަޅަށް ލިބިގަނެގެން، ދެ ދުނިޔޭގެ ބާއްޖަވެރިކަމަށް އެދިއެދިއެވެ.

* * *

ނޯޓް: މި ލިޔުމުގައި ރަހްމަތްތެރިންނާ އޮންނަ ގުޅުން ބަދަހި ކުރުމަށް ހިއްސާކޮށްފައިވާ 6 ކަމުގެ މަސްދަރަކީ، ސްޓީފެން ކޮވޭގެ "ދަ ސެވެން ހެބިޓްސް އޮފް ހައިލީ އިފެކްޓިވް ޕީޕަލް"އެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Nov 2024
ޚަބަރު
އެއްދުވަހުން ޤާނޫނު އަސާސީއަށް ގެނައި ބަދަލު ތަސްދީޤު ކުރެއްވުމަށްފަހު ރައީސް އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ، ނުރަސްމީ ދަތުރުފުޅަކަށްވާތީ، ދަތުރުފުޅާއި ގުޅޭ އިތުރު މައުލޫމާތެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމައެއް ނުކުރައްވައެވެ. އެކަމަކު އެނގިފައިވާ ގޮތުގައި ރައީސްގެ ދެކަނބަލުން އިނގިރޭސި ވިލާތަކަށް ވަޑައިންނަވަނީ އެގައުމުގައި ހުރި ދަރިކަނބަލުންގެ ގާތަށެވެ.
20 Nov 2024
ޚަބަރު
12 ގަޑިއިރު ތެރޭގައި ޤާނޫނު އަސާސީ ބަދަލުކޮށްލައިފި
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް، ހުޅުދޫ ދާއިރާގެ މެންބަރު، މުހައްމަދު ޝާހިދު ހުށަހެޅުއްވި ޤާނޫނު އަސާސީއަށް އިސްލާޙް ގެނައުމުގެ ބިލްގެ ފުރަތަމަ ކިޔުން އިއްވީ ހެނދުނު 9:00ގައި ފެށި މަޖިލީހުގެ ޖަލްސާގައެވެ. އަދި ހެނދުނު 11:50ގައި ބިލް މަޖިލީހަށް ބަލައި ގަތުމަށާއި ކޮމިޓީއަށް ފޮނުވުމަށް ވޯޓު ނެގި އިރު، މަޖިލީހުގެ ޖަލްސާ ނިންމައި މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުން ފެށީ 12:30ގައެވެ. އަދި މެންދުރުފަހު 1:30ގައި ކޮމިޓީން ބިލް ފާސްކޮށް، ހަވީރު 5:30ގައި މަޖިލީހުގެ ޖަލްސާ ބާއްވައި ބިލް ވަނީ ފާސްކޮށްފައެވެ. އަދި މިރޭ 20:30ގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިބިލްތަސްދީޤު ކުރައްވައި ގެޒެޓް ކުރައްވާފައެވެ.
17 Nov 2024
ޚަބަރު
ާދާލަން ކެރިއަރ އެކްސްޕޯ 2024 ގައި އެމް.އޭ.ސީ.އެލްގެ ސްޓޯލަށް ބޮޑުތަރުހީބެއް
މިގޮތުން އެމް.އޭ.ސީ.އެލްގެ ވަޒީފާއަށް ކުރިމަތިލި މީހުންގެ ތެރެއިން ހަތަރު މީހަކަށް ފެއަރގެ ތެރެއިން ވަނީ ވަޒީފާގެ ލިޔުން ހަވާލުކޮށްފައި ކަމަށާއި، އެ ފަރާތްތަކަށް ވަޒީފާގެ ލިޔުން ހަވާލުކޮށްދެއްވީ އެމް.އޭ.ސީ.އެލް ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޖްތަބާ ލަތީފު ކަމުގައިވެސް އެކުންފުނިން ވަނީ ހާމަކޮށްފައެވެ.
17 Nov 2024
ޚަބަރު
މިއީ އުއްމީދެއް އަމާޒެއް ނެތް ސަރުކާރެއް: ކުރީގެ ރައީސް އިބޫ
އެމަނިކުފާނު މިހެން ވިދާޅުވީ، މިސަރުކާރަށް 1 އަހަރު ފުރުމާއި ދިމާކޮށް، ރާއްޖޭގެ އަމިއްލަ ޓީީވީ ސްޓޭޝަނެއް ކަމުގައިވާ، ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ސަރުކާރަށް ފާޑު ވިދާޅުވެ ކުރީގެ ރައީސް ޞާލިޙް ވިދާޅުވީ، މިސަރުކާރުން ވަނީ މާޔޫސް ކަމެއްގެ ތެރެއަށް ރައްޔިތުން ވައްޓާލާފައި ކަމަށެެވެ.