Advertisement

25 Jul 2023
ލައިފްސްޓައިލް
މިފްތާޙް މުޙައްމަދު

ދިވެހި ބަހުން ވާހަކަދައްކާ އިރު އާންމުކޮށް ބޭނުންކުރެވޭ ބައެއް ކުށްބަސް އެނގޭތަ؟

ދިވެހި ބަހަކީ މުއްސަނދި ބަހެކޭ ބަހުގެ މާހިރުން ބުނެ އުޅެއެވެ. އެހެންނަމަވެސް ދިވެހި ބަހުން ބުނެ ނުދެވޭ ވަރަށް ގިނަ ބަސްބަސް ވުޖޫދުގައި އެބަ ހުއްޓެވެ. އެހެންކަމުން ގިނަ މީހުން ވާހަކަދެއްކުމުގައި ފަސޭހަކޮށްލުމުގެ ގޮތުން އިނގިރޭސި ބަސްބަސް ޙިޔާރުކުރެއެވެ. ނަތީޖާއެއްގެ ގޮތުން ވަކި ހިސާބަކުން ދިވެހި ބަހުގެ ޤަވާޢިދާ މެދު މީހުން އިހުމާލުވެއެވެ. ވާހަކަދައްކާ އިރު ބޭނުންކުރެވެނީ ރަނގަޅު ބަސްތޯ ނުވަތަ ނޫންތޯ ގިނަ މީހުން ނުބަލައެވެ. އަދި ދެކެވޭ ވާހަކައިގައި ކުށެއް ކިޔުނުކަން ބުނެދެވޭ ހިނދު، ހިނިތުންވެލާފައި ތިމަންނާއަކީ ދިވެއްސަށް މާ މޮޅު މީހެއް ނޫނޭ ބުނެ އެ ކަމާ މެދު ފަހުރުވެރިވާ ދިވެހިން މިއަދު ގިނަވެއްޖެއެވެ. ނަމަވެސް ފާހަގަކޮށްލަން މި އުޅޭ ބަސްތަކަކީ އެ ބަސްތަކެއް ބޭނުންކުރުން އެންމެ ރަނގަޅު ހާލަތު އެނގިފައި އޮތުން މުހިންމު ބަސްތަކެކެވެ.

(ހ) 'އިނގޭ' އަދި 'އެނގޭ'

މި ދެ ބަހަކީ ވެސް ވާހަކަދެއްކުމުގައި އާންމުކޮށް ބޭނުން ކުރެވޭ ދެ ބަހެވެ. އެހެންނަމަވެސް މި ދެ ބަސް ބޭނުންކުރެވޭނީ ތަފާތު ދެ ހާލަތެއްގައެވެ.

އެގޮތުން 'އިނގޭ' ބޭނުން ކުރެވެނީ އެއްޗެއް، ކަމެއް ނުވަތަ ވާހަކައެއް ބުނެދިމުގެ ގޮތުންނެވެ. މިސާލު: [ކަލޭ މާދަން އަންނަ އިރު މަގޭ ބޫޓު ގެންނާތި އިނގޭ.]، [މި ދޮރުން އެތެރެއަށް ނުވަންނާތި އިނގޭ.] މި ފަދަ ހާލަތްތައް ހިމެނެއެވެ.

އެއާ ހިލާފަށް 'އެނގޭ' ބޭނުން ކުރެވެނީ ކަމެއްގެ ޙަޤީޤަތް ދެނެހުރިކަން އަންގަދިނުމުގެ ގޮތުންނެވެ. އެގޮތުން [ކަލޭ ތިއީ ކާކުގެ ދަރިއެއްކަން މަށަށް އެނގޭ]، [މަގޭ ފަތިގަނޑު ވަގަށް ނެގީ އަލީކަން މަށަށް އެނގޭ] މި ފަދަ ހާލަތްތައް ހިމެނެއެވެ.

(ށ) 'އަނބުރައި އައުން' އަދި 'އެނބުރި އައުން'

މި ދެ ބަހަކީ ވެސް އާންމުގޮތެއްގައި ބޭނުން ކުރެވޭ ދެ ބަހެވެ. ނަމަވެސް ހާލަތާ ގުޅިގެން ބޭނުންކުރުން ރަނގަޅީ މި ތަނުން ކޮން ބަހެއްކަން ގިނަ ދިވެހިންނަށް ވަކިކުރާކަށް ނޭނގެއެވެ. އަނބުރައި އަންނާނީ ދަތުރު ކުރާ އެއްޗެއްސެވެ. މިސާލު: މެންދުރު ފުރި ބޯޓު ކަނޑު ގަދަވުމުގެ ސަބަބުން އަނބުރާ ރަށަށް އައިސްފިއެވެ. އަދި އެނބުރި އަންނާނީ މީހުންނެވެ. މިސާލު: އަލީ ސުކޫލަށް ގޮސްފައި އެނބުރި އަތުވެއްޖެއެވެ.

(ނ) 'ގާތުގައި'، 'ކައިރީގައި' އަދި 'ދޮށުގައި'

މިއީ ވެސް ދިވެހިން ވަރަށް ގިނައިން ނުރަނގަޅު ގޮތުގައި ބޭނުންކޮށް އުޅޭ ތިން ބަހެވެ. 'ގާތުގައި' ބޭނުންކުރެވެނީ މީހުންނާ ގުޅުވައިގެންނެވެ. މިސާލު: އަލީ ހުރީ އަޙްމަދު ގާތުގައެވެ. 'ކައިރީގައި' ބޭނުންކުރެވެނީ އެއްޗެއްސާ ގުޅުވައިގެންނެވެ. މިސާލު: އަލީ ހުރީ މޭޒު ކައިރީގައެވެ. އަދި 'ދޮށުގައި' ބޭނުން ކުރެވެނީ ތަންތަނާ ގުޅުވައިގެންނެވެ. މިސާލު: އަލީ ހުރީ ސުކޫލުދޮށުގައެވެ.

(ރ) ފަކާ ނޭނގި ނަމަވެސް ދިވެހި ބަސްތަކުގެ ފަހަތަށް ބޭނުންކުރެވޭ މި ލަފުޒަކީ ވެސް ކުށްބަހެކެވެ. މިސާލު: ބުނެފަކާ ނޯންނާނެ، ދީފަކާ ނޯންނާނެ. މިފަދައިން ދިވެހިން ކިޔާ އުޅޭތީ އަޑު އިވެއެވެ. ނަމަވެސް 'ފަކާ' މިއީ ދިވެހި ބަހުގައި ބޭނުންކުރުން ރަނގަޅު ބަހެއް ނޫނެވެ. ރަނގަޅު ގޮތުގެ މިސާލަކީ: ބުނެފައެއް ނޯންނާނެ، ދީފައެއް ނޯންނަނެ، މިއެވެ. ހަމަމިފަދައިން 'އޮއްވަކާ' އަދި 'ހުއްޓަކާ' މި ދެ ބަސް ވެސް ބޭނުމެއް ނުކުރެވޭނެއެވެ. ރަނގަޅު ގޮތުގައި ބުނާނަމަ ބުނެވޭނީ 'އޮއްވައެއް' އަދި 'ހުއްޓައެއް' މިފަދައިންނެވެ.

ބަޔާންވެ އެ ދިޔައީ ވާހަކަދެއްކުމުގައި ބޭނުން ކުރެވޭ ކުށްބަސްތަކުގެ މަދު މިންވަރެކެވެ. ނަމަވެސް މި ބަސްތައް ބޭނުންކުރުމުގައި ސަމާލުވުމަކީ އަންނަން އޮތް ޖީލުތަކަށް ދިވެހި ބަސް ސަލާމަތުން ފޯރުކޮށްދިނުމުގައި އެޅިގެންދާނެ ބިންގަލެއްކަމުގައި ދެކެމެވެ.

ކޮމެންޓް
އިތުރު އާޓިކަލް
22 Oct 2024
ޚަބަރު
ޙަސަން ޒިޔާއު މަޤާމުން ވަކިކޮށްފި
ރައްޔިތުންގެ މަޖިލީހާއި ނޫސްވެރިންގެ މުޢާމަލާތު ކުރުމަށް އުފައްދާފައިވާ، ރައްޔިތުންގެ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕްގައި އިއްޔެ ޒިޔާއު ލިޔުއްވި މެސެޖުގައި ވިދާޅުވީ، އޭނާ މަޤާމުން ވަކިކޮށްފައި ވަނީ، ޕާލިމަންޓަރީ ސާވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވިކަމަށް ބުނެކަމަށެވެ.
22 Oct 2024
ޚަބަރު
ދުންފަތުގެ ބާވަތްތައް އުމުރުން 21 އަހަރުން ދަށުގެ މީހުންނަށް ވިއްކުން މަނާކުރަނީ
ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނާ ހިލާފުވާ ފަރާތްތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ހަރުކަށިކުރުމަށްވެސް ގާނޫނަށް އިސްލާހު ގެނެވޭނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
21 Oct 2024
ޚަބަރު
ބާރަށުގައި ޓޫރިސްޓް ހޮޓަލެއް އަޅަން ބީލަމަށް ހުޅުވާލައިފި
ޓޫރިޒަމް މިނިސްޓްރީން ހާމަކުރައްވާފައިވާ ގޮތުގައި، ބީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް، 28 އޮކްޓޯބަރު 2024 ވާ ހޯމަ ދުވަހުގެ 11:00 ގައި އޮންލައިން ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ.
21 Oct 2024
ޚަބަރު
ބެލަރޫސް ފަތުރުވެރިއަކު ގެނބިގެން މަރުވެއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މަރުވި ފަތުރުވެރިޔާއަކީ، ބެލަރޫސްއަށް ނިސްބަތްވާ އުމުރުން 65 އަހަރުގެ އަންހެން ފަތުރުވެރިއެއް ކަމަށެވެ. އޭނާ މަރުވެފައި ވަނީ، ފަޅުތެރެއަށް މޫދަށް އެރި އުޅެނިކޮށް ގެނބިގެން ކަމުގައިވެސް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.