ހިންނަވަރުގައި ހަދަން ފަށާފައިވާ ހައުސިންގް ޔުނިޓުތައް
ހިޔާވަހިކަން ނުލިބި ހިންނަވަރު ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަޝްރޫޢު ވީރާނާ ވަނީ
ރާއްޖޭގެ އެހެން ރަށްތަކެކޭ އެއްފަދައިން ޅ. ހިންނަވަރަށް ވެސް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލައެވެ. މިގޮތުން ފާއިތުވި ސަރުކާރުން ރައީސް ޞާލިހުގެ އަމިއްލަ ރަށް، ހިންނަވަރުގައި އެޅުމަށް އެމަނިކުފާނު ނިންމެވި ހައުސިން ޔުނިޓްތަކުގެ ތެރެއިން، 100 ހައުސިން ޔުނިޓް ނުވަތަ ރޯ ހައުސް އެޅުމުގެ މަސައްކަތް ވަނީ އެމަނިކުފާނުގެ ޒަޢާމަތުގައި ފަށްޓަވާ ދެއްވާފައެވެ. ވަރަށް ބާރު ސްޕީޑުގައި މަސައްކަތް ފެށި މި މަޝްރޫޢުގެ މަސައްކަތް ވަކި ހިސާބަކަށް ގޮސްމިހާރު ހިނގަމުން ދަނީ މަޑުގިނީގައެވެ.
ބަރާބަރު 1 އަހަރު ދުވަހުގެ މުއްދަތުން ނިންމާ ޚަލާޞްކުރުމަށް ދޮންބޭޒް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކުރެވިފައިވާ މި މަޝްރޫޢުގެ ދަށުން 700 އަކަފޫޓްގެ ދެ ބުރީގެ 50 ރޯ ހައުސް އާއި، 1000 އަކަފޫޓްގެ އެއްބުރީގެ 50 ހައުސިން ޔުނިޓް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މިއިން ކޮންމެ ހައުސިން ޔުނިޓެއްގައި 3 ކޮޓަރިއާއި 3 ފާޚާނާއާއި ސިޓިން ރޫމެއް ހިމެނެއެވެ. އަދި ބަދިގެއާއި ކާގެއާއި ލޯންޑަރީގެ އިތުރުން ސްޓޯ ރޫމެއްވެސް ހިމެނެއެވެ.
ހިންނަވަރުގައި ހަދަން ފަށާފައިވާ ހައުސިންގް ޔުނިޓުތައް
ޖުމްލަ 83.8 މިލިޔަން ރުފިޔާގެ މި ބޮޑު މަޝްރޫޢުގެ ދަށުން ޢިމާރާތްކުރަން ފަށާފައިވާ ހައުސިން ޔުނިޓްތަކުގެ ތެރެއިން ބައެއް ހައުސިން ޔުނިޓްތަކުގެ ވަށާފާރު ވަނީ ރާނާފައެވެ. އަދި އަނެއްބައި ހައުސިން ޔުނިޓްތަކުގައި ވަނީ ކަރަންޓު ނަރު ވެސް އަޅާފައެވެ. ނަމަވެސް މީގެ ތެރެއިން އެއްވެސް ހައުސިން ޔުނުޓެއްގެ ފުރާޅުލައި ހިޔާވާ ހިސާބަކަށް އަދި ނުދެއެވެ.
މަސައްކަތް މަޑު ޖެހިފައި އޮތުމުން ހިންނަވަރުގެ ރައްޔިތުން ވެސް ދަނީ މި ކަމާ އިންތިހާއަށް ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އަދި މިކަމުގައި އެންމެ ބޮޑު ބިރަކީ، އެހެން ހުރެ އިމާރާތަށް ލިބެމުންދާ ގެއްލުންކަން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، މިވީހާ ދުވަހު ބޯހިޔާވަހިކަމުގެ އުއްމީދުގައި ދަތިހާލުގައި ދިރިއުޅެމުން އަންނަ ފަރާތަކުން މަޢުލޫމާތު ދެމުން ބުނެފައިވަނީ، މި މަޝްރޫޢުގެ ފޮނި މީރުކަން ހޯދުމަށް އެދި އެދި ތިބި އެތައްބަޔަކަށް މިހާރުވަނީ މާޔޫސްކަމާއި ކުރިމަތިލާން ޖެހިފައެވެ. އެހެނީ އެއް ކޮޓަރީގައި ދެ ކުދިން ނުވަތަ ތިން ކުދިން ގޮވައިގެން އެ ރަށު ބައެއް ރައްޔިތުން އުޅެމުން ދަނީ ވަރަށް ހިތްދަތި ދިރިއުޅުމެއްކަމަށް އޭނާ ފާހަގަ ކުރިއެވެ. މީގެ ސަބަބުން އިޖްތިމާޢީ އެތައް މައްސަލަތަކެއް ވެސް ވަނީ ފެންމަތިވާން ފަށާފައެވެ. މި ހުރިހާ މައްސަލަތަކަށް ވެސް އޮތް ހައްލަކީ ބޯހިޔާވަހިކަމެވެ.
ސުވާލަކީ މިފަދަ ބޮޑު އަދި އެހާމެ ބޭނުންތެރި މަޝްރޫޢެއް ހުއްޓެއް ޖެހިފައި މިވަނީ ކިހިނެއް ވެގެންބާވައެވެ. މިކަމާ ގުޅޭގޮތުން ކައުންސިލްގެ ބަހެއް ލިބޭތޯ ކުރި މަސައްކަތުން، ކައުންސިލްގެ މެމްބަރަކު ވިދާޅުވީ، ސަރުކާރުން މި މަޝްރޫޢަށް ދޭން ޖެހޭ ފައިސާ ހަމަޖައްސައި ނުދީ ދިގުލައިގެން ދާތީ، މަސައްކަތް ވެސް ލަސްވަމުންދާކަމަށެވެ.
ހިންނަވަރުގައި ރައްޔިތުންނާ އެއްވާ އެކި ސައިހޮޓާތަކާއި އެކި މައިޒާންތަކުގައި، ރައްޔިތުންގެ މި ކަންބޮޑުވުން އަންނަނީ ފާޅު ކުރަމުންނެވެ.
ރައީސް ޞާލިޙްގެ ސަރުކާރުން ނިންމަން ހަވާލުކޮށްފައިވާ މި މަޝްރޫޢުތައް މަޑު ޖެހުމަކީ ރައްޔިތުންގެ އެތައް އުއްމީދުތަކަކަށް ލިބޭ ބޮޑު ގެއްލުމެކެވެ. ދަތިހާލުގައި ދިރިއުޅޭ ހިންނަވަރުގެ ރައްޔިތުން ދަނީ އެ ތަކުލީފުތައް އުފުލައި ދުވަހެއް ދުވަކަށް އިޖްތިމާޢީ މައްސަލަތަކުގައި ގެނބެމުންނެވެ. ހިންނަވަރު ރައްޔިތުން އެދެނީ މި ސަރުކާރުން ހިންނަވަރަށް ދިމާވެފައިވާ މި މައްސަލައަށް އަވަސް ހައްލެއް ހޯދައި ދިނުމަށެވެ.
ހިންނަވަރުގައި ބޯހިޔާވަހިކަމުގެ މައްސަލަ ބޮޑު ވެގެން ދިޔައީ އެ ރަށުން ގޯތި ނުދީ އެތައް އަހަރެއް ވެގެން ދިއުމުންނެވެ. ރަށުގެ ބޯހިޔާވަހިކަން އިތުރު ކުރުމަށް 2010 ވަނަ އަހަރު ރަށާ އެއްވަރުގެ ބޮޑު ފަސްގަނޑެއް ހިއްކި ނަމަވެސް، އެ ތަނުން ގޯތި ދޫނުކުރެވި ގިނަ ދުވަސްތަކެއް ހޭދަވިއެވެ. ގޯތި ދޫކުރުމަށް އެންމެ ފުރަތަމަ ނެރުނު ލިސްޓަށް ގޯތި ނުދެވުނީ، އެ ލިސްޓު ސައްހަ ނޫންކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަނަށް މައްސަލަ ހުށަހެޅުމުންނެވެ.
ނަމަވެސް އޭގެ ފަހުން ފާއިތުވި 5 އަހަރުގެ ތެރޭގައި ވަނީ 3 ފިޔަވައްސެއްގެ ދަށުން ގިނަ ގޯތިތަކެއް ދޫކޮށްފައެވެ. ނަމަވެސް ގޯތި ދޫކުރި ސަރަހައްދަކީ ފެނާއި ކަރަންޓު އަދި ލިބެން ހުރި ސަރަހައްދެއް ނޫންކަމުން، އެ ގޯތިތައް އާރާސްތު ކުރެވޭނެ ގޮތެއް އަދި ފެންނަން ނެތް ކަމަށް އެރަށުން މައުލޫމާތު ދެއެވެ.