Advertisement

03 Jul 2024
ރިޕޯޓް
ޢަލީ ސުލައިމާން

ޒައިދާންގެ މަރަށް އެއްމަސް: ކުށްވެރިވީ މިޔަރު، ހާދިސާ ހިނގިގޮތް އެމްއެންޑީއެފުން އޮތީ ސިއްރުކޮށްފައި!

ޖޫން 2 ވަނަ ދުވަހު، ހުރިހާ ދިވެހި ރައްޔިތުންނަށް ސިހުން ގެނުވި ޚަބަރަކީ، އެމްއެންޑީއެފްގެ ތަމްރީންތަކެއް ކުރިޔަށް ދަނިކޮށް، މިޔަރެއް ހަމަލާދިނުމުގެ ސަބަބުން، ރ. އުނގޫފާރު ނިއުލައިފް، މުޙައްމަދު ޒައިދާން (23އ) ނިޔާވި ޚަބަރެވެ.

އެ ހާދިސާއަށް މިޖުލައި މަހުގެ 2 ވަނަ ދުވަހަށް އެއްމަސް ދުވަސް ފުރުނު އިރު، އެހާދިސާ އާއި ގުޅޭ ހުރިހާ ކަމެއް އެމްއެންޑީއެފުން ވަނީ ސިއްރުކޮށްފައެވެ. ހާދިސާ ހިނގި ގޮތާއި ހާދިސާ ހިނގި ސަރަހައްދާއި، ހާދިސާގައި ޒައިދާން ނިޔާވާން ޖެހުނު ސަބަބާއި ގުޅޭ ގޮތުން މީޑިއާއިންނާއި އާއިލާއިން ކުރި ސުވާލުތަކަށްވެސް އެމްއެންޑީއެފުން ޖަވާބެއް ނުދިނެވެ. އެހެންވެ ހާދިސާ އާއި ގުޅިގެން އެމްއެންޑީއެފަށް ކުރެވޭ ތުހުމަތުތައް އޮތީ އެމްއެންޑީއެފުން ޖަވާބު ދޭން ބޭނުން ނުވާ ސުވާލުތަކެއްގެ ގޮތުގައި އަޅައި ނުލައި ދޫކޮށްލާފައެވެ.

ހާދިސާ އާއި ގުޅޭ ގޮތުން ތަކުރާރުކޮށް ސުވާލު ކުރުމުންވެސް އެމްއެންޑީއެފުން ދީފައި ވަނީ ހަމަ އެއްޖަވާބެކެވެ.

"ކުރިންވެސް ދެންނެވި ފަދައިން މިހާދިސާ ހިނގިވަގުތުން ފެށިގެން މިފަދަ އިންސިޑެންޓްތައް ހިނގުމުން އެމްއެންޑީއެފްއިން ޢަމަލުކުރަމުން އަންނަ އުސޫލުތަކާއި އެއްގޮތަށް މިކަން ހިނގާފައިވާގޮތާއި ހާދިސާ ހިނގުމުން އަމަލުކޮށްފައިވާގޮތް ދަނީ ބަލަމުން."

ޒައިދާންގެ މަރާއި ގުޅޭ ގޮތުން އެމްއެންޑީއެފްގެ ޖަވާބު

އެ ފަދަ އިންސިޑެންޓްތައް ހިނގުމުން އެމްއެންޑީއެފްއިން ޢަމަލުކުރަމުން އަންނަ އުސޫލުތަކާއި އެއްގޮތަށް އެކަން ބަލާކަމުގައި ބުނެ އެމްއެންޑީއެފުން ޖަވާބު ދިނުމުން އެ އުސޫލުތަކަކީ ކޮބައިތޯ ކުރި ސުވާލަށް އެމްއެންޑީއެފުން ދިން ޖަވާބަކީ؛

"ސިފައިންގެ އެސްއޯޕީތަކަކީ ޢާންމުކޮށް ހާމަކުރާއެއްޗެއްނޫންކަމުގައި ދަންނަވަން" މިޖަވާބެވެ.

ޒައިދާންގެ މަރާއި ގުޅޭ ގޮތުން އެމްއެންޑީއެފްގެ ޖަވާބު

ޒައިދާން ނިޔާވި ހާދިސާއަށް މަހެއް ފުރިގެން ދިޔައިރު، އެމައްސަލައިގައި އެމްއެންޑީއެފުން ބެލީ ކޮންކަމެއް ކަމެއްވެސް ހާމައެއް ނުކުރިއެވެ. އަދި ބަލަމުން އައި ބެލުންތައް ނިމުނުކަމެއްވެސް ހާމައެއް ނުކުރިއެވެ. އެހެންވީމާ، ނޫސްވެރިންނާއި އާއްމު ރައްޔިތުން އުފައްދާ ސުވާލުގެ ޖަވާބަކީ، ޒައިދާންގެ މަރުގައި ކުއްވެރިވާ ފަރާތަކީ، މާކަނޑުގައި އޭގެ އަމިއްލަ މާހައުލުގައި ދިރިއުޅޭ މިޔަރުކަމުގައި އެމްއެންޑީއެފުން ކަނޑައަޅައި އެކަން އެނިމުނީ ހެއްޔެވެ؟

ރ، އުނގޫފާރު ނިއުލައިފް، މުޙައްމަދު ޒައިދާން (23އ) --

ޒައިދާންގެ މަރުގެ މައްސަލައިގައި އެމްއެންޑީއެފަށް ކުރެވޭ ތުހުމަތުތައް ގިނައެވެ. އެތުހުމަތުތަކުން ބަރީއަވުމަށްޓަކައިވެސް އެމްއެންޑީއެފަށް ސުވާލުތަކަށް ޖަވާބުދިނުން މުހިއްމު ނަމަވެސް ފާއިތުވި 1 މަސްދުވަހު އެމްއެންޑީއެފް އޮތީ ހަނު ހިމޭނުންނެވެ.

ކޯޕްރަލް މުޙައްމަދު ޒައިދާން ނިޔާވި ހާދިސާ އާއު ގުޅިންގެން އަންނަނިވި ސުވާލު ތަކުގެ ޖަވާބު ލިބުން ބޭނުން ވެއެވެ.

1- އެފަދަ ހައިރިސްކް ތަމްރީނެއްގައި ހިނގާފާނެ ހާދިސާއަކަށް އިޖާބަ ދިނުމަށް ތައްޔާރުވެފައި އޮތް ހެއްޔެވެ؟

2- އެފަދަ ތަމްރީނެއްގައި ހާދިސާއެއް ހިނގައިފިނަމަ އަމަލުކުރާނެ ގޮތުގެ އެސްއޯޕީއެއް އޮތް ހެއްޔެވެ؟

3- ހާދިސާ ހިނގުމުން، ފަރުވާ ދޭނެ ވަސީލަތްތަކާއި، މެޑިކަލް އޮފިސަރުންނާއި، އަވަހަށް ޕޭޝަންޓް އެކަށީގެންވާ ޞިއްޙީ ފަރުވާ ދެވޭނެ މަރުކަޒަކަށް ގެންދާނެ އިންތިޒާމާއި ވަޞީލަތް ހަމަޖެހިފައި އޮތް ހެއްޔެވެ؟

4- ގަން ރީޖަނަލް ހޮސްޕިޓަލަށް ޒައިދާން ގެނެވުމާއި، ހާދިސާ ހިނގި ވަގުތާއި ދެމެދު ކިހައި ވަގުތެއް ހޭދަވި ހެއްޔެވެ؟

5- ހާދިސާ ހިނގިތާ 7 ގަޑިއިރު ފަހުން ޒައިދާން ނިޔާވި އިރު، ގަން ރީޖަނަލް ހޮސްޕިޓަލަށްވުރެ ފެންވަރުމަތީ ހޮސްޕިޓަލަކަށް ޒައިދާން ނުގެނެވުނީ ކީއްވެ ހެއްޔެވެ؟

6- ރަސްމީ ޑިއުޓީގެ ތެރޭގައި ނިޔާވާ، ސަލާމަތީ ޚިދުމަތްތަކުގެ އޮފިސަރުންގެ ވާރިސުންނަށް ލިބޭ މާލީ ޢިނާޔަތެއް އޮވޭ ހެއްޔެވެ؟

7- ހާދިސާ އާއި ގުޅިގެން އެމްއެންޑީއެފްގެ އިންޓާނަލް ތަޙްޤީޤެއް ހިންގާ ހެއްޔެވެ؟

ޒައިދާންގެ މަރުގެ ހާދިސާގެ މައްސަލައިގައި ނޫން.އެމްވީގައި ޝާއިއުކުރި ރިޕޯޓަށް ސޯޝަލް މީޑިއާގައި އެތައް ބަޔަކު ކޮމެންޓްތައް ކުރިއެވެ. އޭގެ ތެރެއިން ބައެއް މީހުން ކޮށްފައިވާ ކޮމެންޓްތަކުން ބައެއްކަންކަން ސާފުވާގޮތްވިއެވެ. އެހެން ނަމަވެސް އެއީ ހަމަ ޙަޤީޤަތުގައި ވެސް ތެދުކަން ނުވަތަ ދޮގުކަން އެނގެން އޮތީ އެމްއެންޑީއެފުން ހާމަކުރާ މައުލޫމާތުގެ މައްޗަށެވެ.

ހާދިސާ ހިނގިތަން

ޒައިދާން މަރުވާން ދިމާވި ހާދިސާ ހިނގީ ސީދާ ކޮން ސަރަހައްދެއްގައި ކަން ހާމަނުކޮށް އެމްއެންޑީއެފުން ބުނީ، އެހާދިސާ ހިނގީ ލ. މާވަށް ކައިރީގައި ކަމަށެވެ. އެހެން ނަމަވެސް ފަހުން ލިބުނު ބައެއް މައުލޫމާތު އެނގުނު ގޮތުގައި އެސަރަހައްދަކީ، ލ. މާވަށާއި 14 މޭލު ދުރުގައި އަޅާފައިވާ އޮއިވާލި ކަނދުފަތި އޮތް ސަރަހައްދެވެ.

މާވަށުގެ 14 މޭލު ބޭރުގައި އޮތް އޮއެވާލި ކަނދުފަތި ކަނޑައިގެން ގޮސްގެން އެސަރަހައްދުގައި އަލުން ފިޝަރީޒް މިނިސްޓްރީން އޮއެވާލި ކަނދުފަތި އަޅާފައި ވަނީ، 2023 ވަނަ އަހަރުގެ މެއިމަހުގެ ތެރޭގައެވެ. ޒައިދާނުގެ ގައިގައި މިޔަރު ދަތްއަޅައި މަރުވުމުގެ ހާދިސާ ހިނގީ އަލުން އެކަނދުފަތި އެޅިތާ 1 އަހަރުވީ ފަހުންނެވެ. މަސްވެރިންގެ ފަރާތުންނާއި ފިޝަރީޒް މިނިސްޓްރިއާ މެރިން ރިސާޗު ސެންޓަރުގެ ފަންނީ ބޭފުޅުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި އޮއެވާލި ކަނދުފަތިތައް އޮންނަ ސަރަހައްދަށް މަސްއައިން އަރާތީ އެސަރަހައްދުގައި ބޮޑެތި މިޔަރުތައްވެސް ގިނަ އަދަދަކަށް އުޅެއެވެ. އަދި އޮއެވާލި ކަނދުފަތިތަކުގެ ކައިރިއަށް ފޭބުމާއި ފީނުމާއި، ކަނދުފަތީގައި ވާއެއްސުމާއި، ކަނދުފަތި ކައިރިން ދިރޭ އެންޖަހައިގެން މަސްބޭނުމަކީވެސް މަނާކޮށްފައި އޮންނަ ކަންކަމެވެ.

ހާދިސާގެ މައުލޫމާތު ކޮންމެވެސް ވަރަކަށް އެނގޭ މީހުންދެއްކި ވާހަކަތަކުން އެނގުނު ގޮތުގައި، ޓްރޭނިންގައި އުޅުނު ސިފައިން އެތަނަށް ބޭލީ އެތަނުގައި ބޮޑެތި ގިނަ މިޔަރުތައް އުޅޭކަން އެމްއެންޑީއެފަށް އެނގި ތިބެއެވެ. އަދި ފަހުން އެނގުނު ގޮތުގައި އެއީ މިޔަރުއުޅޭ އެފަދަ ތަނަކަށް ޓްރޭނިންގ ސިފައިން ބޭލި ފުރަތަމަ ފަހަރެއްވެސް ނޫނެވެ. އެހެން ނަމަވެސް މިއީ ރާއްޖޭގައި މިޔަރެއްގެ ހަމަލާއެއްގައި މީހެއްގެ ފުރާނަ ގެއްލިގެން ދިޔަކަމަށް ރެކޯޑްތަކުން ފެންނަން އޮތް ފުރަތަމަ ފަހަރެވެ.

ހައްދުންމަތީގެ ޗާޓު --

ހާދިސާ ހިނގި ވަގުތު

ޒައިދާންގެ ފައިގައި މިޔަރު ދަތްއެޅީ ޖޫން 2 ވަނަ ދުވަހުގެ މެންދުރުފަހު 1:30 ހާއިރުގައި ކަަމަށް ނޫން.އެމްވީ އިން ރިޕޯޓްކޮށްފައި ވަނީ، ހާދިސާ އާއި ގުޅިިގެން އެމްއެންޑީއެފްގެ އެޓްރޭނިންގައި އުޅުނު ފަރާތްތަކުން ގަން ރީޖަނަލް ހޮސްޕިޓަލަށް ހާދިސާ ހިނގިކަމުގެ މައުލޫމާތު ދީފައިވާ ވަގުތަކީ އެއީ ކަމަށް ވާތީއެވެ. ގަން ރީޖަނަލް ހޮސްޕިޓަލްގެ ރެކޯޑްތަކުން އެނގޭ ގޮތުގައި، ގަން ރީޖަނަލް ހޮސްޕިޓަަލަށް ޒައިދާން ގެނެވުނީ، އެދުވަހުގެ 3:50 ގައެވެ.

އެހެން ނަމަވެސް ނުރަސްމީ ގޮތެއްގައި އެމްއެމްއެންޑީއެފުގެ ބައެއް އިސް އޮފިސަރުން، ބައެއް އެހެން ފަރާތްތަކަށް ދީފައިވާ މައުލޫމާތުގައި ބުނެފައި ވަނީ ހާދިސާ ހިނގި ވަގުތަކީ، އެދުވަހުގެ 1:30 ނޫން ކަމަށެވެ. އެހެން ނަމަވެސް ހާދިސާ ހިނގި ވަގުތު އެފަރާތުންވެސް ބުނެފައެއް ނުވެއެވެ. ނޫން.އެމްވީއަށް ކާކުކަށް ނޭނގޭ މީހަކު ފޮނުވި ކޮމެންޓެއްގައި ބުނެފައި ވަނީ، ހާދިސާ ހިނގީ އެދުވަހުގެ މެންދުރު ކުރީގައި ކަމަށެވެ.

ޒައިދާން ހޮސްޕިޓަލަށް ގެނެވުން ލަސްވީ ކީއްވެ؟

ފަހުން ލިބުނު މައުލޫމާތަށް ބަލައި ކުރަހާލެވޭ ހައްދުންމަތީގެ ޗާޓުން، ޒައިދާން ހޮސްޕިޓަލާއި ހަމައަށް ގެނައުމަށް 2 ގަޑިއިރާއި 20 މިނިޓް ހޭދަވެދާނެ ކަމަށް ޤަބޫލު ކުރެވެއެވެ. އެއީ ހާދިސާ ހިނގިކަމަށް ބެލެވުނު ސަރަހައްދާއި ހައްދުންމަތީ ގަމާއި ދެމެދު ހުރި ދުރުމިނަކީ 35 މޭލު ކަމުގައި ވާތީއެވެ. އެ ދުރުމިން ކަޑަތުކުރުމަށް ހޭދަވާ ވަގުތު ބިނާވަނީ ދަތުރުކުރި އުޅަނދާއި އެ އުޅަނދެއްގެ ދުވެެއްޔަށެވެ. ގަޑިއަކު 40 މޭލު ދުވާ އުޅަނދަކަށް، ހައްދުންމަތީ ކައްދޫއިން ފުރައިގެން މާވަށު ކަނދުފަތި އޮތް ސަރަހައްދަށް ގޮސްފައި އެނބުރި ހައްދުންމަތީ ގަމާއި ހަމައަށް ފޯރާނީ އެންމެ ބާރު ދުވެލީގައިވެސް 2 ގަޑިއެއްހާ އިރުންނެވެ. އެހެން ނަމަވެސް އެމްއެންޑީއެފުން ހާދިސާ ހިނގި ވަގުތާއި ހާދިސާ ހިނގި ސަރަހައްދު ހާމަކޮށްފައި ނުވާތީ، މިއީ ލަފާކުރެވޭ ގޮތެކެވެ.

ޒައިދާންގެ ޖަނާޒާގެ ތެރެއިން --

އެމްއެންޑީއެފަށް ކުރެވޭ ތުހުތުތައް!

ހާދިސާ އާއި ގުޅިގެން އެމްއެންޑީއެފަށް ކުރެވެނީ އިޙްމާލުވުމުގެ ތުހުމަތުތަކެވެ. އެއީ އެމްއެންޑީއެފުން އެބުނާފަދަ ހައިރިސްކު ތަމްރީނެއް ކަމަށް ވާއިރު އެތަމްރީނަށް އެމްއެންޑީއެފުން ތައްޔާރުވެފައި އޮތް ގޮތާއި ގުޅޭ ގޮތުން ކުރެވޭ ތުހުމަތު ތަކެވެ. އެހެން ނަމަވެސް އެތުހުމަތު ތަކާއި މެދު އެމްއެންޑީއެފްގެ ކަންބޮޑުވުމެއް ނެތެވެ. އެމްއެންޑީއެފްގެ ތަމްރީންތަކުގައި މީގެ ކުރިންވެސް އެތައް ސިފައިންގެ އޮފިސަރުންނެއް ނިޔާވެ ގޮސްފައިވާއިރު، އެމްއެންޑީއެފާއި އެމްއެންޑީއެފްގެ ތަމްރީންތައް ރާވައި ހިންގާ އޮފިސަރުންނާއި މެދު ފިޔަވަޅެއް އެޅުނުކަން އެނގޭކަށް ނެތެވެ. އެމްއެންޑީއެފް ޖަވާބުދާރީ ކުރުވާނެ، އަދި އެމްއެންޑީއެފްގެ ތެރޭގައި ހިނގާ ކަންކަން ބަލައިތަޙްޤީޤުކޮށް ފިޔަވަޅެއް އެޅި މުއައްސަސާއެއް ނެތެވެ. ރައްޔިތުންގެ މަޖިލީހުގައި 241 ކޮމިޓީ އޮތް ނަމަވެސް، ޒައިދާނާއި އެނޫންވެސް އޮފިސަރުންގެ މަރުގެ ހާދިސާތައް ބަލައި ސުވާލުކުރުމަށް އެކޮމެޓީގެ ޝަވްޤުވެރިކަމެއް ނެތްކަން ހާމަވަނީ ފާއިތުވި 1 މަސް ދުވަހުގައިވެސް މިކަމުގައި އެކޮމިޓީންކޮށްފައިވާ ކަމެއް ފެންނާން ނެތުމުންނެވެ.

ޒައިދާންއަކީ އޭނާގެ އާއިލާއަށް ކިހައި މުހިއްމު މީހެއް؟

މުޙައްމަދު ޒައިދާނަކީ ރ. އުނގޫފާރު، ނިއުލައިފް، އަޙްމަދު ނަޒީރާއި އައިމިނަތު ޙުސައިން މަނިކުގެ ތިން ދަރިންގެ ތެރެއިން އެންމެ ދޮށީ ފިރިހެން ދަރިފުޅެވެ. ޒައިދާންގެ މަންމަ ޒައިދާން ސިފަކޮށްދިނީ އެންމެ ޖުމުލައަކުންނެވެ. އެއީ ޒައިދާނަކީ އެމަންމަގެ މުޅި ދުނިޔެކަމެވެ.

ޒައިދާންގެ ސަންދޯއްމަތީގައި އެޅި ދިވެހި ޤައުމީ ދިދަ ޒައިދާންގެ ބައްޕަ އަޙްމަދު ނަޒީރާއި ހަވާލު ކުރަނީ --

ޒައިދާނަކީ އޭނާގެ ގޭގެ ތަނބެވެ. އެގޭގެ ނޫރެވެ.  ޒައިދާންގެ ކުއްލި ވަކިވުމަކީ، ޒައިދާންގެ އާއިލާއަށް ފޫބެއްދެން އޮތް ކަމެއް ނޫނެވެ. ސަންދޯއްމަތިން ނަގާފައި ދިއްކޮށްލި ދިވެހި ޤައުމީ ދިދައަކީ ޒައިދާންގެ ފުރާނައިގެ އަގެއް ނޫނެވެ.

ޒައިދާން ނިޔާވި ހާދިސާއަށް އެއްމަސް ފުރިގެން ދިޔައިރު، އަދިވެސް އޮތީ ޖަވާބު ނުލިބޭ ސުވާލުތަކެވެ. އޭގެ ތެރެއިންވެސް އެންމެ މުހިއްމު ސުވާލަކީ، ނިކަމެއްޗެއްގެ ދަރިއެއް ކަމުގައި ވީތީ، ކުއްވެރިއަކީ މިޔަރުކަމުގައި ކަމަށް ބަލައި މިވާހަކަ ދެއްކުން ހުއްޓައިލާން ވީހެއްޔެވެ؟

ކޮމެންޓް
ޢަލީ
ފުރިހަމަ މުސާރަ އާއިލާ އަށް 10 އަހަރުވަންދެން ދޭން ފެނޭ
04 Jul 2024
އިތުރު އާޓިކަލް
07 Sep 2024
ޚަބަރު
ޓޯވްކޮށްފައިވާ ގިނަ އުޅަނދުތަކެއް ނައްތާލައިފި
ފުލުުހުންގެ އިދާރާއިންނާއި ހޯމް މިނިސްޓަރުވެސް ވިދާޅުވީ، ފުލުހުން ޓޯވ ކުރާ އުޅަނދުތައް ނައްތާލަމުން ގެންދަނީ އެކަަމަށް ކަނޑައަޅާގައި އޮންނަ އުސޫލުގެ ދަށުން ކަމަށެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ މިހާތަނަށް 499 އުޅަނދު ނައްތާލާފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ، 2 ފުރޮޅުލީ، 247 އުޅަނދާއި، 4 ފުރޮޅުލީ 29 އުޅަނދާއި، އެމްބިއުލާންސްއެއްގެ އިތުރުން، 223 ބައިސިކަލް ކަަމަށެވެ.
06 Sep 2024
ޚަބަރު
މަގުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނިންމަވައިފި
ރައީސުލްޖުމްހޫރިއްޔާ މިނިންމުންތައް ނިންމެވީ ހުޅުމާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އުމުރުން 23 އަހަރުގެ ޒުވާނަު ނިޔާވުމާއި ގުޅިގެންނެވެ.
06 Sep 2024
ޚަބަރު
ރޭސިންގ އާއި ޑްރިފްޓިންއަށް ދީފައިވާ ހުއްދަތައް ބާޠިލްކޮށްފި
2023 އޮކްޓޯބަރ 19 ގައި ދީފައިވާ މިހުއްދަތައް ބާޠިލުކުރަން އެންގެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގައި ރޭސް ޖެހުމަށް ހުއްދަކޮށް ސަރަހައްދުތައް މީގެ ކުރިން ކަނޑައަޅާފައި ވީ ނަމަވެސް އެފަދަ ހުރިހާ ހުއްދައެއް ބާޠިލް ކުރުމަށް ރައީސުލްމްހޫރިއްޔާ މިއަދު ވަނީ އަންގަވާފައެވެ.
06 Sep 2024
ޚަބަރު
ސަމާޙް މަރުވި އެކްސިޑެންޓް ހިނގަން މެދުވެރިވި ރޭސް ކާރު ދުއްވި މީހާ ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
ސަމާޙް މަރުވާން ދިމާވީ، އެކްސިޑެންޓްގައި ވިއްސައިގެން ގޮސް އޭނާ ބޯ ޕޭވްމެންޓް އަރިމަތިން ކޮންކްރީޓް ގަނޑުގައި ޖެހިގެން ލިބުނު ސީރިއަސް އަނިޔާތަކާއި ގުޅިގެންނެވެ. ސަމާހުގެ ބޮލުގެ ކަނާތް ފަރާތުން ކަނާތު ލޮލާއި ނިއްކުރިއާ ދިމާއިން ވަރަށް ބޮޑަށް ޒަޚަމްވިއެވެ.