Advertisement

އިޒްރޭލް ޕާސްޕޯޓު މަނާކުރުން --

12 Jun 2024
ރިޕޯޓް
ޢަލީ ސުލައިމާން

އިޒްރޭލު މީހުން ރާއްޖެއަށް އެތެރެވުން މަނާކުރުމާއި މެދު ސިޔާސީ މީހުންގެ މެދުގައި ޚިޔާލު ދެކަފިވެފައި

އިޒްރޭލާއި ފަލަސްޠީނުގެ މައްސަލައަކީ، މުޅި ދުނިޔޭގެ ހުރިހާ މުސްލިމުންގެ ވެސް އެކަމުގައި ކަންބޮޑުވުން އޮތް މައްސަލައެކެވެ. މިމައްސަލައިގައި ދިވެހިރައްޔިތުން ގޮވާލަމުން ދަނީ، އިޒްރާއީލް ޕާސްޕޯޓް ރާއްޖޭގައި މަނާކުރުމަށެވެ. މިކަން ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ވަނީ، ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށައަޅުއްވާފައެވެ. މިބިލަކީ އިމިގްރޭޝަންގެ ޤާނޫނަށް އިސްލާޙް ގެނެސްގެން ރާއްޖޭން އިޒްރޭލުގެ ޕާސްޕޯޓު ބަލައިގަތުން ހުއްޓާލުމަށް، ހުށައަޅާފައިވާ ބިލެކެވެ.

ވަޒީރުންގެ މަޖިލީހުންވެސް ވަނީ، އިޒްރާއީލް ޕާސްޕޯޓު ރާއްޖެއިންބަލައި ނުގަތުމަށް ނިންމުމެއް ނިންމާފައެވެ. އަދި އެކަން މަޖިލީހުގެ ތެރެއިން ކުރިޔަށް ގެންދިޔުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މިބިލް އެޖެންޑާކޮށް، މެމްބަރުން ވަނީ އެކަމާއި ގުޅޭ ގޮތުން ބަހުސްކޮށްފައެވެ. އަދި އެ ބިލް މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއަށް ފޮނުވުމަށް މަޖިލީހުން ފާސްކޮށްފައެވެ.

އިޒްރޭލުގެ ޕާސްޕޯޓު ރާއްޖެއިން މަނާކުރުމާއި ގުޅޭ ގޮތުން، ޚިޔާލުތަފާތުވާ ބަޔަކު އެބަތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ، އިޤުތިޞާދީ ދާއިރާއިން ވިސްނާ މީހުންނާއި، ރާއްޖޭގައި ބޮޑެތި ވިޔަފާރިތައްކުރާ، ޚާއްޞަކޮށް ޓުއަރިޒަމް ދާއިރާގައި ވިޔަފާރިކުރާ ފަރާތްތަކެވެ.

"އިޒްރޭލުގެ ރައްޔިތުން ނުވަތަ އިޒްރޭލުގެ ޕާސްޕޯޓު ގެންގުޅޭ ޔަހޫދީއަކު ދިވެހިރާއްޖެއަށް އައުން މަނާކުރުމުގައި، ކަންތައްތައް ކުރިޔަށް ނެރެ އެކަން ވާކަށެއްވެސް ނޫން. އަދި ނުކުރާކަށެއްވެސް ނޫން. އެހެން ނަމަވެސް މިކަމާއި މެދުގައި ވަރަށް ރަނގަޅަށް ދިރާސާކޮށް، ދިއްގަރު ދާއިރާގެ އިއްޒަތްތެރި މެމްބަރު ދެންނެވި ފަދައިން، ވަރަށް ރަނގަޅަށް ވިސްނުންތެރިކަމާއި އެކުގައި ނޫނީ، އެކަމުގައި ފިޔަވަޅު އެޅޭ ކަށެއް ނެތް."

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު، ޤާސިމް އިބްރާހީމް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ސަރުކާރަށް ތާއީދު ކުރާ މެމްބަރުންގެ ތެރޭގައިވެސް މިކަމުގައި ޚިޔާލުތަފާތުވުންތަކެއް އެބަހުއްޓެވެ. އެބޭފުޅުންގެ މައިގަނޑު ކަންބޮޑުވުމަކީ، އިޒްރޭލުގެ ޕާސްޕޯޓް މަނާކުރުމުގެ ސަބަބުން، ރާއްޖެއަށް ކޮށްފާނެ އިޤުތިޞާދީ އަސަރުތަކެކެވެ. މިކަން ޚާއްޞަ ގޮތެއްގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަޙްމަދު ނާޒިމްވެސް ފާހަގަކުރައްވާފައިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން، ފާހަގަކުރައްވަމުން ގެންދަވަނީ، ދިވެހިރައްޔިތުން އެދޭ ގޮތަށް އިޒްރާއީލް ޕާސްޕޯޓު ރާއްޖެއިން މަނާކުރަންޖެހޭ ކަމަށެބެ. އެހެންނަމަވެސް  އޭގެ ކުރިން ވިސްނާލަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ.

ދިވެހިރާއްޖެއަކީ، އިޒްރޭލަކީ، ދައުލަތެއްގެ ގޮތުގައި، ބަލައިގެންފައިވާ ޤައުމެކެވެ.  ދިވެހިރާއްޖެއިން އިޒްރޭލަކީ ދައުލަތެއްގެ ގޮތުގައި ބަލައިގެންފައި ވަނީ، މީގެ އެތައް އަހަރެއް ކުރިން، ކުރީގެ ރައީސް އިބްރާހީމް ނާޞިރުގެ ބޮޑުވަޒީރު ކަމުގެ ދުވަސްވަރުގައެވެ. އެހެންވީމާ ދިވެހިރާއްޖެއިން އިޒްރާއީލާއި ދޭތެރޭ ފިޔަވަޅެއް އެޅުމުގައި ވިސްނަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. އެހެން ނަމަވެސް ޑިމޮކްރަސީއަކީ، ރައްޔިތުން އެދޭ ގޮތަށް ކަންކަން ނިންމުން ކަމުގައި ވާތީ، ރައްޔިތުން އެދެނީ އިޒްރާއީލްގެ ރައްޔިތުންނަށް ރާއްޖެއަށް އެތެރެ ނުވެވޭ ގޮތް ހެދުން ކަމަށް ވާނަމަ، ސިޔާސީ ފަރާތްތަކުގެ ނިންމުންވެސް ހުންނަން ޖެހެނީ އެމިސްރާބަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދެއްކެވި ގިނަ މެމްބަރުން، ފާހަގަކުރައްވާފައި ވަނީ، އިޒްރޭލުގެ ރައްޔިތުން ރާއްޖެއަށް އެތެރެވުން ހުއްޓުވަން ޖެހޭ ކަމަށެވެ.

އިޒްރޭލުގެ މައްސަލައިގައި، ޚާއްޞަކޮށް އިޒްރޭލުގެ ޕާސްޕޯޓު ރާއްޖެއިން ބަލައި ނުގަތުމަށް ނިންމުމާއި ގުޅޭ މައްސަލައިގައި، ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުން ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަމަށް ވަނީ އައިސްފައެވެ. އަދި އެއާއިއެކު ރާއްޖެއަށް ތަޢުރީފާއި ފާޑުކިޔުންވެސް އަމާޒުވެގެން ގޮސްފައިވެއެވެ. އެގޮތުން ޔޫރަޕްގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓް ކުރުމުގެ ހަރަކާތްތަކެއް ވަނީ ފަށާފައެވެ.  މީގެ އިތުރުން، އެމެރިކާގެ ސެނެޓް މެމްބަރަކު ވަނީ، ދިވެހިރާއްޖެއަށް އެމެރިކާއިންދޭ އެހީ ހުއްޓާލުމަށް ގޮވާލައި އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހަށް ބިލެއް ހުށައަޅާފައެވެ. މިކަމުގައި ފާހަގަކޮށްލަން ޖެހޭ ކަމަކީ، ގުޅިފައިވާ ދުނިޔެއެއްގައި، މިފަދަ ނިންމުމެއް ތަންފީޒްކުރުމަކީ، ފަސޭހަކަމަކަށް ނުވާނެކަމެވެ.

އިޒްރޭލު ރައްޔިތުން ރާއްޖެ އެތެރެވުން މަނާކުރުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް ނަސީމް ވިދާޅުވެފައި ވަނީ، ރާއްޖެއިން މިފިޔަވަޅު އެޅުމުގެ ބޭނުމަކީ، ހަރުދަނާ، ފެންހިފޭ ނިންމުމެއް ނިންމުންކަމަށެވެ. ދުނިޔެއަށް މެސެޖެއް ދިނުން ކަމަށެވެ.

"އަޅުގަނޑުމެން މިކަން މިކުރަނީ، ވަކި މަޤުޞަދެއްގައި، އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެވާ މީހުންނަކީ، އަޅުގަނޑުމެން ބަލައިގަންނާނެ ބައެއް ނޫންކަން ހާމަކުރުމުގެ ބޭނުމުގައި. ވަރަށް ފާޅުގައި، ދައުލަތެއްގެ ސިފައިގައި އަޅުގަނޑުމެން ނަގާ ސްޓޭންޑެއް މިސްޓޭންޑަކީ. އެހެންވީމާ، މިމާއްދާ މިހެން އޮތުން، މުހިއްމުކަމަށް އަޅުގަނޑު އަދިވެސް އެއްފަހަރު ދަންނަވާލަން."

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަޙްމަދު ނަސީމް --

އިޒްރޭލުގެ ހަމަލާތަކާއި ގުޅިގެން ފަލަސްޠީނުގެ އެތައްހާސް ރައްޔިތުންނެއް ޝަހީދުވެފައި ވާއިރު މިއީ ނަސްލު ނައްތާލުމުގެ ހަރަކާތެއް ކަމަށް އަދި އުދުވާނެއް ކަމަށް މުޅި ދުނިޔެ ޤަބޫލު ކުރެއެވެ. އެކަމަކު ދުނިޔޭގައި 1 ބިލިއަން މުސްލިމުން ތިބިއިރު އަދި ދުނިޔޭގައި 8 ބިލިއަން މީހުން ތިބިއިރު، ކޮންމެ މީހަކުވެސް ބުނަނީ ތިމަންނާ އަކީ އެކެއް ކަމަށެވެ. 8 ބިލިއަން މީހުން ކުރެ ކޮންމެ މީހަކު، އެމީހަކީ އެންމެ މީހެއްކަމަށް ބުނެ ވާހަކަދައްކާއިރު، އިޒްރޭލް ހުއްޓުވުމަށް، ދުނިޔެއަށް ކުރެވޭނެ ކަމަކީ ކޮބައިތޯ ސުވާލު ކުރުމުގެ ބަދަލުގައި އެކަމާއި މެދު ފުންކޮށް މިވަނީ ވިސްނަން ޖެހިފައެވެ.

ފުރަތަމަ ބޮޑު ހަނގުރާމައަށްފަހު ޔޫރަޕްގެ ޤައުމުތަކުން ބޭރުކޮށްލެވުނު ޔަހޫދީން ނުވަތަ ޒަޔަނިސްޓުން އައިސް ވަޒަންވެރިވީ ފަލަސްޠީނުގެ ބިމުގައި ކަމަށް ވުމާއިއެކު، މިހަމަނުޖެހުމުގެ ފެށުން1917 ވަނަ އަހަރާއި ހަމައަށް ދެއެވެ.

ޤުދުސްގައި ނުވަތަ ފަލަސްޠީނުގެ ބިމުގައި އެންމެ ފުރަތަމަ ޓެރަރިސްޓް ހަމަލާއެއް ދިން ބަޔަކީ، ޔަހޫދީންނެވެ. މިއަދު އިޒްރޭލުގެ ޑިފެންސްފޯސް، އައިޑިއެފް އުފެދިގެން އައީ ޔަހޫދީންގެ ހައްދުފަހަނަ އެޅީ ޓެރަރިސްޓް ޖަމާއަތްތަކުގެ މައްޗަށެވެ. މިގޮތުން އިޒްރޭލުގެ ދައުލަތަކީ ޓެރަރިސްޓުންގެ ބައިގަނޑެއްގެ ތެރެއިން އުފަންވެގެން އައި ދައުލަތެކެވެ. އެހެންކަމުން މިއަދުވެސް އެ ޓެރަރިޒަމްގެ ޢަމަލްތައް ހިންގަމުން ދާއިރު ފަލަސްޠީނުގެ ރައްޔިތުން ޙިމާޔަތް ކުރުމަށް ދުނިޔެ އޮތީ ނުކުޅެދިފައެވެ.

މިކަމުގައި ރާއްޖެއަށް ކުރެވެން އޮތް ކަމަކީ، އިޒްރޭލް މީހުން ރާއްޖެއަށް އެތެރެވުން ހުއްޓުވުމެވެ. އެއީ ދުނިޔެއަށް ދެވޭ މެސެޖެއްކަމަށް ގިނަ ބަޔަކު ޤަބޫލް ކުރެއެވެ.

އެހެން ނަމަވެސް ސުވާލަކީ، އިޒްރާއީލް ޕާސްޕޯޓް ރާއްޖެއިން މަނާކޮށްގެން އިޤުތިޞާދީ ގޮތުން ދިވެހިރާއްޖެއަށް ކުރިމަތިވާ ގެއްލުންތަކަށް، ދެން ޢަމަލު ކުރާނީ ކިހިނެއްތޯއެވެ؟

ކޮމެންޓް
ބަޗީ
ތިމާމެންގެ އަނބިދަރިން މަރާ ހުސްކުރާއިރުވެސް ތިމާގެ ފިހާރައަށް ވަދެ ވިޔަފާރި ނުކޮށްފާނެތީ ގަންނަ ބިރު ބޮޑުވަނީ ހެއްޔެވެ؟ ހާދަހާ ދުނިޔެ ބޭނުންވެގެން ތި އުޅެނީ.
13 Jun 2024
އިތުރު އާޓިކަލް
16 Jan 2025
ޚަބަރު
ހޯމަ ދުވަހުން ފެށިގެން ކަދުރު ބަހަން ފަށަނީ
އެމިނިސްޓްރީން ވިދާޅުވީ، އަންނަ ހޯމަ ދުވަހުންފެށިގެން، ފެބުރުއަރީ މަހުގެ 6 ވަނަ ދުވަހާއި ހަމައަށް ކަދުރު ބެހުން ކުރިޔަށް ގެންދާނެ ކަމަށެވެ. މިގޮތުން މާލެ ސަރަހައްދުގެ އާއްމު ގޭބިސީތަކަށް ކަދުރު ދޫކުރުން ކުރިޔަށްދާނީ، ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގައި ހެނދުނު 9:30 އިން 13:00އަށް އިސްލާމީ މަރުކަޒުގައެވެ.
16 Jan 2025
ޚަބަރު
ފަލަސްޠީނުގެ ރައްޔިތުންނަށް ބަދަލުދޭން ރައީސް ގޮވާލައްވައިފި
ރައީސް މިހެން ވިދާޅުވީ، ޣައްޒާއަށް ދޭ ހަމަލާތައް މެދުކަނޑާލަން ނިންމަން މެދުވެރި ވެދިން ފަރާތްތަކުން ކުރި މަސައްކަތް ފާހަގަ ކުރައްވައި، އެ ފަރާތްތަކުގެ އަގު ވަޒަންކުރައްވާ ނެރުއްވި ބަޔާނުގައެވެ.
16 Jan 2025
ޚަބަރު
ވަގުފޯމުތަކުގެ މައްސަލަ ތަޙްޤީޤުކުރުމަށް ފުލުހުންގެ މައްޗަށް އަމުރުކޮށްދޭން އެމްޑީޕީން އެދިއްޖެ
އެޕާޓީން ހާމަކޮށްފައިވާ ގޮތުގައި، އެ މައްސަލަތައް ތަހުގީގު ކުރުމަށް އެ ދެ އިދާރާގެ މައްޗަށް އަމުރުކޮށްދެއްވުމަށް އެދި ޕީޖީގައި ވެސް އެޕާޓީން ވަނީ އެދިފައެވެ. މީގެ އިތުރުން، ޕީއެންސީން ހުށަހެޅި އެއްވެސް ފޯމެއް ޕްރޮސެސް ނުކުރުމަށާއި، ޕްރޮސެސް ކުރި ފޯމުތައް ކެންސަލްކޮށް، އެ ފޯމުތަކުގެ ޞައްޙަކަން އަލުން ކަށަވަރުކުރުމަށް އެދި އިލެކްޝަންސް ކޮމިޝަނަށް ވެސް ސިޓީއެއް ފޮނުވާފައިވާކަމުގައި އެމްޑީޕީން ވަނީ ހާމަކޮށްފައެވެ.
16 Jan 2025
ޚަބަރު
ނުކުޅެދޭ ކުއްޖަކަށް ޓީޗަރަކު އަނިޔާކުރި މައްސަލައެއް ބަލަންފަށައިފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މާލޭގެ ސްކޫލެއްގެ ޓީޗަރަކު އެސްކޫލެ ހާއްސައެހީއަށް ބޭނުންވާ ދަރިވަރަކަށް އަނިޔާކުރި މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެހެންނަަމަވެސް އެކަން ހިނގާފައި ވަނީ ކޮން ސްކޫލެއްގައިކަމެއް އަދި އެޓީޗަރަކީ ދިވެހި ޓީޗަރެއްކަމެއް ނުވަތަ ބިދޭސީ ޓީޗަރެއް ކަމެއް ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައެއް ނުވެއެވެ.