Advertisement

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ---

10 Jul 2023
ޚަބަރު
ޢަލީ ސުލައިމާން

ޑިޖިޓަލް ސަރުކާރުގެ އެންމެބޮޑު އެއް އަމާޒަކީ، ޚިދުމަތްތައް އަވަހަށް ފޯރުކޮށްދިނުން: ރައީސް

ޑިޖިޓަލް ސަރުކާރުގެ އެންމެބޮޑު އެއް އަމާޒަކީ، ޚިދުމަތްތައް އަވަހަށް ފޯރުކޮށްދިނުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިއަދު ހެނދުނު ސަލްޓަން ޕާކްގައި ބޭއްވި ރަސްމިއްޔާތުގައި "ވަންގަވް" އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުން ޤާއިމުކުރާ ޑިޖިޓަލް ސަރުކާރުގެ އެންމެބޮޑު އެއް އަމާޒަކީ، ޚިދުމަތްތައް އަވަހަށް ފޯރުކޮށްދިނުންކަމަށެވެ. އަދި ޑިޖިޓަލް ސަރުކާރުގައި ހިމެނޭ މުއައްސަސާތަކުގެ އެޕްލިކޭޝަން ފޯމުތައް މިހާރު ހުންނާނީ ފަސޭހައިން ޚިދުމަތްތަކަށް އެދެވޭނެގޮތަށް ބަދަލުކޮށްފައި ކަމަށާއި، އަދި ހޯދަން ބޭނުންވާ ޚިދުމަތްތަކާ ބެހޭ ހުރިހާ މަޢުލޫމާތެއް، އެއް ތަނަކުން ލިބޭނެގޮތް ހަމަޖެހިފައި ވުމުގެ ސަބަބުން ރައްޔިތުންގެ އެތައް ވަގުތެއް ސަލާމަތްކުރެވި، ޚިދުމަތް އަވަސްވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ޑިޖިޓަލް ސަރުކާރަކީ، ރަސްމީ ގަޑި ނިމުމުން، ދޮރު ބަންދުކޮށް، ޚިދުމަތްތައް މެދުކަނޑާލާ ސަރުކާރެއް ނޫން. ހަފްތާގެ 7 ދުވަހު 24 ގަޑިއިރު، މެދުނުކެނޑި ޚިދުމަތްތަކަށް އެދެވޭނެ. ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރެގެންވެސް، ސަރުކާރުގެ ޚިދުމަތްތައް ހޯދުމަށް މަގުފަހިވެގެންދާނެ. އަދި ޚިދުމަތްތަކަށް އެދުމަށްފަހު، އެ ޚިދުމަތެއްގެ މަސައްކަތް ގޮސްފައި އޮތް ހިސާބެއްވެސް، ކޮންމެ ތަނެއްގައި ހުރެގެން ފަސޭހަކަމާއެކު ބަލައިލެވޭނެ."

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙް

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މި ނިޒާމުގެ އެންމެބޮޑު ފައިދާއަކީ، ސަރުކާރުގެ ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތު ހޯދުމަށް، ސަރުކާރުގެ އިދާރާތަކާއި ކައުންސިލްތަކަށް ދާން ނުޖެހުމާއި، މަޢުލޫމާތު ހޯދުމަށްޓަކައި އިދާރާތަކަށް ގުޅަން ނުޖެހުން ކަމަށެެވެ. އަދި ޑިޖިޓަލް ސަރުކާރު ހިނގައިގަންނައިރު، "ވަންގަވް"ގެ ސަޕޯޓް ސެންޓަރުތަކެއް، މާލެއާއި އައްޑޫ އަދި ފުވައްމުލައް ސިޓީ ހިމެނޭ ގޮތުން ރާއްޖޭގެ ތިން ސަރަޙައްދެއްގައި ޤާއިމްވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ވަގުތު މި ތިން ސިޓީގައި ސަޕޯޓް ސެންޓަރުތައް ހުއްޓަސް، ކުރިމަގުގައި އިތުރު ސަޕޯޓް ސެންޓަރުތަކެއް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުޅުވިގެންދާނެކަމަށެވެ. އަދި މި ސެންޓަރުތަކުގެ މައިގަނޑު މަޤްޞަދަކީ، ޚިދުމަތްތަކާ ގުޅިގެން އެހީތެރިކަން ބޭނުންވެއްޖެ ޙާލަތެއްގައި، އެ އެހީތެރިކަން ރައްޔިތުންނާ ވީހާވެސް ގާތުން ފަސޭހައިން ފޯރުކޮށްދިނުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވަންގަވް އަށް ލޮގިން ކުރެވެނީ "އީފާސް" މެދުވެރިކޮށެވެ. މިއަދު ވަންގަވް އިފްތިތާޙްކޮށްފައި ވަނީ 6 އިދާރާއެއްގެ ޚިދުމަތްތަކާ އެކުގައި ކަމުގައިވިޔަސް މި ޚިދުމަތް ފުޅާކުރެވި ސަރުކާރުގެ ހުރިހާ އިދާރާތައް މީގެ ތެރޭގައި ހިމެނިގެންދާނެއެވެ. ވަންގަވްގެ ޚިދުމަތްތައް ހޯދުމުގައި އެހީތެރިކަމަށް ބޭނުންވެއްޖެ ހާލަތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ސަޕޯޓް ސެންޓަރުތައް ރާއްޖޭގެ 3 ސަރަޙައްދެއްގައި ޤާއިމްކޮށްފައިވެއެވެ. އެގޮތުން އެތަންތަނަށް ގޮސްގެންނާއި ކޯލް ސެންޓަރު މެދުރިކޮށް އަދި އޮންލައިންކޮށް އެހީތެރިކަން ހޯދޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ވަންގަވްގެ ތެރޭން ލިބޭ ލުއިފަސޭހަތަކުގެ ބޭނުން ހިފުމަށް ވީހާވެސް ގިނަ ރައްޔިތުން "އީފާސް" ހެދުމަށް އިލްތިމާސްކުރައްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
05 May 2025
ޚަބަރު
ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏަކާ އެކު ރާއްޖޭގައި މާލީ ފްރީޒޯނެއް ގާއިމްކުރަނީ
ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏެއް ކަމަށްވާ، އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އާއި ދިވެހި ސަރުކާރާ ގުޅިގެން، މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓާ (އެމްއައިއެފްސީ)ގެ ނަމުގައި 8.8 ބިލިއަން ޑޮލަރުގެ މާލީ ފްރީޒޯނެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
05 May 2025
ޚަބަރު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ދުސްތޫރީ ބޮޑު ކުށެއްކަމަށް ހުސްނުއްސުއޫދު ވިދާޅުވެއްޖެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރަން ޖޭއެސްސީން ނިންމުމަކާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސުއޫދު ވިދާޅުވީ ގާނޫނޫ އަސާސީއާއި ހިލާފަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރެއްވުމަކީ ގައުމުގެ ރައީސަކު ކުރައްވާނެ އެންމެ ބޮޑު ދުސްތޫރީ ކުށް ކަމަށެވެ.
05 May 2025
ޚަބަރު
މައްސަލައަކީ ވެރިން ނޫން ކަމަށާއި، އެކަމަކު ނިޒާމު ކަމުގައި ރައީސް ނަޝީދު ވިދާޅުވެއްޖެ
ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމްކުރުމަށް އަބަދުވެސް ވަކާލާތު ކުރައްވާ ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ ވަރަށް ގިނަ ނުރަނގަޅު ކަންކަމުގެ އަސްލަކީ ރިޔާސީ ނިޒާމުގެ ވެރިކަން ކަމަށެވެ.
04 May 2025
ޚަބަރު
ކުރީ ސަރުކާރުން ހެދި އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ ކަމެއް ނެތްކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
ހޮނިހިރު ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެހެން ޤައުމުތަކާ އެކު ސޮއިކޮށްފައިވާ އަސްކަރީ އެއްބަސްވުންތައް ހާމަ ކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، އެއްބަސްވުންތައް ހާމަ ކުރެވޭނީ އެ އެއްބަސްވުމެއްގައި ހިމެނޭ ޤައުމުތަކުން ރުހިގެން ކަމަށެވެ. އަދި މިހާތަނަށް އެއްބަސްވުންތައް ހާމަ ނުކޮށް އޮތީ، އޭގައި އެއްވެސް މައްސަލައެއް އޮވެގެން ނޫން ކަމަށް ރައީސް މުޢިއްޒު ވިދާޅުވި އެވެ.