Advertisement

އަލްމަރްޙޫމް ޢަބުދުﷲ ޖަމީލުގެ ތަޢުޒިޔާގެ ދަފްތަރު ހުޅުވުން -- ފޮޓޯ: ރައީސް އޮފީސް

13 Jun 2023
ޚަބަރު
ޢަލީ ސުލައިމާން

އަލްމަރްޙޫމް ޢަބުދުﷲ ޖަމީލުގެ ހަނދާނުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ތަޢުޒިޔާގެ ދަފްތަރެއް ހުޅުވައިފި

ދައުލަތަށް 54 އަހަރަށް ވުރެ ގިނަ ދުވަހު، އިޚްލާސްތެރި ޚިދުމަތްތަކެއް ކޮށްދެއްވި، އަލްމަރްޙޫމް ޢަބުދުﷲ ޖަމީލުގެ ހަނދާނުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ތަޢުޒިޔާގެ ދަފްތަރެއް ހުޅުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މި ތަޢުޒިޔާގެ ދަފްތަރު ހުޅުއްވާފައި ވަނީ، މިއަދު ހެނދުނުގައެވެ. ތަޢުޒިޔާގެ ދަފްތަރު ހުޅުއްވައި ދެއްވައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދި ޞާލިޙާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމްވަނީ އެ ދަފްތަރުގައި ލިޔުއްވައި ސޮއިކުރައްވާފައެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، އަލްމަރްހޫމް ޢަބުދުﷲ ޖަމީލްގެ އާއިލާއާ ބައްދަލުކުރައްވައި އެބޭފުޅުންނަށް އިޚްލާސްތެރި ތަޢުޒިޔާ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި 54 އަހަރުގެ ދިގު މުއްދަތަކަށް މަރްޙޫމް ޢަބްދުﷲ ޖަމީލް (ނ.ޢ.ޢ.ވ) ދަޢުލަތަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ ހަނދާންތައް އައުކުރެއްވިއެވެ. މަރްޙޫމްގެ ޚިދުމަތްތަކުގެ ހަނދާންތައް އައުކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގެއްލިގެން އެދިޔައީ ދަޢުލަތާއި މުޅި ޤައުމުގެ ޚިދުމަތްތެރިއެއް ކަމުގައެވެ.

މި ބައްދަލުކުރެއްވުމުގައި އެ މަރްޙޫމްގެ ޢާއިލާއިން ވަނީ މަރްޙޫމް ޢަބްދުﷲ ޖަމީލް (ނ.ޢ.ޢ.ވ)ގެ ޚިދުމަތުގެ އަގުވަޒަންކުރައްވައި ސަރުކާރުން ކުރައްވަމުން ގެންދަވާ ކަންކަން ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ.

ތަޢުޒިޔާގެ ދަފުތަރުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވި ބަޔާނުގައި ވަނީ ޢަބްދުﷲ ޖަމީލް (ނ.ޢ.ޢ.ވ)ގެ އަވަހާރަވުމަކީ މުޅި ޤައުމަށް ލިބުނު ހިތާމައެއްކަން ފާހަގަކުރައްވައި މަރްޙޫމްގެ 54 އަހަރުގެ ޤައުމީ ޚިދުމަތުގައި ފާހަގަކުރެވިގެން ދަނީ ކޮންމެ ކަމެއްގައިވެސް ދިވެހި ދަޢުލަތާއި ރައްޔިތުންގެ މަސްލަޙަތަށް އިސްކަންދެއްވި ބޭފުޅެއްގެ ގޮތުގައިކަން ފާހަގަކުރައްވާފައިވެއެވެ.

އަދި ދިވެހިރާއްޖޭގެ ޤައުމީ ހަޔާތުގަޔާއި ބަރުލަމާނީ ހަޔާތުގައި އަދާކުރައްވާފައިވާ ޚިދުމަތްތެރި ދައުރަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. ތަޢުޒިޔާގެ ދަފުތަރުގައި ރައީސުލްޖުމްހޫރިއްޔާ ލިޔުއްވި ބަޔާން ނިންމަވާލައްވާފައި ވަނީ މަރްޙޫމް ޢަބްދުﷲ ޖަމީލް (ނ.ޢ.ޢ.ވ)ގެ ފުރާނަފުޅަށް ހެޔޮ ރަޙްމަތްލައްވައި ސުވަރުގޭގެ ދާޢިމީ ނިޢުމަތް މިންވަރުކުރެއްވުމަށް ދުޢާ ދަންނަވަމުންނެވެ.

އަލްމަރްޙޫމް ޢަބްދުﷲ ޖަމީލް (ނ.ޢ.ޢ.ވ)ގެ ހަނދާނުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހުޅުވި ތަޢުޒިޔާގެ ދަފުތަރުގައި މަރްޙޫމްގެ ޚިދުމަތްތަކުގެ ހަނދާންތައް އައުކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުވެސް ވަނީ ބަޔާނެއް ލިޔުއްވާފައެވެ.

އަލްމަރްޙޫމް ޢަބްދުﷲ ޖަމީލް (ނ.ޢ.ޢ.ވ) ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވުމުގެ ހިތާމައިގައި، ޖޫން 12ވާ ހޯމަ ދުވަހުގެ މެންދުރު ފަހު. 1:00އިން ފެށިގެން ތިންދުވަސް ވަންދެން ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ވަނީ ތިރިކޮށްފައެވެ. އަދި އެ މަރްޙޫމް ފަސްދާނުލެވުނީ ރަސްމީ ޢިއްޒަތުގައި ގަލޮޅު ސަހަރާގައެވެ.

އަލްމަރްޙޫމް ޢަބުދުﷲ ޖަމީލުގެ ތަޢުޒިޔާގެ ދަފްތަރު ހުޅުވިފައި އޮންނާނީ، މި ޖޫން މަހުގެ  15ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު ހެނދުނު 10:00 ން މެންދުރުފަހު 1:00 އަށެވެ.

ތަޢުޒިޔާގެ ދަފްތަރުގައި ސޮއިކުރައްވަން ބޭނުންފުޅުވާ ބޭފުޅުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަޑައިގަތުމުން، ދަފްތަރުގައި ސޮއިކުރެއްވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.