Advertisement

ޢަބުދުﷲ ޖަމީލުގެ ރަސްމީ ޖަނާޒާގެ ތެރެއިން ---

11 Jun 2023
ޚަބަރު
ޢަލީ ސުލައިމާން

ދައުލަތަށް 54 އަހަރު ޚިދުމަތް ކުރެއްވި ޢަބުދުﷲ ޖަމީލް އަވަހާރަވެ ފަސްދާނުލައިފި

ދިވެހި ދައުލަތަށް 54 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި، ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ) އަބުދުﷲ ޖަމީލް އަވަހާރަވެ އެމަނިކުފާނުގެ ހަށިކޮޅު ރަސްމީ ޢިއްޒަތުގައި ފަސްދާނުލައިފިއެވެ.

ޢަބްދުﷲ ޖަމީލް އަވަހާރަވީ، މިއަދުގެ ހެނދުނުގެ ވަގުތެއްގައި އެމަނިކުފާނުގެ ގެކޮޅު މ.ދޫރެސްގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 87 އަހަރެވެ.

އަބުދުﷲ ޖަމީލުގެ މޫނުފުޅުދެއްކެވުމާއި، ކަށު ނަމާދު ކުރުން އޮތީ އިސްލާމީ މަރުކަޒުގައެވެ. އެމަނިކުފާނުގެ މައްޗަށް މަސްޖިދުލް ސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމްގައި މިއަދުގެ ޢަޞްރު ނަމާދަށް ފަހު ކުރެވުނު ކަށުނަމާދުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބުދުﷲ ޝަމާލް އާއި، ދައުލަތުގެ ވަޒީރުންނާއި ޢިއްޒަތްތެރިންނާއި ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުންނާއި، ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ބައިވެރިވިއެވެ.

ޢަބުދުﷲ ޖަމީލުގެ ހަށިކޮޅު ރަސްމީ ޢިއްޒަތުގައި ފަސްދާނުލާފައި ވަނީ، ގަލޮޅު ސަހަރާގައެވެ. 

އެމަނިކުފާނުގެ ސަންދޯއްޕުޅު ގަލޮޅު ސަހަރާއަށް ގެންދެވުމާއެކު، ސަންދޯއްޕުޅު މަތީގައިވާ ދިދަ ފަތްޖެހުމަށްފަހު، އެ ދިދަ އެމަނިކުފާނުގެ ދަރިކަލުން މަޢުރޫފް ޖަމީލުގެ އަތްޕުޅަށް ބެއާރަރ ޕާޓީގެ ކޮމާންޑަރ އެރުވިއެވެ.

ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުﷲ ޖަމީލަކީ، 54 އަހަރަށްވުރެ ދިގު މުއްދަތެއްގައި، ދިވެހި ދައުލަތަށާއި ދިވެހި ޤައުމަށް ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅެކެވެ. ސަރުކާރުގެ ޚިދުމަތް އެ މަނިކުފާނު އެންމެ ފުރަތަމަ ފެށްޓެވީ، 6 މޭ 1953 ގައި ވުޒާރަތުލް މުވާޞަލާތުގެ އޮބްޒަރވަރެއްގެ ވަޒީފާއިންނެވެ. ދޮޅު އަހަރެއްހާ ދުވަހު އެ ވަޒީފާގައި ޚިދުމަތް ކުރެއްވުމަށްފަހު، ދެން ބަދަލުވެވަޑައިގަތީ، ވުޒާރަތުލް މާލިއްޔާގެ ކާތިބެއްގެ ވަޒީފާއަށެވެ. އޭގެފަހުން ސަރުކާރުގެ އެކި އިދާރާތަކުގެ ތަފާތު މަގާމުތައް ފުރުއްވިއެވެ. އެގޮތުން، ފުރުއްވި މަގާމުތަކުގެ ތެރޭގައި، ވަޒީރުލްއަޢުޡަމްގެ އޮފީހުގެ ސެކްރެޓެރީ ކަމާއި، ހިންގާ ސެކްރެޓެރީ ކަމާއި، ވުޒާރަތުއް ދާޚިލިއްޔާގެ ސެކްރެޓެރީ ކަމާއި، ހިންގާ ސެކްރެޓެރީ ކަމާއި، ކޮޔަރ އެންޑް ކަވަރީޒް އެޑްވައިޒަރީ ބޯޑުގެ ހއ.މެންބަރު ކަމާއި، އެ ބޯޑުގެ ތ. އަތޮޅު މެންބަރު ކަމާއި، ސިނަމާ ކުންފުނީގެ ވިޔަފާރީގެ މެނޭޖަރު ކަމާއި، ޤައުމީ ކުންފުނީގެ ވިޔަފާރި މެނޭޖަރު ކަމާއި، ޤައުމީ ކުންފުނީގެ 1 ނަންބަރު މަސް ފިހާރައިގެ މެނޭޖަރުކަން ހިމެނެއެވެ.

ޢަބްދުﷲ ޖަމީލަކީ، ރައީސް އިބްރާހީމް ނާޞިރުގެ ރައީސްކަމުގެ ދައުރުގައިވެސް ސަރުކާރުގެ އިސް މަގާމުތަކެއް ފުރުއްވައިފައިވާ ބޭފުޅެކެވެ. 11 ނޮވެންބަރު 1968 ގައި ރައީސް އިބްރާހީމް ނާޞިރު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ޢަބްދުﷲ ޖަމީލް ހަމަޖެއްސެވީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޚާއްޞަ ވަކީލު ކަމުގެ މަގާމަށެވެ. އެއީ، 13 ނޮވެންބަރު 1968 ގައެވެ. އޭގެފަހުން، އެ މިނިސްޓްރީގެ ވަކީލު ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ޖަސްޓިސްގެ ވަކީލު ކަމުގެ މަގާމާއި، އޯޑިޓް އޮފީހުގެ ވެރިޔާ ކަމުގެ މަގާމާއި، ޕަބްލިކް މެއިންޓެނަންސް ޑިވިޜަން (ހ)ގެ ވަކީލު ކަމުގެ މަގާމާއި، ކޮންޓްރޯލް އޮފް ކޮމިއުނިކެބްލް ޑިޒީޒަސް ޑިވިޜަންގެ ވަކީލު ކަމުގެ މަގާމާއި، ޝިޕިންގ ޑިޕާޓްމަންޓްގެ ވަކީލު ކަމުގެ މަގާމުވެސް ފުރުއްވައިފައި ވެއެވެ.

11 ނޮވެންބަރު 1978 ގައި ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ޢަބްދުﷲ ޖަމީލް ޢައްޔަން ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ޕްރައިވެޓް ސެކްރެޓެރީ ކަމުގެ މަގާމަށެވެ. އޭގެފަހުން 16 ޑިސެންބަރު 1978 ގައި ރައީސުލްޖުމްހޫރިއްޔާގެ އެގްޒެކެޓިވް ސެކްރެޓެރީ ކަމުގެ މަގާމަށް އެމަނިކުފާނު ބަދަލުކުރެއްވިއެވެ. އަދި 11 ނޮވެންބަރު 1982 ގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޕްރެޒިޑެންޝަލް އެފެއާޒް ކަމުގެ މަގާމަށް އެ މަނިކުފާނު ޢައްޔަން ކުރެއްވިއެވެ.

11 ނޮވެންބަރު 1983 ގައި ރައީސް މައުމޫން، ދެވަނަ ދައުރަކަށް ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ހުވާ ހުވާކުރެއްވުމަށްފަހު، އެ މަނިކުފާނުގެ ކެބިނެޓްގައި ޢަބްދުﷲ ޖަމީލް ހިމެނުއްވިއެވެ. ޢަބްދުﷲ ޖަމީލް ޢައްޔަން ކުރެއްވީ، މިނިސްޓަރ އޮފް ހެލްތުގެ މަގާމަށެވެ. އޭގެފަހުން ރައީސް މައުމޫންގެ ރިޔާސީ ތިންވަނަ ދައުރުގެ ކެބިނެޓް އެކުލަވައިލެއްވިއިރު، ޢަބްދުﷲ ޖަމީލް ޢައްޔަން ކުރެއްވީ، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ކަމުގެ މަގާމަށެވެ. އޭގެފަހުން މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަން ކަމުގެ މަގާމާއި، މިނިސްޓަރ އޮފް ޓޫރިޒަމް ކަމުގެ މަގާމާއި، މިނިސްޓަރ އޮފް ހޯމް އެފެއާޒް ކަމުގެ މަގާމާއި، އަދި މިނިސްޓަރ އޮފް ހޯމް އެފެއާޒް އެންޑް ހައުސިންގ ކަމުގެ މަގާމު އެ މަނިކުފާނު ފުރުއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެއޮފީހުގެ މިނިސްޓަރު ކަމުގެ މަގާމާއި، ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ޢިއްޒަތްތެރިއެއްގެ މަގާމުވެސް އެ މަނިކުފާނު ފުރުއްވައިފައި ވެއެވެ. މީގެއިތުރުން، ޒުވާނުންގެ މަރުކަޒުގެ ރައީސް ކަމުގެ މަގާމާއި، މާފަންނު އަވަށު އޮފީހުގެ ވެރިޔާކަންވެސް ކުރައްވައިފައި ވެއެވެ.މި ދެންނެވި މަގާމުތަކުގައި ޢަބްދުﷲ ޖަމީލް ހުންނަވައިގެން، އެ ދާއިރާތަކުގެ ތަރައްޤީއާއި ކުރިއެރުމަށް އެ މަނިކުފާނު ކޮށްދެއްވި ޚިދުމަތްތަކަކީ، ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ ޚިދުމަތްތަކެކެވެ.

ޢަބްދުﷲ ޖަމީލަކީ، ރައްޔިތުންގެ މަޖިލީހުގައިވެސް ވަރަށް މުހިންމު ދައުރެއް އަދާކުރައްވައިފައިވާ ބޭފުޅެކެވެ. މިގޮތުން، ރައްޔިތުންގެ މަޖިލީހުގެ ތ. އަތޮޅު މެންބަރުކަން، 30 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކުރައްވައިފައި ވެއެވެ. އަދި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ތ. އަތޮޅު މެންބަރުކަން، 14 އަހަރަށްވުރެ ގިނަދުވަހު އެ މަނިކުފާނު ވަނީ ކުރައްވައިފައެވެ.

ޢަބްދުﷲ ޖަމީލަށް ވަނީ މިނިވަން 25ގެ ޢާންމު ޚިދުމަތުގެ އިނާމުވެސް ލިބިވަޑައިގެންފައެވެ. އަދި އެ މަނިކުފާނަށް ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަމުގެ ލަޤަބް އަރުވައިފައި ވަނީ 10 ނޮވެންބަރު 2008 ގައެވެ.  

ކޮމެންޓް
އިތުރު އާޓިކަލް
19 Sep 2024
ޚަބަރު
އ.ދ. ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ - ސަރުކާރު
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، އ.ދ. ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ރައީސުލްޖުމްހޫރިއްޔާ ތަޤުރީރު ކުރައްވާނެ ކަމަށެވެ. މީގެ އިތުރުންވެސް އ.ދ. ގެ ސަލާމަތީ މަޖިލީހުގެ ޚާއްޞަ އޯޕެން ޑިބޭޓެއްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވުމަށްވަނީ ހަމަޖެހިފައި ކަމުގައި ހީނާ ވަނީ ވިދާޅުވެފައެވެ.
19 Sep 2024
ކުޅިވަރު
ފުޓުބޯޅަ ސީޒަން ފެށޭނެ ދުވަހެއް އަދި ނޭނގޭ: ނޯމަލައިޒިން ކޮމެޓީ
ނޯމަލައިޒިން ކޮމެޓީ އިން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމެޓީގެ ޗެއާ އަހުމަދު ޒުހޫރު ވިދާޅުވެފައިވަނީ، ކުލަބުތަކުގެ މާލީ ހާލަތު ދަށްވެފައިވުމާއި ސްޓެޓިއުޓްސްގައި ހުރި ބައެއް ކޮމިޓީތައް މިވަގުތު ހުސްވެފައިވުމުގެ ސަބަބުން، ސީޒަން ފެށުމަށް ގިނަ ދުވަސް ހޭދަވާނެ ކަމަށެވެ.
19 Sep 2024
ކުޅިވަރު
ބައްސާމް ދެ އެޕާޓްމަންޓު ގަތް މައްސަލާގައި ދައުވާ ކުރުމަށް ފޮނުވައިފި
ފުޓްބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް) އަށް ފީފާއިން ދީފައިވާ ފައިސާ ބޭނުންކޮށްގެން، އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް، ބައްސާމް އަދީލް، އަމީން އެވެނިއު އިން ދެ އެޕާޓްމެންޓް ގަތް މައްސަލައިގައި ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފުލުހުން ފޮނުވައިފިއެވެ.
18 Sep 2024
ޚަބަރު
މާލޭގައި ގެއެއްގެ ދޮރުގެ ބިއްލޫރިގަނޑެއް ވެއްޓި މަގުމަތީ ހުރި މީހަކު ޒަޚަމްވެއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މިހާދިސާ ހިނގާފައި ވަނީ މިރޭގެ 19:12 ހާއިރުގައި ކަމަށެވެ. އެވަގުތަކީ މާލެއަށް ވަރަށް ބޯކޮށް ވާރޭ ވެހެމުން ދިޔަ ވަގުތެކެވެ.