Advertisement

ބާބްރީ މަސްޖިދު 1992 ވަނަ އަހަރު ތަޅާލުމުގެ ކުރިން ނަގާފައިވާ ފޮޓޯއެއް --

22 Jan 2024
ދުނިޔެ
ޢަލީ ސުލައިމާން

މިއަދަކީ އަޔޯދިޔާގެ މުސްލިމުންނަށް ހިތާމައިގެ ދުވަހެއް، ބާބްރީ މިސްކިތް ތާރީޚުގެ ތެރެއަށް ގެއްލިއްޖެ

ހަރުކަށި ހިންދޫން ތަޅާލި، އިންޑިއާގެ އަޔޯދިޔާގައި ހުރި، ސޯޅަ ވަނަ ޤަރުނުގެ ތާރީޚީ މިސްކިތް ބާބްރީ މަސްޖިދު ހުރި ތަނުގައި އެޅި ހިންދޫންގެ ބޮޑު ފައްޅި "ރާމް ޓެމްޕަލް" އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުޅުއްވައި މިއަދު އިފްތިތާހްކޮށްދެއްވާއިިރު، މިއަދަކީ އަޔޯދިޔާގެ މުސްލިމުންނަށް ހިތާމައިގެ ދުވަހެއް ކަމުގައި އަޔޯދިޔާގެ މުސްލިމް ޖަމާއަތްތަކުން ބުނެފިއެވެ.

އަޔޯދިޔާގައި ހުރި ބާބްރީ މިސްކިތް ހުރި ތަނުގައި، ރާމްޓެމްޕަލް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އިފްތިތާޙް ކޮށްދެއްވާނީ، މިއަދު މެންދުރު އިންޑިއާގެ ގަޑިން 12:20 އާއި 12:45 އާއި ދެމެދުގެ ވަގުތެއްގައެވެ. 

ބާބްރީ މަސްޖިދު ހުރި ތަނުގައި ބީ.ޖޭ.ޕީގެ މަދަދާއި އެކު ބިނާކުރި ފައްޅި އަދި މުޅިން ނުނިމެނީ އެފައްޅީގައި އަޅުކަން ކުރުމަށާއި، އަދި އެފައްޅި ބިނާކުރީ ބާބްރީ މަސްޖިދުގެ ބިންގާ ހުރި ބިމުގައި ކަމަށްވާތީ، ބައެއް ހިންދޫދީނުގެ ފާދިރީންވެސް ވަނީ އެރަސްމިއްޔާތު ބޮއިކޮޓްކޮށްފައެވެ.

އަޔޯދިޔާގައި ހުރި، ބާބްރީ މަސްޖިދަކީ، މީލާދީން 1529 ވަނަ އަހަރު މުޣަލް ރަސްގެފާނު ބިނާކުރެއްވި މިސްކިތެކެވެ. އެމިސްކިތް ނިސްބަތް ކުރެވިފައި ވަނީ އެރަސްގެފާނަށެވެ. ހިންދީންގެ އަގީދާގައި އެމީހުންގެ ކަލާނގެކަމަށް ބަލާ ރާމް އުފަންވެފައިވާ ކަމަށް އެމީހުން ޤަބޫލުކުރަނީ އަޔޯދިޔާއަށެވެ. އަޔޯދިޔާގައި ބާބްރީ މަސްޖިދު ބިނާކޮށްފައި ވަނީ، ހިންދޫންގެ ފައްޅިއެއް ހުރިތަނުގައި ކަމަށް ހިންދީ ދައުވާކުރަން ފެށީ މީލާދީން 19 ވަނަ ޤަރުނުގެ މެދުތެރޭގައެވެ.

20 ވަނަ ޤަރުނު ފެށުނު އިރު ބާބްރީ މަސްޖިދު ހުރި ގޮތުގެ ފޮޓޯއެއް --

އިންޑިއާގެ ބައެއް ނޫސްތަކުގައި ވާގޮތުން، ބާބްރީ މަސްޖިދުގެ ހަރިންމަ ތެރޭގެ ވަކި ހިސާބެއްގައި ފެންސްޖަހައި ހިންދޫނަށް އަޅުކަން ކުރުމަށް ފުރުޞަތުދޭން ފެށީ، އިނގިރޭސީ އިންޑިއާ އިސްތިއުމާރުކޮށްގެން އުޅުނު އިރު، 1859 ވަނަ އަހަރު އިނގިރޭސީންނެެވެ. އޭރު އެގޮތަށް ފުރުޞަތު ދިނީ އިންޑިއާގެ ހިންދޫންގެ އަތުން އެތަނަށް އަޅުކަން ކުރަން ވަންނަ މީހުންގެ އަތުން އިނގިރޭސީންނަށް ފައިސާ ލިބޭތީ ކަމުގައިވެސް ދަ ވަޔަރއިން ރިޕޯޓްކޮށްފައިވެއެވެ.

ބާބްރީ މިސްކިތުގެ ހަރިންމަ ތެރޭގައި ހިންދީގެ ރާމް ކަލާނގެ ބުދެއް ބެހެއްޓުމަށް، ހަރުކަށި ހިންދޫން މަސައްކަތް ކުރި ނަމަވެސް އެކަން އެގޮތަށް ނުކުރެވޭނެކަން އަޔޯދިޔާގެ ކޯޓުން ނިންމީ 1885 ވަނަ އަހަރުގައެވެ. މީގެ އިތުރުން ހިންދޫންނާއި މުސްލިމުންނާއި، ދެމެދު ހިނގަމުން ދިޔަ ހަމަނުޖެހުންތަކުގެ ސަބަބުން މިސްކިތުގެ ގުއްބުތަކަށާއި އިމާރާތަށް ލިބިފައިވާ ގެއްލުން އިންޑިއާގައި އޮތް އިނގިރޭސީންގެ ވެރިކަމުގެ ދަށުން 1934 ވަނަ އަހަރު މަރާމާތު ކުރެވުނެވެ. އަދި 1947 ވަނަ އަހަރު އަޔޯދިޔާގެ ކޯޓަކުން ވަނީ، ބާބްރީ މަސްޖިދުގެ މައްޗަށް ޝިއަޢީ މުސްލިމް ވަޤުފް ބޯޑަށްވެސް އަދި ސުންނީ މުސްލިމް ވަޤުފް ބޯޑަށްވެސް ބާރު ނުހިންގޭނެ ކަމަށް ޙުކުމްކޮށްފައެވެ. އޭގެ ފަހުން، ހިންދީން ބާބްރީ މިސްކިތުގެ ގޯތި ތެރޭގައި ބުދު ބަހައްޓައި އަޅުކަން ކުރަން ފެށިއެވެ.

މުސްލިމުންނާއި ހިންދޫންނާއި ދެމެދު ހަމަނުޖެހުން ބޮޑުވެ، ސަރުކާރުން ބާބްރީ މަސްޖިދު ބަންދުކުރީ، 22 ޑިސެމްބަރު 1949 ގައެވެ. އޭގެ ފަހުން ތަފާތު އެތައް ފަހަރެއްގެ މަތިން މިސްކިތް ހުޅުވުމަށާއި މިސްކިތުގައި ނަމާދު ކުރުމަށް ފުރުޞަތު ހޯދުމަށް ކޯޓުތަކަށް ހުށައެޅި ނަމަވެސް އެކަމަށް ފުރުޞަތު ނުދީ، ބާބްރީ މަސްޖިދު ހުރިތަނުގައި ރާމް ޓެމްޕަލްއެއް ބިނާކުރުމުގެ ވިސްނުން ފުޅާކުރި މީހަކީ، 1984 ވަނަ އަހަރު އަލަށް އުފެއްދި، ބާރަތިޔާ ޖަނަތާ ޕާޓީ (ބީ.ޖޭ.ޕީ)ގެ ލީޑަރު އަދުވާނީއެވެ. އޭގެ ފަހުން ބާބްރީ މަސްޖިދު ހުރި ތަނުގައި ރާމް ޓެމްޕަލް އެޅުމަށް މަސައްކަތް ފުޅާކުރަމުން އައީ ސިޔާސީ ގޮތުން ބީ.ޖޭ.ޕީއަށް ތާއީދު ހޯދުމަށެވެ.

ބީޖޭޕީގެ ކުރީގެ ލީޑަރު އަދްވާނީ -

ހަރުކަށި ހިންދޫން ބާބްރީ މަސްޖިދު ތަޅާލީ، އެމިސްކިތުގެ އެތެރެބައިތައް މުސްލިމުން ނަމާދުކުރިޔަ ނުދީ ބަންދުކުރިތާވެސް ބައި ޤަރުނުފަހުން، 6 ޑިސެމްބަރު 1992 ގައެވެ. ބީ.ޖޭ.ޕީން ބޭއްވި އެއްވުމެއްގައި ދެއްކި ވާހަކަތަކެއް އަޑުހައި ނުކުތް ހަރުކަށި ހިންދޫންގެ ދޮޅުލައްކައެއްހާ މީހުން ބާބްރީ މަސްޖިދުގެ ގުއްބުތަކާއި މިސްކިތުގެ ދޮރޯށީތައް ތަޅައި ފުނޑުފުނޑުކޮށްލީ، އެމިސްކިތަށް ގެއްލުމެއް ލިބުނަ ނުދޭނެ ކަމުގެ ޔަޤީންނަށް އިންޑިއާގެ ސްޕްރީމްކޯޓުން ދީފައި ވަނިކޮށެވެ. ބާބްރީ މަސްޖިދު ތަޅާލުމުގެ އިތުރުން ބީޖޭޕީއަށް ސަޕޯޓުކުރާ ހަރުކަށި ހިންދޫން ވަނީ، އަޔޯދިޔާގެ މުސްލިމް އާބާދީތަކަށް ހަމަލާދީ، އެދުވަހު 80 ވުރެ ގިނަ މުސްލިމުން މަރައި އެމީހުންގެ ގެދޮރާއި ވިޔަފާރިތަކުގައި ހުޅުޖަހައި އަންދާލާފައެވެ. އެހާދިސާ އާއި ގުޅިގެން މުޅި އިންޑިއާގައި ހަމަނުޖެހުންތައް ބޮޑުވެ، 2000 ވުރެ ގިނަ މީހުން މަރުވިއެވެ.

6 ޑިސެމްބަރު 1992ގައި ބާބްރީ މިސްކިތް ހަރުކަށި ހިންދޫން ތަޅާލަނީ --

ބާބްރީ މަސްޖިދުގެ މައްސަލަ އިންޑިއާގެ ކޯޓުތަކުގައި 70 އަހަރަށްވުރެ ގިނަ ދުވަހު ކުރިޔަށް ދިޔައިރު، 2019 ވަނަ އަހަރު އިންޑިއާގެ ސްޕްރީމްކޯޓުން ވަނީ، ބާބްރީ މަސްޖިދު ހުރިތަން ރާމް ޓެމްޕަލް އެޅުމަށް ދިނުމަށް ހުކުމްކޮށް އަޔޯދިޔާގެ އެހެން ސަރަހައްދަކުން، މިސްކިތެއް އެޅުމަށް 5 އޭކަރުގެ ބިމެއް ދިނުމަށް ނިންމާފައެވެ. ސްޕްރީމްކޯޓުން އެގޮތަށް ނިންމުމުގައި ހިންދޫންގެ ދައުވާއަށް ބާރުދޭނެ ސާބިތު ހެކިތަކެއް ނެތަސް، ބޮޑަށް ބުރަވެފައި ވަނީ، މުސްލިމުން އަޅުކަން ކުރުމަށް ވަކިތަނެއްގައި މިސްކިތެއް ބިނާވެފައި ހުންނަން ނުޖެހޭ ކަމަށް އޮންނަ އޮތުމަށެވެ.

އިންޑިއާގެ ސްޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކާއި ފުށުއަރާގޮތަށް، ސްޕްރީމް ކޯޓުން ނިންމި އެނިންމުން އިންޑިއާގެ މުސްލިމް ލީޑަރުން ސިފަކުރީ، ސެކިއުލަރ ދައުލަތެއްގެ ގޮތުގައި އޮތް އިންޑިއާ އާއި އިންޑިއާގެ ޤާނޫނު އަސާސީއަށް ލިބުނު ގެއްލުމެއްގެ ގޮތުގައެވެ. އަދި އެއީ އިންޑިއާގެ ޤާނޫނު އަސާސީން ދީންތަކަށް ދީފައި އޮތް މިނިވަންކަމާއި، އަޅުކަންކުރާ ތަންތަން ޙިމާޔަތްކޮށްދިނުމާއި ޚިލާފުވުންކަމަށާއި، އެއީ އިންޑިއާގެ ސެކިއުލާ ޖުމްހޫރިއްޔަތަށްވެސް ލިބުނު ގެއްލުމެއްގެ ގޮތުގައި މުސްލިމް ލީޑަރުން ސިފަކޮށްފައިވެއެވެ.

ބާބްރީ މަސްޖިދު އިމާރާތްކޮށްފައި ވަނީ، ހިންދޫންގެ ފައްޅިއެއް ހުރިތަނެއްގައި ކަމަށް ނުވިޔަސް، މިއަދު ހިންދޫންއިން ފައްޅި ބިނާކުރީ، މުސްލިމުންގެ މިސްކިތެއް ތަޅާލައި އެމިސްކިތް ހުރިތަނުގައި ކަމަށް ވުމާއިއެކު، އެކަމާއި ދެކޮޅަށް ހިންދޫއިންނާއި މުސްލިމުންވެސް ދަނީ ސޯޝަލް މީޑިއާގައި އަޑު އުފުލަމުންނެވެ. އަދި މިއަދު ފައްޅި އިންޑިއާގެ ބޮޑުވަޒީރު އިފްތިތާޙްކޮށްދެއްވާއިރު، އަޔޯދިޔާގައި ސަލާމަތީ ކަންކަން ވަނީ ވަރަށް ވަރުގަދަކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.