އައްޑޫ ސިޓީ ކައުންސިލާއި ބައްދަލު ކުރެއްވުން ---
އައްޑޫގެ ސިއްޙީ ޚިދުމަތްތަށް މިސަރުކާރުން ގެނެސްދިން ކުރިއެރުމަށް ސިޓީކައުންސިލުން ޝުކުރުއަދާކޮށްފި
އައްޑޫގެ ސިއްޙީ ޚިދުމަތްތަށް މިސަރުކާރުން ގެނެސްދިން ކުރިއެރުމަށް, ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އައްޑޫ ސިޓީކައުންސިލުން ޝުކުރުއަދާކޮށްފިއެވެ.
އައްޑޫ ސިޓީކައުންސިލުން މިކަމަށް ޝުކުރު އަދާކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިހާރު، އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ އެކައުންސިލާއި އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
މިބައްދަލުކުރެއްވުމުގައި، މި ބައްދަލުކުރެއްވުމުގައި ސިޓީ ކައުންސިލުގެ މެންބަރުން ވަނީ، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި ގިނަ އައު ޚިދުމަތްތަކެއް ތައާރަފްކުރެވި އަދި ކެތްލެބްގެ މަސައްކަތްވެސް ނިމުމަކާ ގާތްވެފައިވާކަމާއި ހުޅުމީދޫގެ ޞިއްހީ މަރުކަޒުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރެވި ރައްޔިތުންނަށް އޭގެ ލުއިފަސޭހަތައް ލިބެމުން އަންނަކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ތަޢުލީމީ ދާއިރާއިން އައްޑޫ ސިޓީގެ ސްކޫލުތަކުގެ ޖާގައިގެ މައްސަލަ ޙައްލުކޮށްދެއްވުމަށް ކޮށްފައިވާަ މަސައްކަތްތަކާއި އަދި ތަޢުލީމީ ދާއިރާއިން ލިބެމުން އަންނަ ކުރިއެރުންތައް ވެސް ސިޓީ ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވިއެވެ.
ކައުންސިލުން ފާހަގަކުރެއްވި އިތުރުކަންކަމުގެ ތެރޭގައި މަސްވެރިންނަށް ކުރިމަތިވާ ދަތިތަކާއި، ކުނީ މެނޭޖްކުރުމުގައި ކުރިމަތިވާ ދަތިތަކުގެ އިތުރުން ސިޓީ ކައުންސިލުގެ އިންސާނީވަޞީލަތް އިތުރުކުރުމަށް ބޭނުންވާކަން ފާހަގަކުރެއްވުންހިމެނެއެވެ. މީގެ އިތުރުން އިޤްތިޞާދީ އިޖުތިމާޢީ ދާއިރާއިން އައްޑޫ ސިޓީގެ ތަރައްޤީއަށް މުހިންމު އިތުރުކަންކަމާއި އަދި ޙައްލުހޯދުމަށް ބޭނުންވާ މުހިންމުކަންކަން ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މަސްވެރިނަށް ލުއި ފަސޭހަ ހޯދައިދިނުމުގެ ގޮތުން މިހާރު ވެސް މަސައްކަތް ތަކެއް ކުރިޔަށްދާކަން ފާހަގަކުރެއްވިއެވެ. އަދި މީގެ އިތުރުންވެސް ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އައްޑޫސިޓީއަށް ކުރައްވާ 3 ދުވަހުގެ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.