Advertisement

ތިލަމާލެ ބްރިޖުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

19 Apr 2023
ރިޕޯޓް
ޢަލީ ސުލައިމާން

އެފްކޮންސް ވިއްކާލުމުން ތިލަމާލެ ބުރިޖުގެ މަޝްރޫއަށް ދެންވާނީ ކިހިނެއް؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން، ރާއްޖޭގައި ހިންގަމުން އަންނަ ޢުމުރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން އެންމެ ބޮޑު މަޝްރޫޢަކީ، ގްރޭޓާމާލެ ކަނެކްޓިވިޓީ ބްރިޖް ނުވަތަ ތިލަމާލެ ބްރިޖުގެ މަޝްރޫޢެވެ. ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖްގެ މަސައްކަތް ރަސްމީކޮށް އިފްތިތާހްކޮށްފައި ވަނީ، ހުސްވި އަހަރުގެ އޮގަސްޓް މަހުގެ 2 ވަނަ ދުވަހުގައެވެ.

ގްރޭޓަރ މާލެ ކަނެކްޓިވިޓީ މަޝްރޫޢުގެ ތެރޭގައި ހިމެނެނީ، މާލެ އާއި ވިިލިމާލެ، ވިލިމާލެ އާއި ގުޅީފަޅު، އަދި ގުޅީފަޅާއި ތިލަފުށި ބްރިޖްތަކަކުން ގުޅާލުމާއި، މިބްރިޖްތަކާއި ގުޅޭ، މަގުތައް ހެދުމެވެ. މިމަޝްރޫޢުއަކީ އިންޑިއާގެ އެގްޒިމްބޭންކުންދޭ 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކުރެޑިޓާއި އިންޑިއާ ސަރުކާރުންދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީގައި ހިންގާ މަޝްރޫޢުއެކެވެ. މިމަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެފްކޮންސް އިންފްރާސްޓްރަކްޗަރ ލިމިޓެޑާއެވެ.

އެފްކޮންސް އާއި މިމަސައްކަތް ހަވާލުކޮށް 2022 ވަނަ އަހަރު މަސައްކަތް ފަށާފައި ވާއިރު، އެކުންފުނިން އަމާޒު ހިފާފައި އޮތީ، މިއަހަރުގެ ޑިސެމްބަރު މަހަށް، ތިލަމާލެ ބުރިޖުގެ މާލެ އާއި ވިލިމާލެ ގުޅޭ ބައި ނިންމާލުމަށެވެ.

Advertisement

ބްރިޖް މަސައްކަތް ފެށީއްސުރެ މާލީ ގޮތުންނާއި މަސައްކަތުގެ ގޮތުން އެކުންފުންޏަށް އައީ ގޮންޖެހުންތައް ކުރިމަތިވަމުންނެވެ. މިގޮތުން ބްރިޖްގެ ތަނބުތަށް ޖެހުމަށް އެކުން ފުނިން ބޭނުން ކުރަމުން އައި ޕްލެޓްފޯމެއް، 2022 އޮގަސްޓް 16 ވަނަ ދުވަހު ވިލިމާލެ ފަރުމައްޗަށް ލައްވެ އެ ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބުމާއި ގުޅިގެން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އެކުންފުނި 60 މިލިޔަން ރުފިޔާއިން ޖޫރިމަނާކުރިއެވެ.

އޭގެފަހުން ގުޅީފަޅުގައި ހުންނަ އެފްކޮންސްގެ އެކަމަޑޭޝަން ބްލޮކުގައި ޑިސެމްބަރު މަހު ހިނގި އަލިފާނުގެ ހާދިސާގައި އެކުންފުނީގެ އިންޖިނޭރަކު މަރުވެ، ބުރިޖުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވަމުން ދިޔަ އެކުންފުނީގެ 78 މުވައްޒަފަކު ޒަޚަމްވިއެވެ.

ބުރިޖުގެ މަސައްކަތަށް އަޅާފައިވާ ޕްލެޓްފޯމް --- ފޮޓޯ: ހައުސިންގ މިނިސްޓްރީ

އެފްކޮންސް އާއި ހަވާލުކޮށް ބްރިޖު މަޝްރޫއު ކުރިޔަށްދާއިރު، އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުންތައް ސަރުކާރަށް ވަނީ އަމާޒުވެފައެވެ. ބުރިޖުގެ ޓެކްނިކަލް މަސައްކަތްތަކާއި އަމަލީ މަސައްކަތްތައް ހިނގަމުންދާ ގޮތާއި ގުޅޭ ގޮތުން އާއްމުންނަށް އޮޅުން އަރާފަދަ ގޮތްގޮތަށް އެފަރާތްތަކުން ދަނީ ވާހަކަދައްކަމުންނެވެ.

ބުރިޖްގެ މަސައްކަތްތަކުގައި ބޭނުން ކުރުމަށް އެފްކޮންސްއިން ރާއްޖެ ގެނައި "ރުމޭލާ" ނަމަކަށް ކިޔާ ބޮޑު ފްލޯޓިންގ ޕްލެޓްފޯމް ރާއްޖެއިން ފުރުމާއި ގުޅިގެންވެސް އިދިކޮޅު ފަރާތްތަކުން ވަނީ ތަފާތު ވާހަކަތައް ފަތުރާފައެވެ. ކޮންމެ މަޝްރޫއެއްގައިވެސް އެކި ފިޔަވަހިތަކުގައި އެކި ބާވަތްތަކުގެ އުޅަނދުތައް ބޭނުން ކުރާއިރު، ރުމޭލާ ބޭނުންކޮށްފައި ވަނީ، މާލެ އާއި ވިލިމާލެ ގުޅުވައިދޭ ބުރިޖުގެ ކަނޑު އަޑީގެ ތަނބުތައް ޖެހުމަށެވެ. އެފްކޮންސްއިންވެސް އަދި ސަރުކާރުންވެސް ހާމަކޮށްފައިވާ ގޮތުގައި ރުމޭލާ ރާއްޖެއިން ފުރާފައި ވަނީ އެމަޝްރޫޢުގައި އެ އުޅަނދު ބޭނުންކޮށްގެން ކުރަންޖެހޭ މަސައްކަތްތައްކޮށް ނިމުމުންނެވެ.

" އެމަސައްކަތްތައް ނިންމާފައި އެފުރީ. އެޅަނދު ބޭނުންކޮށްގެން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ނިންމާފަ. ބުރިޖުގެ މަސައްކަތް ނުހުއްޓޭ. ކޮންމެހެން އައު އުޅަނދެއް އަންނަންދެން މަސައްކަތައް ހުއްޓިފައި އޮތީކީއެއް ނޫން" ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މިޢްވާން މުހައްމަދު ވިދާޅުވިއެވެ.

މިޢްވާން ވިދާޅުވީ، ބްރިޖުގެ މަސައްކަތައް ހުއްޓުމެއް ނެތި ކުރިޔަށްދާކަމަށެވެ. މީގެ އިތުރުން ބުރިޖުގެ މަސައްކަތްތައް ގޮސްފައިވާ ހިސާބާއި، ތަނބުތަކުގެ މަސައްކަތް ކުރިޔަށްދާގޮތް ޕްލޭނިންގ މިނިސްޓްރީން ނޫސްވެރިންނަށް ދައްކާލާފައިވާކަންވެސް މިޢްވާން ފާހަގަކުރެއްވިއެވެ.

ގްރޭޓާމާލެ ކަނެކްޓިވިޓީ ބްރިޖުގެ މަސައްކަތްތަކަކީ، އިދިކޮޅު ފަރާތްތަކުގެ އަމާޒަކަށް އަބަދުވެސް ވެފައި އޮތް މަޝްރޫޢަކަށް ވުމާއިއެކު، ބުރިޖު އެޅިދާނެތޯ ޝައްކު އުފެއްދުމަށް ލިބޭ އެއްވެސް ފުރުޞަތެއް އެފަރާތްތަކުން ދޫކޮށެއް ނުލައެވެ. މިގޮތުން މިހާރު އަނެއްކާ އަލަށް ފަތުރަމުން އަންނަ ވާހަކައަކީ، އެފްކޮންސްގެ މައި ކުންފުނިން އެގްކޮންސް ވިއްކާލަން އުޅޭތީ އެވާހަކައެވެ. އަދި އެފްކޮންސް ވިއްކާލާއިރު، ބުރިޖުވެސް ވިއްކާލާނެކަމަށް ބުނެ ސޯޝަލް މީޑިއާގެ މަންސަތަކުގައި އިދިކޮޅު ފަރާތްތަކުން އަންނަނީ ވާހަކަތައް ފަތުރަމުންނެވެ.

ބުރިޖުގެ ފުރަތަމަ ދަނބުގެ ކޮންކްރީޓް އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

އެފްކޮންސްއަކީ އިންޑިއާގެ ބިލިއަނަރު ޝަޕޫރު މިސްޓްރީގެ މައިކުންފުނި ޝަޕޫރްޖީ ގުރޫޕްގެދަށުން ހިންގާ ކުންފުންޏެކެވެ. ޝަޕޫރްޖީ ގުރޫޕަކީ، އެކި ދާއިރާތަކުގައި މަސައްކަތް ކުރުމަށް އިތުރު ކުންފުނިތައްވެސް އުފައްދާފައިވާ ކުންފުންޏެވެ. އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެފްކޮންސް ވިއްކާލުމަށް، ޝަޕޫރްޖީ ގުރޫޕުން ބޭނުންވީ، މައިކުންފުންޏަށް ދިމާވެފައިވާ މާލީ މައްސަލަތައް ހައްލު ކުރުމުގެ ގޮތުންނެވެ. އެފްކޮންސްވިއްކާލައިގެން 2 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް އެކުންފުނިން އަންދާޒާކޮށްފައި ނަމަވެސް، ރަސްމީ ސިފައެއްގައި ކުންފުނި ވިއްކާލުމުގެ ގޮތުން، އެގުރޫޕުން އަދި އެއްވެސް މުޢާމަލާތެއް ކޮށްފައި ނުވާކަމުގައި އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އެފްކޮންސް ވިއްކާލައިފިނަމަ އެކުންފުނިން ހިންގާ މަޝްރޫޢުތައް ހުއްޓޭނެ ކަމަށް ބުނެ އާއްމުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެއްދުމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ދުނިޔޭގެ މާލީ ބާޒާރުތަކުގައި، ކުންފުނިތަކާއި ކުންފުނިތަކުގެ އެސެޓްތައް ގަނެވިއްކުމާއި ޙިއްސާވިއްކުމަކީ ހިނގަމުން އަންނަ ކަމެކެވެ. އަދި އެފަދަ ވިޔަފާރީގެ މުޢާމަލާތްތަކަކުން، ކުންފުނީގެ އިދާރީ ހިންގުމާއި، ކުންފުނީގެ އޮޕަރޭޝަންސްތައް ހުއްޓިގެން ނުދާނެއެވެ.

"އެފްކޮންސްގެ ޕޭރެންޓް ކުންފުނިން އެފްކޮންސްގެ ހިއްސާ އެހެން ބަޔަކަށް ބަދަލު ކުރުމަކީ އަދި އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތަށް އެއްވެސް ކަހަލަ ބުރުލެއް އަރާނެ ކަމެއް ނޫން. އެ ކުންފުންޏާ ދިވެހި ސަރުކާރާއެކު ވެފައިވާ އެއްބަސްވުން ހަމަ އޮންނާނެ. އެ ކުންފުންޏާއެކު ކުރަމުންދާ މަސައްކަތްތައް ކުރިއަށް ދާނެ" ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މިޢްވާން މުޙައްމަދު ވިދާޅުވިއެވެ.

ކުންފުނިތަކުގެ ގަނެވިއްކުމުގެ މުޢާމަލާތްތަކާއި ގުޅޭ ގޮތުން މިޢުވާން ވަނީ، ރަނގަޅު މިސާލެއްވެސް ދައްކަވާފައެވެ. މިގޮތުން ރާއްޖޭގައި ހިންގާ ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ކުންފުނި ޓީއެމްއޭ އެކި ފަހަރު މަތިން އެކި ފަރާތްތަކަށް ވިއްކާލި ނަމަވެސް، ހަމަ ކޮންމެ ދުވަހަކުންވެސް ޓީއެމްއޭގެ ފްލައިޓްތައް އުދުހެމުން ދިޔަކަމާއި އޮޕަރޭޝަންސްތައް ނުހުއްޓޭކަން މިޢްވާން ފާހަގަކުރައްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސްޕޯކްސްޕަރސަން މިޢްވާން މުޙައްމަދު -- ފޮޓޯ: ރައީސް އޮފީސް

އެފްކޮންސްއިން ރާއްޖޭގައި މައިގަނޑު ބޮޑު ދެޕްރޮޖެކްޓެއް ހިންގަމުންދާއިރު، އެކުންފުނީގެ ބެލެނިވެރި ކުންފުނި ޝަޕޫރްޖީ ގުރޫޕުން އެފްކޮންސް ވިއްކާލުމަށްކުން، މަޝްރޫޢުތައް ހުއްޓިގެނެއް ނުދާނެއެވެ. މައްސަލަ ދިމާވެގެން އުޅެނީ ކުންފުނީގެ ބެލެނިވެރި ކުންފުންޏަށް ކަމުގައި ވުމުން، އެފްކޮންސް އެހެން ފަރާތަކަށް ވިއްކާލައިފިނަމަ، އެކުންފުންޏަށް މިހާތަނަށް އޮތް ބައެއް މައްސަލަތަކަށް ހައްލު ލިބިގެންދާނެއެވެ. އެހެންކަމުން އެފްކޮންސް ވިއްކާލި ނަމަވެސް މަޝްރޫޢުތައް ކުރިޔަށްދާނެއެވެ. މަޝްރޫއުތައް ހުއްޓޭނެކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އާއްމުންގެ ހިތްތަކުގައި އުފައްދަނީ ސިޔާސީ ވަސްވާހެކެވެ.

އިތުރު އާޓިކަލް
29 Mar 2024
ޚަބަރު
އެމްޕީއެލްގެ ކާގޯ ޚިދުމަތް ދިނުމަށް ޓާކިޝް އެއާލައިނާއިއެކު ސޮއެކޮށްފި
މިއެބަސްވުމުގައި ޓަރކިޝް އެއާލައިންގެ ފަރާތުން ސޮއެކުރެއްވީ، އެ އެއާލައިނުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އޭޖެންޓް، އެކްސްޕެޑައިޓް މޯލްޑިވްސް މެނޭޖިން ޑިރެކްޓަރު އަލީ ތޯރިގެެވެ. އަދި އެމްޕީއެލްގެ ފަރާތުން ސޮއެކުރައްވާފައި ވަނީ އެކުންފުނީގެ ސީއީއޯ މުޙައްމަދު ވަޖީޙްއެވެ.
29 Mar 2024
ޚަބަރު
ސަރުކާރު ބަންދު ކުރި ދުވަސްތަކުގައި އޮފީހަށް ނުކުންނަންޖެހޭ މުވައްޒަފުންނަށް އެލަވަންސެއް ދެނީ
ފިނޭންސް މިނިސްޓްރީ ބުނެފައި ވަނީ އެ އެލަވަންސް ފައިސާ ދޭނީ، އޭޕްރީލް މަހުގެ މުސާރަ އާއި އެކުގައި ކަމަށެވެ. މިގޮތުން ދިނުމަށް ކަނޑައަޅާފައި ވަނީ، އައު ޕޭ ފްރޭމްވޯކްގެ ދަށުން ދޭ ބަންދު ދުވަހުގެ އެލަވަންްގެ ދެބައިކުޅަ އެއްބަޔާއި އެއްވަރުގެ އެލަވަންސެކެވެ.
29 Mar 2024
ޚަބަރު
ސްޓެލްކޯއިން އެކުންފުނީގެ ޚަރަދުގައި ހަައްޖާއި އުމްރާއަށް ފޮނުވާނެ މުވައްޒަފުން ހޮވައިފި
ސްޓެލްކޯއިން ބުނީ، މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ހުޅުވާލި ފުރުސަތަށް އިޖާބަދީ، ހައްޖުގެ އަޅުކަން އަދާކުރުމަށް އެދި ހުށަހެޅި 116 މުވައްޒަފުން ހުށައަޅާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ޝަރުތު ފުރިހަމަވެފައި ވަނީ 98 މުވައްޒަފުންކަމަށާއި ގުރުއަތުނަގާފައި ވަނީ އެމުވައްޒަފުންގެ މެދުގައި ކަމަށެވެ.
29 Mar 2024
ކުޅިވަރު
އަލޮންސޯ ލެވަކޫސެންގައި މަޑުކުރަން ނިންމައިފި
ޔޫރަޕްގެ ބޮޑެތި ކްލަބުތައް ކަމުގައިވާ ލިވަޕޫލާއި، ބެޔާން މިއުނިކް އަދި ރެއާލް މެޑްރިޑުން ފާރaވެރިވަމުން ދިޔަ ނަމަވެސް، މި އަންނަ ސީޒަންގައި ބެޔާން ލެވަކޫސެންގައި މަޑު ކުރުމަށް ޒަބީ އަލޮންސޯ ނިންމާފައިވާކަމަށް ޖަރުމަނުގެ މީޑިއާތަކުގައި ބުނެފިއެވެ.