Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

25 Dec 2023
ރިޕޯޓް
މިފްތާޙް މުޙައްމަދު

ސުޕަ ލީގަކީ ޔޫރަޕްގެ ފުޓުބޯޅައަށް އޮތް ގޮންޖެހުމެއް، މިހާރު ތާއީދުކުރަނީ ދެ ޓީމުން އެކަނި

މީގެ ދެ އަހަރު ކުރިން، 2021 ވަނަ އަހަރުގެ އެޕްރީލް މަހު ޔޫރަޕްގެ ނަން މަޝްހޫރު އަދި ފައިސާގެ ގޮތުން ނުފޫޒު ގަދަ 12 ކްލަބެއް އެއްބަސްކިޔައިގެން، ޔޫރަޕްގެ ކްލަބްތަކުގެ މެދުގައި އައު މުބާރާތެއް ބޭއްވުމަށް ބޭނުންވާކަމަށް އިއުލާން ކުރިއެވެ.  މި ހުށަހެޅުމާއެކީ ނިކުތީ ރިއާލް މެޑްރިޑް، ބާސެލޯނާ، ޖުވެންޓަސް، މެންޗެސްޓަރ ޔުނައިޓެޑް، މެންޗެސްޓަރ ސިޓީ، ލިވަޕޫލް، ޗެލްސީ، ޓޮޓެންހަމް ހޮޓްސްޕާ، އާސެނަލް، އޭސީ މިލާން، އިންޓަމިލާން އަދި އެތުލެޓިކޯ މެޑްރިޑެވެ.

އެންމެ ފުރަތަމަ މި މުބާރާތް އިއުލާންކުރިއިރު، މުބާރާތުގައި ވާދަކުރަން ނިންމީ 20 ޓީމެވެ. އަދި އޭގެ ތެރެއިން 15 ޓީމަކީ ދަނޑުމަތީގައި ކޮންމެ ނަތީޖާއެއް ނެރުނަސް، ކޮންމެ އަހަރަކު މުބާރާތް ކުޅޭނެ ޓީމުތަކެއްގޮތަށް ނިންމާފައި އޮތެވެ. އެ ނިންމުމާ، މުބާރާތް ބޭއްވުމަށް ބޭނުންވެގެން އުޅޭ ބައެއް ޓީމުތަކުގެ މިހާރުގެ ފެންވަރަށް ރަނގަޅަށް ނަޒަރު ހިންގާލާއިރު، ވަކި ކްލަބް ތަކަކުން ޔޫރަޕްގެ ފުޓުބޯޅައަށް ނުފޫޒު ހިންގާލަން އުޅެމުންދާކަން ސިފަކުރެވެއެވެ. އެ ކްލަބްތަކުގެ ބޭނުމަކީ ދަނޑުމަތީގައި ރަގަޅު ނަތީޖާތަކެއް ނުނެރެވުނަސް، ޔޫރަޕްގައި ނުފޫޒު ގަދަ ޓީމުތަކެއްގެ ގޮތުގައި އަބަދު ދެމިތިބުމެވެ.

އެގޮތުން ބަލާއިރު، ސުޕަ ކަޕުގެ ހިޔާލާއެކީ ނިކުތް ހުރިހާ ކްލަބަކީ މަޝްހޫރުވެފަ ނުފޫޒުގަދަ ޓީމުތަކެއް ކަމަށް ބެލެވުނަސް، މީގެ ތެރެއިން ހުރިހާ ޓީމަކީ މި ހިޔާލު ފާޅުކުރިއިރު ޔޫރަޕްގައި މާ ކާމިޔާބު ޓީމުތަކެއް ނޫނެވެ. އެގޮތުން އިނގިރޭސި ވިލާތުގެ ޓޮޓެންހަމް ހޮޓްސްޕާއަށް ފާއިތުވި 30 އަހަރު ކާމިޔާބު ކުރެވިފައިވަނީ ހަމައެކަނި ލީގު ކަޕެކެވެ. އަދި އޭރު ޗެމްޕިއަންސް ލީގަށް އާސެނަލް ކޮލިފައި ނުވާތާ ވަނީ 5 އަހަރު ފާއިތުވެފައެވެ. މީގެ އިތުރުން 2013 ވަނަ އަހަރުން ފެށިގެން އޭސީ މިލާން ވެސް ޗެމްޕިއަންސް ލީގު ކުޅެފައެއް ނުވެއެވެ. ހަމައެއާއެކު 2011 ވަނަ އަހަރުގެ ފަހުން އިންޓަ މިލާން ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖް ފަހަނައަޅާ ގޮސްފައެއް ނުވެއެވެ.  

އެހެންކަމުން ގިނަ ބަޔަކު ގަބޫލުކުރީ، ސުޕަ ލީގުގެ ހިޔާލާއެކީ އައި ކްލަބުތައް ބޭނުންވަނީ ޔޫރަޕްގައި އިތުރަށް ނުފޫޒު ފޯރުވާ، އޭގެ ތެރެއިން ބައެއް ކްލަބްތަކަށް ދަނޑުމަތީގައި އެ ކްލަބްތައް ދައްކަމުން ދިޔަ ކުޅުމަށް ރަގަޅަށް އާމްދަނީ ނުލިބޭތީ، އެ ކްލަބްތަކަށް އާމްދަނީ ލިބޭނެ އިތުރު ގޮތެއް ޔަގީން ކުރުމެވެ. ފުޓުބޯޅަ ސަޕޯޓަރުން ރުޅިއައިސް، ސުޕަ ކަޕާ ދެކޮޅަށް އަޑު އުފުލާ މަގުމައްޗަށް ނިކުތީ އެ ސަބަބަށްޓަކައެވެ.

ސުޕަ ލީގަށް ދެކޮޅު ހެދުމުގެ ގޮތުން ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގެ ކައިރީގައި ބޭއްވި އެއްވުމެއްގެ ތެރެއިން

އެގޮތުން، މި މައްސަލަ އިތުރަށް ހޫނުވެފައިވަނިކޮށް، ފީފާގެ ރައީސް ސުޕަ ކަޕާއިގެން ކުރިޔަށް ދާން އުޅުނު ޓީމުތަކަށް ފޮނުވާލީ އިންޒާރެކެވެ. ފީފާގެ ރައީސް އިންފެންޓީނޯގެ އިންޒާރުގައި ބުނީ، ސުޕަ ކަޕް އިއުލާންކުރި ޓީމުތަކުން އެ ގޮތަށް ކުރިޔަށްދާނަމަ ފިޔަވަޅު އަޅާނެކަމަށެވެ. އިންފެންޓީނޯގެ މި އިންޒާރާއެކީ، ސުޕަ ލީގު ހެދުމަށް ތިން އަހަރު ދުވަހު ކުރަމުން ދިޔަ މަސައްކަތަށް، 48 ގަޑިއިރުގެ ތެރޭގައި ހިޔަނި އެޅުނެވެ. އަދި އެއާއެކީ، ސުޕަ ކަޕް ޕްރޮޖެކްޓަށް ތާއިދު ނުކުރާކަމަށް ޖުވެންޓަސް، މެންޗެސްޓަރ ޔުނައިޓެޑް، މެންޗެސްޓަރ ސިޓީ، ލިވަޕޫލް، ޗެލްސީ، ޓޮޓެންހަމް ހޮޓްސްޕާ، އާސެނަލް، އޭސީ މިލާން، އިންޓަމިލާން އަދި އެތުލެޓިކޯ މެޑްރިޑުން އިއުލާން ކުރިއެވެ. ވިސްނުމަށް ބަދަލެއް ނުގެނަސް މިއަދާއި ހަމައަށް ވެސް ދެމިތިބީ ރިއާލް މެޑްރިޑާއި ބާސެލޯނާއެވެ.

ސުޕަ ކަޕަކީ ޔޫރަޕްގެ ކްލަބްތަކުގެ މެދުގައި ކުޅޭ އެންމެ ޝަރަފުވެރި މުބާރާތްކަމުގައިވާ ޔޫއެފާ ޗެމްޕިއަންސްލީގާއި، އެހެނިހެން ޔޫރަޕިއަން މުބާރާތްތަކަށް ވެސް އޮތް ގޮންޖެހުމެއްކަމަށް ބެލެވޭތީ، މި ހިޔާލާ ސިދާ ގޮތެއްގައި ޔޫއެފާއިންވެސް ދެކޮޅު ހެދިއެވެ.

ފީފާ އާއި ޔޫއެފާއިން މިކަމާ ދެކޮޅު ހެދުމުން، ސުޕަ ލީގު ޕްރޮމޯޓުކުރާ އޭ-22 ސްޕޯޓްސް މެނޭޖްމެންޓުން މި މައްސަލަ ފުރަތަމަ ހުށަހެޅީ ސްޕެއިންގެ ކޯޓުތަކަށެވެ. އަދި މި މައްސަލައިގައި ހައްލެއް ހޯދުމަށް އެ ކޯޓުތަކުން ހުށަހެޅީ ޔޫރަޕިއަން ކޯޓް އޮފް ޖަސްޓިސް (އީސީޖޭ) އަށެވެ.

މި މައްސަލަ ދެ އަހަރަށް ދިގުލައި ގޮސް، މި ދިޔަ ބުރާސްފަތި ދުވަހު އީސީޖޭއިން ނިންމީ ފުޓުބޯޅައިގެ މައި އިދާރާ ފީފާ އާއި ޔޫރަޕްގެ ފުޓުބޯޅަ އިދާރާ ޔޫއެފާ އިން ސުޕާ ލީގު މައްސަލައިގައި ޔޫރަޕިއަން ޔޫނިއަންގެ ކަމާގުޅުންހުރި ގާނޫނުތަކާ ހިލާފުވެފައިވާކަމަށެވެ.

އީސީޖޭގެ ނިންމުމާ ގުޅިގެން ޔޫއެފާގެ ރައީސް އެލެކްސެންޑަރ ޝެފެރިން ބުނީ ސުޕަ ލީގަކީ ހުރިހާ ކްލަބަކަށް ފައިދާވާނެ ގޮތް ނޫން ކަމަށެވެ. އަދި ޔޫއެފާއިން މުބާރާތް ހުއްޓުވަން މަސައްކަތް ކޮށްފައިނުވާނެކަމަށާއި، ދެ ކްލަބާއެކީ (ރިއާލް މެޑްރިޑް އަދި ބާސެލޯނާ) މުބާރާތް ވަރަށް އަވަހަށް ފަށާނެކަމަށް އުއްމީދުކުރާކަމަށް، މަލާމާތުގެ ރާގަކަށް އޭނާ ބުނެފައިވެއެވެ.

އަދި އީސީޖޭގެ މި ނިންމުމާ ގުޅިގެން، ސްޕަ ލީގު އިއުލާންކުރިއިރު އެ ލީގަށް ތާއީދުކުރި ޓީމުތަކުން ވަނީ އެ ކްލަބްތައް މިކަމާ ގުޅިގެން މިހާރު ދެކޭގޮތް އިއުލާން ކޮށްފައެވެ.

މިކަމަށް އެންމެ ފުރަތަމަ ބަސްބުނި ދެ ކްލަބަކީ މެންޗެސްޓަރ ޔުނައިޓެޑާއި ބެޔާން މިއުނިކްއެވެ. މި ދެ ކްލަބުންވެސް ބުނީ، އެ ކްލަބްތައް ތާއީދުކުރަނީ ޔޫއެފާގެ މުބާރާތްތަކަށް ކަމަށެވެ.

"އަހަރެމެންގެ ނިންމުން ބަދަލެއް ނުވޭ. އަހަރެމެން ދެމި ތިބޭނީ ޔޫއެފާއަށް އެއްބާރުލުން ދިނުމުގައި"، މެންޗެސްޓަރ ޔުނައިޓެޑުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ބެޔާން މިއުނިކުން ހާމަކޮށްފައިވާ ގޮތުގައި، ސުޕަ ލީގުގެ ދޮރު އެ ކްލަބުން ވާނީ ލައްޕާފައެވެ.

"ޔޫއެފާއާއި ގުޅިގެން އަހަރެމެންގެ ލީގު ވަރުގަދަކޮށް، އެކަމާ ދެކޮޅަށް ނިކުންނަ ބަޔަކަށް އަހަރެމެން އެއްބާރުލުމެއް ނުދޭނަން. އަދި އަހަރެމެން ވާދަކުރާނީ ޔޫއެފާގެ މުބާރާތްތަކުގައި"، ބެޔާން މިއުނިކްގެ ސީއީއޯ ޖޭން ކްރިސްޓިއަން ޑްރީސެން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން، 500 އަށް ވުރެން ގިނަ ޔޫރަޕްގެ ކްލަބްތައް ރަމްޒުކޮށްދޭ ޔޫރަޕިއަން ކްލަބް އެސޯސިއޭޝަން (އީސީއޭ) އިން ބުނީ، ސުޕަ ލީގުގެ ހިޔާލުން މީގެ އަހަރުތަކެއް ކުރިން އެ އެސޯސިއޭޝަންގެ ކްލަބްތައް މިންޖުވެފައިވާކަމަށެވެ.

"އީސީއޭގެ ކްލަބްތައް ބައިވެރިވާނެ މުބާރާތްތައް ނިންމާނީ އެ ކްލަބުތަކުން. އަދި ފުޓުބޯޅައަކީ ސޯޝަލް ކޮންޓްރެކްޓެއް، އެއީ ލީގަލް ކޮންޓްރެކްޓެއް ނޫން"، އީސީއޭއިން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން އިޓަލީގެ ފުޓުބޯޅަ ފެޑެރޭޝަނުން ބުނީ، އެ ފެޑެރޭޝަންގެ ދަށުގައި ހުރި ކްލަބްތައް އިސްކަންދޭނީ މުޅި ފުޓުބޯޅައަށް ފައިދާވާގޮތަށް ކަމަށާއި، އިންޓަނޭޝަނަލް ކަލަންޑަރަށް ބޯލަނބައިގެން ކުރިޔަށް ދިއުމަށް ކަމަށެވެ. އެގޮތުން ސުޕަ ލީގާއިގެން ކުރިޔަށް ދާން އުޅެފިނަމަ، މި ކަންކަމަށް ފުށު އަރާނެތީ، އިޓަލީގެ ފުޓުބޯޅައިގެ ހައްގުގައި އެ ފެޑެރޭޝަނުން އެއްބާރުލުން ދޭނީ ޔޫއެފާގެ މުބާރާތްތަކަށްކަމަށް އެ އިދާރާއިން ހާމަކޮށްފައިވެއެވެ.

އީސީޖޭގެ ނިންމުމާ ގުޅިގެން އޭ-22 އިން ވަނީ ސުޕަ ލީގު ކުރިޔަށް ގެންދަން ރާވާފައިވާ ގޮތް އިއުލާންކޮށްފައެވެ. އެގޮތުން ފިރިހެން ލީގުގައި 64 ޓީމާއި އަންހެން ލީގުގައި 32 ޓީމު ވާދަކުރާނެކަމަށް ބުނެފައިވެއެވެ. އަދި މުބާރާތް ކުޅޭނީ ހަފްތާގެ މެދުތެރޭގައި ކަމަށް ބުނެފައިވާއިރު، މިއީ ޗެމްޕިއަންސް ލީގާއި، ޔޫރަޕްގެ އެހެން މުބާރާތްތަކުގެ މެޗުތައް ވެސް ކުޅެނީ ހަފްތާގެ މެދުތެރޭގައެވެ. އެހެންކަމުން، ޔޫއެފާއިން ދެކޮޅު ނުހެދިނަމަވެސް، ސުޕަ ލީގު ކުޅޭ ޓީމުތަކަކަށް ޔޫއެފާގެ މުބާރާތްތަކެއް ނުކުޅެވޭނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.