Advertisement

ނޫސް ވެބްސައިޓްތައް ބްލޮކްކުރުން --

23 Dec 2023
ރިޕޯޓް
ޢަލީ ސުލައިމާން

ފާޑުކިޔުންތައް ސަރުކާރަށް ހަޖަމެއް ނުވި، ފާޑުކިޔާ އޮންލައިން ވެބްސައިޓްތައް ބަންދުކުރަން ފަށައިފި

ފެހި ޤާނޫނު އަސާސީއާއެކު، ދިވެހިންނަށް ލިބުނު އެންމެ ބޮޑު މިނިވަންކަމަކީ ދުލާއި ގަލަމުގެ މިނިވަންކަމެވެ. ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމެވެ. އެ މިނިވަންކަމަކީ އިމެއް ހައްދެއްނެތި ތަންމިނަށް ހުޅުވާލެވިފައި އޮތް މިނިވަންކަމެކެވެ. އިދިކޮޅުގައި އޮންނަހިނދު ކޮންމެ ބަޔަކަށްވެސް އެކަން ރަނގަޅެވެ. ސަރުކާރު ހިންގަން ލިބުމާއިއެކު އެކަން ގޯސްވެ ފިޔަވަޅުތައް އަޅަން ފަށައެވެ. ޤާނޫނު އަސާސީއާ ޤާނޫނުތައް ބޮލާލައި ޖަހައެވެ. 

ޤާނޫނު އަސާސީގެ ދެވަނަ ބާބު ޚާއްޞަކޮށްފައި އޮތީ އަސާސީ ޙައްޤުތަކާއި މިނިވަންކަމަށެވެ. އެބާބުގައި ކަޅާއި ހުދުން ލިޔެފައި ވަނީ ނޫސްވެރިކަމުގެ މިނިވަންކަމާއި ޚިޔާލުފާޅުކުރުމަކީ އަސާސީ ޙައްޤެއް ކަމަށެވެ.

"މިނިވަންކަމާއިއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަޞްލަކާއި ޚިލާފުނުވާ ގޮތުގެ މަތީން އެމީހެއްގެ ބުއްދިއަށް ފެންނަގޮތްތަކާއި، ޚިޔާލުތައް ދުލާއި ޤަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށް ލިބިގެންވެއެވެ."

ޤާނޫނު އަސާސީގެ 27 ވަނަ މާއްދާ

ޤާނޫނު އަސާސީގެ 28 ވަނަ މާއްދާ ޚާއްޞަކޮށްފައިވަނީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ މައްޗަށެވެ.

"ނޫސްވެރިކަން ކުރުމާއި، މުވާޞަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ ހައްޤު ކޮންމެ މީހަކަށް ލިބިގެންވެއެވެ. މީގެ ތެރޭގައި، ޚަބަރާއި މައުލޫމާާތާއި، ފެންނަ ގޮތްތަކާއި، ޚިޔާލުތައް ފާޅުކުރުމާއި، ޝާއިޢުކުރުމާއި ފެތުރުން ހިމެނެއެވެ. މިގޮތުން ޝާއިއުކުރާ ނުވަތަ ފަތުރާ، ނުވަތަ ފާޅުކުރާ މައުލޫމާތުގެ މަސްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެން ނުވާނެއެވެ."

ޤާނޫނު އަސާސީގެ 28ވަނަ މާއްދާ

ދިވެހިރާއްޖޭގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް އެންމެ ބޮޑު ހުރަހެއް ކުރިމަތިކުރުވީ، ރައީސް ޔާމީނުގެ ސަރުކާރުގައި "އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުުމުގެ މިނިވަންކަމުގެ ޤާނޫނު"ގެ ނަމުގައި ޤާނޫނެއް ފާސްކޮށްގެންނެވެ. އެ ޤާނޫނުގެ ކިޔާލަން ފަސޭހަވެފައި ކިތަންމެ ރީތިވިނަމަވެސް އޭގެ ފަހަތުގައި ފޮރުވިފައި އޮތީ ކަރަޕްޝަނާއި ފަސާދައިގެ ޢަމަލުތަކާއި އޭރު އެސަރުކާރުން ވާގިދީގެން ހިންގި ޓެރަރިޒަމާއި މަނީ ލޯންޑަރިންގެ ޢަމަލުތައްކަން އެއީ އެކަމަށް މިއަދު ތާރީޚް ހެކިވާން އޮތް ކަމެކެވެ. އެ ޤާނޫނުގެ ދަށުން މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް ނޫސްވެރިން ޖަލުގައި ބަންދުކޮށް އަދި ނޫސްވެރިންނަށް ޖިސްމާނީ ނަފްސާނީ އެތައް އަނިޔާތަކެއް ދެމުން ދިޔައީ، އެމްއެމްޕީއާރްސީގެ ޚިޔާނާތާއި އެނޫންވެސް ބޮޑެތިވައްކަންތައް ފޮރުވުމުގައި ނިޔަތުގައިކަން އެއީ މިއަދު ދިވެހި އާއްމުރައްޔިތުންނަށް އެނގި ސާބިތުވެފައި އޮތްކަމެކެވެ. އެޤާނޫނުގެ ދަށުން ރާއްޖޭގެ މީޑިއާތައް މިލިޔަނުން ޖޫރިމަނާކުރުމުގައި އޭރު، ރައީސް ޔާމީނުގެ ސަރުކާރަށް ވާގިވެރިވި ބޭފުޅަކީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނެއްގެ މަޤާމަށް ޢައްޔަނުކުރައްވާފައިވާ މުޙައްމަދު ޝަހީބެވެ.

މީޑިއާތަކާއި ނޫސްވެރިން ބިރުގެންނެވުމަށާއި، ރައީސް ޔާމީނުގެ ސަރުކާރުގައި ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތަކުގެ ނިވާފަތް ގަނޑަކަށް ހެއްދެވި، އަބުރުގެ ޤާނޫނަކީ، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް އިބްރާހީމް މުޙައްމަދު ޞާލިޙް ވަޑައިގެންނެވުމަށްފަހު އެންމެ ފުރަތަމަ އުވާލެއްވި ޤާނޫނެވެ.

ސަރުކާރުން ބައެއް އޮންލައިން ނޫސްވެބްސައިޓްތައް ވެބްސައިޓްތައް ބްލޮކްކޮށް ދިފާޢުކޮށް ވާހަކަދައްކާ ބޭފުޅުންގެ ހުއްޖަތަކީ، ކޮންބައެއްކަން ނޭނގި އަދި ރަޖިސްޓްރީ ނުކޮށް އޮންލައިން ނޫސްތައް ނުހިންގޭނެ ކަމަށެވެ. އެހެންކަމަށް ވާނަމަ، އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތް ފަޅާއަރުވާލަން، ބޭންކް އޮފް މޯލްޑިވްސްގެ ނިލަންދޫ ބްރާންޗްގެ މެނޭޖަރ ޤާސިމް އަބުދުލްކަރީމަށް ފުރުޞަތެއް ނުލިބުނީހެވެ.

ބޮޑު ޚިޔާނާތެއް ފަޅާއަރުވާލުމުން އޭގެ ބަދަލެއްގެ ގޮތުން ރައީސް ޔާމީނުގެ ސަރުކާރުން ޤާސިމް ޢަބުދުލްކަރީމަށް ޖެއްސީ ނުހައްޤު އަނިޔާގައި، ޖަލުގެ ތޭރިތަކުގެ ޙަޔާތުގެ މުހިއްމު އަހަރުތަކެއް ބޭކާރުކޮށްލާށެވެ. ރާއްޖޭގައި ވިސިލްބްލޯގެ ޤާނޫނެއްގެ މުހިއްމުކަމާއި މެދު ބަހުސްތައް ހިނގައި ވިލްބްލޯގެ ޤާނޫނެއް ފާސްކުރީވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ ރިޔާސީ ދައުރުގެ ތެރޭގައި، މިހާރު ހިނގަމުން 19ވަނަ ރައްޔިތުންގެ މަޖިލީހުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ކެމްޕޭނުގެ ތެރޭގައި އެމަނިކުފާނުގެ ސަޕޯޓަރުންނާއި އެމަނިކުފާނަށް ތާއީދުކުރާ ނޫސްތަކުންވެސް، އެފަރާތްތަކުން ސަރުކާރާއި ދެކޮޅަށް ދައްކަމުން ދިޔަ ވާހަކަތަކުގެ ދިފާޢަށް ނެގީ، ޤާނޫނު އަސާސީއާ ޤާނޫނުތަކުން ދީފައި އޮތް މިނިވަންކަމެވެ. އެމިނިވަންކަމުގެ ހިޔަލުގައި އަސާސެއްނެތް އެތައް ވާހަކަތަކެއް ކުރީގެ ސަރުކާރާއި ސަރުކާރުގެ ވެރިންނާއިމެދު ނޫސްތަކުންނާއި ނޫސްވެރިން އަދި ސިޔާސީ އެކްޓިވިސްޓުން ފެތުރިއެވެ. ކުރިން ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރި އަދި މިހާރު މިސަރުކާރުގެ ނައިބު ވަޒީރަކަށް ޢައްޔަނުކުރައްވާފައިވާ ކަނބަލަކު، ޓެރަރިޒަމްގެ އަމަަލަށް ހިއްވަރުދީ ލޭ އޮހޮރުވާންވެސް ގޮވާލިއެވެ.

ރައީީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް ދޮޅުމަސްވެސް ނުވަނީސް ފެނިގެން މިދަނީ، ސަރުކާރުން އަންގައިގެން ރާއްޖޭގައި ހިންގަމުން އަންނަ އޮންލައިން ނޫސްތަކުގެ ވެބްސައިޓްތައް ބްލޮކް ކުރަންފެށިތަކެވެ. އަދި ކުރީ ސަރުކާރާއިމެދު ކަނޑައެޅިގެން އަސާސެއްނެތް ދޮގުވާހަކަތަކާއި، ޓެރަރިޒަމްގެ ޢަމަލުތައް ހިންގަން ގޮވާލި ފަރާތްތަކުން ސަރުކާރު ނިންމުން ދިފާޢުކުރަންފެށިތަނެވެ.

އެހެން ނަމަވެސް މޯލްޑިވުސް މީޑިއާ ކައުންސިލްގެ ޤާނޫނުގައި މީޑިއާ މާނަކޮށް ބަޔާންކޮށްފައިވަނީ އެހެން ގޮތަކަށެވެ.

"މިޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު؛ "މީޑިއާ"ކަމަށް ބުނެފައި އެވަނީ، ޓީވީއަށާއި، ރޭޑިއޯއަށާއި، އިންޓަރެކްޓިވް ސީޑީއަށާއި، ވެބްސައިޓަށާއި، ދުވަހު ނޫސްތަކަށާއި، ހަފްތާ ނޫސްތަކަށާއި، މަޖައްލާތަކަށާއި، ޓްރޭޑް ޕަބްލިކޭޝަންތަކަށާއި، މިނޫންވެސް ނަންނަމުގައި ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެންނާއި، ރަޖިސްޓްރީ ނުކޮށް މަޢުލޫމާތާއި ޚަބަރާއި ޚިޔާލާއި އިޝްތިހާރު އާއްމުކޮށް ފެތުރުމަށްޓަކައި، ގަންނަން ލިބޭ ގޮތަށް، ނުވަތަ އަގަކާއި ނުލައި ލިބޭ ގޮތަށް، ޗާޕުކޮށްގެންނާއި، އިންޓަނެޓާއި، އެހެނިހެން ވަޞީލަތްތައް މެދުވެރިކޮށް ޝާއިޢުކުރެވޭ ޝާއިޢުކުރުންތަކަށެވެ."

މޯލްޑިވްސް މީޑިއާކައުންސިލްގެ ޤާނޫނުގެ 36 ވަނަ މާއްދާ

ސަރުކާރާއި ދެކޮޅަށް ލިޔުންތައް ފަތުރަމުން އައި ތިން ނިއުސް ވެބްސައިޓެއް ސަރުކާރުން ބަންދުކުރިކަން ފަޅާއެރުމާއިއެކު، އެކަމުގެ ދިފާޢުގައި ސަރުކާރުގެ ތަރުޖަމާނު ވިދާޅުވީ، ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫހެއް ސަރުކާރުން ބަންދު ނުކުރާނެ ކަމަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޝަހީބު ކުރެއްވި ޓްވީޓް.

ޝަހީބު އެކްސްގައި ލިޔުއްވި ޕޯސްޓްގައި ސަރުކާރުން ނޫސްވެބްސައިޓްތަކެއް ބަންދު ނުކުރާކަމަކަށް ވިދާޅެއް ނުވެއެވެ. ވިދާޅުވީ ރެޖިސްޓްރީކޮށްގެން ހިންގާއެއްވެސް ވެބްސައިޓެއް ބަންދު ނުކުރާ ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުން ބްލޮކްކުރި ނޫސް ވެބްސައިޓްތަކުގެ ތެރޭގައި ރަޖިސްޓްރީކޮށްގެން ހިންގަމުން އަންނަ "ފުރަތަމަ" އޮންލައިން ނޫސް ހިމެނޭކަން އެމްޖޭ އޭއިން ހާމަކުރިއެވެ.

މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން އެކްސްގައި ކުރި ޕޯސްޓާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ދެއްވި ރައްދު --

އެ ބޭފުޅުން މި ޖަމްއިއްޔާއަށް މައުލޫމާތު ދެއްވީ ފުރަތަމަ.ކޮމް ބްލޮކް ކޮށްފައި ވަނީ ސީދާ ރާއްޖޭގެ ސާވިސް ޕްރޮވައިޑާ ކަމާއި ފެންނަން ހުރި ހެކިތަކަށް ބަލާއިރު އެއީ ސައިޓުގެ ވެރިފަރާތުން ކުރި ކަމެއް ކަމަށް ނުބެލެވޭ ކަމަށް.

މޯލްޑިވުސް ޖާނަލިސްޓް އެސޯސިއޭޝަންގެ ބަޔާން --

ސަރުކާރަށް ކުރިމަތިވަމުން އަންނަ ފާޑުކިޔުންތަކަށް ކެތް ނުވެގެން ސަރުކާރުން އިންޓަރނެޓް ސެންސަރުކުރުމުގެ ހަރަކާތްތަކެއް ފެށުމާއި އެކު ރާއްޖޭގެ ސިޔާސީ ޕާޓީތަކުންނާއި، ސިޔާސީ ބޭފުޅުންނާއި ނޫސްވެރިންވެސް ވަނީ އެކަންކުއްވެރިކޮށް ވާހަކަ ދައްކާފައެވެ. މިގޮތުން ސަރުކާރުގެ މިއަމަލާއި ދެކޮޅަށް ވާހަކަދެއްކި އެއް ސިޔާސީ ޕާޓީއަކީ، ނޫސްވެރިކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހޯދައިދިން އެމްޑީޕީންނެވެ.

"ސަރުކާރަށް ފާޑުކިޔުމުގެ މިނިވަންކަން ތަންމިނަށް އޮންނާން ޖެހެއެވެ. ޕީޕީއެމް ކުރީގެ ވެރިކަން ފަދައިން، މި ސަރުކާރުގެ އަމަލުތައްވެސް މި ފެންނަނީ ދުލާއި ގަލަމުގެ މިނިވަންކަން ނިގުޅައިގަންނަން މަސައްކަތް ކުރާތަނެވެ. ފާޑުކިޔުންތަކަށް ޖަވާބު ދިނުމުގެ ބަދަލުގައި ގަދަބާރުން އޮބަހައްޓާތަނެވެ. އެމްޑީޕީއިން މި ސަރުކާރަށް ގޮވާލަނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނި ކުރުން ހުއްޓާލުމަށެވެ."

އެމްޑީޕީގެ ނޫސްބަޔާން 

އެމްޑީޕީގެ އިތުރުން ދަ ޑިމޮކްރެޓްސްއިންވެސް ވަނީ ސަރުކާރުގެ އެ ޢަމަލުކުށްވެރިކޮށްފައެވެ. އަދި ޤާނޫނު އަސާސީއާ ޤާނޫނުތަކުން ކަށަވަރުކޮށްދީފައިވާ މިނިވަންކަމަށް ހުރަސްނޭޅުމަށް އެދެޕާޓީގެ އެންމެ އިސްވެރިންވެސް ވަނީ ގޮވާލައްވާފައެވެ.

ސަރުކާރުން ރަޖިސްޓްރީކޮށްފައިވާ، ނޫހެއްވެސް ބްލޮކްކޮށްފައިވާކަން ފަޅާއެރުމާއިއެކު ފާޑުކިޔުންތަކާއި ފިއްތުންތައް އަމާޒުވެ އެންމެފަހުން ސަރުކާރުން ވަނީ ހުކުރު ދުވަހުގެ ރޭ އެވެބްސައިޓް އަންބްލޮކްކޮށްފައެވެ.

ސަރުކާރަށް ފާޑުކިޔާ ނިއުސްވެބްސައިޓްތައް ސަރުކާރުން އަންގައިގެން ބަންދުކުރަންފެށީ، މާލޭ ސިޓީކައުންސިލަށާއި މިސަރުކާރުގެ އިސް މަޤާމުތަކުގައި ތިބި ފަރާތްތަކާއި ގުޅޭ، މާލީ މުއާމަލާތްތަކެއްގެ މައުލޫމާތު "އަދަދު" ނޫހުން ހާމަކުރުމަށްފަހުގައެވެ. 

އިތުބާރުހުރިގޮތެއްގައި އެނގިފައިވާ ގޮތުގައި އޮންލައިން ނޫސްތައް ބްލޮކްކޮށްފައި ވަނީ، ސީދާ ރައީސުލްޖުމްހޫރިއްޔާގެ ބަސްފުޅެއް ނެތި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސިޔާސީ އިސްމަޤާމުތަކެއްގައި ތިއްބެވި ބޭފުޅުންތަކެއްގެ ނިންމެވުމަށެވެ. އޭގެ ނަތީޖާއަކަށްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ ސަރުކާރު ބަދުނާމުވެ ފިއްތުންތަކާއި ކުރިމަތިލާންޖެހުމެވެ. އަދި ސަރުކާރަށް ފާޑުކިޔައި ލިޔުންތައް ޝާއިއުކުރަމުން އައި އެނޫސް ވެބްސައިޓްތައް ކުރިން ނޭނގޭ އެތައްހާސް ބަޔަކަށް އެނގި އެނޫސްތަކުން ފަތުރާ ވާހަކަތައް ފޯރާ މީހުންގެ އަދަދު އިތުރުވެގެން ދިޔުމެވެ.

ކޮމެންޓް
އިތުރު އާޓިކަލް
08 May 2024
ޚަބަރު
ކޯރަމް ހަމަނުވެގެން އެންމެ ފަހުން މިއަދު މަޖިލީހުގެ ޖަލްސާ ނިންމާލައިފި
މިއަދުގެ ޖަލްސާގެ ކޯރަމް ހަމަވޭތޯ މަސައްކަތް ކުރެއްވުމަށްފަހު، މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ޖަލްސާ ނިންމަވާލެއްވިކަން އިޢުލާން ކުރެއްވީ، 11 ޖެހިފަހުންނެވެ. އޭގެ ކުރިން 9:30 އާއި 10:00 އަދި 11:00އަށް ވެސް ކޯރަމް ހަމަވާ ވަރަށް މެމްބަރުން މަޖިލީހަށް ހާޟިރުވޭތޯ މަޖިލީހުގެ ރައީސް މަސައްކަތްޕުޅު ކުރެއްވިއެވެ. އެހެން ނަމަވެސް ޖަލްސާ ނިންމަވާލެއްވި އިރު، މަޖިލީހުގެ ތަޅުމުގައި ތިއްބެވީ 10 މެމްބަރުންނެވެ. މަޖިލީހުގެ ކޯރަމަކީ 19 މެމްބަރުންނެވެ.
08 May 2024
އޫއެފާ ޗެމްޕިއަންސް ލީގް
ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ފުރަތަމަ ޖާގަ ޑޯޓުމަންޑުން ހޯދައިފި
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ފުރަތަމަ ޖާގަ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓުމަންޑުން ހޯދައިފިއެވެ. ފައިނަލުގެ މި ޖާގަ އެ ޓީމުން ކަށަވަރުކުރީ ސެމީ ފައިނަލުގެ ދެވަނަ ލެގު 1-0 އިން ކާމިޔާބުކުރުމަށްފަހުއެވެ.
07 May 2024
ޚަބަރު
އެއާޕޯޓުގައި މާރާމާރީ ހިންގި މީހާ ދޫކޮށްލީ ކްރިމިނަލް ކޯޓުން ނޫންކަމުގައި އެކޯޓުން ބުނެފި
ފުލުހުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ހަދާފައިވާ ވަޓްސްއެޕް ގުރޫޕުގައި ފުލުހުންގެ ފަރާތުން ލިޔެފައިވާ މެސެޖުގައި ބުނެފައި ވަނީ ބަންދުގެ މުއްދަތު އިތުރުކުރުމަށް އެމީހާ ކޯޓަށް ހާޟިރުކުރުމުން، ޝަރުޠުތަކަަކާއި އެކު ކޯޓުން އެމީހާ ދޫކޮށްލާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެމީހާ ހާޟިރު ކުރީ ކޮން ކޯޓަކަށް ކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ.
07 May 2024
ޚަބަރު
އެމްއޭސީއެލްގެ އެމްޑީގެ ކާރުވަގަސް ނެގިކަމަށް ތުހުމަތު ކުރެވޭ މީހުން ހައްޔަރުކޮށްފި
އެވައްކަން ކުރިކަމަށް ތުހުމަތު ކުރެވޭ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ބުނުން ފިޔަވައި އެކަމާއި ގުޅޭ ގޮތުން ފުލުހުން އިތުރު މައުލޫމާތެއް ހާމައެއް ނުކުރެއެވެ.